އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަމުގެ މަގާމަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ޑރ. މުހައްމަދު ޒާހިރު، އެ ކޮމިޝަންގެ މެންބަރުކަމަށް އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އީސީގެ މެންބަރު ކަމަށް ޑރ. ޒާހިރު އައްޔަންކުރަން ފާސްކުރީ، ޖަލްސާގައި ތިއްބެވި 39 މެންބަރުންގެ ތެރެއިން 37 މެންބަރުންގެ ވޯޓުންނެވެ.

ޑިވެލޮޕްމެންޓް އެޑްމިނިސްޓްރޭޝަނުން ޕީއެޗްޑީ ހާސިލު ކުރައްވައިގެން ހުންނެވި ޑރ. ޒާހިރަކީ މީގެ ކުރިން ވެސް އިލެކްޝަންސް ކޮމިޝަނުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

އީސީގެ މެންބަރަކު ކަމަށް ޑރ. ޒާހިރު އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ، ކުރިން އެ ކޮމިޝަނުގެ މެންބަރު ކަމުގައި ހުންނެވި އަދި އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު އަކްރަމް އިސްތިއުފާ ދެއްވުމާ ގުޅިގެން ކޮމިޝަންގެ މެންބަރަކު މަދުވުމާ ގުޅިގެންނެވެ.

އެ ކޮމިޝަނުގެ މެންބަރުކަމުގެ މަގާމުން އަކުރަމް އިސްތިއުފާ ދެއްވީ އޭނާއާ ދެކޮޅަށް ހުށަހެޅުނު މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބަލައި، އޭނާ އެ މަގާމުން ވަކި ކުރުމަށް ނިންމާފައިވަނިކޮށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު އެވެ.