ރޮހިންޔާގެ މުސްލިމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަނިޔާތަކަށް ހައްގު ހޯދައިދިނުމަށް ގެމްބިއާ އާއި ގުޅިގެން ބައިނަލްއަގްވާމީ ކޯޓުގައި ރާއްޖެއިން ވަކާލާތުކުރާނެކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޝާހިދު މިހެން ވިދާޅުވީ ބަންގަދޭޝް އަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގައި އެ ގައުމުގެ ހާރިޖީ ވަޒީރާ އެކު ބޭއްވެވި ބައްދަލުވުމެއްގަ އެވެ.
މި ބައްދަލުކުރެއްވުމުގައި ޝާހިދު ވަނީ ރޮހިންޔާ ރެފިއުޖީންގެ މައްސަލައިގައި ބަންގްލަދޭޝް ސަރުކާރަށް ދިވެހި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން އޮންނާނެކަމަށް ވިދާޅުވެފަ އެވެ. އަދި ދިވެހިރާއްޖެއިން އަބަދުވެސް ރޮހިންޔާ ދަރިކޮޅުގެ މީހުންގެ ހައްގުތަކަށް ވަކާލާތު ކުރާނެކަމަށާއި، އެމީހުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަނިޔާތަކަށް ހައްގު ހޯދައިދިނުމަށް ގެމްބިއާއާ ގުޅިގެން ބައިނަލްއަގްވާމީ ކޯޓުގައި ރާއްޖެއިން ވަކާލާތު ކުރާނެކަމަށްވެސް ވިދާޅުވި އެވެ.
މި ބައްދަލު ކުރެއްވުމަށްފަހު ނޫސްވެރީންނާ ބައްދަލު ކުރައްވައި ވަހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ ބަންގްލަދޭޝް އާއި ރާއްޖެއާ ދެގައުމުގެ ދެމެދުގައި ވިޔަފާރި އާއި އިންވެސްޓްމަންޓް އިތުރުކޮށް ތައުލީމީ، ސިއްހީ އަދި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ.
ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް މީހުން އަދާކުރާ ރޯލުގެ މުހިއްމުކަން ފާހަގަކުރައްވައި، މިނިސްޓަރު ޝާހިދު ވިދާޅުވީ ރާއްޖޭގައި ލިޔެކިޔުން ނެތި އުޅެމުންދާ މަސައްކަތްތެރިންގެ އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް އެފަދަ ފަރާތްތައް ރެގިއުލަރައިޒް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި އެނބުރި ބަންގްލަދޭޝްއަށް ދާން ބޭނުންވާ މިފަދަ ފަރާތްތައް އަނބުރާ ގެންދިޔުމުގައި ބަންގްލަދޭޝް ސަރުކާރުގެ ފަރާތުން ދެއްވަމުންގެންދަވާ އެއްބާރުލެއްވުމަށް މިނިސްޓަރު ޝާހިދު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
މީގެ އިތުރުންވެސް އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާ ހަމަޖެހުމަށް ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން ދެ ބޭފުޅުން ބޭއްވެވި މަޝްވަރާތަކުގައި ވާހަކަ ދެކެވުނު ކަމަށްވެސް ވިދާޅުވި އެވެ.
ބަންގްލަދޭޝްގެ ހާރިޖީ ވަޒީރާއެކު ބޭއްވި މި ބައްދަލުވުމުގައި ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ދެ އެމްއޯޔޫއެއްގައި ވަނީ ސޮއި ކުރައްވާފަ އެވެ. މި ދެ އެމްއޯޔޫ އަކީ ދެގައުމުގެ ފޮރިން ސާވިސް އިންސްޓިޓިއުޓްތަކުގެ މެދުގައި ކުރެވުނު އެމްއޯޔޫ އަކާއި ދިވެހިރާއްޖެއަށް ބަންގްލަދޭޝްއިން މަސައްކަތްތެރިން ގެނައުމުގެ ކަންކަން އިތުރަށް ހަރުދަނާކުރުމާ ގުޅޭ އެމްއޯޔޫ އެކެވެ.
ރާއްޖޭގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދު އެވެ.
ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު