މަރު ކޮމިޝަނުން ބަލަމުން އަންނަ މައްސަލަތަކާ ގުޅިގެން 11 މީހެއްގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
ރިލްވާންގެ މަރުގެ މައްސަލައާ ގުޅޭ މައުލޫމާތު ދިނުމަށް މަރު ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ މެންބަރު މިސްބާހު އައްބާސް ވިދާޅުވީ، އެ ކޮމިޝަނުން ބަލަމުން އަންނަ މައްސަލަތަކާ ގުޅިގެން 11 މީހެއްގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށެވެ.
ނަމަވެސް އެއީ ކޮންބައެއް ކަމާއި ޕާސްޕޯޓު ހިފެހެއްޓި މީހުންގެ ތެރޭގައި ރިލްވާންގެ މައްސަލައާ ގުޅުން ހުރި މީހެއް ހުރިކަން ވެސް މިސްބާހު ވިދާޅެއް ނުވެއެވެ.
ނަމަވެސް މަރު ކޮމިޝަންގެ މެންބަރަކު މީގެ ކުރިން ވަނީ، ރިލްވާންގެ މައްސަލައިގައި ކުރީގެ ކޮންޓްރޯލާ އޮފް އިމިގްރޭޝަން ހަސަން އަލީގެ ޕާސްޕޯޓު ހިފަހައްޓާފައިވާކަން "ވަން" އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ.
އެއީ އެނގިފައިވާ ގޮތުގައި، 2014 ވަނަ އަހަރު ކޮންޓްރޯލާ އޮފް އިމިގްރޭޝަންގެ މަގާމުގައި އޭރު ހުންނަވައިގެން ފުލުހުންގެ އިންޓެލްގައި މަސައްކަތްކުރާ ދެ ފުލުހަކާ ގުޅިގެން ރިލްވާން ރާއްޖެއިން ބޭރަށް ގޮސް މަރުވެފައިވާކަން ދެއްކުމަށްޓަކައި ޓްރެވަލް ޑޮކިއުމަންޓެއް ތައްޔާރުކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގަ އެވެ.
މިސްބާހު އިތުރަށް ވިދާޅުވީ، ރިލްވާންގެ މައްސަލައާ ގުޅުން ހުރި ހުރިހާ އެންމެންނާ ސުވާލު ކުރާނެ ކަމަށާއި އަދި އެ މީހުންގެ އަތުގައި ހެކި ހުރިއްޔާ އެވެސް ހޯދާނެ ކަމަށެވެ. ނަމަވެސް ރިލްވާންގެ މައްސަލައިގައި ކޮމިޝަނަށް އެއްވެސް މީހަކު ހާޒިރުކޮށް ހެކި ހޯދާފައިވޭތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން އެ ސުވާލަށް މިސްބާހު ޖަވާބު ދެއްވާފައެއް ނުވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު