ތ. މަޑިފުއްޓަށް މިދިޔަ ހަފުތާގައި ކުރި ވިއްސާރައިގައި އެރަށު ސްކޫލަށް ލިބުނު ގެއްލުމުން އަރައިގަތުމަށް އެރަށު ސްކޫލް މެނޭޖްމަންޓާ ގުޅިގެން މަސައްކަތްކުރަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިހެން ބުނެފައިވަނީ ސްކޫލުގައި ދަރިވަރުންނަށް ރައްކާތެރި މާހައުލެއް ނެތް ކަމަށްބުނެ ބެލެނެވެރިންތަކެއް މިއަދު މުޒާހަރާކުރުމާ ގުޅިގެންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަޑިފުށީ ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި އެ އިމާރާތް ބޭނުންކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ދެ ސެޝަނަކަށް ދަރިވަރުން ގެނެސްގެން ކިޔަވައިދިނުމަށް ހަމަޖައްސާފައިވާ ކަމަށްވެސް ބުންޏެވެ.

މީގެ އިތުރުން ވިއްސާރައިގައި ލިބުނު ގެއްލުމުން އަރައިގަތުމަށް ބޭނުންވާ ސާމާނު އެރަށަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަަމަށާއި އިތުރަށް ބޭނުންވާ މަރާމާތުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ދަރިވަރުންގެ އުނގެނުމާއި ރައްކާތެރިކަމަކީ އެ މިނިސްޓްރީން އަބަދުވެސް އެންމެ އިސްކަންދޭ ކަމެއްކަން ވެސް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.