މީޑިއާ ހިންގުމުގެ ތަމްރީން ރާއްޖޭގެ އިތުރުން ސްރީލަންކާގެ އަންހެން ނޫސްވެރިންނަށް ދިނުމުގެ ތަމްރީން ޕްރޮގްރާމެއް ކުރިއަށްގެންދަން ސްރީލަންކާގައި ހުންނަ ސެންޓާ ފޯ އިންވެސްޓިގޭޓިވް ރިޕޯޓިން (ސީއައިއޭ) އިން ނިންމައި، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެއް ދުވަހުގެ ނިޔަލަށް ޒޫމް މެދުވެރިކޮށް ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް، އެކަމަށް ހާއްސަ ފޯމު ފުރުމަށްފަހު މިމަހުގެ 25 ވަނަ ދުވަހުގެ ކުރިން ހުށަހަޅަން ޖެހެއެވެ.
ފޯމާއެކު، އެމީހަކު އެ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވާ މަގުސަދު އެނގޭނެ ފަދަ ކުރު ލިޔުންކޮޅެއް ފޮނުވުމަށް ސީއައިއޭއިން ވަނީ އެދިފައެވެ.
ރާއްޖޭގައި މި ތަމްރީނު ޕްރޮގްރާމް ކުރިއަށްގެންދަން ހަމަޖައްސާފައިވަނީ އަންނަ މަހުގެ ފަސްވަނަ ދުވަހުއެވެ. ލަންކާގައި ތަމްރީން ޕްރޮގްރާމު ކުރިއަށްގެންދަން ހަމަޖައްސާފައިވަނީ އަންނަ މަހުގެ ހަ ވަނަ ދުވަހުއެވެ. މި ތަމްރީނު ޕްރޮގްރާމުގައި ލެކްޗަރާއެއްގެ ގޮތުގައި ބައިވެރިވާނީ، ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ނޫސްވެރިޔާ އަދި އިންޓަނޭޝަނަލް ޕްރެސް އިންސިޓިއުޓްގެ ނެޓްވޯކް ސްޓްރެޓެޖީ އެންޑް އިނޮވޭޝަން ހެޑް، ޖެކުއީ ޕާކްއެވެ.
ސީއައިއޭގެ އަމާޒަކީ ކޮންމެ ގައުމަކުންވެސް މަދުވެގެން 20 އަންހެން ނޫސްވެރިން މި ޕްރޮގްރާމުގައި ބައިވެރިވުމެވެ. މި ޕްރޮގްރާމުގެ ތެރެއިން މެނޭޖްމެންޓް އުކުޅުތަކާއި، މީޑިއާއެއް ހިންގުމުގައި އަމަލު ކުރަން ޖެހޭނެ ގޮތްތައް ކިޔައިދޭނެއެވެ.
މީގެ ކުރިން ސީއައިއޭއިން ވަނީ ރާއްޖޭގެ ނޫސްވެރިންނަށް ތަހުގީގީ ނޫސްވެރިކަން ދަސްކޮށްދިނުމަށްވެސް ވޯކްޝޮޕްތަކެއް ކުރިއަށް ގެންގޮސްފައެވެ.
އަންހެން ނޫސްވެރިންނަށް ހާއްސަކޮށްގެން މީޑިއާ ހިންގުމުގެ ތަމްރީނު ޕްރޮގްރާމެއް ކުރިއަށްގެންދިއުމަށް ރާވާފައިވާ އިރު، ރާއްޖޭގައި މީޑިއާ ހިންގުމުގެ ދާއިރާގައި ހަރަކާތްތެރިވަނީ ވަރަށް މަދު ފަރާތްތެކެވެ.