މަރާލާފައިވާ ބްލޮގަރު، ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި މިހާރު ކުރިމިނަލް ކޯޓުގައި ހިނގަމުން އަންނަ ޝަރީއަތްތަކުގައި ދައުލަތުން ވަކާލާތު ކުރުމަށް ސީދާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް ވަކާލާތު ކުރެއްވުމަށް ޔާމީންގެ އާއިލާއިން އެދިއްޖެ އެވެ.
އުމުރުން 29 އަހަރުގެ ޔާމީން ރަޝީދު 23 އޭޕްރިލް 2017 ވަނަ ދުވަހުގެ ރޭ ދަންވަރު މަރައިލީ އޭނާ ދިރިއުޅުނު އިމާރާތުގެ ސިޑި ކައިރީގައި ތޫނު އެއްޗެހިން ހަމަލާދީ ގެންނެވެ.
ފުލުހުންނާއި މަރު ކޮމިޝަނުންވެސް މި މައްސަލަ ބަލަމުން އަންނައިރު، އެފަރާތްތަކުން ބުނެފައި ވަނި ޔާމީން މަރާލީ ދީނީ ގޮތުން ހުރި ދެބަސްވުންތަކެއްގެ ތެރެއިން ކަމަށެވެ. އެ މައްސަލައިގައި ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ހަ މީހެއްގެ މައްޗަށް ދައުލަތުން ވަނީ އުފުލައިފައެވެ.
އޭގެ ތެރޭގައި ހިމެނެނީ، ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ. އިރާސްމިކުގެ، އަހުމަދު ޒިހާން އިސްމާއީލާއި، ގދ. ގައްދޫ ސިންދުބާދުގޭ، މުހައްމަދު ދިފްރާނާއި، މ. ކުދެހިގެ ހަސަން ޝިފާޒާއި، މ. ތާއިފް އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދެވެ.
ޔާމީނާއި ގާތް ގުޅުމެއް އޮންނަ އަހުމަދު ރިޟްވާނުގެ ހަނދާނުގައި އުފައްދާފައިވާ އެސޯސިއޭޝަން ފޯ ޑިމޮކްރެސީ އިން ދަ މޯލްޑިވްސްއިން އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޝަރީއަތުގެ އަޑުއެހުންތައް ދިޔަގޮތް ބެލުމަށްފަހުގައި ގާނޫނު އަސާސީގެ 42 ވަނަ މާއްދާގައިވާ ހައްގުތައް ކަށަވަރު ކުރުމުގައި މައްސަލަތަކެއް ހުރި ކަމަށެވެ.
އެހެން ކަމުން ޔާމީންގެ އާއިލާގެ ފަރާތުން ޕީޖީ އަރިހުން ބައެއް ކަންތައްތަކަށް އެދިފައިވާނެ ކަމަށްވެސް އެ ބަަޔާނުގައި ވަނީ ބުނެފަ އެވެ. އެގޮތުން ކުރިމިނަލް ކޯޓުގައި މިހާރު ހިނގަމުންދާ ޔާމީނު މަރާލި މައްސަލައިގެ ޝަރީއަތުގައި ދައުލަތުގެ ފަރާތުން ޕީޖީ ޝަމީމް ވަކާލާތު ކުރެއްވުމަށް އާއިލާއިން ވަނީ އެދިފައެވެ.
އާއިލާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޔާމީން މަރުގެ މައްސަލާގައި ޝަރީއަތުގައި މިހާތަނަށް ދައުލަތުގެ ފަރާތުން އެކަށިގެންވާ ގޮތަކަށް މަސައްކަތް ކުރާތަން ފެންނަމުން ނުދާ ކަމަށެވެ.
އާއިލާއިން އެދުނު ކަންތައްތައްތަކުގެ ތެރޭގައި، ގާނޫނު އަސާސީގެ 42 ވަނަ މާއްދާގެ (ށ)ގައިވާ ގޮތަށް ހާމަކަން ބޮޑުކޮށް ޝަރީއަތް ކުރިއަށްގެންދަން އާންމުންގެ ތެރެއިން ވީހާވެސް ގިނަ ބަޔަކު ކޯޓުގެ އަޑުއެހުމަށް ވަދެވޭނެ ގޮތެއް ނުވަތަ ގިނަ ބަޔަކަށް އަޑުއިވޭނެ ގޮތަށް ހުޅުވާލެވިފައިވާ އަޑުއެހުންތަކެއް ބޭއްވުމަށްވެސް ވަނީ އެދިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު