މާލޭ ވިޔަފާރި ބަނދަރުގައި މަސައްކަތްކުރާ މީހުންގެ ރައްކާތެރިކަމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަަލައެއް ހުށަހަޅައިފިއެވެ.

އެމްޕީއެލްގެ ކެރޭނަކުން ސަޕްލައި ދޯންޏަކަށް ބަރުކުރަމުންދިޔަ ކާޕެޓް ރޯލުލަތުން ރޯލެއް ވެއްޓި އޭގެ ދަށުންވެގެން ޒަހަމްވި މީހަކަށް އައިސީޔޫގައި ފަރުވާދެމުންދާއިރު، އެމްޕީއެލް ސަރަހައްދުގައި ބިއްލޫރި ޝީޓުތަކެއް ތަޅައިގެން ދިޔަ ހާދިސާގައި ތާށިވެ މިހާރު މަރުވެފައިވާއިރު، ވިޔަފާރި ބަނދަރުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރު ކުރުމަށް ގޮވާލައި، މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ، އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީއަށް ނިސްބަތްވެ ވަޑައިގަންނަވާ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ.

މައްސަލަ ހުށަހަޅުއްވަމުން އާދަމް ޝަރީފް ވިދާޅުވީ، ވިޔަފާރި ބަނދަރުގައި ރިސްކް މެނޭޖްމަންޓް މިހާރަށް ވުރެ ހަރުދަނާ ކުރުމަށާއި، ސަލާމަތީ ކަންކަމަށް މަސައްކަތްތެރިން އަހުލުވެެރިކުރުވުމާއި ރައްކާތެރިވެގެން ތިބެ މަސައްކަތްކުރަން ވިޔަފާރި ބަނދަރުގެ މުވައްޒަފުންނާއި އާއްމުން ވެސް ތަމްރީނުކުރަން ސަރުކާރަށް ގޮވާލައްވާ ކަމަށެވެ.

އަދި މިފަދަ ހާދިސާތަކުގައި އަނިޔާ ލިބޭ ފަރާތްތަކުގެ އާއިލާތަކަށް މާލީ ގޮތުންނާއި ނަފްސާނީ ގޮތުން ލިބޭ ގެއްލުންތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ނިޒާމެއް އޮތުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

މި މައްސަލައަށް ބަހުސް ކުރުމަށް މަޖިލީހުން ފާސްކުރީ އެވަގުތު ޖަލްސާގައި ތިއްބެވި 51 މެންބަރުންގެ ތެރެއިން 31 މެންބަރުން ވޯޓު ދެއްވައިގެންނެވެ.