ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ރާއްޖޭގައި ބޭނުންކުރަމުން އަންނަ ވެކްސިނަކީ ރައްކާތެރިކަން ކަށަވަރު ނޫން އެއްޗެއް ކަމަށް ދޭހަވާ ގޮތަށް ސައްހަ ނޫން މައުލޫމާތު ބައެއް މީޑިއާތަކުން ހާމަކުރަމުންދާތީ، އެކަން ނުކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެންސީ) އިން އިލްތިމާސްކޮށްފި އެވެ.

އެމްއެމްސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ކޮވިޑު ވެކްސިނާ ގުޅޭ ގޮތުން ހަބަރާއި މައުލޫމާތު ބައެއް މީޑިއާތަކުން ގެނެސްދިނުމުގައި ވެކްސިންތަކުގެ ރައްކާތެރިކަމާމެދު ރައްޔިތުންގެ މެދުގައި ޝައްކު އުފެދި އިތުބާރު ގެއްލޭ ގޮތަށް ހަބަރާއި މައުލޫމާތު ޝާއިއުކޮށް ފަތުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އޭގެ ސަބަބަުން އިޖުތިމާއީ އެތައް މައްސަލަތަކެއް އުފެދެމުންދާކަމުގެ ޝަކުވާ ވެސް އާންމުންގެ ފަރާތުން އެ ކައުންސިލަށް ހުށަހަޅާފައިވާ ކަމަށް ބަޔާނުގައިވެ އެވެ

އެހެންކަމުން ކޮވިޑު ވެކްސިނާ ގުޅޭ ހަބަރާއި މައުލޫމާތު މީޑިއާތަކުން ގެނެސްދިނުމުގައި ރާއްޖޭގައި ދިނުމަށް، ކަމާގުޅުން ހުރި އިދާރާތަކުން ހުއްދަ ދީފައިވާ ވެކްސިންތަކުގެ ރައްކާތެރިކަމާމެދު ރައްޔިތުންގެ މެދުގައި ޝައްކާއި ވަހުމް އުފެދޭ ގޮތަށް، ހަގީގަތާ ހިލާފު ދޮގު ހަބަރާއި މައުލޫމާތު ނުފެތުރުމަށާއި ވެކްސިންގެ މައުލޫމާތު އާންމު ކުރުމުގައި ސައްހަ ތެދު މައުލޫމާތު ގެނެސްދިނުމަށް އެމްއެމްސީން ވަނީ އިލްތިމާސް ކޮށްފަ އެވެ.

އޭގެ އިތުރުން ވެކްސިންގެ މައުލޫމާތު ފޯރުކޮށްދިނުމުގައި އޭގެ ސައްހަ މައުލޫމާތު ދައުލަތުގެ ކަމާ ގުޅުން ހުރި އިދާރާތަކުން ކަށަވަރު ކުރުމަށާއި ވެކްސިނާ ގުޅޭ މައުލޫމާތު ހަވާލާ ދޭ މަސްދަރަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި ބައިނަލްއަގުވާމީ އިދާރާތަކުގެ މިންގަނޑުތަކާއި އެއްގޮތަށް ޝާއިއު ކޮށްފައިވާ މައުލޫމާތެއްކަން ކަށަވަރު ކުރުމަކީ ނޫސްވެރިންގެ ފަރުދީ އަދި ޕްރޮފެޝަނަލް ޒިންމާއެއް ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.