ހަތަރުވަނަ ބައި

މަގުގެ އެއްފަރާތުން ހިނގާފައި ގެއަށް ވަންނަން އައި ވަގުތު ފެނުނު މަންޒަރަކުން އަހަރެންގެ ދެފައި ހީވީ ބިންމަތީގައި ތަތްލެވި ހެންނެވެ. ކުރިއަށްވެސް ފަހަތަށްވެސް ފިޔަވަޅެއް އަޅަން ނުކެރުނެވެ. ހިތުގައި ހިނގައިލި ބިރުވެރިކަމުގެ އަސަރު ހަށިގަނޑުގެ ހުރިހާ ނާރުތަކަށް ކޮށްފިއެވެ. ކުރިމަތިން ރޯލްވަމުންދާ މަންޒަރަށް ބަލަން ހުރެފައި ކައިރީގައި ހުރި ޝާހިދުގެ އަތުގައި ހިފައިލެވިއްޖެއެވެ. ގެ ހުންނަ އިމާރާތާ އިންވެގެން ހުންނަ ހެދުން ވިއްކާ ފިހާރައަކުން ނިކުތް އަންހެންކުއްޖެއްގެ އަތުން ދަބަސް ފޭރިގަނެގެން ދުއްވައިގަތް ފިރިހެންކުއްޖާ ލައިގެން ހުރި ގަމީހުގައި އަންހެންކުއްޖާ ހިފަހައްޓައިގެން ހުއްޓެވެ. ތަނަށް މީހުން އެއްވެ ފޯނުގެ ކެމެރާތަކުގެ ނިވަލަށް އެމަންޒަރު ރިކޯޑުވާން ފެށުމާއެކު ފިރިހެންކުއްޖާ އެނބުރިފައި އަންހެންކުއްޖާ އަތުގައި ހިފައި އަނބުރައިލިއެވެ. އެވަގުތު އަންހެންކުއްޖާގެ އަނގައިން ނިކުތް ވޭނީ އާހެއްގެ އަޑު އަހަރެންގެ ކަންފަތުގައި އައިސް ޖެހުނެވެ. ދަބަސް ހިފައިގެން ދުވެފައި ދިޔަ ފިރިހެންމީހާ ދިޔައީ އަހަރެންގެ ގައިން ވައި ކެނޑިފައެވެ. ސައިކަލެއްގައި އެސަރަހައްދުން ދިޔަ ފުލުހުންގެ ދެ ކުއްޖަކުވެސް އެ ފިރިހެންކުއްޖާ ފަހަތުން ދިޔައެވެ.

"މަލްކޮ، ހަމަޖެހޭ. އެއީ މިހާރު މާލޭގެ ހާލަތު. އާންމު ކަމެއް" އަހަރެންނަށް ވެފައި ހުރި ގޮތް ފެނި ޝާހިދު ބުނެލިއެވެ.

"އިނގެޔޭ. އެކަމަކު ދުވަހަކުވެސް އަދި މިހެން ނުފެނޭ. ވަރަށް ބިރުވެރި ތަނެއް މިއީ" މޭގައި އަތް އަޅައިލަމުން އަހަރެންނަށް ބުނެވުނެވެ.

އަހަރެން ގެއަށް އައިރު ހުރީ ސިކުނޑި ވަރަށް ހަމަޖެހިފައެވެ. ގެއިން ބޭރުގައި ވަގުތުކޮޅެއް ހޭދަކޮށްލުމުން ނަފްސަށް ބުނެދޭން ނޭނގޭ އުފާވެރިކަމެއް ލިބިއްޖެއެވެ. ކޮޓަރިއަށް ވަންގޮތަށް އަހަރެން އަވަސްވެލީ ނަމާދު ކުރުމަށެވެ. އޭރު މާމަ ނަމާދުކޮށް ނިމިގެން ހަތިމު ހިފައިގެން އެނދުގައި އިނެވެ. އަހަރެން ނަމާދުކުރަން މުސައްލަ ފެތުރި ވަގުތު މާމަ އަހަރެންނަށް ބަލައިލިއެވެ. ވާހަކައެއް ބުނަން އުޅުނުހެން ހީވިއެވެ.

"މަލް އާދެބަލަ" އަހަރެން ނަމާދުކޮށް ނިމިގެން ދޮޅި ބޭލިތަނާ މާމަ ގޮވައިލިއެވެ. އަހަރެން ގޮސް އިށީނީ މާމަ ކައިރީގައެވެ.

"ހީވި ކުރިންވެސް މާމަ ވާހަކައެއް ބުނަން އުޅުނުހެން" މާމަ އެއްޗެއް ބުނުމުގެ ކުރިން އަހަރެން ބުނީމެވެ.

"އާނ. އެއީ މާދަމާ ހުކުރެއްނު. މެންދުރަށް މާމަ ބޭނުން ވަރަށް ރަނގަޅު ކެއުމެއް ތައްޔާރުކުރަން. މާމަގެ ރައްޓެހިމީހާގެ ދަރިންނާއެކު މިގެއަށް އަންނާނެ. އަބަދުވެސް ހުކުރުދުވަހު މެންދުރު މާމަމެން ކައިހަދަނީ އެއްސުފުރާ މަތިން. މިކަން މިހާރު މެދުކެނޑިފައި އޮންނަތާ ދެތިން މަސްވެއްޖެ. އެހެންވެ އަލުން ފަށަން މިވިސްނަނީ" މާމަ ވާހަކަދެއްކިއެވެ.

"އެހެންވީމަ މާދަމާ ބުރަވާނެތާ ދޯ" އަހަރެން ބުނީމެވެ.

"އެހާ ބުރައެއްނުވާނެ މާމަ އާ މަލް އެއްކޮށް ބަދިގެއަށް ވަނީމަ" ހީލުމަކާއެކު މާމަ ބުނެލިއެވެ.

ރޭގަނޑު ކެއުމުގެ ފަހުން އަހަރެން ފޫހިވެގެން ސިޓިންގރޫމުގައި އިނީ ޓީވީ ހުޅުވައިގެންނެވެ. ބޭރުން އައި ޝާހިދު ކޮޓަރިއަށް ވަދެފައި އައިސް އަހަރެން އިން ސޯފާގައި އިށީނެވެ. އަހަރެން ބަލައިލިއިރު އޭނާ އިނީ ބޭރަށް ދިޔައިރު ލައިގެން ހުރި އެއްޗިހި ބަދަލުކޮށްގެނެވެ.

"ހިނގާބަލަ ބިރުވެރި ފިލްމެއް ބަލަން. މީދެން މީހުން ބަލައި އެއްޗެހިތަ؟" ޝާހިދު ބުނެލިއެވެ. އަހަރެން އަޅުވައިގެން އިން ޗެނަލް ޝާހިދަށް ކަމަކު ނުދިޔައެވެ. އެކި ވައްތަރުގެ ފިލުމުތަކާ ލަވަތައް ބަލައި އަޑުއަހައި ހެދުމަކީ އަހަރެންގެ ޠަބީޢަތުގައިވާ ކަމެއް ނޫނެވެ.

"ކީއްތަވީ. މިކަހަލަ އެއްޗެހި ބެލީމަ މައުލޫމާތު ލިބޭނީ. ދެން އެކަމު ޝާހިދު ބޭނުމިއްޔާ ބަދަލުކުރޭ" އަހަރެން ބުނީމެވެ. އަލުން ކޮޓަރިއަށް ގޮސް ޝާހިދު އައީ އޭނާގެ ހާޑު ހިފައިގެންނެވެ. އޭނާ އެޅުވީ ބިރުވެރި ފިލްމެކެވެ.

"ދަ އިންވިސިބަލް މޭން. އެއީ ކިހިނެއްވާ ފިލްމެއް؟" ޓީވީގެ ސްކްރީނަށް އެރި ނަން ކިޔާލާފައި އަހަރެން އެހީމެވެ.

"ނޭނގެ. އަހަރެންވެސް އަދި މިބަލަނީ" ޝާހިދު ބުނެލިއެވެ.

"އެހާ ބޮޑަށް ބިރުވެރިވިއްޔާ ނުކެރޭނެ އިނގޭ ބަލާކަށް" އަހަރެން ބުނީމެވެ. އަދި ސޯފާއަށް ދެފައި އަރުވާފައި އުނގުތެރޭގައި ކުޝަން ބާއްވައިލަމުން ހަމަޖެހިލީމެވެ. ފެށިގެން މާގިނައިރު ނުވަނީސް ދޮރެއް ހުޅުވާލި އަޑު އިވިގެން އަހަރެން ދިޔައީ ސިހިގެންނެވެ. ފިލުމު ތެރެއަށް ވަދެވިފައި އިނދެވުނީ މާބޮޑަށެވެ. އަހަރެންނަށް ވީގޮތް ފެނި ޝާހިދު ހިނިގަނޑެއް ޖަހައިލިއެވެ. "މަލް ކިރިޔާ ފުރާޅުގަ ނުޖެހުނީ" ކޮޓަރި ދޮރުމަތީގައި ހުރި ވިއާނަށް ބަލައިލަމުން ޝާހިދު ބުނެލިއެވެ.

"ސޮރީ. މަލް، ތި ފިލްމު ބަލައި ނިމުނީމަ އަހަރެންނަށް އަންގައިލައްޗެ" ވިއާން ބުނެލިއެވެ.

"ކިހިނެއްވީ؟ ކަމަކުތަ؟" އަހަރެން އެހީމެވެ.

"އަނެއްހެން މާބޮޑު ކަމަކުނޫން" ވިއާން ބުނެލިއެވެ.

އަހަރެން ސޯފާއިން ތެދުވީ ޝާހިދު ކައިރީގައި ފިލްމު ގޮސްފައި ހުރި ހިސާބުން މަޑުޖައްސައިލުމަށް ބުނެފައެވެ. ފިލްމަށް ވުރެ ވިއާން އެބުނާ ކަންތައް ކޮށްދިނުން އަހަރެންނަށް މުހިންމެވެ. އެގޭ ހަތަރުފާރުން އެތެރޭގައި ދިރިއުޅޭ ކޮންމެ މީހަކަށް އަހަރެން ގަދަރު ކުރަމެވެ.

ވިއާނާއެކު އަހަރެން މަޑުކޮށްލީ ސިޓިންގޫމުން ނިކުމެވޭ ބެލްކަނީގައެވެ. ރަސްފަންނާ ދިމާ ސަރަހައްދު އެއްކޮށް ފެންނަން އޮތްއިރު ހިތަށް ހިތްހަމަޖެހުން ލިބެއެވެ. މާލޭގެ ހަލަބޮލިކަން ނަގާލާފައިވާ ދުއްވާ އެއްޗެހީގެ ބަރުގޮނުގެ އަޑު އިވިއިވި ހުއްޓަސް ޖެހެމުންދާ ފިނި ރޯޅިން ހިތަށް ހިތްހަމަޖެހުން ގެނުވައެވެ. އުޑުމެދުގައި ބޮޑާކަމާއެކު ރަނިކަން ކުރަމުންދިޔަ ޝާއްބަ ހަނދުން ރެއަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ.

"ކޮފީއެއް ގެނެސްދޭންވީ؟" އަހަރެން އެހީމެވެ.

"ނޫން. މަލް ކޮފީ ބޯހިއްވަންޏާ ހަމަ ބޯންވީ" ރެއިލިން ކައިރީގައި ހުރި ވިއާން ބުނެލިއެވެ. އަހަރެން ދެފަރާތަށް ބޯހޫރާލީމެވެ. އަހަރެން ކައިރީގައި ވިއާން އެދުނީ އޭނާ އާ އެކު ފިހާރައަކަށް ދިޔުމަށެވެ. އެންމެ ފުރަތަމަ އަހަރެން ހާސްވިއެވެ. މާލެފަދަ ހަލަބޮލި ތަނެއްގައި ވިއާނާއެކު ފިހާރައަކަށް ދާން އަހަރެންނަށް ކެރިދާނެބާއޭ ހިތަށް އެރިއެވެ.

"މިއުޅެނީ މަލްއަށް ފޯނެއްދޭން ވެގެން" އަހަރެން ހިމޭނުން ހުންނަން ފެށުމުން ވިއާން ބުނެލިއެވެ.

"ފޯނެކޭ" އަހަރެންނަށް ބުނެވުނީ އެވަރަށެވެ.

"އާނ. މަލް ފޯނެއް ގެންގުޅޭތަނެއް ނުފެނޭ. ކުރިން ފޯނެއް ނުގެންގުޅެންތަ؟" ވިއާން އެހިއެވެ.

"ނޫން. ގެންގުޅުނިން. އެކަމަކު މާލެއައީ ކުރިން އުޅުނު ގޭ ފޯނު ބާއްވާފަ" އަހަރެން ބުނީމެވެ. އިތުރަށް އޮޅުންފިލުވާކަށް ވިއާން މަސައްކަތެއް ނުކުރެއެވެ. އެހެންކަމުން އެކަމާ ގުޅުވައިގެން އިތުރު ވާހަކައެއް އަހަރެންވެސް ނުދައްކަމެވެ.

ހުކުރުވަގުތު ނިމި މެހްމާނުން ގެއަށް އަންނަންވާއިރަށް އަހަރެންނާ މާމަ ބައިވެރިވެގެން މޭޒުމަތި ތައްޔާރުކޮށްފީމެވެ. އަހަރެންނަށް ކައްކަން އިނގޭ ގިނަ ބާވަތްތަކެއް މޭޒު މައްޗަށް އެރުވީމެވެ. ކުރަނޑި އާ ފަރާޓާގެ އިތުރުން ޕިރިނީ ހެދީ އަހަރެންނެވެ. ރޮށިވެސް ފިހުނީ އަހަރެންނެވެ. ބީޓްރޫޓް ބަތްގަނޑެއް ހެދީ މާމައެވެ. އަނބު ފަންޏާ ރޯސް ސިރަޕް ތައްޔާރުކުރީ ވިއާނެވެ. ހުކުރަށް ދިޔުމުގެ ކުރިން ވިއާން ހޭދަކުރީ އަހަރެމެންނާއެކު ބަދިގޭގައެވެ. މާބުރަ މަސައްކަތެއް ނުކުރިޔަސް ޝާހިދުވެސް އަތް ގާތް ކޮށްދިނުމަށް ބަދިގެ ތެރޭގައި އުޅުނެވެ.

މާމަގެ އެކުވެރިޔާއާއި ދަރިން ގެއަށް ވަނުމާއެކު މުޅި ގޭތެރެ ހަލަބޮލިވިއެވެ. ގާތްގަނޑަކަށް ދިހަ މީހުން ހިމެނޭ އެ އާއިލާގައި ހަތަރު ކުޑަ ކުދިންވެސް ތިއްބެވެ. އެއީ މާމާގެ ރަހްމަތްތެރިޔާ މުއީނާގެ އުފަން ދަރިންނާ މާމަ ދަރިންގެ އިތުރުން މުނިމާމަ ދަރިންނެވެ.

"މި މަންޖެ އައިމަ ގޭތެރެ ފަޅުފިލައިފި ދޯ" މުއީނާއްތަ އަހަރެންނަށް ބަލައިލަމުން ބުނެލިއެވެ. މާމަ ހީލާފައި އަހަރެންގެ އަތުގައި ފިރުމައިލިއެވެ.

މާގިނަ އިރެއް ނުވެ ވިއާނާ ޝާހިދު ގެއަށް އައިސް ވަދެއްޖެއެވެ. އަހަރެމެން ގޭގައި ހުރި ކާމޭޒަކީ ޖާގައިގެ ގޮތުން ހަތަރު މީހުންނަށް ތިބެވޭ މޭޒަކަށް ވާތީ ކެއުން ކުރިއަށް ގެންދަން ޖެހުނީ ބައި ބަޔަށް ބަހައިގެންނެވެ. އެހެންނަމަވެސް ތަނަށް ވެރިވެފައި އޮތީ އުފާވެރި މާހައުލެކެވެ. ކުޑަކުދިންގެ ސަކަރާތުގެ އަޑު އެންމެ ހިނދުކޮޅަކަށްވެސް ނުކެނޑެއެވެ. އެ އަޑުތަކާ މަންޒަރުތައް ވީ އަހަރެންގެ ހިތަށް ހިތްހަމަޖެހުން ގެނުވި ކަންކަމަށެވެ.

އަންހެންވެރިން ކައިގެން ނިމުމުން އަހަރެން އަވަސްވެލީ ތަށިތައް ނެގުމަށެވެ. ޑަސްބިން ކޮތަޅެއް ނަގަން ބަދިގެއިން ތަންކޮޅެއް އެތެރެއަށް ވަތްތަނާ ކުޑަދޮރުން ބެލްކަނީގައި ތިބި ޝާހިދާ އަންހެންކުއްޖެއް އަހަރެންނަށް ފެނިއްޖެއެވެ. އެ އަންހެންކުއްޖާއަކީ މުއީނާއްތަގެ މާމަ ދަރިއެކެވެ. ބަލައިބެލުމަށް ހުތުރު ކުއްޖެއް ނޫނެވެ. ޝާހިދު އެކުއްޖާ އަތުގައި ހިފައިލި ގޮތުންވެސް އެއީ އޭނާއަށް ހާއްސަ ކުއްޖެއްކަން އަހަރެންނަށް އިނގުނެވެ. އަހަރެން އެތެރެއަށް ވަނީ ފަހުން ޝާހިދާ ވަރަށް ދިމާކޮށްލާނަމޭ ހިތާއެވެ.

މެންދުރުފަހު ގޭތެރޭގައި ކެރަމް ކުޅުނެވެ. ޝާހިދާ ވިއާން ކުޅުނުއިރު އަހަރެން އިނީ ބަލާށެވެ. އެއީ އަހަރެންނަށް ކުޅެން އިނގޭ އެއްޗެއް ނޫނޭ ބުނުމުން އެމީހުން ކުޅޭތަން ބަލައިގެން ދަސްކުރާށޭ ބުނެ އެެދެމީހުން ކައިރީގައި އަހަރެން ބޭންދިއެވެ. އެވަގުތުގައިވެސް ޝާހިދުގެ މަޖާ އަނގަ އެންމެ ހިނދުކޮޅަކަށްވެސް ނުހުއްޓެއެވެ. ވިއާންވެސް ހީލަހީލަ އިނެވެ. އެއީ ވިއާންގެ ފަރާތުން ވަރަށް މަދުން ނޫނީ ނުފެންނަ މަންޒަރެކެވެ.

"މިއަދު ހީވޭ އެހެންކަހަލަ އެއްޗެއް ކާލައިގެން އިން ދުވަހެއްހެން" އެންމެފަހުން ވިއާން ޝާހިދާ ދިމާކޮށްލިއެވެ.

"އާނ. މިއަދު ވަރަށް އުފަލުން މީނީ" ކުޅުމުގެ ފޯރީގައި އިން ޝާހިދު ބުނެލިއެވެ.

"އެއީ ތެދެއް. އަހަރެން ބަދިގޭގައި ހުއްޓާ ފެނުނު މަންޒަރެއް. ނުބަލަން ދެލޯ މަރައިގެން ވަރަށް ގިނައިރު ހުރެފައި ލޯ ހުޅުވައިލިއިރުވެސް ތިބި" އަހަރެން ބުނީމެވެ. ޝާހިދު އަހަރެންނަށް ބަލައިލިރު ތުންފަތުގައި ރަކި ހިނިތުންވުމެއް ވިއެވެ.

"އެއީ ދޯ އެމަންޖެއަކީ. އެންމެފަހުން މަލްއަކަށްނު ފަޅާއެރީ" ވިއާން ބުނެލިއެވެ. ވިއާން ނުބަލައި އިން ގަޑީގައި ޝާހިދު އަހަރެންނަށް ބަލައިލާފައި އިންޒާރެއްދޭ ފަދައިން އިނގިލިން އިޝާރާތެއް ކޮށްލިއެވެ.

އަހަރެން އެނދަށް އަރަން އުޅެނިކޮށް ދޮރުގައި މަޑުމަޑުން ޓަކި ޖަހައިލި އަޑު އިވުނެވެ. އަހަރެން ނިދިފައި އޮތް މާމައަށް ބަލައިލާފައި ދޮރާ ދިމާލަށް ހިނގައިގަތީމެވެ.

"ކާކު؟" ދޮރު ހުޅުވަން ނުކެރިގެން އަހަރެން ދޮރާ ގާތަށް ޖެހިލާފައި އެހީމެވެ.

"އަހަރެން. ވިއާން. މަލް، އުނދަގު ނޫނިއްޔާ ނިކުމެބަލަ" ދޮރު ބޭރުން ވިއާންގެ އަޑު އިވުނެވެ.

އަހަރެން އެތެރެއަށް ވަދެފައި ފާރުގައި ހުރި ގަޑިއަށް ބަލައިލިއިރު ބާރަޖަހަން ފަސްމިނިޓް ހުއްޓެވެ. މިހާ ދަންގަޑިއެއްގައި ވިއާން އަހަރެން ބޭރަށް ނެރެނީ ކީއްކުރަން ހެއްޔެވެ؟ އަނެއްކާ ހުރިހާ ކަމެއް ރަނގަޅު ހެއްޔެވެ؟ ވިއާން ކަމަކަށް ބޭނުންވީ ކަމަށް އަމިއްލަ ހިތަށް ވިސްނައިދީފައި ނިދަން ލައިގެން ހުރި ހެދުން ބަދަލުކޮށްގެން އަހަރެން ބޭރަށް ނިކުތީމެވެ.

"ހިނގާބަލަ ބަދިގެއަށް" އަހަރެން ނިކުތުމާއެކު ދޮރުމަތީގައި ހުރި ވިއާން ބުނެލިއެވެ. ވިއާންގެ ފުރިހަމަ އިސްކޮޅަށް އަހަރެންނަށް ނަޒަރެއް ދެވުނީ ބޭއިހްތިޔާރުގައެވެ. ކުކުޅު ބިސް ކުލައިގެ ޓީޝާޓަކާ ކަޅުކުލައިގެ ކަކުލުން ތިރިއަށް ހުރި ސޯޓުބުރީގައި ވިއާން ހާދަ ރީއްޗެވެ. އެކަހަލަ ހެދުމެއްގައި ވިއާން އެ ފެނުނީ އަލަށެވެ. މުޅިންވެސް ފެންނަނީ ވަރަށް ރަސްމީކޮށް ހުއްޓައެވެ. އަހަރެން ބަލަން ހުރި ގޮތުން އުނދަގުވެގެން އުޅޭ ކަހަލަ ގޮތަކަށް ވިއާން ހަރަކާތްކޮށްލިހެން ހީވުމުން އަހަރެން ލަދުގަތެވެ. އަމިއްލަ ނަފްސަށް އިވޭ ވަރަށް އަމިއްލަ ނަފްސަށް އަޑުލެވުނެވެ. ވިއާން ހީކުރާނީވެސް ކީކޭ ހެއްޔެވެ؟

"ބަނޑުހައިވީތަ؟ މާމަ ބުންޏޭ މިރޭ ގަރުދިޔަ ނެތީމަ ވިއާން އެހާ ރަނގަޅަށް ނުކާނޭ" ހިނގައިގަންނަމުން އަހަރެން ބުނީމެވެ. ހަގީގަތުގައިވެސް އަހަރެން ހީކުރީ ވިއާން މާބޮޑަށް ބަނޑުހައިވެގެން އަހަރެންނަށް ގޮވީ ކަމަށެވެ. ބަދިގެ އާ ކައިރިވަމުން ދާ ވަރަކަށް އަހަރެންގެ ނޭފަތުގައި ކުޅުދިޔާވާ ކަހަލަ މީރު ވަހެއް ޖެހިއްޖެއެވެ. އެތެރެއިން ސަމްސާ ތަޅުވާ އަޑުވެސް އިވުނެވެ.

"މިއީ. މިއީ ކޮންކަމެއް؟" މޭޒުމަތީގައި ޕިއްޒާއާއި ކޯކްގެ އިތުރުން ޕުޑިން ހުރުމުން އަހަރެން އެހީމެވެ.

"މިރޭ ވަރަށް ހާއްސަ ރެއެއް" ވިއާން ބުނެލާފައި އަހަރެން ދެ ކޮނޑުގައި ހިފަހައްޓައިލިއެވެ. ވިއާންގެ އެ އަމަލުން އަހަރެންނަށް ތަފާތު ގޮތެއް ވިއެވެ. މިނޫނީ ވިއާން އަހަރެންނާ އެހާ ގަތްވެފައެއް ނެތެވެ. އަހަރެންގެ ދެކޮނޑުގައި ޖައްސައިލައިގެން ހުރި ވިއާންގެ ދެއަތަށް އަހަރެންނަށް ބަލައިލެވުނީ ބޭއިހްތިޔާރުގައެވެ.

"އިށީނދެބަލަ. ވެރިމީހާ އަންނަންދެން" ގޮނޑި ދުރުކޮށްލާފައި އަހަރެން އިށީންނަންދެން ފަހަތުގައި ވިއާން ހުއްޓެވެ. އިރުކޮޅަކުން ބަދިގެއިން ނިކުތް ޝާހިދު ފެނި އަހަރެން ހައިރާންވިއެވެ. ހިނިވެސް އައެވެ. ބޮޑެތި ރެސްޓޯރަންޓްގެ ޝެފުންގެ ހެދުންއަޅާ ކަހަލަ ގޮތަށް ހެދުން އަޅައިގެން ޝާހިދު ހުރި ދެއަތުން ބިއްލޫރިތަށި ތަކުގައި ހިފަހައްޓާލައިގެންނެވެ.

"އަނެއްކާ ކޮންކަހަލަ ރެއެއް؟ ތިތަނުން ކާކަށް ހާއްސަ ރެއެއް؟" އަހަރެން އެހީމެވެ.

"ޝާޑު މެރީކުރަނީ ޔޯ. ވާންއުޅޭ އަނބި ގޮއްޔެގެ ބައްޕަ ރުުހުނީ މިރެއޯ. އެހެންވެ ޝާޑު އަހަރެމެން ދެމީހުންނަށް ދިން ކެއުމެއް މީ" ވިއާން ވާހަކަދެއްކިއެވެ.

"ތެދެއްތަ. ވާއު. މަރުހަބާ. ކޮންއިރަކުން އޮތީ؟" ޝާހިދަށް މަރުހަބާ ކިޔާފައި އަހަރެން އެހީމެވެ.

ހުރިހާ އެއްޗެހި ހުސްނުވިޔަސް އެމީހަކަށް ކެވޭ ވަރަކަށް އެމީހަކު ކެއެވެ. އެންމެ މަދުން ކެއީ ވިއާނެވެ. އެތަނުގައި ގަރުދިޔަ ނެތީމަ ކާން ބޭނުންނުވީއޭ ކިޔާ ޝާހިދު ވިއާނާ ދިމާކުރިއެވެ.

"މަލްކޮ އެބައިން ވާހަކައެއް ދައްކަންވެފަ. މާދަމާ ޑިއުޓީ ނިންމާފައި އައިސް ދޯ" ޝާހިދު ބުނެލިއެވެ. ޝާހިދު އަހަރެންނަށް 'މަލްކޮ' ގެ ނަމުން މުހާތަބް އެކުރީ އަލަކަށް ނޫނެވެ. އެހެންނަމަވެސް މިފަހަރު އެހެން ފަހަރުތަކާ ހިލާފުވީ ކީއްވެކަމެއް ނޭނގެއެވެ. ޝާހިދާ މެދު ބުނެދޭން ނޭނގޭ ގާތްކަމެއް ހިތުގައި އުފެދުނެވެ. އަމިއްލަ ބޭބެއެއް ހުރިކަން އެވަގުތު އަހަރެންނަށް އިހުސާސް ކުރެވުނެވެ.

ހުރިހާކަމެއް ނިންމާފައި ކޮޓަރިއަށް ދާން އުޅެނިކޮށް ވިއާން ގޮވާލައިފިއެވެ. އަހަރެން ހުއްޓުމުން ދުރުދުރުގައި ފިޔަވަޅު އަޅަމުން އައިސް އަހަރެންނާ ދާދި ގާތުގައި ހުއްޓިއްޖެއެވެ.

"ވަރަށް ނިދި އައިސްފަތަ ތިހުރީ" ވިއާން އެހިއެވެ. އަހަރެން ދެފަރާތަށް ބޯހޫރާލީމެވެ.

"އެބައޮތޭ މަލް އާ އެއްޗެއް ހަވާލުކުރަންވެފަ. ހިނގާބަލަ" ވިއާން ކުރީގައި ހުރެ ހިނގައިގަތުމުން އަހަރެން ފަހަތުން ދިޔައީމެވެ. އެހެން ރޭތަކާ ހިލާފަށް މިރޭ ވިއާންގެ އަމަލުތައް ހުރުމުން އަހަރެންނަށް ހައިރާންކަމެއް ލިބުނެވެ.

ވިއާން ކޮޓަރިއަށް އެޅި ފުރަތަމަ ފިޔަވަޅާއެކު އަހަރެންނަށް ނަޒަރެއް ދެވުނީ އެއްކަލަ ފްރޭމަށެވެ. ކުރިއެކޭ އެއްގޮތަށް މިފަހަރުވެސް އެ އޮތީ ބަންޑުންނެވެ. އަހަރެންނަށް ހައިރާންކަމާއެކު ބަލައިލެވުނީ އެނދު ކައިރީގައި ހުރި ވިއާނަށެވެ. އެވަގުތު ވިއާން އަހަރެންނާ ދިމާލަށް ބަލައިލިނަމަ އަހަރެން ހިތުގައި ސުވާލު އުފެދިފައިވާކަން އިނގުނީހެވެ.

"އަހަރެންނާއެކު ފިހާރައަށް ދާނަމޭ ކިޔާފައިވެސް މާލޭގައި ސައިކަލް ދުއްވަން ބިރުން މަލް ދެކޮޅުހެދީމަ އަހަރެން ހިތަށް އެރީ އަހަރެންނަށް ކަމުދާ ކަހަލަ ފޯނެއް ގެނެސްދޭނީއޭ" އެނދުމަތީގައި އޮތް ކޮތަޅުން ނެގި ފޯނު ފޮށިގަނޑު އަހަރެންނަށް ދިއްކޮށްލަމުން ވިއާން ބުނެލިއެވެ. އޭގައި ހިފިއިރު އުފާވީވަރުން އަހަރެންނަށް ހެވިއްޖެއެވެ. އަހަރެން އެދުނު ފަދައިން އަގުބޮޑު ފޯނެއް ނޫނެވެ. އެހެންވިޔަސް އަހަރެންނަށް އެ ފޯނު ވަރަށް ކަމުދިޔައެވެ.

"ޝުކުރިއްޔާ. ކިހާވަރަކަށް ގަތީ" އަހަރެން އެހީމެވެ. އަހަރެން ބުނެފާނެކަމަށް އުންމީދު ނުކުރާ ކަހަލަ އެއްޗެއް ބުނީމަ ކަންނޭނގެއެވެ. އަހަރެންގެ މޫނަށް ނަޒަރެއް ދީފައި އެހާ އަވަހަށް ނަޒަރު ބަދަލުކޮށްލައިފިއެވެ.

"އެހާ އަގުބޮޑެއްނޫން. އެހެންނޫނަސް މީހަކު ހެޔޮހިތުން އެއްޗެއް ދިނީމަ އޭގެ އަގު އަހާކަށް ނުވާނެ" ވިއާން ބުންޏެވެ.

"ފޯނެއް ގަނެވޭ ވަރަށް އަހަރެން އަތުގައި ލާރި އެބަހުރި. އެހެންވެ" އަހަރެން ބުނީމެެވެ.

"މަލް އަތުގަ ހުރި ލާރިއެއް ވިއްޔާ ބަހައްޓާ" ވިއާން ބުނެލިއެވެ.

ކޮޓަރިން ނިކުންނަން އައިސްފައި އަހަރެން ރެކު ކައިރީގައި ހުއްޓި ފްރޭމް ނަގާ އަނެއްކާވެސް ކޮޅަށް ބެހެއްޓީމެވެ. ހުޅުވާލާފައި ހުރި ދޮރުން ބޭރަށް ނިކުމެފައި އަހަރެން އިރުކޮޅަކު މަޑުކޮށްލައިގެން ހުރީ ރެކް ފެންނާނެ ހެންނެވެ. މާގިނަ އިރެއް ނުވެ ވިއާން ރެކް ކައިރީގައި ހުއްޓިފައި އަހަރެން ކޮޅަށް ބެހެއްޓި ފްރޭމް ބަންޑުން ބާއްވައިލިއެވެ. އެވަގުތު ވިއާންގެ މޫނުމަތި މިލާ މޯލިވެފައިވާ މަލެއްހެން ކުލަވަރު ބަދަލުވެގެން ދިޔަތަން އަހަރެންނަށް ފެނުނެވެ.

ކޮޓަރިއަށް ދިޔައިރު ވިއާންގެ އެ އަޖައިބެއް ކަހަލަ މިޒާޖާ ގުޅިގެން އަހަރެންގެ ހިތު ތެރޭގައި ކުރިން އުފެދުނު ސުވާލުތައް ތަކުރާރު ވެލިއެވެ. ޖަވާބު ނުލިބޭ އެތައް ސުވާލުތަކެކެވެ. ވިސްނި ވަރަކަށް މީހާ މޮޔަވެދާނެއެވެ. ވިއާން މިއީ ކޮންކަހަލަ މީހެއް ހެއްޔެވެ؟ އޭނާގެ ހަގީގަތަކީ ކޮބައި ހެއްޔެވެ؟ ވިއާންގެ އެހެން މީހުންނަށް ވަންހަނާ ވެފައިވާ އަނދިރިފަރާތެއް ވަނީ ހެއްޔެވެ. ވިސްނި ވަރަކަށް އެކަންކަން ހޯދުުމުގެ ޝައުގުވެރިކަން އަހަރެންގެ ހިތުގައި ގަދަވެގެންފިއެވެ.

ރޭގެ ބޮޑުބައެއް އަހަރެން ހޭދަކުރީ ވިއާނާ މެދު ވިސްނާށެވެ. ވިއާންގެ އެ ހަމަހިމޭން ހަޔާތުގައި ކޮންމެސް ބޮޑު ސިއްރެއް ފޮރުވިފައިވާކަން އަހަރެންނަށް ޔަގީން ވެއްޖެއެވެ. އެކަމަކު ކޮން ކަމެއް ހެއްޔެވެ؟ އަހަރެން ހޯދަން ބޭނުމެވެ. ގޭތެރޭގައި ދެން ފޫހިވެގެން އުޅޭކަށް ނުޖެހޭނެއެވެ. ވިއާނާ ބެހޭގޮތުން ކަންތައްތައް ހޯދުމަކީވެސް މަސައްކަތެކެވެ. އެކަމަކު އަހަރެން މަސައްކަތް ފަށައިގަންނާނީ ކޮން ދިމާލަކުން ހެއްޔެވެ؟ މާމަ ކައިރީގައި ނުވަތަ ވިއާން ކައިރީގައި އަހައިގެން އޮޅުންފިލުވަންވީ ހެއްޔެވެ؟ ނޫނެކެވެ. ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އަޅަންޖެހޭނީ ވިސްނައިގެންނެވެ.

(ނުނިމޭ)