ހަވަނަ ބައި

ފަތިހު ހޭލައިގެން ކޮޓަރިން ނިކުތްއިރު ވިއާން ބަދިގެއަށް ވަން މަންޒަރު ފެނުނެވެ. އަހަރެން މަޑުމަޑުން ހިނގާފައި ގޮސް ބަދިގޭ ދޮރަށް އެރިއިރު ވިއާން އައިސްއަލަމާރި ކައިރީގައި ހުއްޓެވެ. އަހަރެން ފެނުމާއެކު ހީލައިފިއެވެ. ވިއާން ކަންތައްކުރި ގޮތުން ދެރަވެފައި ހުރި ވަރުން އަހަރެންނަށް ހީލެވުނީ ގަދަކަމުންނެވެ.

"މިރެއަށް ރެޑީވައްޗެ ސައިކަލް ދުއްވަން ދަސްކުރަންދާން" ބަދިގެއިން ނިކުތުމުގެ ކުރިން ވިއާން ބުނެލިއެވެ. އަހަރެން ބޯޖަހައިލުމުން ވިއާން ހިނގައިގަތެވެ.

"ވިއާން!" އަހަރެން ގޮވައިލުމުން ވިއާން ފަސްއެނބުރި ބަލައިލިއެވެ. އަހަރެން ގޮސް ހުއްޓުނީ ވިއާން ކުރިމަތީގައެވެ.

"އަހަރެންނަކީ ކާކު؟ މިބުނީ އަހަރެންނާ މެދު ވިއާން ކިހިނެއްދެކެނީ؟" ހިތުގައި ޝަކުވާ ގިނަވިވަރުން އަހަރެންނަށް އެވާހަކަ ނުދައްކާ ކެތްނުވިއެވެ.

"ހެހެ. ކީއްވެ ތިހެން ތިއެހީ. މަލްއަކީވެސް މިހާރު މިގޭ ކުއްޖެއް"

"ދެން ކީއްވެ އަހަރެންނަށް ފޯނު ހަވާލުކުރިއިރު ވިއާންގެ ނަންބަރ ސޭވްނުކުރީ"

އަހަރެން އެހެންބުނީ ސީދާ ވިއާންގެ ލޮލަށް ބަލަހައްޓައިގެން ހުރެއެވެ. ހީލާފައި ވިއާން އަހަރެންނާ ކުރިއަށް ވުރެވެސް ގާތަށް ޖެހިލިއެވެ. އަދި ދެއަތުން އަހަރެންގެ ދެއަތް ތިލައިގައި ހިފައިލިއެވެ. ވިއާންގެ އެ އަމަލުން އަހަރެންގެ ހިތުގައި އާ ވިންދެއް އުފަންވެލިއެވެ. ތަފާތު ޝުއޫރެއް ހިތުގައި ހިނގައިލިއެވެ. ވިއާންގެ ފިނިފިނި އަތްތިލައިގެ ފިނިކަން އަހަރެންގެ ހިތުގެ އެންމެ ހިމަ ނާރަށްވެސް އަސަރު ކުރުވައިފިއެވެ.

"އަހަރެން ހިއެއް ނުކުރަން މަލް އަހަރެންގެ ނަންބަރު ބޭނުންވާނެ ކަމެއް. އަސްލު ނާހާ ނަންބަރު ނުދޭންކަމަށް ހުރީ" ވިއާން ބުނެލިއެވެ.

"މިހާރު އިނގިއްޖެއްނު. އަހަރެން ހީކުރީ އަހަރެން ގުޅާ އުނދަގުކޮށްފާނެތީ ބިރުންކަމަށް" ދެރަވާން އަހަރެންވެސް ބޭނުންނުވިއެވެ. ވިއާން ހީލާފައި އަހަރެންގެ ބޮލުގައި އިނގިލި ކުރި ޖައްސާލާފައި އޮށްބާލިއެވެ.

ވިއާން ހިފި ދެއަތްތިލައަށް ބަލަހައްޓައިގެން އަހަރެންނަށް ހުރެވުނެވެ. އަދިވެސް ވިއާންގެ އަތުގެ ފިނިކަން އަހަރެންގެ އަތްތިލައަށް އިހުސާސު ވަމުންދާހެން ހީވެ ދެއަތް ދެއަތާ ގުޅުވާލާފައި ގެނެސް މޭގައި ޖައްސައިލެވިއްޖެއެވެ. ކުއްލިއަކަށް އަހަރެންނަށް އެއައީ ކޮންކަހަލަ ބަދަލެއް ހެއްޔެވެ؟ އަމިއްލަ ނަފްސާ ސުވާލުކޮށްލާފައި ކުރަން އައި ކަންތައްތައް ކުރަން އަވަސްވެލީމެވެ. ހުސްގަޔާ ހުރި ޝާހިދު ބަދިގޭ ދޮރަށް އެރުމާއެކު އަހަރެންނަށް ހިނިގަނޑު ނުހިފެހެއްޓުނެވެ. ކަކުލުން މައްޗަށް ހުރި ނޫކުލައިގެ ސޯޓުގައި ޝާހިދު ހުރީ ދެލޯ މެރިފައެވެ. އެއް އަތުގައި ބާލީސްވެސް އޮތެވެ. އެއްކޮށް ދެލޯ މެރިފައޭ ބުނެފިނަމަ އެވާނީ ދޮގަކަށެވެ. ލަސްލަހުން އެސްފިޔަތައް ތިރިކޮށްލާފައި އުފުލައިލައެވެ. އަހަރެން ހެމުން ދިޔައިރުވެސް ޝާހިދަކަށް މާބޮޑު ބަދަލެއް ނާދެއެވެ. ޝާހިދުގެ ފަހަތުން ބުރުގާ ރީތިކުރަމުން ބަދިގެއަށް އައިސް ވަން މާމަވެސް ހުއްޓިފައި ޝާހިދަށް ބަލައިލިއެވެ.

"ހޫން. މިއަދު މިހުރީ ކަންތަކާ ޖެހިފަ. މިސޮރު ނިކަން ނިދީގަ ހިނގާނެ" ޝާހިދުގެ އަތުގައި ހިފަމުން މާމަ ބުނެލިއެވެ. އަހަރެންގެ ހުނުން ހުއްޓުނީ އެހިސާބުންނެވެ.

އެންމެފަހުން ޝާހިދުގެ އަތުގައި ހިފައިގެން މާމަ ހިނގައިގަތެވެ. އަހަރެން ކައިރިއަށް ވަރަށް ހިނިއައެވެ. ޝާހިދާ ދިމާކުރާނެ ކަމެއް ފެނުނީއޭ ހިތަށް އެރިއެވެ.

***

ހަވީރުވުމާއެކު ބޭރަށް ނިކުމެލީ އަހަރެން އެކަންޏެވެ. އަބަދު އެހީވާނެ މީހަކު ފަހަތު ޖަހައިގެން ނޫޅެވޭނެއެވެ. ގެއިން ނިކުމެގެން ރަސްފަންނު ފަޅިއަށް އަރަން މަގު ހުރަސްކުރަން ޖެހުނީ ވަރަށް ވިސްނައިގެންނެވެ. ސައިކަލެއް އަންނަ ތަން ފެނުމުން ދުއްވައިގަނެވުނެވެ. މީހުން މަލާމާތްވެސް ކުރާނެއެވެ. އެހެންވިޔަސް ކޮންމެ މީހަކަށްވެސް އަމިއްލަ ސަލަމާތް މުހިންމުވާނެތާއެވެ.

ރަސްފަންނަށް ވަދެވުމާއެކު އަހަރެން ދެފަރާތް ބަލައިލީމެވެ. ކުރީ ދުވަހަށް ވުރެވެސް މީހުން ގިނައެވެ. ކުޑަކުދިން އަދި މާ ގިނައެވެ. މަޑުކޮށްލާނެ ރަނގަޅު ދިމާލެއް ބަލަމުން ދަނިކޮށް އަހަރެންނަށް ފެނުނީ އެއްފަރާތުގައި ހުހަށް ހުރި ދެ ޖޯލީގެ ޖޯލި ފައްޗެކެވެ. އެތަނުގައި އިށީނދެ ހަމަޖެހިލުމާއެކު ކުރިމަތިން ދިޔަ އަންހެނަކަށް އަހަރެންގެ ނަޒަރު ހުއްޓުނެވެ. އެމީހާއަށް އަހަރެންގެ ނަޒަރު ހުއްޓުނީ އެމީހާގެ ނަޒަރު އަހަރެންނަށް ހުއްޓިފައި ހުރިކަން އިނގުމުންނެވެ. އެމީހާ އެއްވެސް ވާހަކައެއް ނުދައްކައެވެ. ހަމައެކަނި ހީލުމަކުން ފުއްދާލާފައި ހިނގައްޖެެވެ.

ދެކޮޅަށް ދުވެދުވެ ތިބި މައުސޫމް ކުޑަކުދިންތަކަށް އަހަރެން އިނީ ގެއްލިފައެވެ. އެހެން އިންއިރު އަހަރެންގެ ހިތަށް އަރަމުން ދިޔައެވެ. ހެއްދެވިފަރާތް ކިހާ ކުޅަދުންވަންތަ ހެއްޔެވެ؟ އެއިން ކޮންމެ ކުއްޖަކީ އެކަލާނގެ އެޅުއްވި ފުރާނައެކެވެ. ކޮންމެ ކުއްޖަކު ވަނީ ތަފާތު ސިފައެއްގައެވެ. ކިހާ މައުސޫމް ކުދިންތަކެއް ހެއްޔެވެ؟ ދުނިޔޭގައި އެކުދިން ވިސްނާ ފިކުރުކުރާނެ އެއްވެސް ކަމެއް ނޯންނާނެއެވެ. ކުޅެލާފަ ކައިގެން ނިދަންވީއެވެ. އަލުން ކުޑަކުއްޖެއްގެ މަގާމު އަހަރެންނަށް ލިބޭނެ ނަމައެވެ. ހިތަށް އަރަމުންދިޔަ މޮޔަ ހިޔާލުތަކުން ދުރުވެލުމަށްފަހު ހަމަޖެހިލިއިރު ކައިރީގައި އަހަރެން ފުރާގެ އަންހެންކުއްޖަކު އިށީނދެއްޖެއެވެ.

"މިތަނުން ދެވަނަ ދުވަހު މިދެކުނީ. ކޮން ނަމެއް ކިޔަނީ؟"

ވަރަށް ހިތްހެޔޮ ކުއްޖެކެވެ. ބޮޑުހެދުން އަޅާފަ ބުރުގާ އަޅާފައި ހުރުމުން މޫނުމަތީގައި މާތް ގޮތެއް ހުއްޓެވެ. އަހަރެން ނަން ބުނެލިތަނާ އެކުއްޖާ އަހަރެންނާ އަތާ އަތް ޖޯޑުކޮށް ސަލާމް ކޮށްލިއެވެ.

"ރީޝަމް" އެކުއްޖާ ބުނެލިއެވެ.

އިރުކޮޅަކުން ރީޝާމްގެ އަތުތެރެއަށް ކުޑަ ފިރިހެން ކުއްޖަކު އައިސް ވަދެއްޖެއެވެ. އެކުއްޖާ އަހަރެންނަށް ބަލައިލީ ބީރައްޓެހި ނަޒަރަކުންނެވެ.

"އަހަރެންގެ ދަރިފުޅު ރީކް" އަހަރެންގެ އެކުއްޖާ ބޮޑު ކޮލުގައި ލޯބިން ހިފައިލީމެވެ.

އަހަރެން ގެއަށް ދިޔައިރު އަނެއްކާ އަހަރެންނަށް އާ އެކުވެރިޔަކު ލިބިއްޖެއެވެ. ރީޝަމް އަހަރެންގެ ފޯނު ނަންބަރ އަތުލާފައި އޭނާގެ ނަންބަރުވެސް ދިނެވެ. ގުޅާނެ ކަމަށް ބުނެލިއެވެ. އެކުވެރިިކަން ދަމަހައްޓާނަމޭ ބުނެލިއެވެ. އިތުބާރުކޮށް އެކުވެރިއެއްގެ މަގާމު އޭނާ ބޭނުންވާކަމަށް ބުންޏެވެ. އަހަރެން ހިތްހަމަޖެހުނެވެ. ގޭތެރޭގައި އޮތުމަކުން ދުނިޔެއަށް ލޯ ނުހުޅުވޭނެއެވެ. ބޭރު ދުނިޔެ ފެނިގެން ނޫނީ އަނެއްމީހާއަށް އިތުބާރު ކުރާކަށްވެސް ނޭނގޭނެއެވެ.

ރޭގަނޑުގެ ކެއުމުގެ ވަގުތުގައި އަހަރެން ޝާހިދާ ދިމާކުރީމެވެ. ނިދީގައި އޭނާ ހިނގާކަމަށް އެއްގޮތަކަށްވެސް ގަބޫލެއްނުކުރިއެވެ. އެއީ އަހަރެންނަށް ފެނުނު ހުވަފެނެކޭ ބުނެލިއެވެ. އެންމެފަހުން ޝާހިދުގެ އަނގަ ބަންދުވީ މާމަ ބުނީމައެވެ. އޭގެފަހުން އެއްޗެއް ނުބުނެއެވެ.

"މީގެ މައްސަލައަކީ އަދި ނިދީގަ ހިނގާ އިރުވެސް އެއް އަތުގަ އޮންނާނެ ބާލީސް. ބާލީސް ނުލާ އަޅެ ނުނިކުމެވެނީތަ؟" މާމަ އިނދެފަ ބުނި އެއްޗަކުން އަހަރެންނަށް ހެވިއްޖެއެވެ.

"އަސްލު ނޭނގެ ކީއްވެކަމެއް އެހެން އެވަނީ. ހަނދާނެއް ނުހުރޭ" ޝާހިދު ބުނެލިއެވެ.

**

ނުނިދިގެން އަހަރެން ކޮޓަރިން ނިކުތްއިރު ބާރަޖަހައި ބޮޑުވެއްޖެއެވެ. ސިޓިންރޫމު ސޯފާގައި މީހަކު އޮތްކަން އަހަރެންނަށް އިނގުނީ ކުރިމަތީގައި ހުރި ޓީވީ ހުޅުވާފައި ހުރުމުންނެވެ. ވަގުތުން އެއީ ޝާހިދުކަން އަހަރެންނަށް އިނގުނެވެ. ދުވަހަކުވެސް ވިއާން އެގޮތަށް ޝައުގުވެރިކަމާއެކު ޓީވީ ބަލަން އޮށްވަ އަހަރެން ނުދެކެމެވެ. އަހަރެން ފެނުމާއެކު ޝާހިދު އަހަރެންނަށް ބަލައިލާފައި ހީލައިފިއެވެ.

"ނުނިދުނީތަ؟

"ނިންޖެއް ނައި. ބައެއް ރޭތަކުގަ މިހެން އުޅެންޖެހޭނީ" އަހަރެން ސޯފާގައި އިށީންނަމުން ބުނީމެވެ. ދެން ފާއިތުވެގެން ދިޔައީ ހަމަހިމޭން ވަގުތުކޮޅެކެވެ. ޝާހިދުގެ ނަޒަރު ޓީވީއަށް ހުއްޓިފައި ހުރިއިރު އަހަރެން އިނީ ފޯނަށް ބަލަހައްޓައިގެންނެވެ.

"ކޮފީ ބޯނަންތަ؟" އަހަރެން އެހީމެވެ.

"މިއަންނަނީ ހިފައިގެން. އަހަރެން ބޭނުން ވާހަކައެއް ދައްކަން" އަހަރެން ތެދުވެފައި ބުނީމެވެ. ޝާހިދު ބޯޖަހައިލިއެވެ.

އަހަރެން ކޮފީ ހިފައިގެން އައިރު ފިލުމް ހުރީ ޕޯސްކޮށްފައެވެ. ޝާހިދަށް ބަލައިލިތަނާ ފިލްމް ނިމިއްޖޭ ބުނެލިއެވެ. ކޮފީތަށި ޝާހިދު އަތަށް ދީފައި އަހަރެން އައިސް ކުރިން އިން ގޮނޑީގައި އިށީނީމެވެ.

"ކޮންވާހަކައެއް ދައްކަން އުޅުނީ؟" ޝާހިދު އެހިއެވެ.

"ދެން ކޮންކަމެއް އޮތީ؟ މިހާރު ފިލްމުވެސް ނިމުނީނު" އަހަރެން އެހީމެވެ.

"ލިސްޓުގަ އަދި ވަރަށް ބައިވަރު ފިލުތައް އެބަހުރި. ހަތަރެއް ފަހެއް ޖަހާއިރުވެސް ހިއެއްނުވޭ ނިމޭނެހެނެއް" ޝާހިދު ބުނެލިއެވެ. އަހަރެން ދެފަރާތަށް ބޯހޫރާލީމެވެ.

"ތިހުރިހާ ފިލުމްތަކެއް ބަލައިގެން ހަމައެކަނި ތިމާގެ ހިތްހަމަޖެހުން ނޫނީ ކަމެއް ނުވާނެ. އަހަރެން ބުނެފާނަން ތިއަށް ވުރެ މޮޅު ގޮތެއް. ހުރިހާގޮތަކުން ބެލި ނަމަވެސް ގެއްލުމެއް ނުވާނެ ގޮތެއް" އަހަރެން ބުނެލީމެވެ. ކޮފީތަށިން ކޯވަރެއް ބޯލާފައި ޝާހިދުގެ ހުރިހާ ސަމާލުކަމެއް އަހަރެންނަށް ދިނެވެ.

"އަވަހަށް ބުނޭ"

"މޫނިފޫހިވެސް ފިލުވަންޖެހޭނެ. އެކަމަކު ރޭގަނޑު އެއްކޮށް ހޭލާ އުޅެފަ ފަތިސްނަމާދަށް ގޮވަން އެންމެ މިނިޓަކަށް ވީމަ އެނދަށް އަރާ ރަޖާލައިގެން ނިދުން އަސްލު އެހާ ސަޅިއެއްނޫން. ކިހިނެއް އިނގެނީ އެގޮތަށް ނިދާފަ ހޭނުލެވި ދާންޖެހޭނީ ކަށްވަޅަށް ނޫންކަމެއް. މިހާރު މިވަގުތުވެސް ލޯމަރާލަން ޖެހިދާނެ. އެދުނިޔޭގަ ތިބަލާ ފިލުމުތަކުން ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެ. އެކަމަކު ފަރުޟު ފަސްނަމާދުކޮށް ރޯދަ ހިފައިގެން އެކަލާނގެ ދެއްކެވި މަގުން ހިނގާނަމަ ތިމާ ފޫހިވާނެ ކަމެއްވެސް ކަންބޮޑުވާނެ ކަމެއްވެސް ނޯންނާނެ. އަހަރެން އެއްބަނޑު އެއްބަފާ ބޭބެއެއްގެ ގޮތުގަ ޝާހިދު ދެކޭތީވޭ މިވާހަކަ މިދެއްކީ. ކިތަންމެ ރެއަކު ވިއާން ފަތިހު މިސްކިތުން އައިތަން ފެނިއްޖެ. މިގެއަށް އައިފަހުން ޝާހިދު އެވަގުތު ނުފެނޭ" އަހަރެން ހުރިހާ ވާހަކަތަކެއް ދެއްކިއިރު ޝާހިދު އިސްޖަހާލައިގެން އިނެވެ. ކޮފީތަށި އަނގައިގައި ޖައްސައިވެސް ނުލައެވެ. އަހަރެން ދެއްކި ވާހަކަތަކާމެދު ޝާހިދު ހިތްހަމަނުޖެހުނީ ކަމަށްވެސް ވެދާނެއެވެ. މީހެއްގެ މިނިވަންކަމާ އަހަރެންނަށް ބެހެވުނީކަމަށް ވެދާނެއެވެ. ޝާހިދު އަނގައިން ނުބުނެ އިންނަން ފެށުމުން އަހަރެން ތެދުވެގެން ބަދިގެ އާ ދިމާލަށް ހިނގައިގަތީމެވެ. ތަށި ދޮވެފަ ބަދިގެއިން ނިކުތް އިރުވެސް ޝާހިދު ހަމަ އިންގޮތަށް އިނެވެ. ތަފާތަކީ އިންގޮތް ބަދަލުވެފައިވާ ކަމެވެ. އަތުގައި ކޮފީތަށި ނެތްކަމެވެ. ކުރެވުނު ކަންތަކުން އަހަރެން ދެރަވެއްޖެއެވެ. އެގޮތަށް ޝާހިދު ކައިރީގައި ވާހަކަދައްކައިގެން ނުވާނޭ ހިތަށް އެރިއެވެ. ކޮންމެއަކަށް އަމިއްލަ ނަފްސު ކުއްވެރި ކުރެވި ދެރަވެއްޖެއެވެ.

ކޮޓަރިއަށް ވަންގޮތަށް އަހަރެން ވަނީ ފާހާނައަށެވެ. މާމަ ނިދާފައި އޮތުމުން އަހަރެން ކޮޓަރި ތެރެގައި އުޅުނީ ވަގަކު އުޅެނެހާ ސިއްރުންނެވެ. އަހަރެން ނުނިދާ އުޅޭކަން އިނގިއްޖިއްޔާ މާމަ ސުވާލު ކުރާނެއެވެ. ފާހާނާއިން ނިކުމެގެން އައިސް އެނދަށް އެރިތަނާ ދޮރުދަށުން ކޮޓަރިއަށް އެއްޗެއް ވަތްހެން ހީވިއެވެ. އަހަރެން ތެދުވެގެން ގޮސް ބަލައިލިއިރު ހުދު ގަނޑެއް އޮތެވެ. އަހަރެން ގުދުވެފައި އެނަގާ ބަލައިލިއިރު ކަޅު ކުލައިގެ މާކަރަކުން 'ތެންކިޔު' ޖަހާފައި އޮތެވެ. އޭގެ ތިރީގައި އުފާވެރި މޫނަކާއެކު ޝާހިދުގެ ނަން ޖަހާފައި އޮތުމުން އެއީ ޝާހިދުގެ ކަމެއްކަން އަހަރެންނަށް އިނގުނެވެ.

**

ޖެހިގެން އައި ދުވަހު އަހަރެން ވިއާނާ އެކު ސައިކަލް ދުއްވަން ދަސްކުރަން ނިކުތީމެވެ. ގޭ ދޮރުމަތީގައި މަޑުކޮށްލައިގެން އަހަރެން ހުރީ ވިއާން ސައިކަލް ގެއާ ކައިރިކުރަން ދެނެވެ. އޭރު ގަޑިން ރޭގަނޑު އަށްގަޑި ބައި ވެއްޖެއެވެ. ވިއާންގެ ސައިކަލް ފަހަތަށް އަރާ ހަމަޖެހިލުމުން ވިއާން އަހަރެންނަށް ބަލައިލިއެވެ.

"އޯކޭތަ؟ ދުއްވާލަނީއޭ" އަހަރެން ބޯޖަހައިލުމުން ވިއާން ސައިކަލް ކުރިއަށް ދުއްވައިލިއެވެ. މަޑު ދުވެއްޔެއްގައި ވިއާން ދުއްވަމުން ދިޔައިރު އަހަރެން އިނީ ފޫހިވެފައެވެ. ހަނދާނަށް އައީ ޒިޔާންމެން ގޭދޮށުގައި އުޅޭ އަލިބެ މަތިންނެވެ. ނުވަދިހަ އަހަރަށް ވުރެމައްޗަށް ގޮސްފައިވާއިރު އަލިބެވެސް ވިއާންގެ ސައިކަލަށް ވުރެ ބާރަށް ދުވާނެކަން ޔަގީނެވެ. އެންމެފަހުން އަހަރެންނަށް އާފުރެވެން ފެށުނެވެ. ސައިކަލުގެ ލޯގަނޑުކޮޅުން ވިއާން އަހަރެންނަށް ބަލަން އިންކަން އިނގުނީ އާފުރެންވެގެން އާފަލެއް އަނގައަށް ހެޔޮވަރުކޮށްލި ވަގުތުއެވެ. ލަދުވެސްގަތެވެ. އަހަރެންނަށް ފެނުނުކަން އިނގުމުން ވިއާން ނަޒަރު ބަދަލުކޮށްލިތަންވެސް ފެނުނެވެ.

"އަލުން ގެއަށްދާންވީތަ؟" ވިއާން އެހިއެވެ.

"އުނހު. ކީއްވެ؟ މިދަނީ ސައިކަލް ދުއްވަން ދަސްކުރާކަށްނު. އަދި ދަހެއްނުވޭ"

"ހެހެ.. މަލްގެ މޫނުމަތިން ބާލީސް ފެންނަހެން ހީވާތީވެ"

"ފެންނާނެއްނު. އަހަރެންނަކަށް ހިއެއްނުވޭ ވިއާން މި ސައިކަލް ދުއްވާހެނެއް" އެންމެފަހުން އަހަރެން ބުނީމެވެ

"ހައްތާވެސް މަލް ބިރުގަނެދާނެތީވެ" ވިއާން ބުނެލިއެވެ.

އަހަރެންގެ ހުއްދަ ލިބުމާއެކު ވިއާން ސައިކަލްގެ ދުވެލި ބާރުކޮށްލިއެވެ. މޫނުން ވައިކަނޑައިގެންދާވަރު ވުމުން މޭގަނޑު އަނގައަށް އަންނަވަރު ވެފައި އިނދެވުނީ ފަހަތުން ވިއާންގެ ޓީޝާޓުގައި ދެއަތުން ހިފައިގެންނެވެ. ވިއާނަށް އުނދަގުވާނެކަން ވެސް ޔަގީނެވެ. ބާރު ސްޕީޑުގައި ސައިކަލް ދުއްވުމަކީ ބިރުވެރިކަމެކެވެ. އެއްޗެއްގައި ނުޖެހި ނުވެއްޓި ވިއާން އެދަނީ ކިހިނެއް ހެއްޔެވެ؟ މިއީ އަހަރެންނަށް ވާވަރު ކަމެއް ނޫނެވެ.

"ހިނގާ ގެއަށްދާން. އަހަރެންނަށް ނުވާނެ"

"އުނހު. މަލްއަށް ވާނެ. ބުނީމެއްނު ރަށުގަ ބައިސްކަލް ދުއްވީމޭ. އެހެންވީމަ މިކަން ކުރަން އުނދަގުލެއްނުވާނެ"

"އެކަމަކު..."

"ބިރުނުގަނެބަލަ. ބޭކާރު ހަރަދުކުރާކަށް ނުވާނެ. ބިރުގަންނަން އަތުގަ ހުރި ލާރި ފަހަށް ރައްކާކޮށްބަލަ" ވިއާން ސަމާސާ އެއްޗެއް ބުނެލީ އަހަރެން ހިތްހަމަޖައްސަދޭންކަން އަހަރެންނަށް އިނގުނެވެ. އަހަރެންނަށް ސައިކަލް ދުއްވޭނެކަން ވިއާނަށް ޔަގީންވަންޏާ އަހަރެން މަސައްކަތް ކުރާނަމެވެ. އެންމެފަހުން ޖެހިލުންވެ ހުރެވެސް އަހަރެން އެއްބަސްވީމެވެ.

ސައިކަލް ދުއްވަން ފަރިތަކޮށްފައި ގެއަށް އައި ވަގުތު ވިއާން ރެސްޓޯރަންޓެއް ކައިރިއަށް މަޑުކޮށްލިއެވެ. އަހަރެންނަށް ބަލައިލާފައި ސައިކަލުން ނުފައިބައި އިނދެފައި ހިލައިފިއެވެ.

"ކުޑަކޮށް ކަރުތެެރެ ތެންމާލައިގެންނު ދާނީ. މަލް ތިއައީ ރޭސްޖަހާފައެއްނު" ސަމާސާއަކަށް ހަދާފައި ވިއާން ބުނެލިއެވެ.

"ޖޯކު ޖަހަނީދޯ. މިރޭ ބިރުން އުޅުނަސް މާދަމާ ރަނގަޅުވާނެ" އަހަރެން ބުނީމެވެ.

އަހަރެން ގޮވައިގެން ގޮސް ވިއާން އިށީނީ މަގުމައްޗާ އެންމެ ކައިރީގައި ހުރި މޭޒުގައެވެ. އެދިމާލުން މަގުމައްޗަށް ހުރި ހޮޅިދަނޑީގެ ލައިޓްގެ އަލި މުޅި މޭޒަށް އެޅިފައި ހުއްޓެވެ. އެހެންކަމުން މުޅި ރެސްޓޯރެންޓުންވެސް އެންމެ އަލިކޮށް ފެންނަނީ އެމޭޒެވެ.

"މަލްއަށް އިނގޭތަ ވާހަކައެއް؟" ކަރު އަނބުރައިގެން ހުރިހާ ދިމާލެއް ހޯދަމުން ދަނިކޮށް ވިއާން ބުނެލައިފިއެވެ.

"ބުނީމަ އިނގޭނީ" ވެއިޓަރަކު ގެނެސް ބެހެއްޓި ކުޑަ ފެންފުޅިން ތައްޓަށް ފެން އަޅަމުން އަހަރެން ބުނީމެވެ.

"ދުވަހަކުވެސް އަހަރެން އަންހެންކުއްޖަކާއެކު މިކަހަލަ ތަނަކަށް ނާންނާން" ވިއާން ބުނެލިއެވެ. ވިއާންގެ އެ ޖުމްލައިން އަހަރެންގެ ދެކަޅި އެއްކޮށް ވިއާނަށް ހުއްޓުނެވެ. ހިތަށް މުޅިން ތަފާތު ޝުޢޫރެއް ވެރިވެއްޖެއެވެ. ހިތަށް ލިބުނު ތަފާތު ހިތްހަމަޖެހުމުގައި އަމިއްލަ ހިތް ނަށަމުންދާ ކަހަލަ އިހުސާސެއް ކުރެވިއްޖެއެވެ.

"އަހަރެން ގޮވައިގެން ތިއައީ ދެން ކީއްވެ؟" އެސުވާލު ކުރަން ބޭނުން ނުވިޔަސް ދުލުން ބޭރުވެއްޖެއެވެ.

"ނޭނގެ" ވިއާން ބުނެލިއެވެ. ހަގީގަތުގައިވެސް އެސުވާލުގެ ޖަވާބު ވިއާނަށް ނޭނގެނީ ހެއްޔެވެ؟ ނޫނީ ބުނަން ބޭނުންނުވަނީ ހެއްޔެވެ؟ އަހަރެންނަށް ކުރެވުނީ ޖަވާބުދޭން އުނދަގު ސުވާލެއް ހެއްޔެވެ؟

ވިއާނާ މެދު އަހަރެންނަށް ވިސްނެން ފެށީ އެނދަށް ނިދަން އެރި ވަގުތުގައެވެ. ވިއާނާ އަހަރެންނާ މެދު އޮތް އެކުވެރިކަން އެއް ހަރުފަތް ކުރިއަށް ޖެހިލައިފިއެވެ. ވިއާންގެ ފަރާތުން އަހަރެން އިނގެން ބޭނުންވާ ކިތަންމެ ކަމެއް އެބަހުއްޓެވެ. އެކަންތައްތަކާ ގުޅިގެން އަހަރެންނަށް ވިއާނާ ސުވާލު ނުކުރެވުނީ ކިރިޔާއެވެ. ދުލުން ބޭރުވެދާނެތީ އަނގަ މަތީގައި އަތް އަޅައިގެން އިންދާ ދެތިން ފަހަރަކު ވިއާން ސުވާލުވެސް ކުރިއެވެ. އެހުރިހާ ބަސްތަކެއް އަހަރެން ދިރުވާލީ ގަދަކަމުންނެވެ. އެންމެ ފުރަތަމަވެސް އެސުވާލުތައް ކޮށްގެން ވިއާންގެ ހިތް އަހަރެންނާ މެދު ކިލަނބުކުރާކަށް އަހަރެން ބޭނުމެއްނުވެއެވެ. ބޭނުންވަނީ މަޑުމަޑުން ކުރިއަށްދާށެވެ.

ފަތިސްނަމާދަށް ފަހު އަހަރެން ބެލްކަންޏަށް ނިކުމެލީ ދުނިޔެމަތި ބަލައިލާށެވެ. އޭރު ކޮންމެވެސް ވަރަކަށް ދުނިޔެ މައްޗަށް އަލިވާން ފަށައިފިއެވެ. މަގުމައްޗަށް ބަލައިލި ވަގުތު ފެނުނު މަންޒަރަކުން އަހަރެންގެ ދެފައި ބިމުން ކަނޑައިގެން ނުދިޔައީ ކިރިޔާއެވެ. ދެލޮލުގައި އަތް އުނގުޅާލާފައި ބަލައިލިއިރުވެސް މަންޒަރު ބަދަލު ނުވިއެވެ. މާމައަށް ގޮވަންވެސް ހިތަށް އެރިއެވެ. ފަހުން އެހިޔާލު ދޫކޮށްލީއެވެ. ގޭދޮރުމަތީގައި ވިއާންގެ އަތުގައި ހިފައިގެން އެހުރީ ކޮން އަންހެންކުއްޖެއް ހެއްޔެވެ؟ ވިއާންގެ ލޯބިވެރިޔާ ހެއްޔެވެ؟

(ނުނިމޭ)