މިދިޔަ އަހަރުގެ ޖުލައި މަހުގެ 25 ވަނަ ދުވަހު މޮރިޝަސްގެ ފަރަށް އެރި، އެމްވީ ވަކަޝީއޯގެ މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު ގިނަ ކަންތައްތަކެއް ފެންމަތިވެއްޖެ އެވެ.
ތަހުގީގަށް މައުލޫމާތު ދެމުން ބޯޓުގެ ކެޕްޓަން ވަނީ ފަރަށް އަރަން މެދުވެރިވި ސަބަބު ހާމަކޮށްފަ އެވެ. ކެޕްޓަން ސުނިލް ކުމާރް ނަދޭޝްވަރު ވަނީ ދަތުރުމަތީގައި މޮރިޝަސްގެ އައްސޭރި ފަށާއި ކައިރި ކުރީ އިންޓަނެޓް ހޯދުމަށް ކަމަށެވެ.
އެގޮތުން އާންމު ގޮތެއްގައި އެ ސަރަހައްދުން ދަތުރުކުރާއިރު ދަތުރުކުރަނީ މޮރިޝަސްގެ ބޭރުން 15 ނޯޓިކަލް މޭލު ދުރުން ކަމަށާއި ނެޓްވޯކް ލިބޭ ސަރަހައްދަކަށް ދިއުމަށް މޮރިޝަސްއާ ފަސް ނޯޓިކަލް މޭލަށް ބޯޓު ކައިރި ކުރި ކަމަށް ވެސް ކެޕްޓަން ބުންޏެވެ. ނަމަވެސް ރާޅު ބޮޑުކަމުން ކޮންޓްރޯލް ނުވެ ބޯޓު ފަރަށް އެރީ އެވެ.
ތަހުގީގުން ހާމަވި ގޮތުގައި ބޯޓު ފަރަށް އެރި ވަގުތު ފަޅުވެރިން ތިބީ މަސްތުގެ ހާލަތުގަ އެވެ. އަދި ކެޕްޓަންގެ ހާއްސަ ހުއްދައަކާއެކު ފަޅުވެރިން އެދުވަހު ވަނީ ޕާޓީއެއް ބާއްވައިފަ އެވެ.
ހަތަރު ހާސް ޓަނު ތެޔޮ ބަރުކޮށްފައި ހުރި އެބޯޓު ފަރަށް އަރައި ބޮޑެތި ގެއްލުން ތަކެއް ލިބިފައިވާއިރު، ބޯޓުން ގިނަ އަދަދެއްގެ ތެޔޮ ފައިބައި އައްސޭރިފަށުގެ ބޮޑު ސަރަހައްދަކަށް ތެޔޮ އެޅި މޮރިޝަސްއަށް ވަނީ ތިމާވެށީގެ ބޮޑު ކާރިސާއަކާ ކުރިމަތިވެފަ އެވެ.