މާލޭން ތަނެއް ކުއްޔަށް ހިފައިގެން މަސްތުވާތަކެއްޗާއި ބަނގުރަލުގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކުރުމަށްފަހު، ހއ. ހޯރަފުށީ ހިކިފިނިފެންމާގޭ އައިޝަތު ނީޝާ ދޫކޮށްލަން ކުރިިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުން ބާތިލުކޮށް އޭނާ ހުރީ ބަންދުގައި ކަމަށް ކަނޑައަޅައިފިއެވެ.
މި މައްސަލައަކީ އިތުރު ބަޔަކާ ގުޅިގެން ނީޝާ ރާއްޖެއަށް އެތެރެކޮށްފައި ހުންނަ މަސްތުވާތަކެއްޗާއި ބަނގުރާ ހޯދުމަށްފަހު، އޭނާ ދިރިއުޅޭ އަދި އެ ނެޓްވޯކުގެ މީހުން މަސްތުވާތަކެއްޗާއި ބަނގުރަލާ ގުޅުން ހުރި އެކި ކުށްތައް ކުރުމަށް ހާއްސަކޮށް ކުއްޔަށް ހިފާފައި ހުންނަ މާލޭ އިސްވިލާ ގޭގެ ހަވަނަ ފަންގިފިލާ ބޭނުންކޮށް، އެތަނުގައި އެތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ.
އެ މައްސަލައިގައި ކުރިމިނަލް ކޯޓުން ކުރި އަމުރަކާ ގުޅިގެން ފުލުހުން އޭނާ ހައްޔަރު ކުރީ 3 ސެޕްޓެމްބަރު 2020 ގައެވެ. އެއަށްފަހު ފުލުހުންގެ އެދުމުގެ މަތިން އެ މައްސަލައިގެ ތަހުގީގު ނިމެންދެން އޭނާ ކަސްޓޯޑިއަލް ޖަލުގައި ބަންދުގައި ބެހެއްޓުމަށް 18 ސެޕްޓެމްބަރު 2020 ގައި ކުރިމިނަލް ކޯޓުން އަމުރު ކުރިއެވެ.
އެ އަމުރު މުރާޖައާ ކުރުމަށް 30 ސެޕްޓެމްބަރު 2020 ގައި ނީޝާގެ ފަރާތުން ކުރިމިނަލް ކޯޓަށް ހުށަހެޅުމުން އޭނާ ބަންދުން ދޫކޮށްލަން ޖެހޭ ފަދަ ސަބަބެއް ނެތް ކަމަށް ކަނޑައަޅައި ބަންދަށް ލުޔެއް ދެވެން ނެތް ކަމަށް ކޯޓުން ނިންމިއެވެ.
ކެނަބިސް ޓްރެފިކު ކުުރުމުގެ ދައުވާ އޭނާގެ މައްޗަށް އުފުލާފައި ވަނީ 01 އޮކްޓޫބަރު 2020 ގައެވެ. ނަމަވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ފަހުން ގެނައި އިސްލާހަށް ރިއާޔަތްކޮށް އޭނާ ބަންދުގައި ބަހައްޓަން ނިންމާފައިވާ ނިންމުން މުރާޖައާ ކޮށްދިނުމަށް ޕީޖީ އޮފީހުން މިދިޔަ މަހުގެ ދިހަވަނަ ދުވަހު ކުރިމިނަލް ކޯޓަށް ހުށަހެޅިއެވެ.
އެކަމާ ގުޅިގެން ޝަރުތުކޮށް ނީޝާ ބަންދުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން އަމުރު ކުރިއެވެ.
ކުރިމިނަލް ކޯޓުގެ އެ އަމުރުގައި، ނީޝާ ބަންދު ދޫކޮށްލަންޖެހޭ ސަބަބެއް ކަމަށް ބަޔާންކޮށްފައި ވަނީ، އޭނާ އަކީ ތައިރޮއިޑް ބައްޔާއި ހަށިގަނޑުގެ އެއްފަޅި ވާގި ނެތުމާއި، ކަންފަތުން ލޭ އައުުމުގެ މައްސަލަތަކެއް ހުރުމުގެ އިތުރުން ނަފްސާނީ ބައްޔަށް ބޭސްކުރާ މީހެއްކަން ކަރެކްޝަނަލް ސާވިސްއިން ފޮނުވި ލިޔެކިޔުންތަކުން އެނގެން އޮންނަ އިރު، ބަންދު މުރާޖައާކުރުމަށް މިދިޔަ މަހުގެ 17 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ބައިވެރިވި ކަރެކްޝަންސްގެ މެޑިކަލް އޮފިސަރުގެ ބަހުން އޭނާއަށް އެކަށީގެންވާ ފަރުވާ ދެވެމުންނުދާކަން ޝަރީއަތަށް ބުރަވެވޭތީ އާއި ނީޝާއަށް ދެމުންގެންދާ ސިއްހީ ފަރުވާތަކާ ގުޅޭގޮތުން ޝަރީއަތަށް ސާފުކުރަން އެދުނު ގިނަ ކަންތައްތަކަކަށް ކަރެކްޝަންއިން ޖަވާބުދާރީ ވެފައިނުވާތީއެވެ.
އެހެންކަމުން އޭނާ ބަންދުގައި ބަހައްޓައިފިނަމަ ބަލި ހާލަތު ގޯސްވެ ސިއްހީގޮތުން ބޮޑު ގެއްލުންތަކެއް ލިބިދާނެ ކަމަށް ގަބޫލުކުރެވޭތީ އޭނާ ދޫކޮށްލަން ނިންމީ ކަމަށްވެސް އަމުރުގައި ބުނެފައިވެއެވެ.
ކުރިމިނަލް ކޯޓުގެ އެ އަމުރަކީ، ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ކޮށްފައިވާ އަމުރެއް ކަމަށްބުނެ، ޕީޖީގެ ފަރާތުން އެ އަމުރު ބާތިލުކޮށްދިނުމަށް އެދި ޕީޖީގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުން ކުރި ހުކުމުން ވަނީ ނީޝާ ދޫކޮށްލަން ކުރިމިނަލް ކޯޓުން ކުރި އަމުރު ބާތިލުކޮށްފައެވެ.
އޭގެ އިތުރުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން ކުރިން ކުރި އަމުރުގައި ނިންމާފައިވާ ނިންމުން ބާތިލު ނުވެ ދެމިއޮތް ކަމަށް ކަނޑައަޅައި، އޭނާ ޖަލުގައި ބަންދުކޮށްފައި ހުންނަ އިރު، އޭނާގެ ބަލީގެ ހާލަތަށް ރިއާޔަތްކޮށް އެ ހާލަތު އިތުރަށް ބޮޑުވެގެން ނުދާނެ ގޮތަކަށް އޭނާ ޖަލު ބަންދުގައި ހުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށާއި އޭނާގެ ބައްޔަށް ފަރުވާކުރުމަށް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް އޭނާ ބަންދުކޮށްފައި ހުންނަ ޖަލު ބަލަހައްޓާ ފަރާތަށް އަންގާ ކަމަށްވެސް ހުކުމުގައި ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު