ޕިއޭ އެމްރިކް އަބަމަޔާން ހެދި ހެޓްރިކާއެކު އާސެނަލްއިން ލީޑްސް ބަލިކޮށްފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލްއިން ހޯމްގައި ކުޅުނު މެޗު 4-2ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވާއިރު، މެޗު ހާއްސަވެގެން ދިޔައީ އަބަމަޔާންއަށެވެ. މަންމަގެ ބަލިހާލަތު ހުރިގޮތުން ދެ މެޗެއް ގެއްލިފައިވެސް ވާއިރު، ރޭގެ މެޗަކީ ގެބޮންއަށް ގޮސް މަންމައަށް ޒިޔާރަތް ކޮށްފައި އައިފަހުން އަބަމަޔާން ފުރަތަމަ 11 ގައި ހިމެނުނު ފުރަތަމަ މެޗެވެ.

"ހުރިހާ އެންމެންވެސް އަހަންނަށާއި، މަންމައަށް، އަދި އާއިލާއަށް ދިން ލޯބި ބަލައިގަންނަން. އަހަރެން އާސެނަލްގެ ހުރިހާ އެންމެނަށް، ސަޕޯޓަރުންނަށް ޝުކުރު އަދާކުރަން ބޭނުންވޭ. އަހަރެން ހުރީ އުނދަގޫ ހާލަތެއްގައި. އެހާލަތުން އަރައިގަންނަން ލިބުނު ހިތްވަރަކީ ލޯބިވާ އެންމެން،" އުމުރުން 31 އަހަރުގެ އަބަމަޔާން ބުނެފައިވެއެވެ.

މެޗުގެ ކުރީކޮޅުގައި އަރިމަތިން ވަދެ، ލީޑްސްގެ ދެ ޑިފެންޑަރުން ދޭތެރެއިން ފޮނުވާލި ބޯޅައާއެކު އަބަމަޔާން އާސެނަލްއަށް ލީޑު ނަގައިދީފައިވާއިރު، އޭގެ އިރުކޮޅެއްފަހުން ނަތީޖާގެ ފަރަގު ބޮޑުކޮށްދިނީ ޕެނެލްޓީއަކުންނެވެ. އެ ޕެނެލްޓީއަކީ ލީޑްސްގެ ޑިފެންޑަރު އާސެނަލްގެ ބުކަޔޯ ސަކާއަށް އޭރިއާ ތެރެއިން ކުރި ފައުލަކަށް ރެފްރީ ދީފައިވާ ޕެނެލްޓީއެކެވެ. ރޭގެ މެޗުގައި ބުކަޔޯ ސަކާ ފެނިފައި ވަނީ ތަފާތު މޮޅުކޮށް ކުޅެމުން ދިޔަތަނެވެ.

ހާފް ނިމެން އުޅެނިކޮށް އާސެނަލްގެ ތިންވަނަ ގޯލް ހެކްޓާ ބެލަރިން ޖަހައިދީފައިވާއިރު، ދެވަނަ ހާފް ފެށިގެން މާ ގިނައިރެއް ނުވެ އަބަމަޔާން ވަނީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. އާސެނަލްއިން ބޮޑު ތަފާތަކުން މެޗު ކާމިޔާބުކުރުމަށް ދިޔަ ނަމަވެސް، މެޗުގެ ފަހުކޮޅުގައި ލީޑްސްއިން ވަނީ ފުލުފުލުގައި ދެ ގޯލް ޖަހާފައެވެ. ޕަސްކަލް ސްޓްރުކްގެ އިތުރުން އަނެއް ގޯލް ޖަހައިދިނީ ހެލްޑާ ކޮސްޓާއެވެ.

ރޭގެ މެޗުން މޮޅުވެ އާސެނަލް އޮތީ ތާވަލުގެ 10 ވަނައިގައެވެ. 24 މެޗުން 34 ޕޮއިންޓާއެކު އާސެނަލް 10 ވަނައިގައި އޮތްއިރު، ލީޑްސް 11 ވަނައިގައި އޮތީ 23 މެޗުން 32 ޕޮއިންޓާއެކުގައެވެ.