ލައިސަންސް ނެތި ވެހިކަލް ދުއްވައިގެން ކޮށްފައިވާ ޖޫރިމަނާތަކަށް ރަނގަޅު ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީން ކުރިއަށްގެންދާ ރަށްވެހި ފަތިސް ކެންޕެއިންގައި އަތޮޅުތަކުގެ ރަށްރަށުގެ މެންބަރުންނަށް ސުވާލުކުރުމަށް ހުޅުވާލައިގެން މިރޭ އޮންލައިންކޮށް ބޭއްވި ބައްދަލުވުމެއްގައެވެ.

ފުވައްމުލަކު ސިޓީން 18 އަހަރު ނުފުރޭ ކުދިން ސައިކަލު ދުއްވައިގެން ކޮށްފައިވާ ޖޫރިމަނާތަކަށް ހައްލެއް ހޯދައިދިނުމަށް އެދި ކުރި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ 18 އަހަރު ނުފެރޭ ވަރަށް ގިނަ ކުދިން ލައިސެންސް ނެތި ވެހިކަލް ދުއްވައިގެން ޖޫރިމަނާކޮށްފައިވާކަމުގެ ކަންބޮޑުވުންތައް ވަރަށް ގިނައިން ލިބޭ ކަމަށެވެ. މި މައްސަލައަކީ އަތޮޅުތަކުގައިވެސް އަދި މާލޭގައިވެސް ވަރަށް ބޮޑަށް އޮތް މައްސަލައެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އަށާރަ އަހަރު ނުފުރޭ ކުދިން ދުއްވައިގެން ޖޫރިމަނާކޮށްފައި އޮތުން، އެ އެބައުޅޭ މާލޭގެ ވަރަށް ގިނަ ތަންތަނުގައި. އިރާދަކުރެއްވިއްޔާ ލަސްތަކެއް ނުވެ އަޅުގަނޑުމެން އެއަށް ރަނގަޅު ހައްލެއް ހޯދައިދޭނަން. އެކުދިންނަށް ލައިސަންސް ނެގި. އަދި މީގަ އެބަ ދިމާވާ ކަމެއް އޮންނަ ކަމަށްވަނީ ޖޫރިމަނާ ދައްކަން އޮވެއްޖެއްޔާ ކައިވެނިވެސް ނުކުރެވޭ. ބައެއް ކުދިންނަށް ކައިވެނިވެސް ނުކުރެވިފައި އެބަހުރި. ދިޔައީމަ ކޯޓުން މި އަންގަނީ އެބައޮތޭ ޖޫރިމަނާއެއް. ޖޫރިމަނާ ނުދައްކަނީހެއް ނުކުރެވޭ. އެހެން ތިބި އެތައް ކުދިންނެއް އެބަތިބި،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބައެއް ކުދިންގެ ޖޫރިމަނާތައް އެއް ލައްކައަށްވުރެ މައްޗަށްވެސް އަރާފައި އެބަހުރި ކަމަށެވެ. އެވަރު އަދަދެއް ދައްކަން އުނދަގޫވާނެ ކަމަށާއި އެހެންކަމުން އެކަމަށް ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ބައެއް ކުދިންގެ ޖޫރިމަނާ އެއް ލައްކައަށްވުރެ މައްޗަށް އަރާފައިވާ ކަމަށް ރައީސް ވިދާޅުވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ސުވާލު އުފައްދަވައިފައެވެ. ނަޝީދު ވަނީ އެއްވެސް ކުއްޖަކު ލައިސަންސް ނެތި ދުއްވައިގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ލައިސަންސް ނެތި އެ ކުދިންނަށް ދުއްވެނީ ކަމަަށެވެ. އަދި ވިދާޅުވީ ހުރިހާ ކުދިންވެސް ލައިސަންސް ނަގައިގެން ދުއްވަން ފަރިތަކުރަންވާނެ ކަމަށެވެ.