ދެވަނަ ބައި

ދުނިޔަވީ ދިރިއުޅުމުގައި މާތްﷲ މުސީބާތްތައް މެދުވެރި ކުރައްވާނީ އެކަލާނގެ ލޯބިވާ އަޅުތަކުންނަށް ކަން އެއީ އަބަދުވެސް އަހަރެން ޤަބޫލުކުރާ ހަގީގަތެކެވެ. އަހަރެންގެ ހަޔާތުގައި ޒިޔާން ނެތްކަން ގަބޫލުކޮށްގެން އަހަރެން ކުރިއަށް ހިނގާފައި ދިޔައީމެވެ. އަމިއްލަ މަސައްކަތުން ހޯދާފައި ހުރި ދެތިން ހެދުމާ ނަމާދުކުރާ ސާމާނުގެ އިތުރުން ގުރުޢާން ހަތިމު ނޫން އެހެން އެއްވެސް އެއްޗެއް އަހަރެން ނުގެންދަމެވެ. ޒިޔާން އަހަރެންނަށް ގަނެދިން ފޯނުވެސް ނުގެންނަމެވެ. އަހަރެންނަށް ހައްޤުވާ މިންވަރަކީ އެއީއެވެ.

ހިނގާ ހިނގާ ވަރުބަލިވެގެން އަހަރެން މަގުގެ އެއްފަރާތުގައި މަޑުކޮށްލީމެވެ. އަރާމު ވަރަކަށް ވައި ޖެހެމުން ދިޔައެވެ. ފިނިބޮޑުވެ އަހަރެން ހީކަރުވައިގަތެވެ. ވާރޭ ވެހެން އުޅެނީ އޭ ހީވެ ޖެހިގެން ހުރި ގޭ ދޮރާށި ތެރެއަށް ވަންނަން އުޅެނިކޮށް އަހަރެންގެ ނަޒަރު ވަރަށް ހިތްގައިމު ދިމާލަކަށް ހުއްޓިއްޖެއެވެ. އަހަރެންނަށް ހުރެވުނީ ރަށުގެ އަލަށް ހެދި މިސްކިތް ކުރިމަތީގައި ކަން އިނގުމުން ހިތަށް ފިނިކަމެއް ލިބުނެވެ. އެއީ އެކަލާނގެ ގެކޮޅެވެ. އެގެއިން އަހަރެންނަށް ރައްކާތެރިކަމެއް ލިބޭނޭ ހިތް ބުނި ކަހަލައެވެ. އަހަރެން އެތެރެއަށް ވަނީމެވެ. އަންހެނުންގެ ފަޅީގައި އުމުރުން ދުވަސްވީ ދެތިން އަންހެނުން ތިއްބެވެ. އެކަކު ނަމާދަށް ހުރިއިރު އަނެކަކު ގުރުޢާން ކިޔެވުމުގައި ވަގުތު ހޭދަކުރަން އިނެވެ. ދަމަމުން އައި ބްރީފްކޭސް އެއްފަރާތު ފާރު ކައިރީގައި ބަހައްޓާފައި އަހަރެން ފާހާނާ ހުރި ދިމާ ހޯދައިލީމެވެ.

އެންމެ ފުރަތަމަވެސް އަހަރެން ބޭނުންވީ ހިތަށް ހަމަޖެހުމެއް ހޯދާލުމަށްޓަކައި މާތްﷲ ގެ ހަޟްރަތަށް ދެ ރަކްޢަތުގެ ނަމާދެއް ކުރާށެވެ. ނަމާދަށްފަހު ދުޢާ އަށް އަތް ނަގައިގެން އިންދާ ވީގޮތެއް ނޭނގުނެވެ. ހިތުގައި އުފެދިފައިވި ކެކުޅުންތައް ކަރުނައިގެ ސިފަ ޚިޔާރުކޮށްފިއެވެ. ހިތުން ގާވެފައި ހުރި ބައި ހީވީ ދިޔާވެގެން ލޭތިކި ތަކެއްގެ ސިފައިގައި އަހަރެންގެ އެތެރެހައްޓަށް ފައިބަންފެށި ހެންނެވެ. އަހަރެންގެ ދެލޮލަށް ކަރުނަތައް ޖަމާވެ މުޅި ދެލޮލަށް ފުސްކަމެއް ވެރިވެއްޖެއެވެ. އިހުސާސްތައް ހަމައިން ނެއްޓި އަހަރެންނަށް ރޮއެގަނެވުނީ ތަނުގައި ތިނި މީހުންނަށް އިވޭ ވަރަށެވެ. އެމީހުންގެ ސަމާލުކަން އަހަރެންނަށް ލިބުނުކަން އިނގުނަސް އަހަރެންގެ ވެރި ރައްބާ ހިތުގެ ޝަކުވާތައް ހިއްސާކުރުމުގައި އިނީމެވެ.

"މިރަށު ކުއްޖެއްތަ؟" ނަމާދުކޮށް ނިމި އަހަރެން ފާރުގައި ލެގިލައިގެން އިންދާ އުމުރުން ދުވަސްވީ އަންހެނަކު ސުވާލުކޮށްފިއެވެ. އިސްކޮޅުން ކުރު ދޮން އަންހެނެކެވެ. ހުދުކުލައިގެ ނަމާދު ބުރުގައިގެ ތެރެއިން ފާޅުވާން ހުރި މޫނުކޮޅުގައި މާތް ގޮތެއް ހުއްޓެވެ. މޫނުގައި ރޫ ޖެހިފައި ވިޔަސް މޫނުމަތި ސާފުވެފައި އުޖާލާއެވެ.

"އަޅުގަނޑަކީ މިރަށު ކުއްޖެއްނޫން. އެކަމަކު މިރަށުގައި ދިރިއުޅޭތާ ފަސް ވަރަކަށް އަހަރުވެދާނެ" އަހަރެން އެމީހާގެ ސުވާލަށް ޖަވާބުދިނީމެވެ.

އަހަރެން އިންގޮތުން ކަންނޭނގެއެވެ. އެމީހާ އަހަރެންނާ އިތުރު ސުވާލުތައް ކުރަން ފެށިއެވެ. އަހަރެން ތެދަށް ވާހަކަދެއްކީމެވެ. އަހަރެންނަށް ނުވެސް އިނގި އަހަރެންގެ ދިރިއުޅުން ރޫޅިއްޖެޔޭ ބުނެވުނުއިރު ދެލޯ ކަރުނުން ފުރިއްޖެއެވެ.

"ކެތްކުރޭ ދަރިފުޅާ" އަހަރެންނަށް އެމީހާގެ މޫނަށް ބަލައިލެވުނީ އެމީހާގެ ދުލުން 'ދަރިފުޅު' މި ލަފްޒު ބޭރުވުމުންނެވެ. އަހަރެންނަށް ގާތްކަމެއް އިހުސާސް ކުރެވުނީ ކީއްވެގެންކަމެއް ނޭނގެއެވެ. ހިތް ހަލާކުވެފައިވި އެވަގުތުކޮޅު އިތުރު މީހެއްގެ އޯގާތެރިކަން އަހަރެންނަށް އޮށްސަން ފެށުމާއެކު އިތުރަށް އަހަރެން ހިތްދަތިވެއްޖެއެވެ.

"ދުނިޔޭގެ ވޭނާ ކެކުޅުމަށް ރީތި ކެތްތެރިވުމަކުން ކެތްތެރިވާ މީހުންނަށް ހުރި އުފާވެރިކަން. ސުބްޙާނަﷲ. އުނިކަމެއް ނުވާ ސުވަރުގޭގައި އޮތީ މީރުކަންދޭ އަރާމާ ލައްޒަތު" އެމީހާ އަހަރެން އަތުގައި ހިފާ ކޮޅަށް ނެގިއެވެ. އެމީހާ އެބުނީ ކިހާ މާތް ބަސްކޮޅެއް ހެއްޔެވެ؟ ވަގުތުން އަހަރެންގެ ރުއިން ހުއްޓިއްޖެއެވެ. ހިތަށް ފިނިކަމެއް ލިބިއްޖެއެވެ. ހިތްވަރެއް ލިބި ދިރިއުޅުން ކުރިއަށްގެންދާނެ މަގެއް ފެނިއްޖެއެވެ.

"އެއްވެސް އަޅަކަށް އެ އަޅަކަށް ނުއުފުއްލެވޭވަރުގެ ތަކުލީފެއް ނުޖައްސަވާނެކަމަށް އެކަލާނގެ ކީރިތި ގުރުއާނުގައި ވަނީ އަންގަވާފައި" އަހަރެން ގޮވައިގެން މިސްކިތުން ނިކުންނަމުން އެމީހާ ބުންޏެވެ.

ހެއްދެވި ފަރާތުގެ ރޭވުންތެރިކަން ނިކަން ދެކިބަލާށެވެ. މީހެއްގެ ދިރިއުޅުމުން އެއްވެސް ރަހުމެއްނެތި އަހަރެން ބޭރުކުރީ މީގެ ކުޑައިރުކޮޅެއް ކުރިންނެވެ. ގެއިން ނިކުތްއިރު އަހަރެން ކުރިއަށް އޮތް ވަގުތުތަކުގައި އަހަރެންގެ ދިރިއުޅުމަށް އަންނާނެ ބަދަލު ކުޑަކޮށްވެސް އަންދާޒާކޮށް ނުލެވެއެވެ. އެހެންނަމަވެސް ހެއްދެވިފަރާތުން އަހަރެންނަށް ލެއްވި ކޮންފަދަ މަތިވެރި ރަހްމަތެއް ހެއްޔެވެ؟ އެމީހާއަކީ ހެއްދެވިފަރާތުން އެކަލާނގެ އަހަރެންނަށްޓަކައި މެދުވެރިކުރެއްވި މަދަދުގާރެކެވެ. ގެއަށް ދިޔައީ އަހަރެން ގޮވައިގެންނެވެ. މާބޮޑު ގެއެއްނޫނެވެ. އެގޭގައި އުޅެނީ އެމީހާ އެކަންޏެވެ. އަހަރެން އެއްވެސް ތަނަކަށް ނުގޮސް އެގޭގައި ދެތިން ދުވަހު މަޑުކުރީމެވެ.

"އަހަރެންނަށް ތިގެ ވަރަށް ރަނގަޅަށް އިނގޭ. މާޖިދާގެ ގޮތެއް މިހާރު ނޭނގެ. އެކަމަކު އޭނަ ވަރަށް ގޯސްކޮށް ކަންތައްތައް ކުރި ދުވަހެއްވެސް ދިޔަ" ދައްތަ އަހަރެން އެނދުގައި ބައިންދާފައި ވާހަކަދެއްކިއެވެ.

"ޒިޔާންގެ މަންމަ އަޅުގަނޑަށް ވަރަށް ރަނގަޅު. އަޅުގަނޑު ވަރިކޮށްލާފައި ގެއިން ނެރުނުކަމެއް މަންމައަށް ނޭނގޭނެ" އަހަރެން ބުނީމެވެ. އުފަން މަންމައެއް ނޫނަސް ޒިޔާނާ ކައިވެނި ކޮށްގެން އެގެއަށް ދިޔައިއްސުރެ ފެށިގެން ޒިޔާންގެ މަންމަ އަހަރެންނާ މެދު ކަންތައް ކޮށްފައިވަނީ އަމިއްލަ ދަރިއެއް ފަދައިންނެވެ. އެގޭގައި ހޭދަކުރި މުއްދަތުގައި ޒިޔާންގެ މަންމަގެ ފަރާތުން ކަމުުނުދާ އެއްވެސް ސިފައެއް ފެނިފައިނުވާތީ އެމީހާ ކުރިމަތީގައި އަހަރެން ޒިޔާންގެ މަންމަ ދިފާއު ކުރީމެވެ.

"ދައްތައަކީވެސް މިރަށު މީހެއް. މާޖިދާއަކީ ދައްތަ ވަރަށް ރަނގަޅަށް ދަންނަ މީހެއް. އެހެންގޮތަކުން ބުނާނަމަ ދައްތަގެ ދަރިއެއް. ވެދާނެ އެކޮއި އިން ސޮރަކީ މާޖިދާއަށް ލިބުނު ސިއްހަތު ސަލާމަތުން ހުރި ދަރިއެއް ކަމަށް" އެ ދައްތަ ވާހަކަދެއްކިއެވެ. އަހަރެން ދައްތަގެ މޫނަށް ބަލައިލީ ސުވާލު އުފެދިފައެވެ. ޒިޔާންއަކީ ސިއްހަތު ސަލާމަތުން ހުރި ދަރިއެކޭ އެ ބުނީ ކީއްވެގެން ހެއްޔެވެ؟ ޒިޔާންގެ އާއިލާ އާ ބެހޭގޮތުން ދައްތައަށް އިނގެނީ ކޮންކަމެއް ހެއްޔެވެ؟

"ޒިޔާންއަކީ ވަރަށް ފިޓްކޮށް ހުންނަ ކުއްޖެއް. އެއްވެސް ބައްޔަކަށް ބޭހެއް ނުކުރޭ. ދައްތަ ކީއްވެ ތިހެން ތިބުނީ؟" އަހަރެން އެހީމެވެ.

"ދަރިފުޅާ، ވަކި ކަހަލަ ވާހަކަތަކަކީ ދެއްކުމަށް ވުރެ ނުދެއްކުން ރަނގަޅު ވާހަކަ. ފަތަށްވެސް ލުއިވާނީ މިހިސާބުން މިވާހަކަތަކުގައި ފުލުސްޓޮޕް ޖެހިއްޔާ. ދަރިފުޅަށް އެނގެންޖެހޭ ކަމެއް އޮތިއްޔާ ކޮންމެސް ދުވަހަކުން އިނގޭނެ" ދައްތަ އެހެން ބުނުމުން އަހަރެން އިތުރު ސުވާލެއް ނުކުރަމެވެ. އެހެންނަމަވެސް ހިތުގައި ސުވާލު އުފެދުނެވެ.

މިއުޅެނީ ތިމާގެ ކުއްޖަކަށް ދިވެހި ބޭހެއް ހަދަން އައިސް. ދައްތަ ދިރިއުޅެނީ މާލޭގަ. އެކޮއި ހިނގާ ދާން ދައްތައާއެކު" ދައްތަގެ އެ މިޒާޖާމެދު އަހަރެން ހައިރާންވިއެވެ. އެހާ ހެޔޮ މީހުންވެސް ދުނިޔޭގައި އުޅޭބާއޭ ހިތަށް އެރިއެވެ.

ނިދަން އެތައް މަސައްކަތެއް ކޮށްގެންވެސް އަހަރެންނަށް ނުނިދުނެވެ. މާބޮޑަށް ޒިޔާން މަތިން ހަނދާންވަނީއެވެ. އަހަރެންގެ އެއްވެސް ކުށެއްނެތި ޒިޔާން އަހަރެންނާ މެދު ކަންތައްކުރި ނިކަމެތި ގޮތް ހިތަށް އަރަނީއެވެ. ޒިޔާނާ ނުލާ އަހަރެންގެ ދިރިއުޅުން ކުރިއަށް ގެންދެވިދާނެބާއޭ ހިތަށް އެރިއެވެ. ނުނިދިގެން އެންމެފަހުން އަހަރެން އެނދުން ތެދުވެ ގޮދަޑި މަތީގައި އިށީނދެގެން އެތައް އިރަކު އިނީމެވެ. ދިރިއުޅުމާމެދު ވިސްނާށެވެ. ނުދަންނަ ބައެއްގެ ތެރެއަށް ކުއްލިއަކަށް މާލެ ބަދަލުވާން ޖެހުމުން ހިތްނުތަނަވަސް ކުރުވަނީއެވެ. ހެއްދެވި ފަރާތަށް ވަކީލުކޮށް ދައްތަ އާ އެކު މާލެ ބަދަލުވާން ނިންމީ އަހަރެންގެ ދިރިއުޅުމުން ފަހަތަށް ދިޔަ ބައި މާޒީގެ ތެރެއަށް ދޫކޮށްލާފައެވެ.

ޖެހިގެން އައި ދުވަހު ދައްތަ މާލެ ފުރީ އެކުގަ އަހަރެން ގޮވައިގެންނެވެ. ބަނދަރުމަތިން އެތައް ބަޔަކު އަހަރެންނާ ސުވާލު ކުރިއެވެ. ކުއްލިއަކަށް މާލެ ދާން ނިންމި ސަބަބެއް އެހިއެވެ. މަންމަ އާ ޒިޔާން ކޮބައިތޯ އެހިއެވެ. އަހަރެން އެއިން އެއްވެސް މީހަކަށް ޖަވާބެއް ނުދެމެވެ. ޒިޔާން އަހަރެންނާ މެދު ކޮންމެ ގޮތަކަށް ކަންތައް ކޮށްފައި ވިޔަސް އެ އާއިލާއަށް އަހަރެން ގަދަރު ކުރަމެވެ.

މާލެ ފަސްގަނޑުގައި ދެފައި ޖެހުމާއެކު އަހަރެންނަށް އެކި ދިމާލަށް ނަޒަރު ހިންގައިލެވުނެވެ. ދެފަރާތަށް ދުއްވަމުންދާ އުޅަނދުތައް ފެނި އަހަރެންގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. ހިނގާބިގާވެ އުޅޭ މީހުންނަށް ތަންތަނަށް ގޮސް އުޅެން އުނދަގުނުވޭބާއޭ ހިތަށް އެރިއެވެ. ގަޑިއަށް ތަންތަނަށް ދާ މީހުންނަށް ގަޑިނުޖެހި ތަންތަނަށް ދެވޭބާއޭ ހިތަށް އެރިއެވެ. ކޮންމެއަކަސް އެ ދަތުރަކީ އަހަރެން ހަނދާން ހުންނަން ފެށިއްސުރެ މާލެއަށް ކުރި ފުރަތަމަ ދަތުރު ކަމަށްވާތީ ހިތުގައި ސުވާލުތަކެއް އުފެދުނެވެ. ހިތް ނުތަނަވަސްކުރުވީ ދިރިއުޅުމުގައި ކުރިއަށް ދެން ހިނގާނެ ކަންތައްތައް ހިޔާލަށްވެސް ނުގެނެވުނީމައެވެ. ކުއްލިއަކަށް އަހަރެންގެ އަތްތިލައިގެ ތެރެއަށް މީހަކު އަތްތިލަ ލައްވައިލިއެވެ. ސިހިފައި ބަލައިލިއިރު ކައިރީގައި ހުރީ އަހަރެންނަށް އޯގާތެރިވި ދައްތައެވެ. އަހަރެން ބަލައިލުމުން ދައްތަ އަހަރެންނަށް ދައްކައިލީ އަހަރެމެންނާ ދާދި ކައިރީގައި މަޑުކޮށްގެން އޮތް ޓެކްސީއެކެވެ.

ތިން ކޮޓަރި އެޕާޓްމަންޓެއްގައި އަހަރެމެން ދެމައިން ފަދައިން އުޅެމުން ދިޔައީމެވެ. ގޭތެރޭގެ ހުރިހާ މަސައްކަތެއް އަހަރެން ކުރަމުން ދިޔައީ ވަގުތުތައް ކުރު ކުރުމަށާއި ކަންތައްތަކާ މެދު ވިސްނުމަށް ހޭދަވާ ވަގުތުތައް މަދުކޮށް އަމިއްލަ ނަފްސު އަބަދުވެސް ބިޒީކޮށްފައި ބެހެއްޓުމުގެ ބޭނުމުގައެވެ. އުމުރުން ދުވަސްވެފައި އިން އެ ދައްތަ އަހަރެން ކައިރީގައި އޭނާއަށް ދައްތަ ކިޔުމުގެ ބަދަލުގައި 'މާމަ' ގެ ނަމުން ގޮވުމަށް އެދުނެވެ. އެހިނދު އަހަރެންގެ ދެލޮލުން ކަރުނަ ހިލުވައިލިއއެވެ. އަހަރެން ހީކުރި ގޮތާ ހިލާފަށް ގޭތެރެއަށް އަހަރެން ބީރައްޓެހި ނުވީތީ ހިތަށް ހިތްހަމަޖެހުން ލިބުނެވެ.

ޖެހިގެން އައި ހަފްތާގައި އަހަރެންނާ ޒުވާން ފިރިހެން ކުއްޖަކާ ގޭތެރެއިން ބައްދަލުވެއްޖެއެވެ. ކާކުކަން ނޭނގި އަހަރެން ބަލަހައްޓައިގެން ހުއްޓާ ކޮޓަރިން ނިކުތް މާމަ އަހަރެންގެ ހިތުގައި އުފެދިފައިވާ ސުވާލުގެ ޖަވާބު ދީފިއެވެ.

"ތިއީ މާމަގެ ހުރި ހަމައެކަނި މާމަ ދަރިފުޅު ވިއާން. އަދި އުޅޭނެ ޝާޑުވެސް" މާމަ ބުނެލިއެވެ. އަހަރެން ދެވަނަ ނަޒަރު ވިއާންއަށް ދިންއިރު ފެނުނީ ހިތްހެޔޮ ހިނިތުންވުމެކެވެ.

"ސަރުކާރުގެ އޮފީހެއްގަ ވަރަށް މަތީ މަގާމެއްގަ އުޅެނީ. އަހަރެމެން ދެމައިންނަށް އެއްވެސް ދަތިކަމަކާއި ނުލާ އުޅެވެނީ މިސޮރުގެ ބުރަ މަސައްކަތުން. އެ އައީ އޮފީސް ދަތުރެއްގެ ކޮންމެސް ގައުމެއްގަ ހުރެފަ" އިތުރަށް މާމަ އޮޅުންފިލުވައިދިނެވެ.

ދަރިފުޅާ، ކާން ހަދަންވީތަ؟" މާމަ ވިއާނަށް އެހިއެވެ.

"ލައްބަ" ވިއާން ބުނެލިއެވެ.

"ކޮބާ ޝާހިދު؟" މާމަ އެހިއެވެ.

"ޝާޑު އެބައާދޭ. އޭނަ އާ އެއްކޮށް ކާން ހަދާ" ވިއާން ކޮޓަރި އާ ދިމާލަށް ހިނގައިގަތެވެ.

އަހަރެން ހިތަށް އެރިއެވެ. ވިއާނަކީ މާމަގެ ހުރި ހަމައެކަނި މާމަ ދަރިފުޅެވެ. އެހެންކަމަށްވާނަމަ ޝާހިދު އެއީ ކާކު ހެއްޔެވެ؟ އޭނަ އާ މިގެއާ އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟

"ޝާހިދަކީ ޑޮކްޓަރެއް. އަހަރެމެންނާ ވަރަށް ގާތް ކުއްޖެއް" މިފަހަރު އަހަރެންގެ ހިތުގައި އުފެދިފައިވާ ސުވާލަށް ޖަވާބުދިނީ ވިއާނެވެ. އަހަރެން ހައިރާންވިއެވެ. އަހަރެންގެ ހިތުގައި އުފެދުނު ސުވާލު ވިއާނަށް އިނގުނީ ކިހިނެއް ހެއްޔޔެވެ؟

"ހެހެހެ... މަލް ހުރިގޮތުން ހީވީ އެހެން ހިތަށް އެރިހެން. ހިތަށް އެރި ސުވާލުގެ ޖަވާބުތަ އަނެއްކާ މިދެވުނީ" ވިއާން ވާހަކަދެއްކިއެވެ. ވިއާންގެ އަޑުގައިވި އެކުވެރިކަމާ ގާތްކަމެއްގެ ސަބަބުން އަހަރެންނަށް ހީލެވުނެވެ.

ވިއާން ކޮޓަރިއަށް ވަނުމުން އަހަރެންނަށް ވިއާނާ މެދު ވިސްނުން ހިންގައިލެވުނެވެ. އިސްކޮޅުން ދިގު ޒުވާނެކެވެ. ދޮނަށް ވުރެ ބޮޑަށް ހަމުގެ ކުލަ ކަޅެވެ. ވަރުގަދަ ބޯ ދެ ބުމައެވެ. އިސްތަށިގަނޑު ކަނދުރާ އާ ހަމައަށް ހުއްޓެވެ. ޗޮކްލެޓް ކުލައިގެ ކަޅިއެކެވެ. އަހަރެން އެންމެ އަޅައިގަތީ ވިއާންގެ ދަތްދޮޅި ކޮޅުގައި ހުރި އަޑިކޮޅުގައެވެ. ދަނބު ކުލައިގެ އަތްދިގު ގަމީހާ ކަޅު ކުލައިގެ ފަޓްލޫނަކާ އެކު ދަށަށް ޖަހައިހެން ހުރުމުން ތަފާތު ގޮތެއް ހުއްޓެވެ. ވިއާންގެ އެ ތަފާތު އަހަރެންނަށް ކަމުދިޔައީ ކީއްވެގެން ކަމެއް ނޭނގެއެވެ.

ދުވަސްތައް މާޒީގެ ޞަފްހާތަކާއި އެކުވަމުން ދެއެވެ. އަހަރެންގެ އިއްދައިގެ ދުވަސްތައް ނިމުނުއިރު ވިއާނާ އަހަރެންނާ ދެމެދުގައި އެކުވެރިކަމުގެ ގުޅުމެއް އުފެދިއްޖެއެވެ. އަހަރެންނަށް ލިބުނު އާ އެކުވެރިޔާގެ ސަބަބުން އަހަރެންގެ ހިތަށް ލިބިފައިވާ ހިތްދަތިކަން ފިލަން ފަށައިފިއެވެ. ޒިޔާންގެ ނަން މަޑުމަޑުން އަހަރެންގެ ހިތުން ފޮހެވި ދިރިއުޅުން ފަސޭހަވާން ފެށިއެވެ. ވިއާންގެ ސަބަބުން އަހަރެންނަށް އާ ދިރުމެއް ލިބުނު ކަހަލައެވެ. އަހަރެންގެ މާޒީއާ ބެހޭގޮތުން ވިއާން ސުވާލެއް ނުކުރެއެވެ. އެހެންކަމުން އަހަރެން ޒިޔާންގެ އެއްވެސް ވާހަކައެއް ވިއާނަށް ކިޔައެއް ނުދެމެވެ. ވިއާނާ އެކު ގޭތެރޭގައި ހޭދަވި މަދު ދުވަސްކޮޅުގައި ވިއާންގެ ފަރާތުން އަހަރެންނަށް އިނގުނު އެއްޗަކީ އޭނާގެ މަޑުމައިތިރިކަމާ ބަސްމަދުކަމެވެ. އަބަދުވެސް މާޔޫސްކަމެއް މޫނުމަތިން ފެންނަން ހުރެއެވެ. އެކަމާ ގުޅިގެން ކިތަންމެ ފަހަރަކު ވިއާނާ ސުވާލުކުރަން ހިތަށް އަރައެވެ. އެހެންނަމަވެސް ވިއާން ވެސް އަހަރެންގެ އަމިއްލަ ކަންތައްތަކާ ގުޅިގެން ސުވާލުނުކުރާތީ އަހަރެންނަށްވެސް ސުވާލުކުރަން ނުކެރުނެވެ. އެހެން ފިރިހެނުންނާ ހިލާފަށް އޮފީހުން އައިސް ކޮފީތަކަށް ބޭރަށް ދިޔުމެއް ނޯވެއެވެ. އަބަދުވެސް ފެންނަނީ ލެޕްޓޮޕުން މަސައްކަތެއް ކުރަން އިންނަ މަންޒަރެވެ. ނޫންނަމަ ގޭތެރޭގައި ހުރި މަސްޓޭންކް ކައިރީގައި މަސައްކަތެއްގައި ހުއްޓައެވެ. ބައެއްފަހަރު މާމައާއެކު ބަދިގޭގައި މަސައްކަތްކުރާ ތަންވެސް ފެނެއެވެ. އެހެން ފިރިހެން ކުދިންނާ ވިއާން ހާސްބައި ތަފާތެވެ. ވިއާންގެ އެ އަޖައިބެއް ކަހަލަ މިޒާޖު އަހަރެންނަށް ކަމުދިޔައީ ކީއްވެކަމެއް ނޭނގެއެވެ.

ވިއާނާ ހިލާފަށް ޝާހިދަކީ އަނގަ ގަދަ ޒުވާނެކެވެ. ވިއާނަށް ވުރެ އިސްކޮޅުން ކުރެވެ. އެހެންނަމަވެސް މަޖާ މިޒާޖެއްގެ ޒުވާނެކެވެ. އަހަރެން އެއްވެސް ކަމަކަށް ވިސްނާ ފިކުރުކުރަން އެއްވެސް ފުރުސަތެއް ދޭން ބޭނުމެއްނުވެއެވެ. ހިތްހެޔޮކަމާ އެއްވަރަށް އަނެއްމީހުންގެ އިހުސާސްތަކަށް ގަދަރު ކުރެއެވެ.

ހުރިހާ ވަގުތެއް ގޭގައި ހޭދަކުރަން ޖެހުމުން އަނެއްކާވެސް ވިސްނުންތައް އަހަރެންގެ ހަފަރާތުން ވަށާލައިފިއެވެ. އަބަދުހެން އެކަނިވެރިކަމަށް ލޯބިކުރެވެން ފެށިއެވެ. އަހަރެން އެކަނިވެރިކަން ދޫކުރިއަސް އެކަނިވެރިކަން އަހަރެން ދޫނުކުރިއެވެ. ޒިޔާން މަތިން ހަނދާންނުވާ ކަމަށް ހެދެން އަހަރެންގެ ހިތް މަސައްކަތް ކުރިޔަސް ސިކުނޑި އެކަމަށް އެއްބާރުލުން ނުދިނެވެ. ސިކުނޑި މަސައްކަތް ކުރަމުންދަނީ އަހަރެންގެ ނަފްސު ބަލިކަށިކޮށްލާ ބޭކާރު ވިސްނުންތައް އަހަރެންގެ ބޮލަށް ވެއްދުމަށެވެ. އެހުރިހާކަމަކުން ސަލާމަތްވުމަށް އަހަރެންނަށް ފެނުނީ އެންމެ މަގެކެވެ. ވަޒީފާއެއް ހޯދުމެވެ.

"އުނހު. މަލް ވަޒީފާއަދާކުރަނީ ކީއްކުރަން" އަހަރެންގެ ހުށަހެޅުމަށް އެންމެ ފުރަތަމަ ދެކޮޅު ހެދީ މާމައެވެ.

"އަހަރެން އަމިއްލައަށް ދެފައި މައްޗަށް ތެދުވަން ބޭނުން. މާދަމާވެސް އެކަނިވެދާނެ. މީހެއްގެ އެހީތެރިކަމަކާނުލާ އުޅެވޭނީ މިއަދު އަހަރެން ވަޒީފާއެއް އަދާކޮށްގެން" އަހަރެން ބުނީމެެވެ. އެވަގުތު މާމަ އާ ވިއާން އެކަކު އަނެކަކުގެ މޫނަށް ބަލައިލިއެވެ.

"ރަށުގައި އުޅުނު ވަޒީފާ ގެއްލިއްޖެ. އެކައުންޓުގައި ހުރި ފައިސާކޮޅު ހުސްވިއްޔާ އަމިއްލަ ބޭނުމަށް އެއްޗެއް ގަނެވޭނެ އެއްވެސް ގޮތެއް ނޯންނާނެ" އަހަރެން ބުނީމެވެ.

"މާމައަށް އިނގޭ ކޮންމެ މީހަކުވެސް މާޒީ އިން ލިބުނު ފިލާވަޅުން އިބްރަތް ލިބިގަންނަން ޖެހޭނެކަން. އެކަމަކު ގަބޫލުކުރޭ. މާމަ ދުނިޔޭގައި ހުރިހާ ހިނދެއްގައި މަލް އެކަންޏެއް ނުވާނެ" އަހަރެންގެ އަތުގައި ހިފަމުން މާމަ ބުންޏެވެ.

އެމީހުން އެއްބަސް ވާގޮތެއް ނުވިއެވެ. އިތުރަށް އަހަރެން އެވާހަކަތައް ނުދައްކަމެވެ. ޒިޔާން އަހަރެން ބިކަކޮށް ގެއިން ނެރެލާފަ ވީތީ އެބިރުވެރިކަން އަދިވެސް ހިތުގައި ވިއެވެ. އެހެންނަމަވެސް ކެތްކޮށްލީ ހެއްދެވި ފަރާތާ ވަކީލުކޮށްފައެވެ.

ހަވީރު އަހަރެން އިނީ ބެލްކަނީގައި ހުރި ޖޯލީގައެވެ. މާ ގަސްތަކަށް ފެންދޭން މާމަ ހުއްޓެވެ. އިތުރު މީހަކު ގޭގައި ނެތެވެ. މާ ގަސްތަކަށް އަހަރެންގެ ނަޒަރު ހުއްޓިފައި ވިޔަސް އަހަރެންގެ ވިސްނުމާ ފިކުރު އޮޔާ ބެހިގެން ގޮސް އުޅުނީ މުޅިން އެހެން ދިމާލެއްގައެވެ. އަހަރެންގެ ހިޔާލުތަކުގައި އަހަރެން އުޅުނީ މާލޭ މަގުމައްޗަށް ގިނަ ވެގެންނެވެ. އަމާންކަމެއް ނެތް މާލޭ މަގުމަތީގައި އަހަރެން އެދަނީ ރޮމުންނެވެ. ދުއްވާ އެއްޗެހިތަކުގެ ދަށުވެ މަރުވާން އުޅެނީބާއޭ ހިތަށް އެރިއެވެ. އެވަގުތު އަހަރެންގެ މުޅި ހަށިގަނޑުން ހީބިހި ނަގައިގަތެވެ. ޖޯލީގައި ހަށިގަނޑު ސީދާކޮށްލިއިރު ކައިރީގައި މާމަ އިނެވެ. ހިޔާލުގެ ފުން ކަނޑަކަށް ގެއްލިފައި އިންވަރުން މާމަ ކައިރީގައި އިށިންކަމެއް ނޭނގެއެވެ.

"ކޯޗެއް ތިވިސްނަނީ؟" މާމަ އެހިއެވެ.

"ނުވިސްނަން" އަހަރެން ބުނީމެވެ.

"ތިހެން ބުންޏަސް މާމައަށް އިނގޭ ވިސްނާކަން" މާމަ އެހެން ބުނުމުން އަހަރެންނަށް އިސްޖަހައިލެވުނެވެ.

"ކަންކަމުގަ އެހާ އަވަހަށް މާޔޫސްނުވޭ. އިންސާނާގެ ހަޔާތުގެ ކޮންމެ ސިކުންތެއް ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ މީގެ އެތައް ބިލިއަން އަހަރުތަކެއް ކުރިން ލިޔުއްވާފަ. އެކަލާނގެ އިރާދަކުރައްވާ މީހަކަށް ދެއްވާ. އިރާދަކުރައްވާ މީހަކު އެއިން އެއްކިބާ ކުރައްވާ. ތަޤުދީރުގަ ލިޔުއްވާފައިވާ ކަމެއް ތިމާއަށް ނުވެ ނުދާނެ. އެއީ ޔަގީންކަމެއް. ކޮންކަމަކާ ހާސްވަނީ؟" ކޮންމެ ފަހަރަކުވެސް މާމަގެ އެކަހަލަ ބަސްތަކުން އަހަރެންނަށް ހިތްހަމަޖެހުން ލިބެއެވެ.

(ނުނިމޭ)