''ލޭގެ ޓެސްޓްގައި މައްސަލަތައް އެބަހުރި...'' ޑޮކްޓަރު ރާޖް ފެށިއެވެ.

ސިހުމުގެ އަސަރުތައް ޝައިހާގެ މޫނުމަތިން ފެނުނެވެ. ދެލޯ ވެސް ބޮޑުކޮށްލެވުނެވެ. އޭގެ މާނަ ނަގައިނުގަނެވުނު ނަދީމާއަށް ވާނުވާއެނގޭ ގޮތެއް ނުވިއެވެ.

''މިހާރު ޔަޤީންކުރަން އިތުރު ޓެސްޓްތަކެއް ހަދަން ދީފިން، އެއަށްފަހު ޔަޤީންކަމާއެކު ބުނަން އެނގޭނީ...'' ޑޮކްޓަރު ރާޖް ބުނެލިއެވެ. ''ޕޭޝަންޓް ގާތު ނުބުނީ ވެސް ސީރިޔަސް ކަމަކަށް ވާތީ، މެންޓަލީ އަދި ފިކިޒަލީ ވެސް އެފަދަ ވާހަކައެއް އަޑުއެހުމުގެ ކުޅަދާނަކަން ލިބިގެން ނުވާތީ... ޢާއިލާއާ ހިއްސާކޮށްގެން ވަގުތުން ޓްރީޓްމެންޓް ފެށުން އެންމެ ބުއްދިވެރީ... އިތުރު ޓެސްޓްތައް ހެދުމުން ހުރިހާ މައުލޫމާތެއް ސާފުވާނީ، އޭރަށް ޓްރީޓްމެންޓް ކުރިއަށް ގެންދާނެ ގޮތެއް ވެސް ކަނޑައެޅޭނީ...''

''ވަ...ވަޓްސް ޔޯރ ޕްރައިމަރީ ޑައިގްނޯސިސް؟...'' ތުރުތުރުއަޅަމުން ދިޔަ އަޑަކުން ޝައިހާ ސުވާލުކުރިއެވެ. އޭރު ނަދީމާއަށް ވެސް ޑޮކްޓަރުގެ ވާހަކަތައް ފަހުމުވެ ހާސްވެގެން ގޮސް ހިތް ބާރުބާރަށް ތެޅެމުން ދިޔަ އެވެ.

''ލޫކީމިއާ!...''

ކަންފަތަށް އަޑުއިވުނު ޖުމްލަ ޤަބޫލުކުރަން ދަތިވެފައި ނަދީމާއަށް އިނދެވުނެވެ. މަޑުމަޑުން ދެފަރާތަށް ބޯހޫރާލެވުނެވެ. އޭރު އެދެލޯ ފުރެމުން ދިޔައީ ވޭނީ ކަރުނަތަކުންނެވެ. ފުސްވެފައިވާ ދެލޮލުން ޑޮކްޓަރު ރާޖަށް ބަލަން ނަދީމާ އިނެވެ. އެއީ ދޮގެކޭ ބުނުމަށް އާދޭސްކުރާ ހާލުގައެވެ. އެފަދަ ބޮޑު ބިރުވެރިކަމަކާ ކުރިމަތިލުމުގެ ހިތްވަރެއް ލިބިގެން ނުވާތީއެވެ. ނާލާއާއި މެދު ވިސްނެމުން ދިޔަ ވަރަކަށް ނަދީމާގެ ހިތުގެ ވޭން އިތުރުވާން ފެށިއެވެ. އޭނައަށް ގިސްލުމެއްގެ އަޑު ވެސް ބޭރުކޮށްލެވުނެވެ.

''ނޫން...'' ނަދީމާއަށް އަނގަމަތީ އަތްއަޅާލެވުނެވެ. ދެލޮލުން ހޯސްލާފައި ކަރުނަފައިބަމުން ދިޔަ އެވެ. ކުއްލިޔަކަށް ކުރިމަތިވެގެން އައި އަނދިރިކަމާ ކުރިމަތިލާނެ ގޮތެއް ނުވިސްނި ސިކުނޑި ހުއްޓުމަކަށް އަންނަވަރު ވިއެވެ. ކެންސަރު ފަދަ ނުރައްކާތެރި ބައްޔެއްގެ ޝިކާރައަކަށް ނާލާ ވެދާނެކަން ޤަބޫލުކުރަން ނަދީމާގެ ޒަމީރު ދެކޮޅު ހެދިއެވެ. ނާލާ އުޅެމުން އެދާ ހިތާމަވެރި ދުވަސްތަކަށް ފަހު އެއީ އިންސާފުވެރި ގޮތެއް ވެސް ނޫނޭ ނަދީމާގެ ހިތަށް އެރިއެވެ. ނާލާގެ ހާލަތު ބަދަލުވެދާނެކަމުގެ އުއްމީދެއް އޭނައަށް ލިބުނީ މީގެ ކުޑައިރުކޮޅެއް ކުރިންނެވެ. ނަމަވެސް މިހާރު ހާލަތު އެއުޅެނީ ބަދަލުވާން ހެއްޔެވެ؟ ބޮޑު ބިރުވެރިކަމާ ކުރިމަތިލާން ހެއްޔެވެ؟ ނާލާއަށް ދެން ހަމަޖެހުމެއް ލިބުމެއް ނެތީ ހެއްޔެވެ؟ އުފާވެރިކަމުގެ ޒައްރެއްގެ މިންވަރު ވެސް ލިބުމެއް ނެތީ ހެއްޔެވެ؟ މިއީ ކޮންކަހަލަ އިންސާފެއް ހެއްޔެވެ؟

ތަޤުދީރުގެ ނިޔާއާއި މެދު ނަދީމާގެ ހިތުގައި ވަނީ ޝަކުވާތަކެވެ. ރުޅިވެރިކަމެވެ. ހިތާމައަކަށް ފަހު ހިތާމައެއް ނާލާއަށް ލިބެނީ ކީއްވެގެން ހެއްޔެވެ؟ ނާލާގެ ކުށަކީ ކޮބާ ހެއްޔެވެ؟ މިފަދަ ހިތްދަތި ދުވަސްތަކެއް ނޫނީ ނާލާގެ ނަސީބުގައި ނެތީ ހެއްޔެވެ؟

''ތިހެން ވެގެން ނުވާނެ... ޤަބޫލެއް ނުކުރާނަން، ކީއްވެ ކުއްލިޔަކަށް ތިފަދަ ބޮޑު ބައްޔެއް ފެންނަންވީ؟ މިވީހާ ދުވަހު ނާލާ ހުރީ ރަނގަޅަށް، ދެން ކީއްވެ؟... ކީއްވެ އެހެން ވާންވީ؟... އަލުން ޓެސްޓްތައް ހަދާ...'' ނަދީމާއަށް ގިސްލެވުނެވެ. އޭނަގެ އަޑުގައި ހިތާމައާއި ރުޅިވެރިކަން އެކުލެވިގެންވިއެވެ. އިވުނު ބިރުވެރި ޚަބަރާ ކުރިމަތިލާނެ ގޮތެއް ނޭނގުނެވެ.

''އާންޓީ...'' ޖެހިގެން ހުރި ގޮނޑީގައި އިން ޝައިހާއަށް ތެދުވެވުނެވެ. ވަގުތުގެ ނާޒުކުކަން އޭނައަށް ނަގައިގަނެވުނެވެ.

ނަދީމާގެ ގާތަށް ޝައިހާއަށް ޖެހިލެވުނެވެ. އަދި ކޮނޑުގައި އަތް ބާއްވާލިއެވެ.

''ޝައިހާ ބުނެބަލަ!، ކިހިނެއް އެވާހަކަތައް އަހަރެން ޤަބޫލުކުރާނީ؟... ނާލާ ހުރީ ރަނގަޅަށޭ، ދެން ކުއްލިޔަކަށް ކިހިނެއް އެހެން ވާންވީ!...'' ޝައިހާގެ މޫނަށް ބަލައިލަމުން ނަދީމާ ވާހަކަދެއްކިއެވެ. ކޯތާފަތުގައިވި ކަރުނަތައް ވެސް އަތުގެ ނުފުށުން ފޮހެލިއެވެ.

''އާންޓީ...'' ޝައިހާއަށް ބުނެވުނެވެ. ޚުދު އޭނަ ވެސް އެހުރީ އިވުނު ވާހަކަތައް ޤަބޫލުކުރަން ދަތތިވެފައެވެ. އެކުވެރިޔާއާ މެދު އެހިތުގައި ވަނީ ބިރުވެރިކަމެވެ. ނުތަނަވަސްކަމެވެ. މާޔޫސްކަމެވެ. ކަން އެހެން އޮތް އިރު މަޔެއްގެ ހިތަށް ކުރާނެ ފުންއަސަރުތައް ޝައިހާއަށް ކޮންމެވެސް ވަރަކަށް އަންދާޒާ ކުރެވުނެވެ. ދެރަވެސް ވިއެވެ. ނަމަވެސް އެހަޤީޤަތާއި ކުރިމަތިލުން ނޫން އިތުރު ގޮތެއް ވެސް ނެތެވެ. ކުރިއަށް އޮތީ ބަނަ ދުވަސްތަކެވެ. ރާސްތާގައި ވަނީ އަޑިގުޑަންތަކެވެ. ނާލާގެ ހިތްވަރެއް ކަމުގައި އެންމެން ވާން ޖެހޭނެއެވެ. ކެންސަރަކީ ކޮންފަދަ ބިރުބޮޑު ކަމެއްކަން، އެބަލި ތަހައްމަލު ކުރި މީހަކަށް މެނުވީ ނޭނގޭނެއެވެ. ކެންސަރަށް ވުރެން މީހާ ބޮޑަށް ބަލިކަށިވެގެން ދާނީ ނަފްސާނީ ގޮތުންނެވެ. ބަލީގެ ބިރުވެރިކަމާ މެދު ވިސްނޭވަރުންނެވެ. މިހާރު ވެސް ނާލާ އެހުރީ ނާޒުކު ފަތްތަރެއްގެ މަތީގައެވެ. އެޚަބަރު ނާލާއަށް ލިބުމުން ވެދާނެ ގޮތަކާ މެދު ވިސްނި ޝައިހާގެ ލޮލުން ވެސް ކަރުނަ ހިލެން ފެށިއެވެ.

''މިއީ އުނދަގޫ ވަގުތެއްކަން އިނގޭ، އިތުރު ޓެސްޓްތައް ހެދުމުން އަޅުގަނޑަށް އިތުރަށް ބައްޔާ މެދު އެއްޗެއް ބުނަން އެނގޭނީ...'' މަޑުމައިތިރި އަޑަކުން ޑޮކްޓަރު ރާޖް ވާހަކަދެއްކިއެވެ. އަދި ނަދީމާގެ އިތުރުން ޝައިހާގެ ހިތަށް ވެސް އުއްމީދެއް ގެނެސްދެވޭތޯ ބެލިއެވެ.

ނަދީމާއަށް ރޮވެނީއެވެ. ފާއިތުވެގެންދާ ކޮންމެ މިނެޓަކާއެކު އިތުރު ވޭނެއް އެހިތަށް ލިބެމުން ދިޔަ އެވެ. އިންކާރުކޮށް ހަޅޭއްލެވިޔަސް ހަޤީޤަތް ބަދަލުނުވާނެކަމުގެ ހިތިކަމާ ކުރިމަތިލާން އޭނައަށް މަޖުބޫރު ވެއްޖެއެވެ. އެހެންނޫންނަމަ އަލިމަގެއް ނުފެންނާނެއެވެ. އިތުރު ހާސްކަމެއް މެނުވީ ނުލިބޭނެއެވެ. މި ދަތިއުނދަގޫ ވަގުތު ނާލާގެ ހިތްވަރެއްކަމުގައި ވާން އޭނަ ނުހަނު ބޭނުންވިއެވެ. ނަމަވެސް އޭނައަށް އެކަން ހާސިލް ކުރެވިދާނެ ހެއްޔެވެ؟ ލޯކުރިމަތިން ދަރިފުޅު ބަލިކަށިވެ ނިކަމެތިވެގެން ހިނގައިދާ މަންޒަރު ބެލުމުގެ ކުޅަދާނަކަން އޭނައަށް ލިބޭނެ ހެއްޔެވެ؟ ދަރިފުޅަށް މަދަދުވެރިކަން ފޯރުކޮށްދީ ގާތުގައި އޭނައަށް ހުރެވިދާނެ ހެއްޔެވެ؟ ދަރިފުޅުގެ ވޭނާއި ކެކުޅުންތައް އިތުރަށް ދެކެން އެމައިލަނގޮޑިއަށް ކެތްކުރެވޭނެ ހެއްޔެވެ؟

ރޮމުން ދިޔަ ނަދީމާ ހަމައަކަށް އެޅެން ޑޮކްޓަރު ރާޖް ވަގުތު ދިނެވެ. ވާހަކަތައް ކުރިއަށް ގެންދަން ފެށީ އެއަށްފަހުގައެވެ. ކެންސަރާއި މެދު ނަދީމާގެ ހިތުގައި އޮތް ބިރުވެރިކަމާއި ޖެހިލުންވުމަށް ނިމުމެއް ގެނެސްދީ، ފަރުވާގެ އެހީގައި އުއްމީދެއް ގެނެސްދެވޭތޯ މަސައްކަތްކުރިއެވެ.

''ކެންސަރުގެ ސްޓޭޖް ދެނެގަނެވުމުން ފަރުވާއާ މެދު އަވަސް ޕްލޭނެއް އަޅުގަނޑުމެނަށް ނިންމާލެވޭނެ... އޭރަށް ޕޭޝަންޓަށް ބޭނުންވާ ފަރުވާ ލަސްނުދޮށް ދެވެން ފެށޭނީ... ކެންސަރޭ ބުނުމުން ކޮންމެ މީހަކަށް ވެސް ލިބޭނީ ބިރުވެރިކަން، ފުރަތަމަ ވެސް ޚިޔާލަށް ގެނެވޭނީ އެންމެ ގޯސް ނަތީޖާ... އެކަމަކު އެއީ ވެސް މުޅިން ރަނގަޅު ގޮތެއް ނޫން، އޭރަށް މީހާ އިތުރަށް ބަލިކަށިވާނެ، ނުރަނގަޅު ނަތީޖާއާ މެދު ވިސްނުން ހިންގައި ހާސްވުމަށް ވުރެން ހާލަތު ބަދަލުކުރެވޭނެ ގޮތްތަކާ މެދު ވިސްނަން ވާނީ... ބައްޔަށް އަވަސް ފަރުވާ ދެވުމުން އަވަހަށް ރަނގަޅުވާން ފުރުސަތު ލިބޭނެ... މިހާރު އަޅުގަނޑު ބަލަން ބޭނުންވަނީ ކެންސަރުގެ ސްޓޭޖް... މިހާރު ހަދަން ދީފައި ހުރި ޓެސްޓްތަކުން އެކަން ދެނަގަނެވޭނެ، އޭރަށް އިތުރު ޑޮކްޓަރުންގެ ލަފަޔާއެކު ފަރުވާގެ ޕްލޭން ހަމަޖެހިގެން ދާނެ، އެއްވެސް ހިނދެއްގައި އުއްމީދު ގެއްލުވާލައިގެން ނުވާނެ، އެހެން ނޫންނަމަ އިތުރު ހާސްކަމެއް ލިބޭނީ...'' ދެވެން ހުރި ހުރިހާ ފަރުވާއަކާއި ކެންސަރު އެކުލެވިގެންވާ މަރުހަލާތަކުގެ މަޢުލޫމާތުތައް ވެސް ޑޮކްޓަރު ރާޖް ފޯރުކޮށްދިނެވެ. އަދި ވަކިވަކި މަރުހަލާތަކަށް ދެވޭނެ ފަރުވާތަކާ މެދު ވެސް ވާހަކަދެއްކިއެވެ. ނަފުސާނީ ގޮތުން ބަލިކަށިވެއްޖެނަމަ ބަލިމީހާއަށް ފޯރުކޮށްދެވޭނެ މަދަދުވެރިކަމާއި، ބަލިމީހާއާއެކުވާ މީހުން ހިތްވަރުކުރަންޖެހޭނެ މިންވަރާ މެދު ވެސް އަޅިއަޅުވާލިއެވެ. ވަގުތު ކިތަންމެ ނާޒުކަސް ފަރުވާއާ މެދު އުއްމީދުކަނޑާނުލުމަށް ވެސް އިރުޝާދު ދިނެވެ. އަހަރުތަކަށް ދެމިގެން ދިޔަކަމުގައި ވިޔަސް ފަރުވާ ލިބޭނެކަން އަބަދުވެސް ހިތުގައި ބޭއްވުމަށް ބުންޏެވެ. އޭރަށް ހުރިހާ އިމްތިހާނަކާ ކުރިމަތިލާން ފަސޭހަވާނެތީއެވެ.

''ކޮންއިރަކުންތޯ ބާކީ ހުރި ޓެސްޓްތަކުގެ ނަތީޖާ ލިބޭނީ؟...'' އެތެރެއަށް ނޭފަތް ދަމާލަމުން ނަދީމާ ސުވާލުކުރިއެވެ. އެއަޑު ވަނީ ކުރެހިފައެވެ. ދެލޮލުގައި ކަރުނަތަކުގެ އަސަރު ވިޔަސް މިހާރު ނަދީމާ ވަނީ ހަމައަކަށް އެޅިފައެވެ. ޑޮކްޓަރު ރާޖްގެ ވާހަކަތަކުން އެދިލަ ހިތަށް ފިނިކަމެއް ލިބުނީތީއެވެ. ހިތުގެ ބިރުވެރިކަމާ ކުރިމަތިލާނެ މަގެއް ފަހިވެގެން ގޮސްފިއެވެ.

''ދެދުވަހެއްގެ ތެރޭގައި ނަތީޖާ ލިބޭނެ...'' ޑޮކްޓަރު ރާޖް ބުންޏެވެ. ''ނަތީޖާ ލިބުނުހާ އަވަހަކަށް ފަރުވާއާ ބެހޭ މަޢުލޫމާތު ފޯރުކޮށްދެވޭނެ...''

ނަދީމާއަށް ހަށިފުރާ ފުންނޭވާއެއް ދޫކޮށްލެވުނެވެ. ޝުކުރުގެ ބެލުމެއް ޑޮކްޓަރަށް ދެމުން ނަދީމާ ގޮނޑިން ތެދުވެލިއެވެ. އެވަގުތު ނަދީމާގެ ކޮނޑުގައި ޝައިހާއަށް ހިފަހައްޓާލެވުނެވެ. ނަދީމާ އަރިއަޅާލަފާނެތީ ޝައިހާ ހުރީ ވިސްނައިގެންނެވެ.

*****

ބަލިމީހުންބަލާ ކޮޓަރިން ނިކުމެވުމާއެކު ނަދީމާގެ މޫނަށް ވެރިވީ އުދާސްކަމެވެ. ނާލާއާ ކުރިމަތިލާނެ ގޮތެއް ނޭނގި އިސްޖަހާލެވިއްޖެއެވެ. ސިކުނޑީގައި ހަލުވިކަމާއެކު ބުރުޖަހަމުން ދިޔައީ ކެންސަރުގެ ޚިޔާލުތަކެވެ. އޭނަގެ މާމަ މިދުނިޔެއާ ވަކިވެގެން ދިޔައީ ވެސް ކެންސަރުގެ ވޭނުގައެވެ. އެހާ ބޮޑަށް ހިތުގައި ބިރުވެރިކަން އުފެދިފައިވަނީ ވެސް އެސަބަބާ ހުރެއެވެ. މާމަ އުފުލި ވޭނާއި ހޭދަކުރި ހިތްދަތި ދުވަސްތައް ލޯކުރިމަތިން ތަމްސީލުވާން ފެށިއެވެ. އެފަދަ ދުވަހެއް ތަކުރާރުވާން އޭނަގެ ހިތެއް ނޭދުނެވެ. ލޯބިވާ ދަރިފުޅު ކެންސަރުގެ ވޭނުގައި އުޅޭ މަންޒަރު ދެކެން ކެތެއް ވެސް ނުވާނެއެވެ.

''ޝައިހާ ދާން ވީނު ނާލާ ގާތަށް...'' ހާސްވެފައި ހުރި ސިކުނޑީގެ ސަބަބުން ނާލާގެ ގާތަށް ދިއުމުގެ ހިތްވަރެއް ނަދީމާއަކަށް ނުލިބުނެވެ. ހަޤީޤަތުގައި ނާލާއަށް އެއްވެސް ކަމެއްގެ ހިލަންވާން ނަދީމާގެ ޒަމީރު ދެކޮޅު ހެދިއެވެ. އެޚަބަރު ނާލާ ނަގައިގަންނާނެ ގޮތެއް ނޭނގި ހިތް ބިރުވެރިކަން ވަށާލައިފިއެވެ.

''އެކަމަކު...'' ހުރި ހާލަތަށް ނަދީމާ ދޫކޮށްފައި ދިއުން އެއީ ބުއްދިވެރި ކަމެއް ނޫނޭ ޝައިހާގެ ހިތަށް އެރިއެވެ. ކަންބޮޑުވުން ފާޅުކޮށްލެވުނީ އެހެންވެއެވެ.

''ދޭބަލަ...'' ނަދީމާ ތަކުރާރުކޮށްލިއެވެ.

މޮޅިވެރިކަމާއެކު ނަދީމާއަށް ޝައިހާ ބަލައިލިއެވެ. އޭނަ ވެސް ހުރީ ނާލާއާ މެދު ފިކުރުބޮޑުވެފައެވެ. ހަށިފުރާ ފުންނޭވާއެއް ދޫކޮށްލަމުން ނާލާ ބާއްވާފައި އޮތް ކޮޓަރިއަށް ޝައިހާ ވަނީ، ބޭރުގައި ހުރި ގޮނޑިބަރިއެއްގައި ނަދީމާ އިށީނުމުންނެވެ. ދޮރުގެ ތަޅުގައި ހިފާލަމުން ފަސްއެނބުރި ނަދީމާއަށް ޝައިހާ ބަލައިލިއެވެ. އުދާސްކަން އެދެލޮލުގައި ވިއެވެ.

*****

ކޮޓަރިއަށް ވަދެވުމާއެކު އެނދުގައި އޮތް ނާލާއަށް ޝައިހާ ފުން ނަޒަރެއް ދިނެވެ. މުޅި ގައިގައި ބަނާތު އަޅައިގެން އޮތް އިރުގައި ވެސް ތުރުތުރުލުމެއް އެހަށިގަނޑުގައި އެކުލެވިގެންވާހެން ޝައިހާއަށް ހީވިއެވެ. އޭ.ސީގެ ރިމޯޓް ނަގައި ފިނި ދަށްކޮށްލިއެވެ. އެއަށްފަހު އެނދު ކައިރީގައި ހުރި ގޮނޑީގައި ޝައިހާ އިށީނެވެ.

''ވައި އިޒް ދިސް ހެޕެނިންގް؟... ފުރަތަމަ ރުހައިމްގެ ފަރާތުން ލިބުނު ހިތްދަތިކަން، ދެން މިކަންތައް!...'' ޝައިހާއަށް ހިތާހިތުން ބުނެވުނެވެ. އެކުވެރިޔާގެ ނަސީބާ މެދު ޝައިހާއަށް ޝަކުވާކޮށްލެވުނެވެ. ނާލާގެ އުފާވެރި ހަޔާތަށް ބިންދާލި އުސްރާޅުތަކުން ވިއްސިވިހާލިވެގެން ދިޔަ ދިރިއުޅުމާ ކުރިމަތިނުލެވެނީސް، އަނެއްކަމަކާ ކުރިމަތިލާން އެވަނީ ޖެހިފައެވެ. އެފަދަ ތަކުލީފަކާ ކުރިމަތިލުމުގެ ހިތްވަރެއް ވެސް ނާލާއަށް ލިބިފައި ނުވެއެވެ. ރުހައިމްގެ ބޭވަފާތެރިކަމުން ނާލާގެ މުޅި ދުނިޔެ އެވަނީ ހުއްޓުމަކަށް އައިސްފައެވެ. ދިރިއުޅުން މަތިން ފޫހިކޮށްލައިފިއެވެ. ނަފުސާނީ ގޮތުން މީހާ ވަނީ ބަލިކަށިވެފައެވެ. އެފަދަ ހާލެއްގައި ވަނިކޮށް ކެންސަރު ފަދަ ބޮޑު ބިރުވެރިކަމާ ކުރިމަތިލާން ވެއްޖެނަމަ ނާލާއަށް ވާނީ ކިހިނެއް ހެއްޔެވެ؟ އެކުވެރިޔާއާ މެދު ވިސްނާވިސްނާ ޝައިހާގެ ލޮލުން ކަރުނަ އަންނަން ފެށިއެވެ. އޭނައަށް ސިފަ ކުރެވުނީ ކޮލެޖްގައި އުޅުނުއިރު ނާލާގެ ފަރާތުން ފެނުނު ހިތްހެޔޮކަމެވެ. އެކުވެރިކަމެވެ. އަބަދު ތުންފަތުގައި ކުޅެލާ ހިނިތުންވުންތަކެވެ. ދިރިއުޅުމުގެ ކަންތަކުގައި އޭނައަށް ދޭ ހެޔޮ ނަސޭހަތްތަކެވެ. ނަމަވެސް މިއަދު އޭނައަށް ފެންނަމުން މިދަނީ މުޅިން ތަފާތު މަންޒަރެކެވެ. ބީރައްޓެހި ކަމެވެ. އުދާސްތަކުން ފުރިގެންވާ މޫނެކެވެ. ހިނިތުންވުން ގެއްލި ހިމޭންވެފައިވާ ތަނެވެ.

އެކުވެރިޔެއްގެ ހައިސިއްޔަތުން ނާލާއަށް މަދަދުވެރިކަމުގެ އަތެއް ދިއްކޮށްލުމުގައި އޭނަ ފެއިލް ވެއްޖެޔޭ ވެސް ޝައިހާގެ ހިތަށް އެރިއެވެ.

''ކީއްވެ؟... ކީއްވެ ނާލާއަށް މިހެން މިވަނީ؟...'' ތަޤުދީރާ މެދު ޝައިހާއަށް ޝަކުވާ ކުރެވުނެވެ.

*****

ބިލާލްއަށް ނަދީމާ ގުޅިތާ ގިނަ އިރެއް ނުވަނީސް އައިސްފިއެވެ. އޭރު ލިބެން އުޅޭ ބިރުވެރި ޚަބަރުގެ ހިލަމެއް ބިލާލްއަކަށް ނުވެއެވެ. އަވަސްއަވަހަށް އޭނަ ހޮސްޕިޓަލަށް އައީ ފޯނުން ވާހަކަދެއްކިއިރުގައި ނަދީމާގެ އަޑުގައި އެކުލެވިގެންވި އުދާސްތަކުގެ ސަބަބުންނެވެ. ނާލާގެ ހާލަތު ގޯސްވީބާވައޭ ވެސް އެހިތަށް އެރިއެވެ.

ކޮޓަރިން ބޭރުގައި ހުރި ނަދީމާ ފެނުމުން ބިލާލްއަށް ލިބުނީ ހައިރާންކަމެވެ. އިސްޖަހާލައިގެން އިންކަމުގައި ވިޔަސް އެމޫނުމަތިން މާޔޫސްކަން ބިލާލް ދުށްޓެވެ. އަވަސްއަވަހަށް ގޮސް ނަދީމާގެ ގާތަށް ހުއްޓުނެވެ. އަދި ގޮވާލިއެވެ.

''ނާލާ އެކަނި ބާއްވާފަ ބޭރުގައި ތީނީ ކީއްވެތަ؟...'' ބިލާލް ސުވާލުކޮށްލިއެވެ.

''ބިލާލް...'' ބިލާލް ފެނުމާއެކު ނަދީމާގެ ލޮލަށް ކަރުނަ ޖަމާވާން ފެށިއެވެ.

''ނަދީމާ...'' ކަންބޮޑުވުމާއެކު ބިލާލް ގޮވާލިއެވެ. ނަދީމާގެ އިން ގޮނޑިއާއި ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ. މަޑުމަޑުން ނަދީމާގެ އަތުގައި ހިފާލިއެވެ.

''ނާލާ... ނާލާ...'' ނަދީމާއަށް ރޮވެން ފެށުނެވެ. ބިލާލްގެ އޯގާތެރިކަން އިހުސާސްކުރެވި ހިތަށް އިތުރަށް އަސަރުކުރިއެވެ. ދަރިފުޅުގެ ހާލު ބިލާލްއަށް އަންގަން ނަދީމާއަށް ދަތިކަމަކަށް ވިއެވެ.

''ނާލާއަށް ކަމެއްވީތަ؟...'' ނުތަނަވަސްކަން ބިލާލްގެ އަޑުގައި ވިއެވެ.

ބިލާލްގެ ސުވާލުތަކަށް ނަދީމާއަށް ޖަވާބެއް ނުދެވުނެވެ. އޭނައަށް ބިލާލްގެ މޭގައި މޫނު ޖައްސާލެވުނެވެ.

ބިލާލްގެ ހާސްކަންވީ އިތުރެވެ. ބޮޑު ކަމެއް ވެއްޖެކަމުގެ އިޝާރަތްތައް އޭނައަށް ލިބެން ފެށިއެވެ. ނަދީމާގެ ކަރުނައާއި އަޑުގައި އެކުލެވިގެންވި ހިތްދަތިކަން އޭނައަށް ތަސައްވަރުކުރެވުނެވެ. މެޔަށް ފިނިވާން ފެށިއެވެ.

''ނަތީޖާތައް ލިބިއްޖެތަ؟...'' ނަދީމާގެ ބުރަކަށީގައި ބިލާލްއަށް ފިރުމާލެވުނެވެ. އޭރު ވެސް ނަދީމާއަށް ރޮވެނީއެވެ.

''ލިބިއްޖެ... އެކަމަކު...'' ވާހަކަ ކުރިއަށް ނުގެންދެވުނީ އަރުބެދުމުންނެވެ. ވާހަކަދައްކަން ވެސް ނަދީމާއަށް ވޭނަކަށް ވެއްޖެއެވެ.

''ނަދީމާ... ވެގެން އުޅޭ ގޮތެއް ބުނެބަލަ... ނާލާއަށް ކަމެއް ވީތަ؟...'' ބިލާލްގެ ހިތް އަވަސްވާން ފެށިއެވެ.

''ކީއްވެ ނާލާއަށް އަބަދު ހިތްދަތިކަން ލިބެނީ؟... މިނޫން ދުވަހެއް ނުފެންނާނީތަ؟...'' ނަދީމާއަށް ޝަކުވާ ކުރެވުނެވެ.

''ނަދީމާ...'' ބިލާލްއަށް ގޮވާލެވުނެވެ. އެއްވެސް އެއްޗެއް އޭނައަށް ސާފުވާ ގޮތެއް ނުވިއެވެ. ހިތުގައި އިތުރު ސުވާލުތަކެއް އުފެދެން ފެށިއެވެ.

''ޑޮކްޓަރު ބުނީ ކީކޭތަ؟...'' ބިލާލްއަށް އަހާލެވުނެވެ.

ނަދީމާގެ ފަރާތުން ޖަވާބެއް ނުލިބި އިރުކޮޅެއް ފާއިތުވެ ދިއުމުން، ނަދީމާ އޭނައާ ދުރަށް ޖައްސާލުމަށްފަހު، މޫނަށް ބިލާލް ބަލައިލިއެވެ. އެމޫނުމަތިން ކިޔައިދެމުން ދިޔައީ ބިރުވެރި ވާހަކަތަކެކެވެ. ބިލާލްއަށް ނޭވާ ހިފަހައްޓާލަން މަޖުބޫރު ވެއްޖެއެވެ.

ނަދީމާއަށް ތިރީތުންފަތުގައި ދަތް އަޅާލެވުނެވެ. ބިލާލްއާ ހަތަރުކަޅި ހަމަކުރަން ޖެހިލުންވެފައި ވަނިކޮށް އޭނަގެ އަތުގައި ބިލާލް ހިފާލިކަމުގެ އިހުސާސް ކުރެވުނެވެ. ބިލާލް ދޫކޮށްލި ފުން ނޭވާގެ ހިލަން ވެސް ވިއެވެ. ޖަވާބެއްގެ އިންތިޒާރުގައި ބިލާލް އިންކަން ނަދީމާއަށް ނަގައިގަނެވުނެވެ. ނަމަވެސް ދުލާ ހަމައަށް ހިތުގެ އުދާސްތައް ގެންނާނެ ގޮތެއް ނޭނގުނެވެ.

ހިމޭންކަމުގެ ސުކޫތެއް ފާއިތުވެގެން ދިޔަ ފަހުން ނަދީމާގެ ތުންފަތް ހަރަކާތްކޮށްލިއެވެ. އިސްޖެހިފައިވާ ހާލުގައި ޑޮކްޓަރުގެ ފަރާތުން ލިބުނު ބިރުވެރި ޚަބަރު ބިލާލްއާއި އޭނަ ހިއްސާކުރިއެވެ.

ސިހުމުގެ އަސަރު ބިލާލްގެ މޫނަށް ވެރިވިއެވެ. ނޭވާލާން ވެސް ހަނދާން ނެތިފައި އިރުކޮޅެއް ވަންދެން އިނދެވުނެވެ. ކަންފަތަށް އިވުނު ޖުމްލަތައް ސިކުނޑިއަށް ދޭހަކުރެވެން އިރުކޮޅެއް ނެގިއެވެ. އެއާއެކު ހިތުގައި އުފެދިގެން އައީ ތޫނު ރިހުމެކެވެ. މުޅި ޖިސްމަށް ސިހުން ގެނުވާފައެވެ.

''ކިހިނެއްތަ މިކަމާ ކުރިމަތިލާނީ؟...'' ރޮމުންރޮމުން ނަދީމާ ބުންޏެވެ. އޭނައަށް ބިލާލްގެ ގައިގައި ބައްދައިގަނެވުނެވެ.

ބިލާލް ވެސް އިނީ ހިމޭންވެފައެވެ. އޭނައަށް ނަދީމާގެ ގައިގައި ދެއަތުން ބާރަށް ބައްދާލެވުނެވެ. ލޮލުގެ ހިމަކޮޅުން ލާފައި ފޭބި ކަރުނައިގެ އިހުސާސް ވެސް ކުރެވުނީ އެދަނޑިވަޅުގައެވެ.

*****

ޖެހިގެން އައި ދުވަހު މާހައުލު ބަދަލުވެއްޖެކަމުގެ އިހުސާސްތައް ނާލާއަށް ކުރެވުނެވެ. މަންމަގެ މޫނު ކުރިއަށްވުރެން ބޮޑަށް މިލައިގެން ގޮސްފިކަން ފާހަގަ ކުރެވުނެވެ. ބައްޕަ ވެސް ކަމަކާ މެދު ފިކުރުބޮޑުވެފައިވާހެން ވެސް މެއެވެ. އެއްވެސް މީހަކު އޭނައާ ހަތަރުކަޅި ހަމަކޮށް ވާހަކަދައްކަން ފަސްޖެހިފައިވާހެން ވެސް ހީވާން ފެށިއެވެ. ކޮންމެ މީހެއްގެ ތުންފަތުގައި ހިތްދަތިކަމުން ފުރިފައިވާ ހިނިތުންވުމެއްވާކަމުގެ ހިލަން ވެސް ވިއެވެ. ނާލާއަށް އެހުރިހާ ކަމަކާ މެދު ވިސްނެން ފެށިއެވެ. އެފަދަ ބަދަލެއް ކުއްލިޔަކަށް އައީ ކީއްވެގެން ހެއްޔެވެ؟ އެއީ އޭނަ އުފުލަމުން އެދާ ހިތާމަތައް ފެނި އައި ބަދަލުތަކެއް ހެއްޔެވެ؟

ޖެހިގެން އައި ދުވަސްތަކުގައި ޢާއިލާ މީހުން އޭނައަށް ޒިޔާރަތްކުރާ މިންވަރު ގިނަވަމުންދާކަން ނާލާއަށް ފާހަގަ ކުރެވެން ފެށިއެވެ. ކޮންމެ މީހެއްގެ މޫނުމަތިން ވެސް މަޔޫސްކަން އޭނައަށް ފެންނަން ފެށިއެވެ. އެއީ އޭނަ އޮތް ނާޒުކު ހާލަތުގެ ސަބަބުން އަންނަމުން ދިޔަ ބަދަލުތަކެއް ހެއްޔެވެ؟ ވާނުވާނޭނގިފައި ނާލާގެ ހިތުގައި ސުވާލުތައް އިތުރުވާން ފެށިއެވެ.

*****

ނާލާ ކޮޓަރީގައި އެކަނި އޮތް ވަގުތެކެވެ. އޭނަ ގާތު އިނދެފައި މަންމަ ކުއްލިޔަކަށް ބޭރަށް ދިއުމުން ނާލާގެ ހިތުގައި ސުވާލު އުފެދުނެވެ. މަންމަގެ ދެލޯ ރަތްވެފައިވާތަން ވެސް އޭނައަށް ވަނީ ފެނިފައެވެ. މަންމަ ހިތާމަކުރާތީ އެކަމާ ވެސް ނާލާ ފިކުރުބޮޑުވާން ފެށިއެވެ.

ނާލާއަށް ލިބެމުން ދިޔައީ ހައިރާންކަމެވެ. ކޮންމެ މީހަކަށް އައިސްފައިވި ކުއްލި ބަދަލުތަކާ މެދު އޭނައަށް ވިސްނާލެވުނެވެ. އެހެން އޮތްވާ ކޮޓަރީގެ ދޮރު ހުޅުވާލެވުނު އަޑު އޭނައަށް އިވިގެން ދިޔަ އެވެ. ދޮރާ ދިމާއަށް ބަލައިލި ވަގުތު ހައިރާންކަން އިތުރުވެގެން ދިޔަ އެވެ.

ދެލޯބޮޑުކޮށްލަމުން ދޮރާއި ދިމާއަށް ބަލަން ނާލާއަށް އޮވެވުނެވެ.

''ލުޔޫން؟...'' ޤަބޫލުކުރަން ދަތިވެފައި ނާލާއަށް ގޮވާލެވުނެވެ. ހައިރާންކަމުގެ ތެރޭގައި ވަނިކޮށް ލުޔޫން ދުވެފައި އައިސް އޭނަގެ ގައިގައި ބައްދައިގަތެވެ. ނާލާގެ ހިތަށް އެވަގުތުކޮޅުގައި އުފާވެރިކަން އިހުސާސްކުރެވުނެވެ. އެތައް ދުވަހަކަށް ފަހު ކޮއްކޮއާ ބައްދަލުކުރެވުމުން ޖަޒުބާތީ ވެސް ވެވުނެވެ. މަންމައާއެކު، ބޮޑުދައިތަ ހަލީމާ ވަދެގެން އައިތަން ވެސް ނާލާއަށް ފެނުނެވެ.

''ކުޑާ ކީއްވެތަ އަހަރެން ގުޅީމަ ފޯނު ނުނެގީ؟... އެކަމާ ރުޅި އައިސްފަ މިހިރީ ވެސް...'' ނާލާއާ ދުރަށް ޖެހިލަމުން ލުޔޫން ތުންދިގުކޮށްލިއެވެ. ނާލާގެ މަގަތުގައި އިށީންނަމުން ހަށަން ވެސް ބަނދެލިއެވެ. ލުޔޫންގެ ހުންނަ ކުޑަކުދިންގެ މިޒާޖުގެ ސަބަބުން ނާލާގެ ގާތަށް ހިނިއައެވެ. އެމަންޒަރު ބަލަން ހުރި ނަދީމާގެ ހިތުގައި ރިއްސާލިއެވެ.

''ސޮރީ... މިކޮޅަށް އަންނަ ވާހަކައެއް ވެސް ނުބުނަމެއްނު...'' ހަށިގަނޑު ސީދާކޮށްލަމުން، އެނދުގައި އިށީނދެ ހަމަޖެހިލި ނާލާ ވާހަކަދެއްކިއެވެ. ''ހަލީމާއްތަ ވެސް އައީތަ؟...''

''އާނ، ޗުއްޓީގަ މިކޮޅަށް އަންނަ ގޮތަށް ކުރިން އޮތީ ވެސް، މިކޮޅަށް އަންނަން ތައްޔާރުވަމުން ދަނިކޮށް ނާލާ ހޮސްޕިޓަލުގަ އެޑްމިޓްކުރި ޚަބަރު ލިބުނީ، ލުޔޫން އަވަސްއަވަހަށް ޓިކެޓް ބަދަލުކުރީމަ މިއާދެވުނީ...'' ހަލީމާ ވެސް އެނދުކައިރިއަށް ގޮސް ހުއްޓުނެވެ. ''މަންމަ ބުނި ނުކައި އުޅެތީއޭ ވެއްޓުނީ؟... އެއީ ތެދެއްތަ؟...''

މެލޭޝިޔާގެ ވިޔަފާރިވެރިޔަކާ ކައިވެނިކޮށްގެން ހަލީމާ އުޅެނީ މެލޭޝިޔާގައެވެ. ކައިވެންޏަށް އެތައް އަހަރެއް ވިއިރުގައި ވެސް ހަލީމާއަށް ދަރިއަކުގެ ނަސީބެއް ލިބިފައި ނުވެއެވެ. ބޭސްކުރިޔަސް އުއްމީދެއް ލިބޭ ގޮތެއް ނުވިއެވެ. އެކަމުގެ ހިތާމައިގައި އެތައް ދުވަހެއް ކަރުނައިގައި ހޭދަކުރިއެވެ. ނަމަވެސް މާތްﷲއަށް ވަކީލުކޮށް އޭނަ ދިރިއުޅުމާ ކުރިމަތިލީއެވެ. ބޭބެގެ ކުދީންދެކެ ދަރިކުލުނު ހަލީމާގެ ހިތުގައި އުފެދިފައި ވެއެވެ. ނާލާގެ ޚަބަރު ލިބޭއިރަށް އޭނައައީ އެހެންވެއެވެ. ރުހައިމްއާ ވަރިވި ޚަބަރު ލިބުނު އިރުގައި ވެސް އަންނަން ހުރީ ތައްޔާރަށެވެ. ނަމަވެސް ލުޔޫންގެ ކޮލެޖް އިމްތިހާނު ދުވަސްކޮޅު ނިމެންދެން ޖެހުނީ މަޑުކޮށްލާށެވެ.

ނާލާއާ ވާހަކަދެއްކިއިރުގައި އޮޅުމަކުން ވެސް ކެންސަރުގެ ވާހަކަތައް ދުލުކުރިއާ ހަމައަށް އައިސްދާނެތީ، އެކަމަށް ހަލީމާ އިތުރު ސަމާލުކަމެއް ދިނެވެ. ނާލާގެ ހަށިގަނޑަށް އައިސްފައިވާ ބަދަލުތައް ފެނި ވެސް އޭނަ ނުހަނު ދެރަ ވިއެވެ. އުދާސްކަމުގެ ނަޒަރެއް ވެސް ނަދީމާއަށް ދެވުނެވެ. ނަދީމާގެ ހިތަށް ކުރާނެ އަސަރުތަކުގެ ކުޑަ މިންވަރެއް ނަމަވެސް އިހުސާސްކުރެވުނެވެ.

ލުޔޫންގެ ދެލޮލުގައި ވެސް ވަނީ މާޔޫސްކަމެވެ. ނަމަވެސް ނާލާއާ ނަޒަރު ބައްދަލުވުމާއެކު ކުޅަދާނަކަމާއެކު ހިތުގެ ހާލު ސިއްރުކޮށްފިއެވެ. އަދި ތުންކޮޅު އިހުނަށްވުރެން ބޮޑަށް ދަމާލަމުން ހިތްހަމަނުޖެހުމުގެ އަސަރުތައް މޫނުމައްޗަށް ގެނައެވެ.

''ކުޑާ އަހަރެން ދެކެ ލޯބި ނުވާތީދޯ ފޯނަށް ޖަވާބު ނުދިނީ؟، އަހަރެން ކުޑާއާ މެދު ވިސްނިވަރެއް ނޭނގޭތަ؟...'' ދުރުބަލަމުން ލުޔޫން ބުންޏެވެ.

''ސޮރީ...'' ހަޤީޤަތުގައި ވެސް ނާލާ ދެރަވިއެވެ. އޭނަ ހުރި ހާލަތުގެ ސަބަބުން އެއްވެސް މީހެއްގެ މަދަދުވެރިކަމެއް އޭރު ބޭނުމެއް ނުވިއެވެ. ނަމަވެސް މިހާރު ޢާއިލާގެ މުހިންމުކަން އޭނައަށް ވިސްނިއްޖެއެވެ. އެންމެންގެ ހިތުގައި އޭނައާ މެދު ވާ ލޯތްބާއި، ކަންބޮޑުވުންތައް ވެސް އިހުސާސް ކުރެވިއްޖެއެވެ. ހިތާމައަކީ އަމިއްލަ ނަފުސަށް އޮތް އިތުބާރު ގެއްލިފައިވާތީއެވެ. ދިރިއުޅުމާ މެދު އެއްވެސް އުއްމީދެއް ހިތުގައި ނުވާތީއެވެ.

''ސޮރީ އޭ ބުންޏަސް ޤަބޫލެއް ނުކުރާނަން، ކުޑާ އެންމެފަހުން އަމިއްލަ ސޫރަ ބަލައިލީ ކޮން ދުވަހަކުތަ؟... ޔޫ އާރ ހާޓިންގް ޔޯރ ސެލްފް...'' ލުޔޫންގެ އަޑަށް މޮޅިވެރިކަން ވެރިވެއްޖެއެވެ. އޭނަ ނާލާގެ މޫނަށް ބަލައިލި ހިނދު އެހިތުގައި ރިހުމެއް އުފެދުނެވެ. ނާލާއަށް އައިސްފައިވާ ބަދަލުތަކުން ހިތުގައި ނުތަނަވަސްކަން އުފައްދާލިއެވެ. ހަމައެއާއެކު ސިކުނޑި ކައިހުސްކުރަމުން ދިޔަ ބިރުވެރިކަމުން އިތުރަށް ހިތުގައި ވޭން އަޅުވާލިއެވެ.

''ދެން އެހެނެއް ނުވާނެޔޭ...'' ކޮއްކޮގެ އަތުގައި ނާލާއަށް ހިފާލެވުނެވެ. އެފަދައިން އެކަން ހާސިލުކުރެވިދާނެކަމުގެ ޔަޤީންކަމެއް ހިތުގައި ނެތަސް، ލޯބިވާ ފަރާތްތަކުގެ ހިތަށް ތަސައްލީއެއް ގެނެސްދޭން ނާލާ ބޭނުން ވިއެވެ.

ލުޔޫންގެ ދެލޮލަށް ކަރުނަ ޖަމާވާން ފެށިއެވެ. އޭނައަށް ނާލާގެ ގައިގައި ބައްދައިގަނެވުނެވެ.

''ކުޑާ...'' އުދާސްކަމުގެ ރާގަކަށް ލުޔޫންއަށް ގޮވާލެވުނެވެ.

ލުޔޫންއަށް އައި ކުއްލި ބަދަލުން ނާލާއަށް ލިބުނީ ހައިރާންކަމެވެ. އެއީ މަންމަގެ ފަރާތުން ވެސް އޭނައަށް ފާހަގަކުރެވުނު ބަދަލުތަކެވެ. ނާލާގެ ހިތުގައި ނުތަނަވަސްކަން އުފެދުނެވެ. ކޮންމެ މީހެއްގެ ދެލޮލުގައި މާޔޫސްކަން ކީއްވެގެން ހެއްޔެވެ؟ އަޑުގައި ހިތްދަތިކަން ވަނީ ކީއްވެގެން ހެއްޔެވެ؟

(ނުނިމޭ)