މިދިޔަ މަހުގެ ހަ ވަނަ ދުވަހު އެމެރިކާގެ ކޮންގްރެސް އިމާރާތަށް ވަދެގަނެ، ހިންގި ހަމަނުޖެހުންތަކުގައި އެގައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޒިންމާ އުފުލަން ޖެހޭ ކަމަށް ސެޓުގައި ކުރިއަށް ގެންދިޔަ އިމްޕީޗްމަންޓް ޝަރީއަތުން ޓްރަމްޕް ސަލާމަތްވެ ވަޑައިގެންފި އެވެ.
އިމްޕީޗްމަންޓް ޝަރީއަތުން ކުށްވެރިވާ ކަމަށް ފާސް ކުރެވޭނީ ސެނެޓުގެ 100 މެންބަރުންގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތުންނެވެ. އެގޮތުން ޓްރަމްޕު ކުށްވެރި ކުރަން 67 ވޯޓު ބޭނުންވާއިރު، ލިބުނީ އެއަށްވުރެ 10 ވޯޓު މަދު އަދަދެކެވެ. އެއީ 57 ވޯޓެވެ. އެ އަދަދު ހަމަވީ ވެސް ޓްރަމްޕު ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ ހަތް މެންބަރެއްގެ ވޯޓާވެސް އެކު އެވެ.
މިއީ ޓްރަމްޕުގެ ދެވަނަ އިމްޕީޗްމަންޓެވެ. ސެނެޓުގެ ވޯޓުން ޓްރަމްޕް މި ފަހަރު ކުށްވެރިވި ނަމަ، ރައީސްކަމަށް ދެން ވަޑައިނުގެންނެވޭ ގޮތަށް ފާސްކުރީހެވެ. އެ ގޮތަށް ފާސްކުރަން ބޭނުން ވަނީ ސެނެޓުގެ އަޣުލަބިއްޔަތު ވޯޓެވެ.
ވޯޓަށް ފަހު ކޮންގްރެސްގެ ރިޕަބްލިކަން ސީނިއާ މެންބަރު މިޗް މެކޯނަލް ވިދާޅުވީ ކެޕިޓަލް އަށް ދިން ހަމަލާގެ ޒިންމާ ޓްރަމްޕް އުފުއްލަވަން ޖެހޭނެ ކަމަށާއި އެއީ ލަދުވެތި ކަމެއް ކަމަށެވެ. ނަމަވެސް އޭނާ ކުށްވެރި ކުރަން ވޯޓު ނުދެއްވީ ޓްރަމަޕަކީ މިހާރު އެމެރިކާގެ ރައީސްގެ މަގާމުގައި ހުރި މީހަކަށް ނުވާތީ އޭނާ އިމްޕީޗްކުރުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށް ވާތީ ކަމަށް ވިދާޅުވި އެވެ.
މެކޯނަލް ވަނީ އިމްޕީޗްމަންޓުން ޓްރަމްޕު ސަލާމަތްވެވަޑައިގަތް ނަމަވެސް، ކޯޓުގައި އޭނާ ޖަވާބުދާރީ ކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.