(15 ފެބުރުއަރީގެ އަދަދާ ގުޅޭ)

قـاضى أبـو جـعـفـر ވަނީ ޠުލައިޠުލާގެ ދީނީ ޢިލްމުވެރިޔެއްކަމުގައިވާ أبــو يـعـقــوب ގެ ނަންފުޅުގައި أحمد އަށް ތަޢާރުފުގެ ސިޓީފުޅެއް ދެއްވައިފައެވެ. أبــو يـعـقــوب އުޅުއްވަނީ ޠުލައިޠުލާގެ ރަށްބޭރުގެ އަވަށެއްގައެވެ. أحمد އޭނާގެ ދަތުރުފުޅު ނިންމައިލެއްވީ އެއްދުވަހެއްގެ ހަވީރުއެވެ. އޭނާ ރަށްބޭރުގައިހުރި ކުޑަކުޑަ މެހުމާންސަރާއެއްގެ ބޭރަށް އަސް މަޑުކޮށްލައްވައިފިއެވެ. އޭނާ އަސްމަތީން ފައިބައިވަޑައިގެންނެވިތަނާ ތޭރަ ސާދަ ވަރަކަށް އަހަރުގެ ފިރިހެންކުއްޖެއް أحمد ގެ އަރިހަށްގޮސް އޭނާގެ އަހުގެ ލަގަނުގައި ހިފަހައްޓައިފިއެވެ.

أحمد އޭނާއާ ސުވާލުކުރެއްވިއެވެ. "އަހަންނަށް މިތަނުން ޖާގަ ލިބިދާނެތަ؟"

އެކުއްޖާ ޖަވާބު ދިނެވެ. "ޖާގަ ލިބިވަޑައިގެންފާނެ. އެކަމަކު....." އެކުއްޖާ ކަންބޮޑުވެގެން ވަށައިގެން ހޯދާން ފަށައިފިއެވެ.

أحمد ވިދާޅުވިއެވެ. "އެކަމަކު ކީއްވީ؟"

"ކަމެއްނުވޭ. ކަލާއަކީ ސަރުކާރުގެ މުވައްޒަފެއް ކަމުގައިވާނަމަ ކީއްކުރައްވަންތޯ މިތާނގައި ހުންނަވާން ތިޔަ އުޅުއްވަނީ."

"އަހަންނަކީ ދަތުރުވެރިޔެއް."

"ކަލާ ދެނެވަޑައިގަންނަވާ މީހަކު މިރަށުގައި ނެތީތޯ؟"

"ފަހަރެއްގައި ދަންނަމީހަކު ހޯދިދާނެ. އެކަމަކު މިހާރު އިރުއޮއްސޭން އުޅެނީ. ކޮބައިތަ މިސަރާގެ ވެރިޔާ؟"

"އަޅުގަނޑަކީ އޭނާގެ ދަރިފުޅު."

"ވަރަށް ރަނގަޅު. ކޮއްކޮ އަހަރެންގެ އަހަށް ފެނާއި ވިނަ ހޯދައިދީ. އަހަރެން ހަމަ މިހާރު ނަމާދުކޮށްލައިގެން އަންނާނަން."

އެކުއްޖާ أحمد ގެ އަހުގެ ކަނދުރާގައި އަތްފިރުމައިލުމަށްފަހު ބުންޏެވެ. "ކަލާގެ އަސް ވަރަށް ރީތި."

أحمد ވިދާޅުވިއެވެ. "އާނ. އެކަމަކު މިހާރު ފިރުމައިލުމަށްވުރެ ބޮޑަށް އެސޮރު ބޭނުންވާނީ ފެނާއި ވިނަ."

އެކުއްޖާ ހީނލައިފައި އެއްފަރާތަކަށް އިޝާރަތްކޮށްލައިފައި ބުންޏެވެ. "މިސްކިތް ހުންނަނީ މިދިމާގައި."

أحمد މިސްކިތަށް ވެދެވަޑައިގެންނެވިއިރު ނަމާދަށް އައިސްތިބި މީހުންގެ އަދަދު ފަނަރަވަރަކަށް މީހުނަށްވުރެ ގިނައެއް ނޫނެވެ. أحمد މިސްކިތުގައި އިން މީހަކާ އެސުވާލު ކުރެއްވުމުން އޭނާ ޖަވާބުދިނެވެ. "ހީވާގޮތުން ކަލާއަކީ ބީރައްޓެއްސެއް. މިހާރަކަށްއައިސް މިސްކިތަށް މިހައިކަންހައިވަރަށް މީހުން އައުމަކީވެސް ޣަނީމާއެއް. ޤަޞްޠިލާގެ ސިފައިން މިރަށަށް އައިސް މީހުނަށް އަނިޔާކުރާން ފެށިފަހުން އިރުއޮއްސުނީއްސުރެ އިރުއަރާންދެން މީހުން ގެއިންބޭރަށް ނުކުމެ އުޅެނީ ވަރަށް މަދުން."

أحمد ނަމާދުން ނިމިވަޑައިގެން މިސްކިތުން ފައިބައިވަޑައިގެންނެވިތަނާ އޭނާއަށް ފެނިވަޑައިގެންނެވީ އޭނާ ހުންނަވާން ހަމަޖެއްސެވި ސަރާގެ ވެރިޔާގެ ދަރިފުޅު ދުވެފައި އޭނާއާ ދިމާޔަށް އަންނަ ތަނެވެ.

"މަޑުކުރައްވާ!" އެކުއްޖާ أحمد ގެ އަރިހަށް އައިސް ދެންނެވިއެވެ.

أحمد މަޑުކޮށްލައްވައިފިއެވެ. މިސްކިތުން ފޭބިމީހުން އެކިފަރާތްފަރާތަށް ދިޔުމުން އެކުއްޖާ ބުންޏެވެ. "ކަލާއަކީ ޙަޤީޤަތުގައިވެސް ބީރައްޓެއްސެއް ކަމުގައިވާނަމަ ސަރާއަށް ވަޑައިނުގަންނަވާތި!"

"އެއީ ކީއްވެ؟"

"ފުލުހުން ކަލާގެ އަސް ގެންގޮސްފި. އެމީހުން ކަލާ ވަޑައިގެންނެވި ތަނެއް އޮޅުންފިލުވާން ސުވާލުކުރި. އަޅުގަނޑު ބުނީ ކަލާ ވަޑައިގެންނެވީ ރަށުތެރޭގައި އުޅޭ ކޮންމެވެސް ރަޙުމަތްތެރިޔަކު ހޯއްދަވާށޭ. ސިފައިން ކަލާގެ އިންތިޒާރުގައި މަޑުކޮށްގެން އެބަތިބި."

"އެކަމަކު އެއީ ކީއްވެ؟ އަހަރެން އެއްވެސް ކުށެއް ނުކުރަން."

"މިހާރު މިރަށުގައި މީހަކު ކުށްވެރިވަނީކީ ކޮންމެހެން ކުށެއް ކޮށްގެނެއް ނޫން. ކަލާގެ އަތްޕުޅުގައި ރީތި އަހެއް އެބައޮތް. މިރަށުގައި އެފަދަ އަހެއް ގެންގުޅުއްވާނަމަ އަހުގެ އަގުގެ ދެގުނަ ޓެކްސް ދެއްވާން ޖެހިވަޑައިގަންނަވާނެ. އެހެންވެ އެބައިމީހުން އަސް ގެންދިޔައީ. ކަލާ ފުލުހުންގެ މަރުކަޒަށް ވަޑައިގެން ކަލާއަކީ ސަރުކާރުގެ މުވައްޒަފެއްކަން ސާބިތުކޮށް ނުދެއްވައިފިނަމަ ފުލުހުން ކަލާގެ އަސް ސަރުކާރަށް ހިފާނެ. އާއްމު މީހުންނަކަށް އެކަހަލަ އަސްތަކަކަށް ސަވާރެއް ނުވެވޭނެ. ކަލާ ސަރާއަށް ވަޑައިގެންފިނަމަ ސިފައިން ކަލާ ފާސްކުރާނެ. ކަލާގެ އަތްޕުޅުގައި ހުރިނަމަ ހުރި ހުރިހައި އެއްޗެއްސެއް ސަރުކާރުގެ ޚަޒާނާއަށް އަތުލާނެ. ހަތިޔާރު އަޅުއްވައިގެން ރަށުތެރޭގައި އުޅުއްވުމުގެ ކުށުގައި ކަލާ ޖަލަށްލުމަކީވެސް ދުރުކަމެއް ނޫން. ކަލާއަށް ފުލުހުންގެ ހިތްހަމަޖައްސައިދެއްވޭނެކަން ޔަގީންވެވަޑައިގަންނަވާނަމަ ސަރާއަށް ހިންގަވާ. އެހެންނޫންނަމަ ކަލާ ދެނެވަޑައިގަންނަވާ ކޮންމެވެސް މީހެއްގެ ގާތަށް ވަޑައިގަންނަވާ. ދެން މާގިނައިރެއް ނުވަނީސް ރަށުގެ ދޮރޯށިތައް ބަންދުކޮށްފާނެ. މަގުމަތީންވެސް ބާޒާރުމަތީންވެސް ކަލާއަށް ފެނިވަޑައިގަންނަވާނީ ހައްތާވެސް ޤަޞްޠިލާގެ ލޭބޯ ސިފައިން."

أحمد ވިދާޅުވިއެވެ. "އަހަރެން ކޮއްކޮއަށް ޝުކުރުވެރިވަން. މިރަށުގައި އަހަރެން ދަންނަ މީހަކު ނެތް. އެކަމަކު ކޮއްކޮ އަހަންނަށް މިރަށުގެ އިރުމަތީފަރާތުގެ އާ އާބާދީއަށް ދާނެ މަގު ދައްކައިދީފިނަމަ އެތަނުން އަހަރެން ދަންނަ މީހަކު ހޯދިދާނެކަމުގެ އުންމީދު އެބައޮތް."

އެކުއްޖާ ހިސާބަކަށް ފަސްޖެހިލައިފައި ދެންނެވިއެވެ. "ހިންގަވާ އަޅުގަޑާއެކު!"

أحمد އެކުއްޖާގެ ފަހަތުން ވަޑައިގެންފިއެވެ.

* * * * * * * * * * *

ހަނދުވަރު ރީތި ރެއެކެވެ. ރަށްބޭރުގެ އަވަށްއަވަށުގެ ހުރިހައި މަގުތަކަކާއި ގޯޅިތަކެއް އޮތީ ހުސްކޮށެވެ. ބައެއް ހިސާބުހިސާބުން ޠުލައިޠުލާގެ ނުވަތަ ޤަޞްޠިލާގެ ސިފައިންގެ އަސްވާރުންގެ ނުވަތަ ފައިމަގުގައި ހިނގާ ސިފައިންގެ ކޯޅިކޯޅި ފެނެއެވެ. أحمد ގެ އާރުކާޓީއަށް އެފަދަ ބަޔަކު ދުރުން ފެންނައިރަށް ކޮންމެވެސް އެހެން ގޯޅިޔަކަށް އަޅައިލައެވެ. އެކުއްޖާ ހަތަރު އަނގޮޅިޔަކާ ހަމައަށް ގޮސްފައި އޭނާގެ ވާތްފަރާތާ ދިމާޔަށްދާ މަގަށް އިޝާރާތްކޮށްފައި أحمد އަށް ދެންނެވިއެވެ. "ބައްލަވާ. މިމަގު ސީދާ މިދަނީ އެދިމާޔަށް. ގާތްގަނޑަކަށް ބައިމޭލެއްހައިތަނަށް ވަޑައިގެންނެވޭއިރަށް ދެން އެފެށެނީ އާ އަވަށް. އެކަމަކު ވަރަށްބޮޑަށް ރައްކާތެރިވެވަޑައިގަންނަވާތި. ސިފައިން އެއަވަށުގެ އެތައްބަޔަކު ހައްޔަރުކޮށްފި. ބައެއްމީހުން ދަންޖައްސައިފި. މިވަގުތު ޤަޞްޠިލާގެ ސިފައިންނަށް ހަތިޔާރު އަޅައިގެންހުރި މީހަކު ފެނިއްޖެނަމަ ސުވާލެއްވެސް ނުކޮށް ޤަތުލުކޮށްލާނެ. ނުރައްކާތެރި ކަމަކަށްވުމާއެކުވެސް ކަލާ ބޭނުންފުޅު ކަމަށްވާނަމަ އަޅުގަނޑު ކަލާގެ އަރިހުގައި ހިނގައިދާނަން."

أحمد ވިދާޅުވިއެވެ. "ނޫން. ކޮއްކޮ ދެން އަވަހަށް ސަރާއަށްދޭ!"

އެކުއްޖާ ބުންޏެވެ. "ކަލާ މިމަގުން ސީދާ ކުރިޔަށް ވަޑައިގަންނަވާ. ކަނާތްފަރާތުން މިސްކިތެއް ފެނިވަޑައިގަންނަވާނެ. ކަލާ އެމިސްކިތަށް ވެދެވަޑައިގަންނަވާ. ކަލާއަށް މަގުދައްކައިދޭނެ ކޮންމެވެސްމީހަކު ލިބިވަޑައިގެންނެވުމަކީ އެކަށީގެންވާ ކަމެއް."

أحمد ވިދާޅުވިއެވެ. "ކޮއްކޮ އެކަނި ދިޔުމުގައި އެއްވެސް ނުރައްކަލެއް އޮންނާނެތަ؟"

އެކުއްޖާ ޖަވާބުދިނެވެ. "ނޫން. އަޅުގަނޑަށް ނުރައްކަލަކަށްވާނީ ހަމައެކަނި ކަލާގެ އަރިހުގައި ދިޔުން.

أحمد މިސްކިތާ ކައިރިޔަށް ވަޑައިގެންނެވިތަނާ ކުރިފުޅުމަތީން ސިފައިންގެ ހަތަރު މީހަކު އަންނާތީ ފެނިވަޑައިގެންފިއެވެ. އޭނާ މަގުކައިރީގައިހުރި ގަހަކާ ނިވާވެވަޑައިގެން ހުއްޓިވަޑައިގެންފިއެވެ. ސިފައިންގެ ހަތަރު މީހުން މިސްކިތުގެ ކައިރިޔަށް އައިސްފައި ހުއްޓިއްޖެއެވެ. އިރުކޮޅަކު ވާހަކަ ދައްކާން ތިބެފައި އެނބުރި ހިނގައްޖެއެވެ. أحمد ގަހުގެ ބިއްދޮށުން ނުކުމެވަޑައިގެން މިސްކިތަށް ވެދެވަޑައިގެންފިއެވެ. މިސްކިތުގައި މުސްކުޅިޔެއް ނަމާދުކުރާން ހުއްޓެވެ. އޭނާ ހުރީ ދަންމަރެއްގެ އަލީގައެވެ. أحمد ވެސް ޢިޝާނަމާދު ކުރައްވައިފިއެވެ. އޭނާ ނަމާދުކުރައްވައި ނިމިވަޑައިގެންނެވިއިރު މުސްކުޅިޔާ އިނީ ވަރަށް ފަރުވާތެރިކަމާއެކު އޭނާއާ ދިމާޔަށް ބަލަހައްޓައިގެންނެވެ.

أحمد ސުވާލުކުރެއްވިއެވެ. "އަޅުގަނޑަކީ މިރަށު މީހެއް ނޫން. ބީރައްޓެއްސެއް. މިރަށަށް އައީ މިއަދު ހަވީރު. ކަލޭގެފާނަށް އުނދަގޫފުޅަކަށް ނުވާނަމަ شيـخ أبــو يـعـقــوب ގެ ގެއަށްދާ މަގު ދައްކައިދެއްވިދާނެތޯ؟"

މުސްކުޅިޔާ ޝައްކުގެ ނަޒަރަކުން أحمد އާ ދިމާޔަށް ބަލައިލިއެވެ. އޭނާ ވިސްނައިލައިފައި ޖަވާބު ދިނެވެ. "މިވަގުތު އަޅުގަނޑަކަށް އެގެ ދައްކައިދޭކަށެއް ނުދެވޭނެ. އެކަމަކު ކަލާ އެގެޔަށް ވަޑައިގެންނެވުން ކޮންމެހެން ބޭނުންކަމުގައިވާނަމަ މިސްކިތުން ނުކުމެވަޑައިގެން މަގުއޮތްގޮތަށް ކުރިޔަށް ވަޑައިގަންނަވާ. ހަތަރުސަތޭކަ ވަރަކަށް ފިޔަވަޅަށް ވަޑައިގެންނެވޭއިރަށް މަދަރުސާއެއް ފެނިވަޑައިގަންނަވާނެ. މަދަރުސާގެ ފާހަގަޔަކީ ދަންޖައްސާފައިވާ ފަސްމީހެއްގެ ހަށިގަނޑު އެތާނގެ ދޮރުމަތީގައި އެލުވައިފައި ހުންނާނެ. މަދަރުސާގެ ދިމާ ކުރިމަތީގައި ކަނާތްފަރާތަށްދާ ގޯޅިޔެއް އޮންނާނެ. އެގޯޅީން ފަނަރަވަރަކަށް ވިއްސަކަށް ފިޔަވަޅަށް ވަޑައިގަންނަވާއިރު ވާތްފަރާތުގައި ތިންބުރި ގެޔެއް ހުންނާނެ. އެއީ شيـخ أبــو يـعـقــوب ގެ ގެ. އެކަމަކު އޭނާ.....!" މުސްކުޅިޔާ އެއްޗެކޭ ބުނާން އުޅެފައި ހުއްޓައިލިއެވެ. ކޮންމެވެސް ޚިޔާލެއް އައީކަމުގައި ވެދާނެއެވެ.

أحمد ސުވާލު ކުރެއްވިއެވެ.

"އެކަމަކު ކީކޭތޯ؟"

"އެއްޗެކޭ ނޫން." ހަތިޔާރު އަޅުއްވައިގެން ހުންނެވުމާއެކުވެސް ޤަޞްޠިލާގެ ސިފައިން ކަލާއާ ދިމާޔަށް އެއްޗެކޭ ނުބުނާނެކަމުގެ ޔަގީންކަން އޮތްކަމުގައިވާނަމަ ކަލާ ވަޑައިގަންނަވާ!"

أحمد އިތުރު އެއްޗެކޭ ވިދާޅެއް ނުވެއެވެ. އޭނާ މިސްކިތުން ނުކުމެވަޑައިގެންފިއެވެ. މަދަރުސާގެ ކުރިމަތީގައި ވަރުގަދަ ދެ ވަކަރު ޖަހައިފައި، މަތީގައި ވަކަރެއް އަޅައިފައި އޮތެވެ. ދަންޖައްސައިފައިވާ ފަސްމީހެއްގެ ހަށިގަނޑު އެވަކަރުގައި އެލުވައިފައި ހުއްޓެވެ. أحمد އަކީ ސިފައިން ތަމްރީނު ހައްދަވައިފައި ހުންނެވިކަމުގައިވިޔަސް ޒުވާން ޝާޢިރެކެވެ. އެހެންކަމުން އެ މަންޒަރަކީ އޭނާގެ ހިތްޕުޅަށް ވަރަށް އަސަރުކުރުވި މަންޒަރެކެވެ. އޭނާ ބެދިފައިވާ އަޑުފުޅަކުން ވިދާޅުވިއެވެ. "ޠުލައިޠުލާގެ މިނިވަންކަމުގެ ބަޠަލުންނޭވެ! އަހަރެން ތިޔަބައިމީހުންނަށް ސަލާމްކުރަމެވެ." އޭނާ ވަށައިގެން ހޯއްދަވައިލެއްވުމަށްފަހު ގޯޅިތެރެޔަށް ވެދެވަޑައިގެންފިއެވެ.

* * * * * * * * * * *

ތިންބުރި ގޭގެ ދޮރޯށި ހުރީ އެތެރެއިން ތަޅުލައިފައެވެ. أحمد މަޑުމަޑުން ޓަކިޖައްސަވައިލެއްވިއެވެ. ނަމަވެސް އެއްވެސް ޖަވާބެއް ލިބިވަޑައެއް ނުގެންނެވިއެވެ. ހަމައެވަގުތު ގޯޅީގެ އަނެއްކޮޅުން ސިފައިންގެ ދެމީހުން ދައްކައިލައިފިއެވެ. އެދެމީހުން ޤަޞްޠިލާގެ ބަހުން ވާހަކަ ދައްކަމުން އައީ މިކޮޅަށެވެ. أحمد ކަނޑި އުރައިން ދަންމަވައިގެން ދޮރޯށީގެ ހިޔަނީގެ އަނދިރީގައި ހުއްޓިވަޑައިގެންފިއެވެ. ސިފައިންގެ ދެމީހުންކުރެ އެކެއް އަނެކަކު ގާތު ބުންޏެވެ. އެކުވެރިޔާ. މިއަދަކު އެއްވެސް ޝިކާރައެއް މައްޗެއްނުވި. މިހިސާބުގެ މީހުން އިރުއޮއްސޭއިރަށް ގެއަށްވަދެ ފިލައިފި. މީހެއްގެ ނޭވާގެ އަޑުވެސް ނުއިވޭ.

ދެވަނަ މީހާ ބުންޏެވެ. އިއްޔެ އަހަރެމެން ފަސްމީހަކު ދަންޖެއްސުމުން މިއަވަށު މީހުނަށް ވަރަށް އަސަރުކޮށްފި."

"އެކަމަކު ރަޙުމަތްތެރިޔާ. މިހިސާބުގަނޑުގެ މީހުން އަވަށް ދޫކޮށްލައިފައި ފިލަނީ. ބައެއްފަހަރު އަހަރެންގެ ހިތަށްއަރާ މިގޮތަށް މުޅިރަށް ހުސްވެއްޖެއްޔާ އަހަރެމެންނަށް އޮންނާނީ ކޮން މަސައްކަތެއްބާވައޭ."

"އަހަރެމެން މިތާނގައި ވަޒަންވެރިވާނީ އަހަރެން މިހިރަ ތިންބުރިގެ އަހަންނަށް ޚިޔާރުކޮށްފިން."

ސިފައިންގެ ދެމީހުން ވަރަށް ކައިރިޔަށް އަތުވެއްޖެއެވެ. أحمد ގެ ހިތްޕުޅު ތެޅޭންފަށައިފިއެވެ. އޭގެތެރެއިން އެކަކު ބުންޏެވެ. "އެކުވެރިޔާ! އަހަރެން ވަރަށް ވަރުބަލިވެއްޖެ. ހިނގާ އިރުކޮޅަކު އިށީނދެލަމާ!"

ސިފައިންގެ ދެމީހުން ދޮރުމަތީގައިހުރި މަންސައިގައި އިށީނދެއްޖެއެވެ. ދެމީހުންވެސް ތިބީ أحمد އާ ދިމާޔަށް ފުރަގަސްދީގެންނެވެ. އެކަކު ބުންޏެވެ. "ކަލޭ އަޑުއެހިންތަ މިއަދުވެސް ސަހަރުގައި ތިންމީހަކު ދަންޖެއްސި."

ދެވަނަ މީހާ ބުންޏެވެ. "އަހަރެމެންގެ އެކުވެރީން ރަށުތެރޭގައި ވަރަށް އެބަމަޖާކުރޭ. އެމީހުން މިރަށުގެ ފުލުހުން އެކިފަރާތްފަރާތަށް ފޮނުވައިލައިފައި ގޭގޭގެ ދޮރޯށި ހަލާކުކޮށްލައިގެން އެތެރެޔަށްވެސް އެބަވަދޭ. މިތާކު އަހަރެމެންނަކަށް ރާބޮއިގެންތިބެ ހިނގައި އުޅޭކަށެއްވެސް ހުއްދައެއް ނެތް!"

އެންމެފުރަތަމަ ވާހަކަދެއްކި މީހާ ބުންޏެވެ. ރަށުތެރޭގައި އަހަރެމެންގެ ސިފައިން ވަރަށްގިނަ. ޤަޞްޠިލާއިން އިތުރު ސިފައިން އައުމުން އަހަރެމެންނަށްވެސް ފުރިހަމަ މިނިވަންކަން އޮންނާނެ. އޭރުން މިހިރަ ގޭގޭގައި އުޅޭ ޕަރީންތައް އަހަރުމެންނަށް ހިތްހިތަކަށް ލިބޭނެ. ހިނގާ ދެން ދަމާ!"

ސިފައިންގެ އެކަކު ތެދުވެ އޭނާގެ އެކުވެރިޔާގެ މުލައްދަނޑީގައި ހިފައިފައި ދަމާން ފަށައިފިއެވެ. ކުއްލިޔަކަށް އޭނާގެ ނަޒަރު ދޮރޯއްޓާ ދިމާޔަށް ހުއްޓިއްޖެއެވެ. އޭނާއަށް أحمد ފެނިއްޖެއެވެ. "ކާކުތަ؟" އޭނާ ކަނޑި ދަމައިގަންނަމުން ހަޅޭއްލަވައިގަތެވެ.

(ނުނިމޭ)