ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ފުރަތަމަ ނާއިބު ރައީސްގެ މަގާމުގައި ހުންނަވަނިކޮށް، ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި، ޑރ. މުހައްމަދު ޖަމީލު އަހުމަދު ނާއިބު ރައީސްކަމުގެ މަގާމުން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ، އޭނާ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި އެވެ.
ޑރ. ޖަމީލުގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކޮށް އޭނާ ނައިބު ރައީސްކަމުގެ މަގާމުން ވަކިކުރީ، 21 ޖުލައި 2015 ގައެވެ. ރައްޔިތުންގެ މަޖިލީހުން އެކަން ކޮށްފައިވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ބުނެ، އެ މައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ޑރ. ޖަމީލު ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވަނީ ރައީސް ޔާމީންގެ ވެރިކަން ނިމުނު ފަހުން 2019 ގަ އެވެ.
އެ މައްސަލައިގައި މީގެ ކުރިން ތިން އަޑުއެހުމެއް ބާއްވާފައިވާއިރު މިއަދު އޮތް އަޑު އެހުމުގައި ދެ ފަރާތުން ވަނީ ނިންމާލުމުގެ ގޮތުން ހުލާސާ ބަޔާން ހުށަހަޅުއްވައިފަ އެވެ. ޑރ. ޖަމީލުގެ ފަރާތުން މިއަދުގެ އަޑުއެހުމުގައި ވާހަކަ ދެއްކެވީ އޭނާގެ ވަކީލު އަދި ކުރީގެ ޕްރޮސިކިއުޓަރު ޖެނަރަލް އަހްމަދު މުއިއްޒު އެވެ.
އަޑުއެހުމުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އެ މައްސަލަ ބަލަންޖެހޭ އެންމެ މުހިންމު އެއް ސަބަބަކީ، ޑރ. ޖަމީލު ނައިބު ރައީސްގެ މަގާމުން ވަކިކޮށްފައިވަނީ އޭނާއަށް ލިބިދޭންޖެހޭ ހުރިހާ ހައްގުތަކުން މަހުރޫމުކޮށް މައްސަލައިން ދިފާއުވުމަށް ވެސް ފުރުސަތު ދީފައިނުވާތީ ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ ކުރިން ތިން އަޑުއެހުމުގައި ވެސް ދެއްކި ވާހަކަ ތަކުރާރުކޮށްފަ އެވެ. އެއީ ޑރ. ޖަމީލު ނައިބު ރައީސްގެ މަގާމުން ވަކިކޮށްފައިވަނީ ގާނޫނާއި އެއްގޮތަށް ރަނގަޅަށް ކަމަށާއި އަދި އެ މައްސަލައަކީ ސުޕްރީމް ކޯޓުން ބެލުމުގެ އިހްތިސާސް ނެތް ދުސްތޫރީ މައްސަލައެއް ނޫން ކަމަށެވެ.
ޑރ. ޖަމީލު ވަކިކުރަން ހުށަހެޅި ގަރާރުގައި ސޮއިކޮށްފައިވަނީ ހަމަ އެކަނި އެއް ޕާޓީއަކުން ނޫންކަން ފާހަގަކޮށް ދައުލަތުން ބުނެފައިވަނީ އެ ގަރާރުގައި އޭރު މަޖިލީހުގައި ތަމްސީލު ކުރި ހުރިހާ ޕާޓީތަކުގެ މެންބަރުން ވެސް ސޮއި ކޮށްފައިވާ ކަމަށެވެ.
އެ މައްސަލައިގައި އިތުރު ކަމެއް ސާފު ކުރުމަށް ނެތްނަމަ ދެން އޮންނާނީ ގޮތެއް ނިންމުމަށް ބާއްވާ އަޑުއެހުމެވެ.
އެ މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު އާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އާއި ފަނޑިޔާރު އައިޝާ ޝުޖޫންގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު