ރައްޔިތުންގެ މަޖިލިސް

އިންޓަނެޓްގެ އަގު ހެޔޮ ނުވާ މައްސަލައިގައި މިނިސްޓަރު މަލީހު ވަކިކުރަން ބައެއް މެންބަރުން ގޮވާލައިފި

އިބްރާހިމް ޒަކީ

ރާއްޖޭގައި އިންޓަނެޓުގެ އަގު ހެޔޮ ނުވާ މައްސަލައިގައި ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލު މަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ގޮވާލައްވައިފިއެވެ.

އެ މެންބަރުން އެކަމަށް ގޮވާލެއްވީ، ގާނޫނުތަކަށް ބެލުމެއްނެތި، ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ދިނުމުގެ ކަންތައްތައް ތަރުތީބު ކޮށްފައި ވަނީ ރައްޔިތުންނަށް ގެއްލުންވާ ގޮތަށް، ޓެލެކޮމް އޮޕަރޭޓަރުންގެ މަންފާއަށް ކަމަށްވާތީ އެކަން ނިމުމަކަށް ގެނައުމަށް ގޮވާލައި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު ހުށެޅުއްވި ގަރާރަށް ކުރިއަށްދިޔަ ބަހުސްގައެވެ.

އެ ގަރާރުގެ ބަހުސްގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވީ އަވަށްޓެރި ގައުމުތަކުގެ އިންޓަނެޓް ހިދުމަތާއި ރާއްޖޭން ދޭ ހިދުމަތް އަޅައި ކިޔައި، ދިރާސާކުރަން އުޅުމުން އެކަމަށް މިނިސްޓަރު ހުރަސްއަޅުއްވައި ބިރު ދެއްކެވިކަމަށް ބުނެ އެ މިނިސްޓްރީގެ ގިނަ އަދަދެއްގެ މުވައްޒަފުން ސޮއިކޮށް، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕަށް ފޮނުވި ސިޓީއަކާ ގުޅިގެން މިނިސްޓަރު މަލީހުގެ އިތުބާރު ނެތް ކަމަށް ޕީޖީ ގްރޫޕުން ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން އެމްޑީޕީގެ ޕީޖީ ގްރޫޕްގެ އެ ނިންމުން ތަންފީޒުކޮށްދިނުމަށް އެ ގްރޫޕްގެ ލީޑަރު އަލީ އާޒިމަށް މީކާއީލް އިލްތިމާސް ކުރެއްވިއެވެ.

އެ މައްސަލައަށް ވާހަކަ ދައްކަވަމުން ޓެލެކޮމިއުނިކޭޝަން ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް ނެހެދުމާއި، އިންޓަނެޓްގެ އަގު ހެޔޮ ކުރުމާއި، ހިދުމަތުގެ ފެންބަރު ރަނގަޅު ކުރުމަށް ކުރަންޖެހޭ ކަންތައްތަކުގައި މިނިސްޓަރު އިހުމާލު ވެފައިވާކަމަށް، މި ގަރާރު ހުށަހެޅުއްވި މެންބަރު އިބްރާހީމް ރަޝީދުވެސް ވިދާޅުވިއެވެ.

ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ވެސް ވިދާޅުވީ ޓެލެކޮމް ހިދުމަތް ރެގިއުލޭޓްކުރަން އޮތް އިދާރާއިން އެކަން ނުކުރާ ނަމަ އެތަނުގެ ވެރިން މަޖިލީހުގެ ކޮމިޓީ އަށް ހާޒިރުކޮށްގެން އެބޭފުޅުންގެ މައްސަލަ ބަލަން ޖެހޭ ކަމަށެވެ. އެކަން އެގޮތަށް ދާނަމަ މިނިސްޓަރު ވެސް ހާޒިރުކުރަން ޖެހޭ ކަމަށް ހަސަން އަފީފު ވިދާޅުވި އެވެ.