ޚަބަރު

އެސްޓީއޯ އިން ތެލުގެ އަގު ބޮޑުކޮށްފި

އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލުގެ އަގު ބޮޑުކޮށްފި އެވެ.

އެސްޓީއޯ އިން ބުނީ ރާއްޖޭގެ ބާޒާރުގައި ވިއްކާ ތެޔޮ އަގުބޮޑު ކުރަން ޖެހުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެފައިވާތީ އެ ކުންފުންޏަށް ލިބޭ ތެލުގެ އަގު ވެސް ބޮޑުވުމުން ކަމަށެވެ.

އެގޮތުން މިއަދުން ފެށިގެން ޑީސަލް ލީޓަރަކުން 48 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 37 ލާރި ބޮޑުވާނެ އެވެ. މި ބަދަލާއެކު މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ވިއްކާނީ 8.44 ރުފިޔާ (އަށް ރުފިޔާ ސާޅީސް ހަތަރު ލާރި) އަށެވެ. އަދި ޑީސަލް ލީޓަރެއް ލިބެނީ 9.19 ރުފިޔާ (ނުވަ ރުފިޔާ 19 ލާރި) އަށެވެ.

އެސްޓީއޯ އިން ވަނީ މިދިޔަ އަހަރުގެ ތެރޭގައި ތިން ފަހަރެއްގެ މަތިން ތެލުގެ އަގު ހެޔޮކޮށްފަ އެވެ.

ކޮވިޑް-19 ބަލިމަޑު ކަމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. ނަމަވެސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިހާރު ވަނީ ބަލިމަޑުކަން ފެށުމުގެ ކުރިން ހުރި ވަރަށް އަރައިފަ އެވެ. އެގޮތުން ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގުު ވަނީ 60.06 ޑޮލަރަށް މައްޗަށް ޖެހިލައިފަ އެވެ.