ރާއްޖެ އާއި ބަންގުލަދޭޝަކީ ޒަމާނުއްސުރެ ވަރަށް ގާތް ގުޅުމެއް އޮންނަ ދެގައުމު ކަމަށާއި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކުރެވެންހުރި މަސައްކަތްތަކާ ގުޅޭގޮތުން މިއަދު މަޝްވަރާ ކުރައްވާފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ބަންގްލަދޭޝްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޝާހިދު ވިދާޅުވީ ރާއްޖެ އާއި ބަންގުލަދޭޝްގެ ގުޅުން 40 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށާއި ދެ ގައުމުގެ އެއްގޮތް ކަންކަން ވަރަށްވެސް ގިނަ ކަމަށެވެ. އެގޮތުން ދެގައުމުގެ ސަގާފަތާއި އާދަކާދަތަކުގެ އިތުރުން ދެގައުމުން ބަލައިގަންނަ ކަންކަންވެސް ވަރަށް އެއްގޮތް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ބަންގްލަދޭޝްއަކީ ރާއްޖެއަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭ ގައުމެއް ކަމަށާއި އެގޮތުން މިހާރުވެސް އަސްކަރީ ދާއިރާއިންނާއި ހެލްތު އަދި މެޑިސިނާއި އިތުރު އެހެން ދާއިރާތަކުންވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އަދި ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައިވެސް ބަންގްލަދޭޝްއިން އެހީތެރިކަން ފޯރުކޮށްދެއްވިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޑރ. އޭކޭ އަބްދުލް މޮމެންއާއެކު މިއަދު ބޭއްވި މަޝްވަރާތަކުގައި ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރެވެން ހުރި ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ. އެގޮތުން ވިޔަފާރީގެ ދާއިރާއިންނާއި އިންވެސްޓްމެންޓްގެ ދާއިރާއިންނާއި ހެލްތުކެއާގެ އިތުރުން އެޑިއުކޭޝަން އަދި ޓޫރިޒަމްގެ ދާއިރާއިން ދެގައުމުގެ ގުޅުން ހަރުދަނާ ކުރުމަށް ކުރެވެންހުރި މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މި ދަތުރުފުޅުގައި ދެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެއީ މެމޮރޭންޑަމް އޮފް އަންޑަސްޓޭންޑިން އޮންދަ ޕްލޭސް އޮފް ހިއުމަން ރިސޯސް ބިޓްވީން ޓޫ ކަންޓްރީސް އަދި މެމޮރޭންޑަމް އޮފް އަންޑަސްޓޭންޑިން ބިޓުވީން ފޮރިން ސާވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް އެންޑް ފޮރިން ސާވިސް އެކަޑަމީ އޮފް ބަނގުލަދޭޝް ޑިވެލޮޕްމެންޓް އޮފް ޓްރޭނިން އޮފް ފޮރިން ސާވިސް އޮފިޝަލްސްއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ބަންގްލަދޭޝްގެ މަސައްކަތްތެރިންނަކީ ރާއްޖެއަށް ވަރަށްވެސް މުހިންމު ބައެއް ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް ބަންގްލަދޭޝްގެ ގިނަ އަދަދެއްގެ ރައްޔިތުން އުޅޭ މައްސަލައަކީ ވެސް ހައްލު ކުރަން ޖެހޭ މައްސަލައެއްގައި ކަމަށާއި އެމީހުންގެ ހައްގުތައް ނުގެއްލޭ ގޮތަށް މަސައްކަތްތައް ކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
މި ޕްރެސްގައި މިނިސްޓަރު ޝާހިދު ވަނީ ބަންގްލަދޭޝްގެ ބަހުންވެސް ވާހަކަދައްކަވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު