ހިޔާ މަޝްރޫއުގެ ދާއިމީ ލިސްޓުގައި މައްސަލަ އުޅޭނަމަ އެކަން ބަލައި ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ގައުމީ މަޖިލީހުގެ މިރޭގެ ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ މާލެ އާއި އަތޮޅު ތެރޭގައި އަދިވެސް ގިނަ ދަތިތަކެއް އެބަހުރި ކަމަށާއި މާލެއަށް މިވަގުތުވެސް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ ހިޔާ މަޝްރޫއުގެ ދާއިމީ ލަސްޓާ ގުޅިގެން ވަރަށް ގިނަ ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުންނާނެ ކަމަށާއި އެ ފްލެޓްތައް ހައްގުވާ އެތައް ބަޔަކަށް ނުލިބިވެސް ހުރެދާނެ ކަމަށެވެ. އެހެން ނަމަވެސް ލިސްޓުގައި މައްސަލަތަކެއް ހުރިނަމަ އެކަން ބެލުމަށްފަހު ހައްގުވާ ފަރާތްތަކަށް ފްލެޓް ދޫކުރާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"މިދިޔަ ސަރުކާރުގައި ކުރަން ފަށާފައިވާ މަސައްކަތެއް 7000 ފްލެޓްގެ މަސައްކަތަކީ. އެ މަސައްކަތް ނިމުމާ ގުޅިގެން އެ ފްލެޓްތައް ދޫކުރުމުގެ މަސައްކަތް އަޅުގަނޑުމެން މިވަނީ ކޮށްފަ. އަޅުގަނޑަށް އެނގޭ ރައްޔިތުންގެ ވަރަށް ގިނަ ކަންބޮޑުވުންތައް އެބަހުރިކަން. 7000 ފްލެޓަށް 25،000 ފަރާތަކުން ކުރިމަތިލާއިރުގައި އޭގެ ތެރޭގައި ކަންބޮޑުވުންތަކެއް ހުންނާނެ. އޭގެ ތެރޭގައި އަޅުގަނޑަށް ހަމަ ގަބޫލުކުރެވޭ ހައްގުވާ އެތައް ބަޔަކަށް ނުލިބި ހުރުމަކީވެސް އެކަށީގެންވާ ކަމެއް. އެހެން ނަމަވެސް އެއަށް ހައްލެއް ހޯދުމަކީ ސަރުކާރުން ކުރާނެ ކަމެއް. އަދި މި އިއުލާން ކުރި ލިސްޓުގައިވެސް މައްސަލަތަކެއް ހުރި ކަމަށްވަންޏާ އަދިވެސް އިތުރަށް ސާފުކޮށް ބެލުމަށްފަހުގައި އޭގެ ހައްގުވެރި ފަރާތްތަކަށް އެ ފްލެޓްތައް ދޫކުރާނަން،" ރައީސް ވިދާޅުވިއެވެ.

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކެއް ހައްލެއް ހޯދައިދިނުމަށް ބޯހިޔާވަހިކަމުގެ މަޝްރޫއުތަކެއް ހިންގާނެ ކަމަށާއި އެކަމުގެ މައުލޫމާތު ރިޔާސީ ބަޔާނުގައި ހާމަކޮށްފައިވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ނިމޭއިރު، މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ.

މިއަހަރުގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ މާލޭގެ ބޯހިޔާވަހިކަމަށް ހައްލެއް ހޯދުމަށް ރޭވި މަޝްރޫއުތަކުގެ ތެރެއިން 1000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި ހުޅުމާލޭގައި ހަދާ އެފޯޑަބަލް ރޭންޖްގެ 2000 ހައުސިން ޔުނިޓް އިމާރާތްކުރުމުގެ އެއްބަސްވުމުގައި މިހާރު ސޮއި ކުރެވިފައިވާ ކަމަށެވެ. އަދި އަމަލީ މަސައްކަތްތައް މެއި މަހުގެ ތެރޭގައި ފެށޭނެ ކަމަށެވެ.

އަދި އިތުރު 2000 ހައުސިން ޔުނިޓާއެކު، މިއަހަރު ނިމުމުގެ ކުރިން މަދުވެގެން 5000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް، މާލެ ސަރަޙައްދުގައި ފެށޭނެ ކަމަށެވެ. އަދި މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް، އިތުރު މަޝްރޫއެއް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.