ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ، ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދަށް ނުދޭން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުން ބާތިލުކުރުމާ ގުޅިގެން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފިއެވެ.
ޖިހާދުގެ ޕާސްޕޯޓް ހިފެހެއްޓީ ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ކ. ފުށިދިއްގަރުފަޅު ތަރައްގީކުރުމުގެ މަޝްރޫއާ ގުޅޭގޮތުން އޭނާގެ މައްޗަށް ކުރާ ކޮރަޕްޝަން މައްސަލައިގެ ދައުވާގައެވެ.
އެ މައްސަލައިގެ އަޑުއެހުންތައް ކުރިމިނަލް ކޯޓުގައި ފެށީ މިދިޔަ ޑިސެމްބަރު މަހުގެ 24 ގައެވެ. އަދި ޖިހާދު ފިލައިގެން ގޮސް، ކޯޓަށް ހާޒިރު ނުވާނެ ކަމުގެ އިހުތިމާލު އޮތުމުން ރާއްޖޭން ބޭރަށް ފުރައިގެން ދިއުމުގެ ހުއްދަ ޖިހާދަށް ނުދޭން ކްރިމިނަލް ކޯޓުން ނިންމިއެވެ.
ނަމަވެސް އެ ނިންމުން ޖިހާދުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ އަމުރު ބާތިލުކޮށްފައެވެ. އެގޮތަށް ހައިކޯޓުން ނިންމީ، ކްރިމިނަލް ކޯޓުގެ އަމުރަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 75 ވަނަ މާއްދާއާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށް ބުނެއެވެ. އަދި ދައުލަތުން ޖިހާދު ފިއްލަވަން އުޅުއްވާ ކަމަށް ބުނެ ހުށަހެޅި ހެއްކަކީ އޭނާ ބޭރަށް ވަޑައިގަތުމަށް ނެންގެވި ޓިކެޓް ކަމަށާއި ނަމަވެސް އެ ޓިކެޓަކީ ޖިހާދު ފުރައިވަޑައިގަތުމުގެ ހުއްދައަށް އެދުނުއިރު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ލިޔުމަކަށް ވާތީ އެ ލިޔުން ޖިހާދާ ދެކޮޅު ހެއްކެއްގެ ގޮތުގައި ބޭނުން ނުކުރެވޭނެ ކަމަށް ވެސް ހައިކޯޓުން ކުރި އަމުރުގައިވެއެވެ.
ހައިކޯޓުގެ އެ އަމުރާއެކު އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީ މިދިޔަ މަހުގެ ކުރީކޮޅެވެ. އަދި އިއްޔެ ވަނީ ސުޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން އަބްދުﷲ ޖިހާދުގެ ޕާސްޕޯޓު ހިފެހެއްޓުމަށް އެ ކޯޓުން އަމުރުކޮށްފައެވެ.
އެ މައްސަލައިގެ އިސްތިއުނާފް އަޑުއެހުމެއް މިއަދު ވަނީ ސުޕްރީމް ކޯޓުގައި ބާއްވައިފައެވެ. އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ނައުފަލް ވިދާޅުވީ ޖިހާދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް އެދުނީ އެފަދަ މައުލޫމާތުތަކެއް ޕީޖީއަށް ލިބުމުން ކަމަށެވެ.
ނައުފަލް ވިދާޅުވީ މި މައްސަލައިގައި ޖިހާދު އެނބުރި ނާންނާނެ ކަމަށް ބެލެވޭ ވަރަށް ގިނަ ހެކި ގަރީނާ އެބަހުރި ކަމަށެވެ. އެގޮތުން މިފަދަ ބޮޑެތި މައްސަލަތަކުގައި އެކަށީގެންވާ ހެއްކާއި ގަރީނާ ސާބިތުވާ ވަރަށް ލިބިފައިވާ އިރު، އެފަދަ މައްސަލަތަކުގައި ބޭރަށްދާ ފަރާތްތަކުން އެނބުރި ނާންނާނެ ކަމަށް ބެލެވޭ އިހުތިމާލު އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
"ޖިހާދަކީ ސަރުކާރުގެ ގިނަ މަގާމުތަކެއް އަދާކޮށްފަ، ވަރަށް ގިނަ ދުވަހު ހިދުމަތްކޮށްފައިވާ ފަރާތެއް. އެކަމުގެ ސަބަބުން ކަނެކްޝަންސްތަކެއް އެބަ ބިލްޑްވޭ، އާދައިގެ މީހަކާ މަގާމުތަކެއް އަދާކޮށްފައި ހުންނެވި މީހަކާ ވަރަށް ތަފާތުވާނޭ. ބޭރު ގައުމަކަށް ގޮސް އެކްސްޕެޑީޓް ކުރުމާ ނުވަތަ އެގައުމެއްގެ ޕާސްޕޯޓް ހޯދުމާ، މިފަދަ ކަންކަން ކުރުމުގައިވެސް މަގާމުތަކުން ލިބިފައިވާ ބާރުތަކާއި ނުފޫޒުތަަކުން ބިލްޑްވެފައިވާ ކަނެކްޝަންތަކުން އެފަދަ އިހުތިމާލެއް އޮންނާނޭ،" ނައުފަލް ވިދާޅުވިއެވެ.
ނައުފަލް ވިދާޅުވީ ޖިހާދު ފުރައިގެންދާން އުޅޭ ކަމުގެ ޓިކެޓެއް ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި މިފަދަ މައްސަލަތަކުގައި ރާއްޖެ ދޫކޮށް ދިއުމަށް ހުށަހަޅާފައިވާ އެފަދަ ލިޔުމަކަށް ކޯޓުގައި ބުރަދަނެއް ދެވެންވާނެ ކަމަށެވެ. އަދި ރިޓާން ޓިކެޓް ނެގުމަކީ އެމީހާ އަނބުރާ އަންނާނެ ކަމަށް ބެލެވޭނެކަމެއް ނޫން ކަމަށެވެ.
ނައުފަލް ވިދާޅުވީ ރާއްޖެއިން ބޭރަށް ފުރުމަށް އެދިފައިވަނީ ބޭސްފަރުވާއަށް ކަމަށާއި ނަމަވެސް އެކަމާ ބެހޭ ގިނަ ލިޔުންތަކެއް ހުށަހަޅާފައިނުވާ ކަމަށެވެ. އެހެންކަމުން ބޭރަށްދަނީ ރާއްޖެއިން ނުކުރެވޭފަދަ ބޭސްފަރުވާއެއް ކުރުމަށް ކަމަށް ސާފުނުވާ ކަމަށެވެ. އަދި އެންމެ ޑޮކްޓަރަކު ހުށަހަޅާ ލިޔުންތަކުން އެކަން ނުނިންމޭނެ ކަމަށްވެސް ނައުފަލް ވިދާޅުވިއެވެ.
ދައުލަތުން އެދިފައިވަނީ ކްރިމިނަލް ކޯޓުން ކުރި ހުކުމް ދަމަހައްޓައި، ހައި ކޯޓުން ކުރި ހުކުމް ބާތިލުކޮށް، ޖިހާދުގެ ޕާސްޕޯޓް ހިފެހެއްޓުމަށެވެ.
އަޑުއެހުމުގައި ޖިހާދުގެ ވަކީލު ހަސަން ފަލާހު ވިދާޅުވީ ކްރިމިނަލް ކޯޓުން ޖިހާދުގެ ޕާސްޕޯޓް ހިފެހެއްޓުމަށް އަމުރު ނެރުނީ 24 ޑިސެމްބަރު 2020 އިން ފެށިގެން މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި މި އަމުރަކީ ދެމިއޮތް އަމުރެއް ނޫން ކަމަށާއި އަމުރުގެ ބާރު މިހާރު ނުހިނގާ ކަމަށެވެ.
ފަލާހު ވިދާޅުވީ ސުޕްރީމް ކޯޓުން މައްސަލަ ބަލައި ނިމެންދެން ޖިހާދު ޕާސްޕޯޓް ހިފެހެއްޓުމަށް އަމުރުކޮށްފައިވުމަކީ މައްސަލައެއް ނޫން ކަމަށާއި މިވަގުތު ޖިހާދު ރާއްޖެއިން ބޭރަށް ދިއުމަށް ގަސްދުކޮށްފައިނުވާ ކަމަށެވެ. އަދި ރާއްޖެއިން ބޭރަށް ދާނީ އޭނާގެ ޝަރީއަތުގެ ކަންކަން ނިމުމުން، ކަނޑައެޅިފައިވާ އިޖުރާއަތްތަކުގެ ތެރެއިން ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ ޖިހާދު ރާއްޖެ ދޫކޮށް، ދާން އުޅޭ ކަމަށް އިގުރާރުވެފައިވާ ކަމަށް ދައުލަތުން ބުނެފައިވާ ކަމަށާއި ނަމަވެސް އެއްވެސް އިރެއްގައި އެގޮތަށް އިގުރާރުވެފައިނުވާނެ ކަމަށެވެ. ދައުލަތުން ދޮގުހެދުމުގެ ސަގާފަތް ދޫކޮށްލަންޖެހޭ ކަމަށެވެ. އަދި ޖިހާދަކީ ކުށްވެރިއެއް ކަމަށް ދައުލަތުން ވާހަކަ ދައްކަވާފައިވާ ކަމަށާއި ޖިހާދަކީ ހަމައެކަނި މި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތެއް ކަމަށެވެ. އެހެންކަމުން ކުށްވެރިއެއް ކަމަށް ބުނެވިގެންނުވާނެ ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ ޓިކެޓް ހުށަހަޅާފައިވަނީ ޖިހާދުގެ ފަރާތުން ކަމަށާއި އެއީ ރާއްޖެއިން ފިލައިގެން ދިއުމަށް ނޫން ކަމަށެވެ. ރާއްޖެއިން ބޭރަށް ދަނީ ސިއްހީ ފަރުވާ ހޯދުމަށް ކަމަށާއި އެއީ މީގެ ކުރިންވެސް ބޭސްފަރުވާ ހޯދާފައިވަނީ ރާއްޖެއިން ކަމަށެވެ. އެކަމާ ގުޅޭ ލިޔުންތައްވެސް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ބޭސްފަރުވާގެ އިތުރުން ޖިހާދުގެ ދަރިފުޅު ހުރީ ދުބާއީގައި ކަމަށާއި މި ދަތުރަކީ އޭނާގެ ދަރިފުޅާ ބައްދަލުކުރުމަށްވެސް ކުރައްވަން ބޭނުންވާ ދަތުރުފުޅެއް ކަމަށެވެ. އެއީ އޭނާގެ ދަރިފުޅަކީ މިވަގުތު ކިޔަވަމުން އަންނަ މީހަކަށްވާތީ، މިވަގުތު ރާއްޖެއަށް އާދެވެން ނެތުމުން ކަމަށެވެ.
"ދެން ހަކުރު ބަލި އެބައުޅޭ، އިންސޯމްނިއާ އެބައުޅޭ، މިކަމާ ގުޅޭ ލިޔުންތައް ހުންނާނެ ހުށަހަޅާފައި،" ފަލާހު ވިދާޅުވިއެވެ.
ފަލާހު ވަނީ މި މައްސަލައިގައި ހައި ކޯޓުން ނިންމާފައިވާ ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދިފައެވެ.
މައްސަލަ ބައްލަވާ ބެންޗުގެ އިސް ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު ވިދާޅުވީ މައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށެވެ. ދެން އޮންނާނީ މައްސަލައިގެ ހުކުމް ކުރުން ކަމަށާއި ހުކުމް ކުރުން އޮންނާނީ އަންނަ ބުދަ ދުވަހު ކަމަށެވެ. އަދި ހުކުމް ކުރުމުގެ ޝަރީއަތް އޮންނަ ވަގުތު ފަހުން އިއުލާންކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު