އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ)ގެ ފަރާތުން މި ފިނި މޫސުމާ ދިމާކޮށް ކުރިޔަށްގެންދާ ސަވައިވިންގް ވިންޓާ 2020 ނިމުމަކަށް އައުމަށް ކައިރިވެއްޖެއެވެ.
ފިނި މޫސުމާ ދިމާކޮށް ހާލުގައި ޖެހިފައިވާ ގައުމުތަކުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި ސަވައިވިންގް ވިންޓާ ކެމްޕޭން އައިއޭސީގެ ފަރާތުން ލޯންޗުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުއެވެ. އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުން ބުނި ގޮތުގައި، ކޮވިޑް 19ގެ ބަލިމަޑުކަމުގެ ތެރޭގައި ދިވެހިންގެ ޖުމުލަ މާލީ ހާލަތު ދަށްވެފައިވީނަމަވެސް މިފަހަރުގެ ކެމްޕޭނަށް ވަރަށް ފުރިހަމަ ތަރުހީބަކާއި އެހީތެރިކަމެއް ދިވެހި ރައްޔިތުންގެ ފަރާތުން ލިބިފައިވެއެވެ. އެގޮތުން، މިހާތަނަށް ސަވައިވިންގް ވިންޓާ ކެމްޕޭނަށް ޖުމުލަ 1،480،958.36 ރުފިޔާ ލިބިފައިވެއެވެ.
މި އަހަރުގެ ސަވައިވިންގް ވިންޓާ ކެމްޕޭންގެ ތެރެއިން އެހީފޯރުކޮށްދީފައިވަނީ ސީރިއާ، ޔަމަން، ފަލަސްތީން ރައްޔިތުންގެ އިތުރުން ރޮހިންޔާ ދަރިފަސްކޮޅުގެ ރެފިއުޖީންނަށެވެ. މި ކެމްޕޭން ކުރިޔަށްދާނީ މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.
ފިނި މޫސުމާ ގުޅިގެން މިއަދު އެ ގައުމުތަކުގެ ރައްޔިތުންނަށް ވަނީ އިތުރު ނިކަމެތިކަމެއް ކުރިމަތިވެފައެވެ. ގަދަ ވިއްސާރައިގެ ސަބަބުން މަގުތައް ޗަކަވެ، ފެން ވަނީ ތަޣައްޔަރު ވެފައެވެ. ފިނި މޫސުމުގައި ބޭނުންކުރާ ހޫނުކުރާ އާލާތްތަކާއި ރަޖާގަނޑުގެ އިންތިޒާރުގައި ތިބި އާއިލާތަކާއި ފިނިން ރައްކާތެރިވުމަށް ލާނެ ޖެކެޓެއްގެ އިންތިޒާރުގައި ތިބި ތުއްތު މައުސޫމް ކުދިން މަދެއް ނޫނެވެ.
ސަވައިވިންގް ވިންޓަރ 2020ގެ ތެރެއިން ކޮންމެ ފަސް މީހުންގެ އާއިލާއަކަށް އެއް މަސް ދުވަހަށް ބޭނުންވާ ޕެކޭޖް ދެވިގެންދާނެއެވެ. އެގޮތުން ކޮންމެ ޕެކޭޖެއްގެ އަގަކީ 1000 ރުފިޔާއެވެ. މި ޕެކޭޖުގެ ތެރޭގައި ބޯހިޔާވެހިކަން، ހޫނުކުރުމަށް ބޭނުންކުރެވޭނެ އެކި ކަހަލަ އާލާތްތައް، ކާބޯތަކެތި އަދި ސާފުތާހިރުވުމަށް ބޭނުން ކުރެވޭނެ ހައިޖީން ޕެކް ހިމެނިގެން ދާނެއެވެ.
ކޮވިޑް 19 ޕެކްޑެމިކްގެ އަަސަރު މި ގައުމުތަކަށް ކޮށްފައިވުމުގެ ސަބަބުން، މި އަހަރުގެ ސަވައިވިންގް ވިންޓާ ޕެކޭޖުގެ ތެރޭގައި ޕެންޑެމިކް ރިލީފަށް ބޭނުންވާ އެކި ކަހަލަ ތަކެތީގެ އެހީ ފޯރުކޮށްދީފައިވެއެވެ. އާއްމު ރައްޔިތުންނަށް ކޮވިޑް 19އިން ރައްކާތެރިވުމަށް ދެވޭ ތަކެތީގެ އިތުރުން ކޮވިޑް 19ގެ ކަންކަމުގައި އެތަނެއްގެ ހޮސްޕިޓަލަށް ނުވަތަ މެޑިކަލް ސެންޓަރަށް ބޭނުންވާނެ ސަމާނުވެސް މީގެ ތެރޭގައި ހިމެނެއެވެ.
ފިނި މޫސުމާ ދިމާކޮށް ދަތި ހާލުގައި ދިރިއުޅެމުންދާ މި ފަރާތްތަކަށް އިތުރު ތަކްލީފުތަކެއް އުުފުލަންޖެހިފައިވާތީ، އައިއޭސީންއިން މި ކެމްޕޭން ރާވާފައިވަނީ އެހީގެ ގޮތުގައި ހޫނުކުރުމަށް ބޭނުންވާ ވަސީލަތްތައް އެ ފަރާތްތަކަށް ފޯރުކޮށްދިނުމަށެވެ. އެގޮތުން ސޯލާ ހީޓިން ފަދަ ދެމެހެއްޓެނިވި ގޮތްގޮތުން އެކަން ކުރުމަށް އިސްކަން ދީފައިވާކަން އައިއޭސީއިން ފާހަގަކުރެއެވެ.
ބޯހިޔާވަހިކަމުގެ އެހީގެ ގޮތުގައި، ފެންވަރު ރަނގަޅު ޓެންޓް، ބްލޭންކެޓް، ފިނިން ރައްކާތެރިވެވޭނެ ފަދަ އަންނައުނު ފޯރުކޮށްދެވޭނެއެވެ. އެހެންނަމަވެސް، އެ ތަނެއްގެ ހާލަތު ދިރާސާކޮށް، އެތަނަކަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ގޮތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ކަންކަން ކުރުމަށް އައިއޭސީއިން ނިންމާފައިވެއެވެ. މީގެއިތުރުން، ކާބޯތަކެތީގެ ގޮތުގައި، އެތަނެއްގައި އާއްމުކޮށް ކެއިންބުއިމަށް ބޭނުންކުރާ ކަހަލަ ސާމާނު ފޯރުކޮށްދެވޭނެއެވެ. އެގޮތުން، ހަނޑޫ، ހަކުރު، ފުށް، ޕާސްތާ، ކައްކާ ތެޔޮ ފަދަ ތަކެތި ހިމެނެއެވެ.
މި ކެމްޕޭންގެ ތެރެއިން ކޮންމެ ފަސް މީހުންގެ އާއިލާއަކަށް 1000 ރުފިޔާގެ ޕެކޭޖެއް ހަމަޖައްސާފައިވީނަމަވެސް، ދިވެހި ރައްޔިތުންގެ ތެރެއިން ސަވައިވިންގް ވިންޓާ 2020އަށް ޑޮނޭޓް ކުރަން ބޭނުންވާ ފަރާތްތަކުން އެ ފަރާތަކަށް ދެވުނު މިންވަރެއް ހަދިޔާކޮށްގެން މި ކެމްޕޭނުގެ ހިއްސާދާރަކަށް ވުމުގެ ފުރުސަތު އައިއޭސީއިން ވަނީ ހުޅުވާލާފައެވެ. އައިއޭސީއިން ބުނިގޮތުގައި، މި ކެމްޕޭނުގެ ތެރެއިން ލިބޭ އެހީ ބޭނުން ކުރެވިގެންދާނީ އެ ގައުމަކަށް ފީނިމޫސުމުގައި އެންމެ މުހިންމުވެފައިވާ ކަންކަމަށެވެ.
މި ހަތަރު ގައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ބީއެމްއެލް އިސްލާމިކުގެ ހަތަރު އެކައުންޓެއް ހާއްސަ ކޮށްފައިވެއެވެ.
ފަލަސްތީން: 7770000026261
ރޮހިންޔާ: 7770000026265
ޔަމަން: 7770000026264
ސީރިއާ: 7770000026263
މި ކޭމްޕޭނާއި ބެހޭ އިތުރު މައުލޫމާތު ބޭނުންފަރާތްތަކުން، އައިއޭސީގެ ހޮޓްލައިން ނަންބަރު، 9122121 އަށް ގުޅުން އެ ޖަމިއްޔާއިން އެދެއެވެ. މީގެއިތުރުން، އައިއޭސީގެ ފޭސްބުކް ޕޭޖް https://web.facebook.com/IACMaldives/ މެދުވެރިކޮށް ސަވައިވިންގް ވިންޓާ 2020 އާ ބެހޭ އިތުރު މައުލޫމާތު ލިބިގެންދާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު