އެޗްޕީއޭގެ ގައިޑްލައިނުގައި ބުނާ ބެކަޕް ނެތި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ވޯޓުލުން ފަށައިފިނަމަ ލަނޑެއް ލިބިދާނެ ކަމަަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނާއިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުން ހަބީބު ވިދާޅުވީ، އިންތިހާބު ބޭއްވުމަށް އެޗްޕީއޭ އިން އެކުލަވާލި ގައިޑްލައިނުގައި އިންތިހާބުގެ ކަންތައްތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ ބެކަޕް ފޯސް އެއް އޮންނަން ޖެހޭނެ ކަމަށް ބުނެފައިވާތީ އެކަމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ބަޖެޓާ ބެހޭ މައުލޫމާތު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް ވިދާޅުވި އެވެ.

ހަބީބު ވިދާޅުވީ، އެކަމަށް ބޭނުންވާ ބަޖެޓް ލިބެންދެން މިހާރު އިންތިހާބަށް ތައްޔާރުވުމުގެ ކަންތައް ކުރިއަށް ގެންދަނީ ކުރިން ދީފައިވާ ބަޖެޓުން ކަމަށެވެ. އަދި ބެކަޕް ފޯސްގެ ކަންތައް ކުރިއަށް ގެންދެވޭނީ އިތުރަށް ބޭނުންވާ ބަޖެޓް ލިބިގެން ކަމަށް ވެސް ވިދާޅުވިއެވެ.

ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު ބޭއްވުމަށް 51 މިލިއަން ރުފިޔާގެ ބަޖެޓެއް އީސީއަށް ދީފައިވާއިރު، އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އިންތިހާބު ބާއްވަން އިތުރަށް 42.8 މިލިއަން ރުފިޔާގެ ބަޖެޓެއް ބޭނުންވާ ކަމަށް އީސީންގެ ރައީސް އަހުމަދު ޝަރީފް ވަނީ ވިދާޅުވެފަ އެވެ.

ހަބީބު ވިދާޅުވީ ކޮވިޑުގެ ތެރޭގައި އިންތިހާބު ބާއްވާއިރު ގައިޑްލައިނުގައި ބުނާ ގޮތަށް އިންތިހާބުގެ ކަންތައް ކުރިއަށް ގެންދިއުމަށް އޮފިޝަލުންނަށް ވެސް ރަނގަޅު ތަމްރީނުތަކެއް ދޭންޖެހޭ ކަމަށެވެ. އަދި އިތުރު އޮފިޝަލުން ނެގުމުގެ މަސައްކަތް އަންނަ ހަފުތާގައި ފަށާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ބެކަޕް ނެތިއްޔާ ލަނޑެއް ލިބިދާނެ، މިސާލަކަށް އަތޮޅަކަށް ފޮނުވަން ނިންމާފައިވާ ދެ އޮފިޝަލުން ޕޮޒިޓިވް ވެއްޖެއްޔާ އެ ނިމުނީ. އެއީ އެކަމަށް ތަމްރީނު ކޮށްފައި ތިބި މީހެއް ދެން ނުހުންނާނެތީ. ނަމަވެސް އަންނަ ހަފުތާގައި ވެސް އިތުރު އޮފިޝަލުން ހޯދަން އިއުލާން ކުރާނެ،" ހަބީބު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، މިހާތަނަށް ބޭއްވި ޑަމީ ވޯޓިންގެ ނަތީޖާއަށް ބަލާއިރު ހަތަރު ގަޑިއިރުގެ ތެރޭގައި 300 ވޯޓު ގުނައި ނިންމައި ލެވޭނެ އެވެ. އަދި އެފަރާތްތަަކަށް ދޭ ތަމްރީނު އިތުރަށް ރަނގަޅުކޮށްފިނަމަ އެއަށްވުރެ ރަނގަޅު ނަތީޖާއެއް ފެންނާނެ ކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރުން މިފަހަރު ކޮންމެ ވޯޓު ފޮއްޓަކަށް 500 މީހުންނަށް ވޯޓު ލެވޭނެ އިންތިޒާމު ހަމަޖައްސަން ނިންމާފައިވާއިރު، ގިނަ ވެގެން ވޯޓު ފޮއްޓަކަށް ލާނެ ކަމަށް ބެލެވެނީ 400 ވޯޓު ކަމަށް ވެސް ހަބީބު ވިދާޅުވިއެވެ.