އެމްޑީޕީއަށް 80 ޕަސަންޓަށްވުރެ މަތިން ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާގައި މިރޭ ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމު ކާމިޔާބު ކުރުމަށް ކައުންސިލް ކާމިޔާބުކުރަން އެބަޖެހޭ ކަމަށާއި ލާމަރުކަޒީ ގާނޫނަށް ވަރަށް ބޮޑެތި ބަދަލުތަކެއް މިހާރު ގެނެސްފައިވާ ކަމަށެވެ. އަދި އެ ބަދަލުތަކާއެކު މިކަން ދަންނަ ބައެއްގެ އަތްމައްޗަށް ލާމަރުކަޒީކޮށް ހިންގުމުގެ ފުރުސަތުދޭން އެބަ ޖެހޭ ކަމަށެވެ.
އެމްޑީޕީއަކީ މިކަމަށް ތައްޔާރުވެ އޮތް ޕާޓީއެއް ކަމަށާއި ރައްޔިތުންނަށް ލާމަރުކަޒީ ނިޒާމުގެ ފޮނި މީރުކަން ގެނެސްދެވޭނީ އެމްޑީޕީއަށް އިންތިހާބު ކާމިޔާބުކުރެވިގެން ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމްޑީޕީ އަބަދުވެސް އޮންނާނީ އިންތިހާބަށް ތައްޔާރުވެ ކަމަށާއި އެއީ ޔަގީންކަމާއެކު ދަންނަވަން ކެރޭ ކަމެއް ކަމަށެވެ. އަދި އެމްޑީޕީއަކީ އިންހާބުތަކަށް ކެމްޕޭން ކުރުމަށް ފަރިތަ ބައެއް ކަމަށާއި ކައުންސިލް އިންތިހާބަށް ލިބުނު ކުޑަ ވަގުތުކޮޅުގެ ތެރޭގައި އިންތިހާބު ބޮޑުތަނުން ކާމިޔާބު ކުރާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމްޑީޕީން ރިޔާސީ އިންތިހާބު ކާމިޔާބު ކުރީ 58 ޕަސެންޓުން ކަމަށާއި މަޖިލިސް އިންތިހާބު ކާމިޔާބު ކުރީ 75 ޕަސެންޓުން ކަމަށެވެ. އެއީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި ކައުންސިލް އިންތިހާބު 80 ޕަސެންޓަށްވުރެ މަތިން އެމްޑީޕީއަށް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑަށް ފެންނަ މަންޒަރުގައި 80 ޕަސެންޓަށްވުރެ މައްޗަށް އިރާދަކުރެއްވިއްޔާ ލޯކަލް ކައުންސިލް އިންތިހާބުގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބު ކުރެވިގެންދާނެ،" ރައީސް ވިދާޅުވިއެވެ.
ކޮވިޑުން ސަލާމަތްވުމަށް މިހާރު އަޅާފައި މިހުރި ފިޔަވަޅުތަކަށް ބޯލަނބައި އަމަލުކޮށްފި ނަމަ، މި އަންނަ މަހުގެ މެދުތެރެއިން ފެށިގެން ފުރިހަމަ ކެމްޕެއިނެއް ކުރުމަށް ޖާގަ ލިބިގެން ދިއުމުގެ ވަރަށް ބޮޑު އުންމީދެއް އެބައޮތް ކަމަށެވެ. އެހެންކަމުން އެއް މަސް ދުވަހުގެ ފުރިހަމަ ކެމްޕެއިނެއް އަތޮޅުތަކާއި ރަށްތަކުގައި ހިންގުމަށް ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު