ތަންޒޭނިއާގެ ކޮވިޑް އަދަދުތައް ހާމަކުރުމަށް ޑަބްލިއުއެޗްއޯ އިން ގޮވާލައިފިއެވެ.
ތަންޒޭނިއާ ވެފައިވަނީ ދުނިޔޭގެ ގައުމުތަކުގެ ތެރެއިން ކޮވިޑްގެ އަދަދުތައް ހާމަ ނުކުރާ މަދުގައުމުތަކުގެ ތެރެއިން ހާލަތު ބޮޑަށް ގޯސްވެފައިވާ ގައުމެއްގެ ގޮތުގައެވެ.
އެގައުމުން އެންމެ ފަހުން ކޮވިޑްގެ އަދަދުތައް ހާމަކޮށްފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގައެވެ. އޭރު އެގައުމުން ކޮވިޑް ޖެހިފައިވާކަމަށް ރެކޯޑް ކޮށްފައިވަނީ 500 އެއްހައި މީހުންނަށެވެ. އަދި ބަލީގައި މަރުވެފައިވާކަމަށް ރެކޯޑްކޮށްފައިވަނީ 20 މީހުންނެވެ.
މިދިޔަ ހަފުތާގެ ބުދަދުވަހު އެގައުމުގެ ޒަންޒިބާރްގެ ނައިބު ރައީސް އަވަހާރަވުމާ އެކު ކޮވިޑްގެ ވާހަކަތައް ވަނީ ފެންމަތިވާން ފަށާފައެވެ. ނައިބު ރައީސް ޝާރިފް ހަމަދު ނިސްބަތްވާ ޕާޓީން ވަނީ އޭނާ އަވަހާރަ ވެފައިވަނީ ކޮވިޑްޖެހިގެން ކަމަށް ބުނެފައެވެ.
ނައިބު ރައީސް އަވަހާރަވުމާ އެކު ޑަބްލިއުއެޗްއޯ އިން ވަނީ އެގައުމުގެ އިސް ގިނަ އޮފިޝަލުންތަކެއް މަރުވެފައިވާކަމަށާއި ގައުމުގެ ކޮވިޑްގެ ހާލަތު ވީ އެންމެ އަވަހަކަށް އާންމު ކުރުމަށް ގޮވާލައިފައެވެ.
ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް ވިދާޅުވީ ތަންޒޭނިއާގެ ހާލަތު ގޯސްވެފައިވާކަމަށާއި އެގައުމުން ބޭރު ގައުމުތަކަށް ދަތުރުކޮށްފައިވާ ގިނަ ބަޔަކުވެސް ކޮވިޑަށް ޕޮޒިޓިވް ވެގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ޑަބްލިއުއެޗްއޯގެ ގޮވާލުމާއެކު ތަންޒޭނިއާއިން ވަނީ ފިޔަވަޅުތަކެއްވެސް އަޅާފައެވެ. ތަންޒޭނިއާގެ ހެލްތު މިނިސްޓަރު ވަނީ އެގައުމުގައި ކޮވިޑްގެ ގިނަ ކޭސްތަކެއް ފެތުރެމުންދާކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާސްކު އެޅުމަށް ގޮވާލައްވައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ