ދުނިޔެ

އެމެރިކާގެ ކޮވިޑް ކޭސްތަކުގެ އަދަދުތައް 28 މިލިއަނަށް އަރައިފި

މުހައްމަދު އައުޒަމް

އެމެރިކާގެ ކޮވިޑް ކޭސްތަކުގެ އަދަދުތައް 28 މިލިއަނަށް އަރައިފިއެވެ.

މުޅި ދުނިޔެއިން ވެސް ކޮވިޑްގެ ހާލަތު އެންމެ ގޯސްވެފައިވާ އެމެރިކާގެ ކޭސްތަކުގެ ޖުމުލަ އަދަދު ވަނީ 28،076،756 އަށް އަރާފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އެގައުމުން 69740 ކޮވިޑް ކޭސް ފެނިފައިވާއިރު 1831 މީހުން ވަނީ މި ބަލީގައި މަރުވެފައެވެ.

އެމެރިކާގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ ޖުމުލަ އަދަދު ފަސް ލައްކައާ ގާތްކޮށްފައިވާއިރު އެގައުމުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް ވެސް އަޅާފައެވެ.

އެމެރިކާގެ އާ ސަރުކާރު އައުމާއެކު ކޮވިޑް ފެތުރުން ހުއްޓުވައި ބަލި ކޮންޓްރޯލް ކުރުމަށް އިތުރު ގިނަ ފިޔަވަޅުތަކެއް އަޅާފައި ވެއެވެ. އެގޮތުން އެމެރިކާގެ ރައީސް ޖޯބައިޑަންގެ އިސްނެންގެވުމުގެ މަތީން އެގައުމުގައި ވަނީ އާންމު ތަންތަނުގައި މާސްކު އެޅުން މަޖުބޫރު ކޮށްފައެވެ. މީގެ އިތުރުން ރައްޔިތުންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމްވެސް ބާރަށް ކުރިޔަށް ދެއެވެ.

މިއަހަރު ކުރީކޮޅުގައި ދުވާލެއްގެ މައްޗަށް ރެކޯޑް ކުރެވޭ ކޭސްތަކުގެ އަދަދު ލައްކައިން ގުނަމުންދިޔައިރު އެއަދަދުތައް މިހާރު ވަނީ ދަށް ވާން ފަށާފައެވެ.