ތިންވަނަ ބައި

"ކަންކަމުގަ އެހާ އަވަހަށް މާޔޫސްނުވޭ. އިންސާނާގެ ހަޔާތުގެ ކޮންމެ ސިކުންތެއް ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ މީގެ އެތައް ބިލިއަން އަހަރުތަކެއް ކުރިން ލިޔުއްވާފަ. އެކަލާނގެ އިރާދަކުރައްވާ މީހަކަށް ދެއްވާ. އިރާދަކުރައްވާ މީހަކު އެއިން އެއްކިބާ ކުރައްވާ. ތަޤުދީރުގަ ލިޔުއްވާފައިވާ ކަމެއް ތިމާއަށް ނުވެ ނުދާނެ. އެއީ ޔަގީންކަމެއް. ކޮންކަމަކާ ހާސްވަނީ؟" ކޮންމެ ފަހަރަކުވެސް މާމަގެ އެކަހަލަ ބަސްތަކުން އަހަރެންނަށް ހިތްހަމަޖެހުން ލިބެއެވެ.

އާ ދުވަހެކެވެ. އާދައިގެމަތިން ވިއާން ވީ އޮފީހުގައެވެ. ދަތްއުނގުޅައިގެން ކޮޓަރިން ނިކުތްއިރު މާމަ ބަދިގޭތެރޭގައި އުޅޭ އަޑު އިވިއިވި ހުއްޓެވެ. އަހަރެސް ގޮސް ވަންއިރު މާމަ ރޮށި ފިހެން ތައްޔާރުވަމުން ދިޔައެވެ. އަހަރެން ފެނުމުން ހީލިއެވެ.

"ތަންކޮޅެއް ލަހުންނޭ މާމައަށް ހޭލެވުނީ. ފަތިސް ނަމާދުކޮށްގެން ޒިކުރު ކިޔަން އޮށޯވެލިތަނާ ނިދިއްޖެ" މާމަ ބުނެލިއެވެ.

"އަޅުގަނޑަށްވެސް ފަހުން ނިދިއްޖެ" އަހަރެން ބުނީމެވެ.

އަވަހަށް ކޮފީތައްޓެއް ނަމަވެސް ބުއިމަށް މާމަ ބުނެލިއެވެ. ފެން ހޫނުކުރަން ޖައްސާފައި އަހަރެން އެނބުރި މާމައަށް ބަލައިލީމެވެ. ބަލައިބެލުމަށް މާމައަށް އަށްޑިހަ އަހަރު ވެދާނެއެވެ. އެކަމަކު މޫނުމަތި ވަރަށް އޮމާނެވެ. ފަލައެއްވެސް ނޫނެވެ. އެކަމަކު ދުވަސްވެފައިވާކަން އިނގެއެވެ. ތެދު ހަށިގަނޑެކެވެ. އުމުރަށް ވުރެ ޅަ ކަމަށް ދައްކައެވެ. އަބަދުވެސް ލައި އުޅެނީ ހައުސްކޯޓެވެ.

"މަލް..." މާމަ އަހަރެންގެ ނަމުން ގޮވައިލުމުން އަހަރެން ބަލައިލީމެވެ. އަހަރެންނާ ދިމާވި ފަހުން އަހަރެންގެ ނަމުން މާމަވެސް ވިއާންވެސް ގޮވާލާފައި ވާނީ މަދު ފަހަރެއްގައެވެ.

"ކޯޗެއް ތި ގިރަނީ؟" އަހަރެންނަށް ބަލައިލާފައި މާމަ އެހިއެވެ.

"ބްލެކް ކޮފީ" ހީލަމުން އަހަރެން ބުނީމެވެ.

"ހަހަ. ނަމެއްގަ ކަޅު ކޮފީ. އެކަމަކު ދަރިފުޅު ހާދަ ކިރެކޭ ތިއަށް ތިއަޅަނީ" މާމަ އަހަރެންނާ ދިމާކޮށްލިއެވެ. މާމަ އެބުނީ ތެދެކެވެ. އަހަރެންނަކީ ވަރަށް ކޮފީ ބޯހިއްވާ މީހެކެވެ. އެކަމަކު އަހަރެންނަށް ކޮފީ ބޮވޭނީ ކޮފީގެ ރަހަ ކެނޑޭ ވަރަށް އެއަށް ކިރު އަޅައިގެންނެވެ.

"ރަނގަޅުވާނެ. މާގިނައިން ކޮފީ އެޅީމަ ނުބޮވޭ" އަހަރެން ބުނީމެވެ.

"މާމަ ކަމަކު ކިޔަން އުޅުނުހެން ހީވި" ކޮފީތަށި ހިފައިގެން ގޮސް މޭޒު ކައިރީގައި އިށީންނަމުން އަހަރެން ބުނީމެވެ. އަހަރެން ހުސްކޮފީތަށި ހިފައިގެން އިށީނުމުން މާމައަށް ކަމަކު ނުދިޔައެވެ. ހެނދުނުގެ ސަޔަށް ހަދާފައި ހުރި ސޭންޑްވިޗް އަހަރެންނަށް ދިނެވެ.

"މާމައަށް ލަހުން ހޭލެވުނީމަ ވިއާންވެސް ދިޔައީ ތި ކައިގެން" މާމަ ބުންޏެވެ.

"މާމަ ބުނަން އުޅުނު ވާހަކައަކީ މަލް ތި ބޮއެގެން މާމައަށް ވިއާންގެ ކޮޓަރި އާ ޝާހިދްގެ ކޮޓަރި ސާފުކޮށްލަދީބަލަ" މާމަ ބުންޏެވެ. އަހަރެން މާމައަށް ބަލަހައްޓައިގެން ހުރެފައި މާމަ ކައިރީގައި ގޮސް ހުއްޓުނީމެވެ. މާމަ އަހަރެންނަށް ބަލައިލާފައި ހިނިތުންވުމެއް ދިނެވެ. އަދި އެހިއެވެ.

"ކިހިނެއްވީ؟"

"ހަގީގަތުގައިވެސް މާމަ އަޅުގަނޑާމެދު ދަރިއެއް ފަދައިން ދެކެންޏާ މިގޭ ހުރިހާ މަސައްކަތެއް ކުރަން އަޅުގަނޑު އަތަށް ދީބަލަ" އަހަރެން ބުނީމެވެ.

"މާމައަށް ވަރަށް އުނދަގޫވާނެ މަސައްކަތެއް ނުކޮށް ހުންނަން" މާމަ ބުނެލިއެވެ. އަހަރެން މާމަ ކައިރީގައި ބުނީމެވެ. މާމަވެސް ބޭނުންވާ ކަމެއް ކުރާށެވެ. އެކަމަކު އަހަރެން ނުހިފަހައްޓާށެވެ. އަހަރެން އަންހެނަކަށް ވެ ހުރެ ދެއަތް އުރާލައިގެން ހުންނަން ބޭނުންނުވާ ކަމުގައި ބުނީމެވެ. އެންމެފަހުން މާމަ އެއްބަސްވެއްޖެއެވެ.

"އައްސަލާމް އަލައިކުމް" މޮޕް ލާ އެތި ހިފައިގެން އަހަރެން ވިއާންގެ ކޮޓަރިއަށް ވަންނަން އުޅުނު ވަގުތު ބޭރުގައި ހުރި މީހަކު ސަލާން ގޮވައިލި އަޑު އިވުނެވެ. ސަލާން ބަލައިގަނެފައި އަހަރެން އެދިމާލަށް ގޮސް ބަލައިލިރު މާމަ ފުރާގެ އަންހެނަކު ދޮރުމަތީގައި ހުއްޓެވެ. ކަސަބު އެޅި ދިވެހި ލިބާސް ލާފައި ހުރިއިރު ބޮލުގައި ބުރުގަލެއް ނެތީމަ އައިބު ގޮތެއް ހުއްޓެވެ. އެހެންނަމަވެސް އެ އަންހެންމީހާގެ އަނގަމަތި ހުރީ ރޫތަކާއެކު ދެފަރާތަށް ދެމިލާފައެވެ. ހިނިތުންވެލައިގެން ހުރީ އެހާ ބޮޑަށެވެ. އަނގައިގެ ތެރެއިން ކޮލުގައި އިން ދަތް ނޫން އެންމެ ދަތެއްވެސް ފެންނަން ނެތެވެ. ބަލައި ބެލުމަށް ހިތްހެޔޮ މީހެއްގެ ފާޑު ޖަހައެވެ. އިހުޒަމާނުގައި ނަގާފައިވާ ތަސްވީރަކާ އެމީހާ ހުރި ގޮތާ ތަފާތެއްވެސް ނެތެވެ. މެގަޒިނެއްގެ ބޭރުގައި ޖަހައިލަން އެންމެ އެކަށީގެންވާ ފޮޓޮއެކެވެ.

"ޒުލޭހާ އެބައުޅޭތަ؟" އެމީހާ އެހިއެވެ. އަހަރެން ހިނިތުންވުމަކާއެކު އެމީހާއަށް ޖަވާބުދިނީމެވެ. އެތެރެއަށް ވަންނަން ދައުވަތު ދީފައި އަހަރެން މާމައަށް ގޮވީމެވެ. އަދި މާމަ ނިކުމެގެން ގޮސް އެމީހާ އާ ވާހަކަދައްކަން ގޮނޑީގައި އިށީންނަންދެން އަހަރެން ބަލަަހައްޓައިގެން ހުރެފައި ބަދިގެ އާ ދިމާލަށް ދިޔައީމެވެ. އަހަރެން ވިއާންގެ ކޮޓަރިއަށް ވަނީ މާމަ އާއި މާމަގެ ރަހްމަތްތެރިޔާއަށް ފިނި ބުއިމެއް ގެންގޮސްދީފައެވެ.

"މަލްހާ. އަހަރެންގެ ދަރިއެއް ކަހަލަ ކުއްޖެއް" އަހަރެން ހިނގައިގަތް ވަގުތު މާމަ ބުނެލި އަޑު އިވުނެވެ.

ވިއާންގެ ކޮޓަރިއަށް އަހަރެންނަށް ވަދެވުނު އެއީ ފުރަތަމަ ފަހަރެވެ. އެހެންކަމުން އަހަރެންނަށް ހުރެވުނީ ޖާގަ ތަނަވަސް އެ ބޮޑު ކޮޓަރިއަށް ބަލަހައްޓައިގެންނެވެ. ފިރިހެން ކުއްޖަކާ އެންމެ ގުޅޭނެ ގޮތަކަށް ފަރުމާ ކޮށްފައިވާ ކޮޓަރިއެކެވެ. ފަރުނީޗަރުތައް ހުރީ ކަޅު ކުލައިގައެވެ. ދޮރުފޮތިތަކާ އެނދުމަތީގައި އޮތް ބެޑްޝީޓާ ބާލީސް އުރަތައްވެސް ހުރީ ކަޅު ކުލައިގައެވެ. އެހެންނަމަވެސް ފާރުގައި ލާފައި ހުރީ ހުދު ކުލައެވެ. އެ ހުރިހާ އެއްޗެހިތަކުގެ ތެރެއިން އަހަރެންގެ ލޮލުގައި އަޅައިގަތީ ޓީވީ ރެކް މަތީގައި ބަންޑުން ބާއްވާފައި އޮތް ފޮޓޯ ފްރޭމެކެވެ. އަހަރެން އެ ފްރޭމް ނަގާފައި ބަލައިލީމެވެ. އެއީ ވަރަށް ރީތި ފޮޓޮއެކެވެ. ގާތްގަނޑަކަށް ފަސް ވަރަކަށް އަހަރުގެ ކުޑަ އަންހެންކުއްޖެކެވެ. ރަތްކުލައިގެ ފްރޮކެއްގައި ހުރި އެ އަންހެންކުއްޖާ ތުންފަތުގައި ރަތްކުލައިގެ ލިޕްސްޓިކެއް ޖައްސާފައި ހުއްޓެވެ. އަރައިގެން ހުރީވެސް ރަތްކުލައިގެ ބޫޓަކަށެވެ. ބޮލުގައި ޖަހާފައި އިން ދަތިވެސް އިނީ ރަތްކުލައިގައެވެ. އެއީ އަނެއްކާ ކޮން ކުއްޖެއްބާއެވެ؟ ވިއާންގެ ދަރިފުޅުބާއެވެ؟ އެހެންކަމަށްވާނަމަ މިގެއިން އެކުއްޖާ ނުފެންނަނީ ކީއްވެގެން ހެއްޔެވެ؟ ފޮޓޯގަނޑު ބަންޑުން އޮތީ ކީއްވެގެން ހެއްޔެވެ؟ ކޮންމެއަކަސް ހިތުގައި އުފެދުނު ސުވާލުތަކުގެ ޖަވާބެއް ނުލިބުނެވެ. އެހެންކަމުން ފޮޓޯ ފްރޭމް އޮތްގޮތަށް ބާއްވާފައި އެތެރެއަށް ހިނގައިގަތީމެވެ.

ކުއްލިއަކަށް އަހަރެން ހަނދާންވެއްޖެއެވެ. އެފޮޓޯގައި އެވާ އަންހެންކުއްޖާގެ ފޮޓޮއެއް ޒިޔާންގެ މަންމަ އަތުން އެއްދުވަހު ދުށީމެވެ. އެކުއްޖާ އާ ވިއާނާ އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ ޒިޔާންގެ މަންމަ އާ ބެހޭގޮތުން މާމައަށް ވެސް ކޮންމެސް އެއްޗެއް އިނގެއެވެ. އެކަމަކު ކޮންކަމެއް ހެއްޔެވެ؟ މާމަ ކައިރީގައި އަހަންވީއެވެ. ވިއާން ގެއަށް އަންނަ ގަޑި ކައިރިވަމުން ދާތީ އަހަރެން އަވަހަށް އެކޮޓަރި ސާފުކުރަން ފެށީމެވެ. ކޮޓަރިން ނިކުމެފައި ފޮޓޯ ފްރޭމް ބާއްވާފައި އޮތް ރެކާ ހަމަވެފައި ފްރޭމް ރީތިކޮށް ކޮޅަށް ބެހެއްޓީމެވެ.

ކޮޓަރިއަށް ވަންގޮތަށް އަހަރެން ވަނީ ފާހާނާއަށެވެ. މަޣްރިބް ފާއިތުވުމުގެ ކުރިން ނަމާދުކޮށްލަން ހިތާއެވެ. ފޫހިކަމާއެކު ފާހާނާއިން ނިކުމެގެން ގޮސް އަހަރެން ހުއްޓުނީ އަލަމާރި ކައިރީގައެވެ. އަލަމާރިން އެއްޗެއް ނަގައިގެން އަހަރެން އަލުން ގޮސް ފާހާނާއަށް ވަދެފައި އައިސް އެނދުގައި އޮށޯތީމެވެ. އަނެއްކާވެސް ނަމާދު ޗުއްޓީއެވެ. އެހެންފަހަރުތަކާ ހިލާފަށް މިފަހަރު ހިތަށް ލިބުނީ ހިތްހަމަޖެހުމެކެވެ. ދަރިއަކު ލިބުމަށް މިފަހަރު އުންމީދެއް ނުކުރަމެވެ. ކައިރީގައި އޮތް ފޯނަށް ފޯނެއް އަންނަން ފެށުމުން އަހަރެން ބަލައިލީމެވެ. އަރާފައިވަނީ 'މަންމަ' ގެ ނަމުން އަހަރެން ސޭވްކޮށްފައިވާ ނަމެކެވެ. ވަގުތުން އެއީ ޒިޔާންގެ މަންމަ ކަން އަހަރެންނަށް އިނގިއްޖެއެވެ. ޒިޔާންގެ ދިރިއުޅުމުން އަހަރެން ދުރަށް ދިޔަ ފަހުން މިއީ މަންމަ ގުޅާ ފުރަތަމަ ފަހަރެވެ. އަހަރެން ފޯނު ނެގީ އެ މަންމައަށް އަހަރެން ކުރާ ގަދަރެއްގެ ސަބަބުންނެވެ.

"މަންމަ ވަރަށް ބަލިވެއްޖެ. މަލް ނެތްކަމުގެ އިހުސާސް އެބަކުރެވޭ. ޒިޔާން އެބައުޅޭ މީހަކާ އިންނަން ކިޔައިގެން. މަންމަ ރުހޭ ކުއްޖެއްނޫން އެއީ" އަހަރެން ހަލޯ އޭ ނުބުނަނީސް މަންމަ ވާހަކަދައްކަން ފެށިއެވެ. އަހަރެން މަންމައަށް ވިސްނައިދިނީމެވެ. އަހަރެންނަށް ދިން އަޅާލުމާ އޯގާތެރިކަން ޒިޔާން އިންނަން އުޅޭ ކުއްޖާއަށްވެސް ދިނުމަށެވެ. އަހަރެން ދުވަހަކުވެސް މަންމަ އާ ގުޅުން ނުކަނޑާނަމޭ ބުނީމެވެ. ޒިޔާން އިނދެގެން ގެންނަ ކުއްޖަކާމެދު ރުހޭށޭ ބުނީމެވެ. މަންމަގެ އުންމީދުތައް ހާސިލްވާނީ އޭރުން ކަމުގައި ބުނީމެވެ.

މާމަ ފަތިސްނަމާދަށް އެރީ އަހަރެން ހޭލާ އޮށްވައެވެ. ފާހާނާއަށް ވަދެލާފައި އަހަރެން ނިކުތީ ކޮޓަރިން ބޭރަށެވެ. ފަތިސް ނަމާދުން އައިސް ވިއާން ވަނީ އެގަޑީގައެވެ. ކޮޓަރިއަށް ވަނުމުގެ ކުރިން ވިއާން އަހަރެންނަށް ބަލައިލާފައި ހީލިއެވެ. ވިއާނާ އެކު ޝާހިދު ނުފެނުމުން އަހަރެން ހިތުގައި ސުވާލު އުފެދުނެވެ. ފަތިސް ނަމާދަކީ ޝާހިދަށް ފަރުޟު ނުކުރައްވާ ނަމާދަކީ ހެއްޔެވެ؟ އަމިއްލަ ހިތާ ވާހަކަދައްކަމުން ގޮސް އަހަރެން ވަނީ ބަދިގެއަށެވެ. އަހަރެން އަބަދުވެސް ދުވަސް ފަށަނީ ހާއްސަ ކޮފީ އިންނެވެ. މާމަ ގެންގުޅޭ ފާރޮށި ދަޅުން ދެ ފާރޮށި ކިބަ އާ ކޮފީތަށި ހިފައިގެން އަހަރެން މޭޒު ކައިރީގައި އިށިންތަނާ ވިއާން އައިސް ވަދެއްޖެއެވެ.

"ކޮފީ ހަދައިދެންވީތަ؟" އަހަރެން އެހުމުން ވިއާން ދެފަރާތަށް ބޯހޫރާލިއެވެ.

"މަލް. ކުރިއަށްގެންދޭ. އަހަރެން އަމިއްލައަށް ކޮފީއެއް ހަދައިލަފާނަން" ވިއާން ބުނެލިއެވެ.

އަހަރެން އަޖައިބުވިއެވެ. އެހެން ފިރިހެނުންނާ ވިއާން ތަފާތު ވަނީ ކީއްވެގެން ހެއްޔެވެ؟ ކަސްރަތީ ރީތި ހަށިގަނޑެއް ލިބިފައި ވާއިރު އޭނާގެ ބޮޑާކަމާ ފޮނިކަމެއް ނެތެވެ. އޭނާ އާ ގުޅުން ހުރި ކިތަންމެ ކުޑަ ކަމެއްވެސް އެހެން މީހަކާ ކުރުވަން ނުޖައްސައެވެ. ކާން އިންނަ ވަގުތުތަކުގައި ބަތްތައްޓަށް ލައިގެން ކާއެއްޗެހި މަދުން އެޅުނަސް ތައްޓެއް ކައިރިކޮށްލަދޭށޭ ވެސް މީހަކު ކައިރީގައި ނުބުނާނެއެވެ. މޭޒު މަތީގައި ލައިގެން ކާއެއްޗެހި ހުސްވެފައި ހުރިއްޔާ ތެލި ކައިރިއަށް ގޮސް އަމިއްލައަށް ތައްޓަށް އަޅައިގެން އައިސް ކާނެއެވެ. ކާން ބޭނުންވާނީ ގަރުދިޔަ އާ ބަތެވެ. ނުވަތަ ރޮއްޓެވެ. މިރުހާ ލުނބޯވެސް އޭނާއަށް މުހިންމެއް ނޫނެވެ. ފެން ހުރިއްޔާ އޭނާއަށް ނިމުނީއެވެ.

"މަލް އަބަދު ތިހެންތަ އުޅޭނީ. ތިގޮތަށް ގޭތެރޭގަ އިންނަންޏާ އަބަދު އިންނަހާ ވާނީ" ކޮފީތަށި ހިފައިގެން އައިސް އަހަރެންނާ ޖެހިގެން އެއްގޮނޑި ދޫކޮށް އިށިންނަމުން ވިއާން ބުނެލިއެެވެ.

"އަހަރެން ވަކި ކޮންތާކަށް ދާނީ؟ ވަޒީފާއަށް ދާން އެކަކުވެސް ބޭނުމެއްނުވިއެއްނު" އަހަރެން ބުނީމެވެ. ހަގީގަތުގައިވެސް އަހަރެން ދާނީ ވަކި ކޮންތާކަށް ހެއްޔެވެ؟ ހަނދާން ހުންނަން ފެށުނިއްސުރެވެސް އަހަރެން މާލެ ނާންނަމެވެ. ގޭ ކައިރި ފިހާރައަކަށް ދިޔަސް އަހަރެންނަށް ގެއަށް އަންނަން ނޭނގޭނެއެވެ.

"ހެހެ... ވަޒީފާއަށް ނުދިޔަސް މިތާ ކައިރީގަ އޮންނާނެ ރަސްފަންނު. ހަވީރު ގޮސް އެތަނުގައި މަޑުކޮށްލަބަލަ. ވަރަށް ހިތްފަސޭހަ ތަނެއް" ވިއާން ބުނެލިއެެވެ.

"އަހަރެންނާ ކިޔަން ވިއާންވެސް އަބަދު އޮންނަނީ ގޭގައެއްނު" ކުޑަކޮށް ހީލަމުން އަހަރެން ބުނެލީމެވެ.

"ހެހެހެ. ތިބުނީ މުޅިއަކުން ގޯސް ވާހަކައެއް ނޫން. އަހަރެން ވިއްޔާ ވަޒީފާއަށް ދަމެއްނު" ވިއާން ބުނެލިއެވެ.

އޭނާ އަމިއްލައަށް ތެދުވެގެން ގޮސް ކޮފީ ބުއި ތަށި ދޮވުނެވެ. ސްޕޯންޖްކޮޅު ހިފައިގެން އައިސް އޭނާ ކޮފީ ބުއިތަން ސާފުކުރިއެވެ. އަހަރެންނަށް އިނދެވުނީ ވިއާންގެ ހަރަކާތްތަކަށް ބަލަހައްޓައިގެންނެވެ. ބަދިގެއިން ނިކުމެގެން ދިޔައީ އަހަރެންނަށް ހިނިތުންވުމެއް ދީފައެވެ.

މެންދުރު ކައިގެން ކޮޓަރިއަށް ވަންނަން ދިޔަ ވަގުތު ވިއާންގެ ކޮޓަރި ދޮރުހުޅުވާފައި ހުއްޓާ ފެނުނެވެ. އަމިއްލައަށް އިސްތިރިކުރަން ހުރި ވިއާން ފެނި އަހަރެން ދޮރާ ކައިރިިވެލީމެވެ. އަހަރެންނަށް ހީވީ ރަނގަޅަށެވެ. އެނދުމައްޗަށް އަޅާފައި ހުރި އެއްޗެހިތައް އިސްތިރި ކުރުމުގައި އޭނާ އުޅުނީ އަވަދިނެތިއެވެ. އެގޮތަށް ބަލަން ހުންނަން އަހަރެންނަށް ނުކެރުނެވެ. ވިއާން އަމިއްލައަށް އެއްޗެހި ދޮވެ އިސްތިރި ކުރުމަކީ ބަލަން އަހަރެންނަށް ކެތްވާނެ ކަމެއް ނޫނެވެ. ވިއާނަކީ ފިރިހެނަކަށް ވީމައެވެ. އެކަހަލަ ކަންކަމަކީ އަންހެނުންނާ ގުޅޭ ކަންކަމަށް ވީތީއެވެ. ދޮރުފަތުގައި ޓަކިޖަހައިލި ވަގުތު ވިއާން ބަލައިލިއެވެ. އަހަރެން ފެނުމާއެކު ހީލައިފިއެވެ.

"މަލް، ކަމަކުތަ؟ ވަދޭ އެތެރެއަށް" ވިއާން ބުނެލިއެވެ.

އަހަރެން އެތެރެއަށް ވަދެގެން ގޮސް ވިއާން ކައިރީގައި ހުއްޓިފައި އެނދުމައްޗަށް ބަލައިލީމެވެ. މުޅިންވެސް ހުރީ އޭނާގެ އަންނައުނެވެ. އިސްތިރިކުރަން ހުރި ވިއާންގެ ހަރަކާތްތައް އަވަހެވެ. ޔަގީނުންވެސް އަހަރެންނަށް ވުރެ ފަރިތައެވެ. މުބަރާތެއްގަ ބައިވެރިވިއްޔާ އިނާމެއް ލިބޭނެކަން ކަށަވަރެވެ. އެވަގުތުވެސް އަހަރެންނަށް އިނގުނެވެ. އެއީ މާކުރިން ފެށިގެން ވިއާން ކުރަމުން އަންނަ ކަންކަމެވެ.

"ގެނޭ މަގޭ އަތަށް" އަހަރެން ބުނީމެވެ.

"ނޫނޭ. އޯކޭވާނެ. މިކަހަލަ ކަމެއް ކޮށްގެން ދޯ ޓައިމްޕާސް ކޮށްލެވޭނީ. އެހެންނޫނީ ގޭތެރޭގަ އަހަރެން ވަރަށް ވައިވާނެ" ވިއާން ބުނެލިއެވެ. އަހަރެންނަށް އިތުރަށް ގަދަހަދަން ނުކެރުނެވެ. ވިއާން އެދުނު ފަދައިން އޭނާއަށް ދޫކޮށްލައިގެން ހުރީމެވެ.

އަހަރެން އެއްޗެއް ނުބުނެ ދޮރާ ދިމާލަށް އައި ވަގުތު ކުރިން ފެނުނު ފޮޓޯ ފްރޭމް އަނެއްކާވެސް ބަންޑުން އޮށްވާ ފެނިއްޖެއެވެ. އަޖައިބެކެވެ. މި ފޮޓޮއަށް ބަލަން ވިއާން ބޭނުންނުވަނީ ކީއްވެގެން ހެއްޔެވެ؟ ބަލަން ބޭނުންނުވާއިރު މިކޮޓަރީގެ ހަތަރު ފާރުން އެތެރޭގައި ބާއްވަނީ ކީއްކުރަން ހެއްޔެވެ؟ އެ މައުސޫމް ކުޑަކުއްޖާދެކެ ވިއާން ނަފްރަތު ކުރަނީ ކީއްވެގެން ހެއްޔެވެ؟ ވިއާނާ ސުވާލުކުރަންވީ ހެއްޔެވެ؟ ނޫނެކެވެ. އެއީ ވިއާން އަމިއްލަ ކަންކަމެވެ. އޭނަ އެކަން އަހަރެންނަށް ހާމަކުރަން ބޭނުންވާނަމަ ކޮންމެސް ދުވަހަކުން ހާމަކުރާނެއެވެ. އެންމެފަހުން އަހަރެން ކޮޓަރިން ނިކުތީ ފްރޭމް ފޮޓޯ ފެންނާނެހެން ރީއްޗަށް ބަހައްޓާފައެވެ.

ޕާކާ ހަމައަށް އަހަރެން ގޮވައިގެން އައީ ޝާހިދެވެ. ވިއާން ބުނިހެން ދުރެއް ނޫނެވެ. ޕާކު ތެރޭގައި ހުންނައިރުވެސް ގޭ ދޮރާ ބެލްކަނި ފެނެއެވެ. ހަލަބޮލިވެފައިވާ ޕާކު ތެރެއަށް ވަދެގެން ގޮސް އަހަރެން އިށީނީ ހިލަ ގޮނޑިއެއް މަތީގައެވެ. ދެ ޖިންސުގެ އެކި އުމުރުފުރާގެ މީހުން ހަރަކާތްތެރިވަމުން ދިޔައެވެ. ދެކޮޅަށް ކުޅެމުންދިޔަ ކުޑަކުދިންތައް ފެނުމާއެކު މާޒީގެ ދުވަސްތަކެއް އަހަރެންގެ ސިކުނޑީގެ ކަނެއްގައި ކޮށްޓާލައިފިއެވެ. ދަރިއަކު ލިބުމަށް އަހަރެން އެދުނު މިންވަރާ ކުރެވުނު މަސައްކަތްތައް އަހަރެންގެ ސިކުނޑީގައި ތާޒާވެލައިފިއެވެ. އިސާހިތަކު އަހަރެންގެ ދެލޯ ކަރުނުން ފުރިއްޖެއެވެ. ހަނދާންކުރަން ބޭނުންނުވާ ދުވަސްތަކެއް އަހަރެން ރޮއްވާލައިފިއެވެ. ހިތަށް އެރިއެވެ. ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށެވެ. ޒިޔާނާ އަހަރެންނަށް ދަރިއަކު ލިބުނުނަމަ އެކުއްޖާ ބޮޑު ވާނީ ކޮންފަދަ ނިކަމެތި ހާލެއްގަ ކަމެއްވެސް ނޭނގެއެވެ. ޔަގީނުންވެސް އުފަން ބައްޕަގެ ލޯބިން ހުންނާނީ މަހުރޫމު ވެފައެވެ.

"ދެރަނުވޭ. ކުރީގެ ފިރިމީހާއަށް ދަރިފުޅަކު ނުލިބުން އެއީ ރަގަޅަކަށް ވީކަމެކޭ ހީކޮށްލާ" އަހަރެން ސިއްސައިގެންދިޔައީ ދާދި ކައިރިން އިވުނު ފިރިހެން އަޑަކުންނެވެ. ބަލައިލިއިރު ޝާހިދު އިނީ ކައިރީގައެވެ. ވަގުތުން ދެލޯ ކައިރި ސާފުކޮށްލާފައި ޝާހިދަށް ހިނިތުންވުމެއް ދިނީމެވެ.

"ނުދަންތަ؟" އަހަރެން އެހީމެވެ.

"ދެވޭތަ؟ މަލް ރޯ އަޑު އިވޭ ވިއްޔާ ދަރުބާރުގެއާ ހަމައަށް" ސަމާސާ އެކުލެވޭ ރާގެއްގައި ޝާހިދު ބުނެލިއެވެ. އަހަރެން ކައިރިއަށް ހިނިއައެވެ.

"އަހަރެން... ނުވިސްނަން އެއްވެސް ކަމަކާ" އަހަރެން ބުނީމެވެ.

"އަހަރެންވެސް ނުބުނަން ވިސްނައޭ" ޝާހިދު ބުނެލިއެވެ.

"ކިހިނެއް ތިހާ ސީދަލަށް ބުނަން އިނގުނީ" އަހަރެން އެހީމެވެ.

"ވިއްޓު ބުނެފި މަލް އެކަނި ބަހައްޓާފަ ނާންނާށޭ. އެހެންވެ އަނބުރާ މިތަނަށް އައީ. އައިރު އަހަރެންނަށް ފެނުނު މަންޒަރަކުން އަދިވެސް މިހުރީ ބިރުގަނެފަ. ހަމަ ތެދެއް މިބުނީ ކިރިޔާ މޭގަނޑު އަނގައަށް ނައީ. އަސްލު އަނގައަށް އައި. އަހަރެން އަލުން ދިރުވާލީމަ މަރުނުވެ ސަލާމަތްވީ" ޝާހިދު ވާހަކަދެއްކިއެވެ. އަހަރެންނަށް ހެވުނެވެ. ޝާހިދުގެ ވާހަކަތައް އަބަދުވެސް ހުންނާނީ އެހެން މީހުން ހެއްވާލަން އުޅޭ ކަހަލަ ގޮތަކަށެވެ. ހާއްސަކޮށް އަހަރެން ދެރަވެފައި ހުރެގެން ނުވާނެއެވެ.

"ކޮން މަންޒަރެއް ފެނުނީ؟" އަހަރެން އެހީމެވެ.

"ފެނުނީ މި ޕާކު ތެރޭގަ ގޮނޑިއެއްގަ އިން ރީތި އަންހެންކުއްޖެއް. އިނީ ކުޑަކުދިންތަކަށް ބަލަން. އަހަރެންނަށް ފެނުނީ އެކުއްޖާގެ ސިކުނޑި އޭގެ މަގާމުން ނެއްޓި ވަރަށް ދުރުގައި އޮތްތަން" އަތުން ހަރަކާތްކުރަމުން ޝާހިދު ކިޔައިދިނެވެ. އަހަރެން ހިނިއައެވެ.

"ދެން އިނގޭނެއްނު. މަލް ވިސްނާނީ އެކަހަލަ ކަމެއްގަކަން" ޝާހިދު ބުނެލިއެވެ.

މަގުގެ އެއްފަރާތުން ހިނގާފައި ގެއަށް ވަންނަން އައި ވަގުތު ފެނުނު މަންޒަރަކުން އަހަރެންގެ ދެފައި ހީވީ ބިންމަތީގައި ތަތްލެވި ހެންނެވެ. ކުރިއަށްވެސް ފަހަތަށްވެސް ފިޔަވަޅެއް އަޅަން ނުކެރުނެވެ. ހިތުގައި ހިނގައިލި ބިރުވެރިކަމުގެ އަސަރު ހަށިގަނޑުގެ ހުރިހާ ނާރުތަކަށް ކޮށްފިއެވެ. ކުރިމަތިން ރޯލްވަމުންދާ މަންޒަރަށް ބަލަން ހުރެފައި ކައިރީގައި ހުރި ޝާހިދުގެ އަތުގައި ހިފައިލެވިއްޖެއެވެ.

(ނުނިމޭ)