ފަސްވަނަ ބައި

ރޭގެ ބޮޑުބައެއް އަހަރެން ހޭދަކުރީ ވިއާނާ މެދު ވިސްނާށެވެ. ވިއާންގެ އެ ހަމަހިމޭން ހަޔާތުގައި ކޮންމެސް ބޮޑު ސިއްރެއް ފޮރުވިފައިވާކަން އަހަރެންނަށް ޔަގީން ވެއްޖެއެވެ. އެކަމަކު ކޮން ކަމެއް ހެއްޔެވެ؟ އަހަރެން ހޯދަން ބޭނުމެވެ. ގޭތެރޭގައި ދެން ފޫހިވެގެން އުޅޭކަށް ނުޖެހޭނެއެވެ. ވިއާނާ ބެހޭގޮތުން ކަންތައްތައް ހޯދުމަކީވެސް މަސައްކަތެކެވެ. އެކަމަކު އަހަރެން މަސައްކަތް ފަށައިގަންނާނީ ކޮން ދިމާލަކުން ހެއްޔެވެ؟ މާމަ ކައިރީގައި ނުވަތަ ވިއާން ކައިރީގައި އަހައިގެން އޮޅުންފިލުވަންވީ ހެއްޔެވެ؟ ނޫނެކެވެ. ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އަޅަންޖެހޭނީ ވިސްނައިގެންނެވެ.

ޖެހިގެން އައި ދުވަހު ވިއާން ކޮޓަރިއަށް މާމަ އަހަރެން ފޮނުވީ ފޯނަށް ދިމާވި ކަމެއް ހައްލު ކުރުމަށް ވިއާނާ ހަމައަށް ފޯނު ގެންގޮސްދިނުމަށެވެ. އަހަރެން ކޮޓަރިއަށް ވަންއިރު ވިއާން ފެންނާކަށް ނެތެވެ. ފާހާނައިން ފެންއަޑު އިވެން ފެށުމުން އަހަރެންނަށް ވިއާން ވީ ފާހާނައިގަކަން އިނގުނެވެ. ހިތަށް އެރިއެވެ. ވިއާން ނިކުންނަންދެން މަޑުކުރާނީ ހެއްޔެވެ؟ ނޫނީ ފަހުން އަންނަން ދާންވީ ހެއްޔެވެ؟ ދެވިސްނުމެއްގައި ހުރެފައި ނިކުންނަން ހިނގައިގަތް ވަގުތު އެއްކަލަ ފްރޭމް ހަމަ އެހެން އޮށްވާ ފެނިއްޖެއެވެ. މިފަހަރު އެ ރަނގަޅަށް ބަހައްޓަން އަހަރެން މަސައްކަތެއް ނުކުރަމެވެ. އަނެއްކާވެސް އަހަރެން އެ ފްރޭމް ކޮޅަށް ބަހައްޓައިފިނަމަ އަހަރެން ވިއާނަށް ޖެއްސުން ކުރަނީޔޭ އޭނާގެ ހިތަށް އަރައިފާނެއެވެ. އެހެންވާކަށް އަހަރެން ބޭނުމެއްނުވެއެވެ.

އެނދުމަތީގައި އޮތް ވިއާންގެ ފޯނަށް ފޯނެއް އަންނަ އަޑު އިވުމުން އަހަރެން ސިހުނެވެ. ފާހާނާ އާ ދިމާލަށް ބަލައިލާފައި ފޯނަށް ކުޑަކޮށް ގުދުވެފައި ބަލައިލިއިރު އަރާފައި އިނީ ޑރ.އިބާދުﷲ ޖަހާފައި އިން ނަމެކެވެ. ފޯނު ކައިރީގައި ހުރި މެޑިކަލް ފައިލްތަކެއް އަހަރެންނަށް ފެނުނީ މާފަހުންނެވެ. އޭގެއާ ދިމާލަށް އަހަރެންގެ އަތް ދިޔައީ ބޭއިހްތިޔާރުގައެވެ. ފާހާނައިގެ ތަންޑު ނައްޓާލި އަޑަށް ފިލައަކަށް ޖަހާ އިސްކުރެއް ފަދައިން ކުއްލިއަކަށް އަހަރެން ދިމާ ސީދަލަށް ކޮޅަށް ޖެހިއްޖެއެވެ. ހީވީ ވައްކަން ކުރަން އުޅެނިކޮށް ވަގު ހިފި ހެންނެވެ. ފާހާނާ އާ ދިމާލަށް ބަލައިލިއިރު ތުވާލި އަނދެގެން ހުރި ވިއާންވެސް ހުރީ އަހަރެންނަށް ބަލާށެވެ. ވިއާންގެ އުފުލިފައިވާ މޭމައްޗަށް އަހަރެންގެ ދެލޯ ހުއްޓުނު ވަގުތު ގައިން ހީބިހި ނަގައިގަތެވެ. ފޫޅަށް ވުރެ ކުޑަ ތަންކޮޅެއް ތިރިން ތުނިތުނިކޮށް ފަޅާފައިވާ ލޯލިތައް ފެނި އަހަރެންގެ ހަށިގަނޑުގައި ފިނިފިނި އޮއިވަރެއް ދަތުރުކޮށްލިހެން ހީވިއެވެ. ކުއްލިއަކަށް އަހަރެންނަށް މިވީ ކިހިނެއް ހެއްޔެވެ؟

ފެނާއެކުވެފައިވާ ވިއާންގެ އިސްތަށިތަކުން ފައިބަމުންދިޔަ ފެންތައް ފެނި އަހަރެންނަށް ބަލަހައްޓައިގެން ހުރެވުނެވެ. އަޖައިބެކެވެ. އަހަރެންނަށް އަހަރެންގެ އަމިއްލަ ނަފްސު ކޮންޓްރޯލްކުރަން އުނދަގުވެގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟ މިއީ ދުވަހަކުވެސް އަހަރެންވި ގޮތެއް ނޫނެވެ. އަހަރެންނަށް ކުއްލިއަކަށް އަނެއްފަރާތަށް އެނބުރެވުނީ ހިތަށް އެރި އެއްޗަކުންނެވެ. އެވަގުތު ވިއާންވެސް އަނެއްފަރާތަށް އެނބުރުނުހެން އަހަރެންނަށް ހީވިއެވެ. ލަދުވެސްގަތެވެ. އަހަރެންނަށް ހެވުނުކަން އިނގެނީ ހަމައެކަނި އަހަރެންނަށެވެ. ވިއާނަށް ނުފެނުނުކަން ނަސީބެކެވެ.

"ސޮ...ސޮރީ" އަހަރެންނަށް ބުނެވުނެވެ. ހުއްދަ ނުހޯދައި އެގޮތަށް މީހެއްގެ ކޮޓަރިއަށް ވަދެވިގެން ނުވާނެއެވެ. އަމުދުން ޒުވާން ފިރިހެންކުއްޖަކުގެ ކޮޓަރިއަށެވެ.

"މަލް ކަމަކުތަ؟" ވިއާންގެ އަޑު އިވުނެވެ.

"ނޫން.... އުނހު... އާނ. މާމަ ބުނެގެން މި ފޯނު ދޭންވެގެން" އަހަރެންނަށް ބުނެވުނެވެ. އަހަރެން އަޖައިބުވިއެވެ. ތެދު ހަދަން އުޅެގެން އަނގަވެސް އޮޅިއްޖެއެވެ. ވިއާން އަހަރެންނާ މެދު ހީކުރާނީވެސް ކީކޭ ހެއްޔެވެ؟ ހާދަ ގޮތެއްނެތް އަންހެނެކޭ ހިތަށް އަރާނެއެވެ.

"އަހަރެން އެބަދަން" ވިއާންގެ ދުލުން އެހެން ބުނުމާއެކު ނަގޫ ރޯޅިއެއް އަރައިގެންދާ އުސޫލުން އަހަރެން އެ ކޮޓަރިން ނިކުތީމެވެ. ޔަގީނެވެ. އަހަރެންނާ ބެހޭގޮތުން ވިއާންގެ ހިތަށް ކޮންމެސް އެއްޗެއް އަރާނެއެވެ. އަމަލުތައް ބެހެއްޓުނީވެސް މީހަކު އެއްޗެއް ހިތަށް ނާރާނެ ގޮތަކަށް ނޫން ވިއްޔާއެވެ.

ބަދިގެއަށް ވަންގޮތަށް ވިއާން ބުނިގޮތަށް މާމަ ކައިރީގައި ބުނެފައި އަހަރެން ގޮސްވަނީ ކޮޓަރިއަށެވެ. އެނދުގައި އިށީނދެފައި އަމިއްލަ މޭގައި އަތްޖައްސައިލެވިއްޖެއެވެ. އާއެނކެވެ. އަދިވެސް އަހަރެންގެ ހިތުގެ ތެޅުން ބާރެވެ. މިއީ ހަމަ ވިއާން ފެނިފަ ވީގޮތެއް ހެއްޔެވެ؟ ވިއާންގެ އަސަރު އަހަރެންގެ ހިތާ ހަމައަށް ފޯރީ ހެއްޔެވެ؟ މިއީ އަނެއްކާ ކޮންކަހަލަ ކަމެއް ހެއްޔެވެ؟ ނޫނެކެވެ. މިހެން ވެގެން ނުވާނެއެވެ. ވިއާން އަހަރެންނާ މެދު އެފަދަ ނަޒަރަކުން ނުދެކޭއިރު އަހަރެންވެސް އެގޮތަށް ވިސްނައިގެން ނުވާނެއެވެ. ވިއާނަކީ ހާލުގައި ޖެހުނު ދުވަހު އޭނާއަށް އެހީތެރިވި މީހާގެ ދަރިފުޅެވެ. އޭނާގެ ބޯމަތީގައިވާ ހިޔާވަހި ކަމަކީ ވިއާން ދިން ހިޔާވަހި ކަމެކެވެ. ކޮންމެއަކަސް ނިކަމެތި މީހާގެ މަގާމުގައިވާ މީހާއަކީ އަހަރެންނެވެ. ބިމުގައި ހުރެގެން އުޑުގައިވާ ތަރިތަކުގައި އަތްލަން މަސައްކަތް ކުރުމަކީ އަހަރެންގެ މޮޔަކަމެވެ. އަމިއްލަ ހިތަށް ވިސްނައިދީފައި އަހަރެން އެނދުގައި އޮށޯވެލީމެވެ. މެންދުރު ނަމާދަށް ގޮވަން އަދި ކުޑަ ވަގުތުކޮޅެއް އޮތުމުން އަހަރެން ބޭނުންވީ އަރާމުކޮށްލާށެވެ.

ޖެހިގެން އައި ދުވަހު އަހަރެން ފާހާނައިގައި ހުއްޓާ ކޮޓަރި ތެރެއިން މާމަ ވާހަކަދައްކާ އަޑު އިވެމުން ދިޔައެވެ. އިރުކޮޅަކުން ކޮޓަރި ތެރެއިން ވިއާންގެ އަޑުވެސް އިވިއްޖެއެވެ. އަހަރެން ދޮރާ ކައިރިވެލީ ވިއާނާ މާމަ ދައްކާ ވާހަކަތައް އަޑުއަހާލުމުގެ ބޭނުމުގައެވެ. ވިއާންގެ މޫނުމަތީގައިވާ ހިނިތުންވުމުގެ ފަހަތުގައި ފޮރުވާފައިވާ ބޮޑު ސިއްރުގެ ހަގީގަތް ހޯދުމަކީ މިހާރު އަހަރެންގެ ވަޒީފާއެވެ. އަހަރެން ހުރީ ފުރުސަތަކަށް ބަލަބަލައެވެ.

"ފާޑެއްގެ ބޭހެއް މިފަހަރުވެސް ދިނީ" ވިއާން ބުނެލި އަޑު އިވުނެވެ.

"ޓެސްޓްތަކެއް ހަދަން ދިންތަ؟" މާމަގެ އަޑު އިވިލިއެވެ.

ދެފަހަރު ދެމީހުންގެ އަޑު އިވިލާފައި އިތުރަށް އެކަކުވެސް ވާހަކަދެއްކި އަޑު ނީވެއެވެ. އަހަރެން އަޖައިބުވިއެވެ. އަހަރެން އަޑުއަަން ހުރިކަން އިނގުމުން ވާހަކަދެއްކުން ހުއްޓައިލީ ހެއްޔެވެ؟ ފާހާނައިން ނިކުތްއިރު ކޮޓަރީގައި އެކަކުވެސް ނެތެވެ. އެހާ ހިސާބުން ވާހަކަ ހުއްޓާލައި މާމަމެން ދިޔައީތާއެވެ. ތުވާލިން އިސްތަށިގަނޑު ފޮހެމުން އައިސް އަހަރެން އިށީނީ އެނދުގައެވެ. ވިއާން ބަލީ ހެއްޔެވެ؟ ބޭސްތަކެއްގެ ވާހަކަ އާ ޓެސްޓްތަކެއްގެ ވާހަކަދައްކާނީ ގައިމުން ބަލިވީމައެއް ނޫން ހެއްޔެވެ؟ ވިއާންގެ ކޮޓަރީގައި ހުރި ގަޑީގައި އޭނާގެ ފޯނަށް ގުޅީވެސް ޑރ.އިބާދުﷲ ކިޔާ މީހެކެވެ. އެނދުމަތީގައި ވިއާންގެ މެޑިކަލް ޑޮކުޔުމަންޓްސްތައް ވެސް ހުއްޓެވެ. ޔަގީނެވެ. ވިއާން ކޮންމެވެސް ކަހަލަ ބަލިމަޑުކަމެއް ތަހައްމަލް އެބަކުރެއެވެ. އެކަމަކު ކޮން ބައްޔެއް ހެއްޔެވެ؟ ބަލައި ބެލުމަކަށް ހިއެއް ނުވެއެވެ. މީހާގެ މޫނުމަތިން ނުފެންނަކަމެއް ހަގީގީ ދިރިއުޅުމުގައި ބަރުދާސްތު ކުރަން ޖެހެއެވެ. އެމީހަކު އިހުސާސް ކުރަމުންދާ ބަލިމަޑުކަމުގެ ނަމެއް ނިތްކުރީގައި ޖަހާފައެއް ނޯވެއެވެ. ބަލިވުމަކީ އާދައިގެ ރޯގާއެއް ޖެހި ހުން އައުމެއް ނޫނެވެ. ބޮލުގައި ނުވަތަ ބަނޑުގައި ރިހުމެއްވެސް ނޫނެވެ. ހަމަ ހަގީގަތަށްވެސް ވިއާން ބަލީއެވެ. އެވަގުތު އަހަރެންނަށް އަމިއްލަ ނަފްސުދެކެ ރުޅި އާދެވުނެވެ. ވިއާން ކައިރީގައި ހުރެފައި އައިރު އެންމެ ފަހަރަކުވެސް ހާލު އަހައިނުލުވެއެވެ. އަހަރެން މިއީ ކޮންކަހަލަ މީހެއް ހެއްތެވެ؟ އަމިއްލަ ނަފްސަށް އަޑުލަމުން ގޮސް ތައްޔާރުވާން ފެށީ ކޮޓަރިން ބޭރަށް ނިކުންނާށެވެ.

ހަވީރު ޝާހިދު ވަޒީފާ ނިންމާފައި އައިތަނާ އަހަރެން ބެލްކަނީގައި ހުރެފައި އެތެރެއަށް ވަދެފީމެވެ. ޝާހިދު ކޮޓަރިއަށް ވަންނަން އުޅެނިކޮށް އަހަރެން ގޮވައިލީމެވެ. ޝާހިދު ހުއްޓުމުން އަހަރެން ގޮސް ހުއްޓުނީ ކުރިމަތީގައެވެ.

"މިގޭ ކައިރީގަ ހުރޭތަ ކުރުނބާ ކަހަލަ އެއްޗެހި ވިއްކާ ތަނެއް" އަހަރެން އެހީމެއެވެ.

މާގިނައިރެއް ނުވެ ކޮތަޅަކަށް ތިން ކުރުނބާ ލައިގެން ޝާހިދު އައިސް ގެއަށް ވަދެއްޖެއެވެ. އަހަރެމެންނަށް ބަދިގެއަށް ވަދެވުުނުއިރު ފިޔާތަކެއް ސާފުކުރަން މާމަ ހުއްޓެވެ. ޒިންކު ކައިރީގައި ހުރެ ޝާހިދު ކުރުނބާތައް ހަދަން ފެށުމުން ފަހަތަށް އެނބުރި ބަލަބަލައިފައި މާމަ ސުވާލުކޮށްފިއެވެ.

"ތިއޯ..." މާމަ ބުންޏެވެ.

"ނޭނގެ. މަލްކޮ މާ ކުރުނބާ ބޯހިތުން އުޅޭ ދުވަހެއް ކަންނޭނގެ" ޝާހިދު ބުނެލިއެވެ.

"ތިވާހަކަ މާމަ ކައިރީގައި ކުރިން ބުނިނަމައެއްނު. މާމަ ރައްޓެހިމީހެއްގެ ދަރިއަކު ހުންނާނެ ކައިރި ރަށެއްގަ. ކޮންމެ އަހަރެއްގެވެސް ރޯދަ މަހަށް އެރަށުން ފޮނުވާނެ ވަރަށް ބައިވަރު ކުރުނބާ. މިގެއަށް ލިބޭނެ" މާމަ ބުނެލިއެވެ.

"މިއީ ކުއްލިއަކަށް ބޭނުންވެގެން ގެނައި އެއްޗެއް. ބަލި މީހަކަށް" އަހަރެން ބުނީމެވެ. އަހަރެން ބަލި މީހަކަށޭ ބުނުމުން މާމަ އާ ޝާހިދު އެކަކު އަނެކަކަށް ބަލައިލި މަންޒަރު ފެނުނެވެ. އެހެންނަމަވެސް އަހަރެންނާ އިތުރު ސުވާލެއް ނުކުރެއެވެ.

ތައްޓަކަށް ކުރުނބާ ފެންފޮދު އަޅައިގެން ގޮސް އަހަރެން ވިއާންގެ ކޮޓަރީގައި ޓަކި ޖަހައިލީމެވެ. ވިއާން ދޮރު ހުޅުވާލައިފައި އަހަރެން ފެނުމުން ހީލިއެވެ. އަހަރެން ވަންނަން ތަން ދެއްކުމުގެ ގޮތުން ބޮޑަށް ދޮރު ހުޅުވާލައިފިއެވެ. ކުރުނބާ ފެންތަށި ހިފައިގެން ގޮސް ބެހެއްޓީ ސައިޑް ކަބަޑް މަތީގައެވެ.

"ތިއޯ؟ ކޯޗެއް؟ މަށައްތަ؟" ވިއާން އެހިއެވެ. ކަޅު ކުލައިގެ އަތްދިގު ޓީޝާޓަކާ ހަމަ އެކުލައިގެ ޓްރެކްޝޫޓުގައި ހުރި ވިއާން އެހިއެވެ. އަހަރެން ބޯޖަހަލާފައި އައިސް ހުއްޓުނީ ވިއާން ގެ ކުރިމަތީގައެވެ. ވިއާންގެ ތުންފަތް މަތީގައިވީ ހިނިތުންވުމެކެވެ.

"ސީރިޔަސްލީ. ޝުކުރިއްޔާ" ވިއާން ބުނެލިއެވެ.

"މިހާރު ކިހިނެއް؟ ރަނގަޅުތަ؟ ސޮރީ އެގަޑީގަ ހާލުވެސް އަހައިނުލެވުނީމަ" އަހަރެން ބުނީމެވެ. ވިއާންގެ މޫނުމަތިން ހައިރާންކަމެއް ފެނުނެވެ. ހީލާފައި އައިސް އެނދުގައި އިށީނދެފައި އަހަރެންނަށް ބަލައިލިއެވެ.

"ކާކު ބުނީ އަހަރެންނަށް ކަމެއްވެއްޖޭ. މާމަ ތަ؟" ވިއާން އެހިއެވެ.

"މީހަކު ނުބުންޏަސް އިނގިދާނެއްނު" އަހަރެން ބުނީމެވެ.

ކޮޓަރިން ނިކުމެގެން ބަދިގެ އާ ދިމާލަށް ދިޔައިރު އަނެއްކާވެސް އަހަރެންގެ ހިތުގައި ސުވާލުތަކެއް އުފެދިއްޖެއެވެ. ވިއާންގެ ވާހަކަތަކުން ވިއާން ބައްޔެއް ނޫނެވެ. ވިއާން ބަލިހެން ހީވީ އަހަރެންނަށެވެ. އެއްވެސްކަމަކާ ނުލާ ކުރުނބާ ގަނެގެން ވިއާނަށް ދެވިއްޖެއެވެ. ނަސީބަކުން ކުރުނބާ ވީ ވިއާނަށް އެންމެ މީރު ބުއިމަށެވެ. އެހެންވީމަ ބޭކާރު ނުވީތާއެވެ.

އަހަރެން ބަދިގެއަށް ގޮސް ވަންއިރު މާމަ އުޅުނެވެ. ފުރިޖު ހުޅުވާލާފައި ފެންފުޅި ހިފައިގެން ގޮސް އަހަރެން މޭޒު ކައިރީގައި އިށީންތަނާ މާމަ ގޮވައިލައިފިއެވެ.

"މިހާރު ބަލި ކުއްޖާއަށް ކުރުނބާ ދެވުނީތަ؟" މާމަ އެހިއެވެ. އަހަރެން މާމައަށް ބަލައިލާފައި ބޯޖަހައިލީމެވެ.

"އެކަމު ވިއާން ބުނީ ބައްޔެއްނޫނޭ" އަހަރެން ބުނީމެވެ. މާމަ ހީލާފައި ތައްޓަކާ ވަޅިއެއް ހިފައިގެން އައިސް އަހަރެން ކައިރީގައި އިށީނެވެ.

"ކީއްވެ މަލްއަށް ހީވީ ވިއާން ބައްޔޭ" މާމަ އެހިއެވެ.

"ދެން އިނގުނީ. އެއްކަލަ ގަޑީގަ މާމަ ބުނެގެން ފޯނު ދޭން ގޮސް ހުއްޓަ ވިއާންގެ ފޯނަށް އައި ޑޮކްޓަރެއްގެ ކޯލެއް. މެޑިކަލް ޑޮކިޔުމަންޓްސް ވެސް ހުރި" އަހަރެން އޮޅުންފިލުވައިދިނީމެވެ.

"ހެހެ... ވިއާން ހަމަ ރަނގަޅޭ" މާމަ ބުނެލީ އެވަރަށެވެ. އެއަށް ވުރެ އިތުރަށް މާމަ ބުނެނުދިނީ ކީއްވެގެން ހެއްޔެވެ؟ ވިއާނާ ގުޅިގެން އަހަރެން އިނގެން ބޭނުންވާ ކިތަންމެ ކަމެއް އެބަހުއްޓެވެ. މާމަ ކައިރީގައި އަހަރެން އޮޅުންފިލުވަންވީ ހެއްޔެވެ؟

"މާމާ!" އަހަރެން މާމައަށް ގޮވައިލީ ވިއާންގެ ވާހަކަތައް އެހުމަށެވެ.

މާމާ 'ހޫނ' އެއް ލައްވައިލީމަ އަހަރެން އިރުކޮޅަކު ހިމޭނުން އިނީ އެވާހަކަ ފަށާނެ ކޮޅެއް ނޭނގިފައެވެ.

"ގެނޭ އަޅުގަނޑު އަތަށް" މާމަ އަތުން ތައްޓާ ވަޅި އަތުލަމުން އަހަރެން ބުނީމެވެ.

"މިއީ ފިސާރި ދަރިއެއް" މާމަ އެހެން ބުނެލާފައި ގޮނޑިން ތެދުވެގެން ހިނގައިގަތެވެ. މާމަ ދިޔަ ދިމާ ބަލަން ހުރެފައި އަހަރެންނަށް ދެފަރާތަށް ބޯ ހޫރާލެވިއްޖެއެވެ. މާމަ ހީކޮށްފާނެ އެއްޗެއް ނޭނގޭތީ ފަހު ވަގުތު އަހަން ނުކެރުނީއެވެ. އަހަރެންގެ ފިނޑިކަމާއެވެ.

ޖެހިގެން އައި ދުވަހު ޝާހިދު ޑިޔުޓީއަށް ދިޔައީ އަހަރެން ބުނި ބުނުމަކަށް އޭނާގެ ލެޕްޓޮޕް އަހަރެން އަތަށް ދީފައެވެ. ބަދިގޭ ހުރިހާ މަސައްކަތްތަކެއް ނިންމާލާފައި އަހަރެން ކޮޓަރިއަށް ވަދެ އެނދަށް އަރާ އިނީ ލެޕްޓޮޕް ހުޅުވައިގެންނެވެ. އެންމެ ފުރަތަމަވެސް އަހަރެން ބޭނުންވީ ފޭސްބުކު ބަލާލާހިތެވެ. ރާއްޖޭގެ ހާލަތު ބަލައިނުލާތާ ހާދަ ދުވަހެއް ވެއްޖެއެވެ. ފޭސްބުކަށް ލޮގިންވެލިތަނާ އެންމެ ފުރަތަމަވެސް އަހަރެންގެ ދެލޮލުގެ ސަމާލުކަން ހޯދީ ޒިޔާނާ ފަހުން ކުރި ކައިވެނި ރޭގައި އަންހެންކުއްޖަކާއެކު ނަގާފައިވާ ފޮޓޮއެވެ. އެއީ ތަހުމީނާއެއް ނޫނެވެ. އެހެންނަމަވެސް އެ އަންހެންކުއްޖާ އަހަރެން އިނގުނެވެ. އެއީ ގޭދޮށު ފިރާޝާގެ ދަރި ފަރީހާއެވެ. އަހަރެންނާ ނުލާހިކު ގުޅިގެން އުޅުނު ކުއްޖެކެވެ. ފަހު ވަގުތު އަހަރެންގެ ކަރަށް ފައިން އަރާފައި އަހަރެންނަށް ދިން ކެހި ނިކަން ދެކިބަލާށެވެ. އަތުގެ އެއްފުށުގައި ހިނގާ ކަންތައްތައް އަނެއް ފުށަށް ނޭނގޭނޭ ބުނާ ބުނުމަކީ ހަމަ ތެދެކެވެ. ކޮންމެގޮތެއް ވިޔަސް އެހިސާބުން އިނގިލި ހުއްޓުމަކަށް އައެވެ. ތިރިއަށް ސްކްރޯލް ނުކުރެވުނެވެ. ޒިޔާންގެ މޫނަށް ބަލަހައްޓައިގެން އިނދެވުނެވެ. އަހަރެންނަށް ނުވެސް އިނގި ދެލޯ ކަރުނުން ފުރިއްޖެއެވެ. ގަބޫލުނުކުރަން ބޭނުންނުވިޔަސް ހިތަށް ތަދުވެއްޖެއެވެ. ޒިޔާން އަހަރެން ނިކަމެތިކޮށް ގެއިން ނެރެލި ދުވަސް ހިތުގައި ތާޒާވެލައިފިއެވެ. ހިތްވަރުކޮށްފައި ކޮމެންޓް ބައި ހުޅުވައިލިއިރު ޒިޔާނަށް މީހުން މަލާމާތްކޮށްފައި ހުއްޓެވެ. އޮފީހުގައި އަހަރެންނާއެކު އުޅުުނު އެކުވެރިން އެއްޗެހި ގޮވާފައި ހުއްޓެވެ. އާ ކައިވެނީގެ މަރުހަބާ ޒިޔާނަށް ކިޔާފައި ހުރީ މަދު މީހެކެވެ. މެސެޖްތައް ބަލައިލުމާއެކު ބޮލަށް އެނބުރުން އެރިއެވެ. އެތައް ބަޔަކު އަހަރެން ވީތަނެއް ހޯދަން މެސެޖްކޮށްފައި ހުއްޓެވެ. ފަހަރަކު މީހެއްގެ މެސެޖްތައް ކިޔާ ވަރަށް ވުރެ ގިނަކަމުން އެވަގުތު އަހަރެން ކަންނެތްވިއެވެ. އެހެންނަމަވެސް އެންމެ ގާތްކޮށް އުޅުނު ދެތިން އެކުވެރިންނަށް ވަކިވަކިން މެސެޖްކޮށްލާފައި އަހަރެން ހުރިތަނަކާ ހާލު ރަނގަޅުކަމަށް ލިޔެ ޖަވާބު ފޮނުވީމެވެ.

ޝާހިދުގެ ކޮޓަރިއަށް ލެޕްޓޮޕް ލާފައި ކޮޓަރިން ނިކުތް ވަގުތު އެރުނީ ވިއާންގެ ކުރި މައްޗަށެވެ. އަހަރެން ފެނުމާއެކު ވިއާންގެ ފިިޔަވަޅުތަކަށް ހުއްޓުމެއް އައެވެ.

"ސައި ހަދަންވީ ދޯ. ވަރަށް މީރުކޮށް މިރުހުލީ ބިސް ހަދާފަ ހުންނާނެ" މީހެއްގެ އަތުން ސައި ހަދައިގެން ބޯން ވިއާން ބޭނުންނުވާނެކަން އިނގޭ އިރުވެސް އަހަރެން އެހީމެވެ.

"ނޫން. މަލް ބިޒީ ނޫނިއްޔާ ހިނގާބަލަ. އެބައިން ކުޑަ ވާހަކައެއް ދައްކަންވެފަ" ވިއާން ބުންޏެވެ. ވިއާން ފަސްދީ ދިޔުމުން އަހަރެން ކައިރިއަށް ހިނިއައެވެ. އަހަރެން ފެނުމާއެކު ވިއާން ހުންނާނީ ވާހަކައެއް ދައްކަންވެފައޭ ހިތަށް އެރިއެވެ. ކޮޓަރިއަށް ދިޔުމުގެ ބަދަލުގައި އަހަރެން ބަދިގެއަށް ވަންއިރު ބިސް ހަދާފައި ހުރި ތާސް ކައިރީގައި ވިއާން ކޮޅަށް ހުއްޓެވެ. އަތުގައި އޮތް ތަށީގެ ތެރެއަށް ދެ ބިސް ލައިގެން އައިސް މޭޒު ކައިރީގައި އިށީނދއްޖެއެވެ.

"މާމަ ބުނި މަލް ކިޔަވަން ބޭނުންވާ ވާހަކަ"

"އާނ ބުނިން"

"ކޮލެޖެއް ބަލައިފިންތަ؟ ވިއާން އެހިއެވެ. އަހަރެން ދެފަރާތަށް ބޯހޫރާލީމެވެ.

"އަހަރެން ބަލާނަން އިނގޭ ރަނގަޅު ތަނެއް"

"ވަރަށް އަގު ބޮޑުވާނެތަ؟" ނާހަން ހުރެފައިވެސް އަހަރެން އެހީމެވެ.

"ހެހެހެ... މަލް ހާދަ ދުރަކަށޭ ތި ވިސްނާލީ. ބުނަން. މަލް ކިޔަވާނީ. ޖާދުލުގެ ބާރުން ކޯހުގެ ފީ އާ ހުރިހާ ކަމެއް ހަމަޖެހޭނެ" ވިއާން ބުނެލިއެވެ.

"އެކަމު.. އެންމެ ފުރަތަމަ މަލް ސައިކަލް ދުއްވަން ދަސްކުރަންވީނުން. ހިނގާ އަހަރެން ދަސްކޮށްދޭނަން" ވިއާން ބުނެލިއެވެ.

"ޔާރައްބީ. މާލޭގަ ސައިކަލް ދުއްވަނިކޮށް އަހަރެން މަރުވެދާނެއްނު" އަހަރެން ބުނީމެވެ.

"އަހަރެން ހުންނާނަމޭ މަލް ކައިރީގަ. މި އެކުވެރިޔާއަށް އިތުބާރުކުރޭ. އަހަރެން ވެއްޓިފަ މަލް ވެއްޓޭނީ" ޔަގީންކަމާއެކު ވިއާން ބުނެލިއެވެ.

ނިދަން އޮށޯވެފައި އަހަރެން ވިސްނީމެވެ. ގެއެއްގެ ތެރޭގައި މިގޮތަށް އެއްވެސް ކަމެއްނެތި އިނުމަށް ވުރެ ތިމާއަށް ލިބިފައި ހުރި އިލްމެއްގެ ބޭނުން ކުރިއްޔާ މާ ރަނގަޅުވާނެއެވެ. ވިއާން ބުނިހެން ސައިކަލް ދުއްވަންވެސް ދަސްކުރަންވީއެވެ. މީހެއްގެ އެހީތެރިކަމާނުލާ މާދަމާވެސް އުޅެން ޖެހިދާނެކަން އަހަރެންނަށް ވުރެ ބޮޑަށް ވަކި އިނގޭނީ ކާކަށް ހެއްޔެވެ؟ އެހެންނޫނަސް ސައިކަލް ދުއްވަން ދަސްކުރުމާ ފަހަން ދަސްކުރުމާ މޮޅު ކެއްކުންތެރިއަކަށް ވުމާ ކިތަންމެ ކުޑަ ނަމަވެސް އަމިއްލަ ވިޔަފާރިއެއް ފެށުމަކީ އަހަރެން ކުރަން ބޭނުންވާ ކަންކަމުގެ މައްޗަށް ބިނާކޮށް އަހަރެން ހެދި ލިސްޓުގައިވާ ކަންކަމެވެ. އެކަންކަން ކޮށްދިނުމަށް އަހަރެންގެ ފަހަތުގައި މީހަކު ހުރިނަމަ ފަސްޖެހެންވީ ކީއްކުރަން ހެއްޔެވެ؟ ވިއާންގެ އަނދިރިފަރާތް ހޯދޭނީ އޭނާ އާ ގުޅުން ބަދަހިކޮށް ގާތްވި ވަރަކުންނެވެ. އެއްފަރާތަށް ފުރޮޅިލާފައި ބާލީސް ދަށުގައި އޮތް ފޯނު ނަގާފައި ބަލައިލީމެވެ. އެއީ ވިއާން އަހަރެންނަށް ދިން ފުރަތަމަ ހަދިޔާއަށް ވީތީ އެ ފޯނު އަހަރެން ގެންގުޅެނީ ވަރަށް ބަލައިގެންނެވެ. ފޯނަށް ބޭނުންވާ ހުރިހާ އެޕްތަކެއް އެޅުނީ މިއަދުއެވެ. އެހެންކަމުން އަހަރެން ފޯނާ ކުޅެލަން އިރުކޮޅަކު އޮވެލަން ބޭނުންވިއެވެ. ސޭވްކޮށްފައިވާ ނަންބަރުތަކަށް ބަލައިލާފައި އަހަރެންނަށް ލިބުނީ ހައިރާންކަމެވެ. ބާލީސް މަތީގައި އޮވެފައި ކުއްލިއަކަށް ތެދުވެވިއްޖެއެވެ. މުޅި ފޯނުގައިވެސް ސޭވްކޮށްފައި އިނީ ދެ ނަންބަރެވެ. މާމަގެ ނަންބަރާ ޝާހިދުގެ ނަންބަރެވެ. ވިއާންގެ ނަންބަރު އޭނާ ސޭވް ނުކުރީ ކީއްވެގެން ހެއްޔެވެ؟ އަހަރެންނާ ނަންބަރު ހިއްސާކުރަން ބޭނުންނުވަނީ ހެއްޔެވެ؟ އަހަރެންނަކީ އާއިލާ މެންބަރެކޭ ބުނީވެސް ހުދު ވިއާނެވެ. ވީއިރު އެހާ ދުރުކޮށްލީ ކީއްވެގެން ހެއްެޔެވެ؟ ކޮންމެގޮތެއް ވިޔަސް ވިއާން އެގޮތަށް ކަންތައް ކުރުމުން އަހަރެންގެ ހިތުގައި ރިހުމެއް އުފެދިއްޖެއެވެ.

(ނުނިމޭ)