ފުރަތަމަ ބައި

އުމުރުން 17 އަހަރުގައި ހަޔާތެއް ފެށީ އަހަރެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ޒިޔާނާއި އެކީގައެވެ. ޒިޔާނަކީ ސްކޫލު ދައުރުއްސުރެ އަހަރެން ގެ ލޯބިވެރިޔާއެވެ. އެންމެ ގާތް އެކުވެރިޔާއެވެ. ޒިޔާން ނޫން އެއްވެސް ފިރިހެނަކާއި އަހަރެން ލޯބީގެ ގުޅުމެއް ނުބާއްވަމެވެ. ޒިޔާންދެކެ ހިތާއި ފުރާނައިން އަހަރެން ލޯބިވަމެވެ. ޒިޔާންވެސް ހަމަ އެފަދައެވެ. ޒިޔާންގެ ދުލުން ބޭރުކޮށްލާ ކޮންމެ ލަފްޒަކުން ކޮންމެ އަމަލަކުން ދިޔައީ އަހަރެން ދެކެ ލޯބިވާ މިންވަރު ހާމަކޮށްދެމުންނެވެ. ޒިޔާނާ މެދު ޝަކުވާ ކުރާނެ އެންމެ ފުރުސަތެއްވެސް އޭނާ އަހަރެންނަށް ނުދެއެވެ.

އަހަރެމެން ދެމަފިރިންނަކީވެސް ސަރުކާރުގެ ޒިންމާދާރު ވަޒީފާގައި އުޅޭ ދެމީހުންނަށް ވާތީ ކައިވެންޏަށްފަހު އަވަހަށް ކުއްޖަކު ނުހޯދުމަށް ދެމީހުން ވާހަކަދައްކައިގެން ނިންމީމެވެ. ސަބަބަކީ ކައިވެނީގެ ކުރީކޮޅު ދަރިއަކު ލިބިއްޖެނަމަ އެ ދަރިފުޅަށް ދޭންވާ ލޯތްބާއި އަޅާލުމަށް އުނިކަމެއް އައިސްދާނެތީއެވެ. އަދި ލިބޭ މުސާރަ ކުޑަވެފައި ދެމީހުންނަށް ލިބޭ ފައިސާއިން ޒަރުރީ ބޭނުންތައް ފުއްދުމަށްފަހު ދަރިފުޅަށް ކުރަންޖެހޭ ހަރަދުތައް ނުކުރެވި ނޭނގިނަމަވެސް ދަރިފުޅަށް އިހުމާލެއް ވެވިދާނެތީއެވެ.

އެހެންކަމުން ކައިވެންޏަށް ދެ އަހަރު ފާއިތުވެގެން ދިޔައިރުވެސް އަހަރެމެން ދެމަފިރިން އުޅުނީ ވަރަށް ބަލައިގެންނެވެ. އެކީގައި ކައިވެނި ކުރި އެކުވެރިންނަށް ދަރިން ލިބި އެމީހުންގެ މޫނުމަތިން ފެންނަން ފެށި އުފާވެރި ހިނިތުންވުން ތަކުގެ ސަބަބުން ފުރަތަމަ ފަހަރަށް އަހަރެންގެ ހިތުގައި ދަރިއަކު ހޯދުމުގެ ޝައުޤު ބޮޑުވެގެން ދިޔައެވެ. ކުޑަކުދިންނަށްޓަކައި އަހަރެންގެ ހިތުގައި ލޯބި އުތުރި އަރައިގަތެވެ. އަބަދުހެން އަހަރެންނަށް ވިސްނެންފެށީ ދަރިއަކާއި ދޭތެރޭގައެވެ. ޙަޤީޤީ އުފާވެރިކަން ގުޅިފައިވަނީ އާއިލާ ފުރިހަމަވެގެންކަން އަހަރެންނަށް ވިސްނެން ފެށިއެވެ.

ވަޒީފާ ނިންމާފައި ގެއަށްދިޔަ މަގުމަތީގައިވެސް އަހަރެންނަށް ވިސްނެމުން ދިޔައީ އޮފީހުގައި އުޅޭ އެކުވެރިއަކު ބަނޑުބޮޑުވި ހަބަރު ދިނުމުން އެކަމާއެވެ. އިފާގެ ތުންފަތްމަތީގައިވި ހިނިތުންވުން އަދިވެސް އަހަރެންނަށް ފެންނަ ކަހަލައެވެ. ހިތަށް އެރިއެވެ. ފުރާ ފުރިހަމަވެފައިވާ އެއްވެސް އަންހެނަކަށް ބަނޑުބޮޑުވުން އެއީ އުނދަގުކަމެއް ނޫނެވެ. ބަލިވެއިނުމަށްޓަކައި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަކީ މުހިންމު ކަމެކޭ އަހަރެންގެ ހިތަށް ނާރައެވެ.

"އަހަރެމެން ބޭބީއެއް ހޯދާނީ ކޮންއިރަކުން؟"

ޒިޔާން ކައިރީގައި އަހަރެން އެވާހަކަ ދެއްކީ އެރޭ ނިދަން އުޅުނު ވަގުތުގައެވެ. އަހަރެންގެ ނިންމުމަށް ޒިޔާން އިހުތިރާމްކުރިއެވެ. ޒިޔާންވެސް ދަރިއަކު ބޭނުންވާ ކަމުގައި ބުނެލިއެވެ. އަދި ޒިޔާންވެސް ހުރީ އެވާހަކަ އަހަރެން ކައިރީގައި ރަނގަޅު ވަގުތަކުން ބުނަން ކަމުގައި ބުނެލިއެވެ. އެވާހަކަ ކުރިން އަހަރެން ބުނުމުން އޭނާއަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނު ކަމުގައި ބުނެލިއެވެ. އެހެންކަމުން ހެޔޮލަފާ ޞާލިހް ދަރިފަސްކޮޅެއް އާލާ ކުރުމުގެ މާތް މަޤްޞަދުގައި އަހަރެމެން ދަރިއަކު ހޯދުމަށް މަސައްކަތް ފެށީމެވެ.

"އަޅެ މިފަހަރުވެސް ނެގެޓިވް" ފާހާނާއިން ނިކުމެ އަތުގައި އޮތް ޓެސްޓް ކިޓަށް ބަލައިލަމުން ހިތާހިތުން އަހަރެންނަށް ބުނެވުނެވެ.

ދަރިއެއް ލިބުމަށް އެދި ހިތުގައިވާ އުންމީދެއްގެ ބޮޑުކަމުން ކޮންމެ މަހަކު އެއްފަހަރު އަހަރެން ދިޔައީ ޓެސްޓް ކުރަމުންނެވެ. ނަމަވެސް ކޮންމެފަހަރަކު ހިތް މާޔޫސްވަނީއެވެ.

އެގޮތުގައި ދުވަސްތަކެއް ފާއިތުވެގެން ދިޔައެވެ. އުންމީދުގެ އަލިމަގެއް ނުފެނުނެވެ. އެހެންކަމުން އަހަރެންގެ ހުރިހާ އުފާވެރިކަމެއް ފަނާވަމުން ދިޔައެވެ. ފަހަތަށް އެއްލޭ ކޮންމެ ގަނޑަކާއެކު އަހަރެންގެ އުންމީދުތަކަށް ފަސް އެޅި ފޮރުވެމުން ދިޔައެވެ. މާބޮޑަށް އެކަނިވެރިކަން އިހުސާސް ކުރެވެން ފެށުނެވެ. ނޭނގި ހުއްޓާވެސް އަހަރެންނަށް ރޮވެނީއެވެ. މާބަނޑު މީހެއް ފެނުނަސް ރޮވެނީއެވެ. މަގުމަތިން ކުޑަކުއްޖަކު ފެނުނަސް އަދި ޓީވީއަކުން ކުޑަކުއްޖެއް ފެނުނަސް ރޮވެނީއެވެ. އޮފީސް ތެރޭގައި އުޅޭއިރު އެކުވެރިން އެމީހުންގެ ދަރިންގެ ވާހަކަދެއްކުމުން އަހަރެން ވަރަށް ބޮޑަށް ހިތްދަތިވެއެވެ. އަހަރެންގެ ހިތުގައި ނުފިލާ ރިހުމެއް ވިޔަސް އޮފީހުގެ މަސައްކަތަށް އަހަރެން ބުރޫއެއް ނާރުވަމެވެ. އެކަނިވާ ވަގުތު ތަކުގައި ބައެއްފަހަރު ހިތަށް ވިސްނައިދެމެވެ. ދަރިއަކު ނުލިބިގެން އަދި އަހަރެން ތެޅިގަންނަވަރު ނުވެއޭ ހިތަށް ބުނެދެމެވެ. އަހަރެންގެ މުސްތަގުބަލް އޮތީ އަދި ކުރިއަށް ކަމަށް ބުނެދެމެވެ. އެހެންމަވެސް ސިކުނޑި އެކަން ގަބޫލުކުރާގޮތެއް ނުވިއެވެ. ނުބައި ވިސްނުންތަކާ ވަސްވާސްތަކުން އަހަރެންގެ ނަފްސު ކަތިލެވެމުން ދިޔައެވެ.

"އަހަރެންވެސް ދަރިއަކު ބޭނުން" ބާލީހުގައި ބައްދައިގެން އެނދުގައި އިނދެ އަހަރެން ބުނެލީމެވެ. މަންމައާއެކު ޓިވީން ދެއްކި ފިލްމެއްގައި ކުޑަ އަންހެންކުއްޖަކު އުޅުނެވެ. އެ ފިލްމު ނިމުނުއިރު އަނެއްކާވެސް އަހަރެންގެ ހިތަށް ވަރަށް އަސަރުކޮށްފިއެވެ.

އަހަރެންނަށް އެކަނިވެރިކަމާއި އުނގުގެ ފަޅުުކަން އިހުސާސް ވަނީ ކޮޓަރީ ހަތަރު ފާރުން އެތެރެ ވެވުނީމައެވެ. ޒިޔާން ދެރަވާކަމެއް ނުވަތަ ނޫންކަމެއް އަހަރެންނަށް ބުނަން ނޭނގެއެވެ. ސަބަބަކީ އޭނާ ދެރަވެފައި ހުއްޓާ އަހަރެންނަށް ފެނިފައިނުވާތީއެވެ. އަދި މިކަމާއި ގުޅުވައިގެންވެސް އެއްވެސް ވާހަކައެއް ދައްކާފައެއްވެސް ނުވާތީއެވެ. އަހަރެން ދިޔައީ ކޮންމެ ނަމާދަކަށްފަހު ހާލަތު އަހަރެންގެ ވެރި ރައްބާއި ޙިއްސާކޮށް އެކަލާނގެއަށް ހުއްޓުމެއްނެތި އިޚުލާސްތެރިކަމާއެކު ދުޢާ ދަންނަވަމުންނެވެ. ދިރުމެއް އޮތްތަނެއްގައި އުންމީދެއް ވާނޭ ބުނާ އަޑު އަހަރެން އަހަމެވެ. އެހެންވެ އަހަރެން އަޒުމް ކަނޑައެޅީ އެންމެފަހު ނޭވަޔާއި ހަމައަށްވެސް އުންމީދު ކަނޑާނުލުމަށެވެ. އަޅުން ކުރާނީ މަސައްކަތެވެ. ކާމިޔާބު ދެއްވާނީ އެހެން ފަރާތަކުންނެވެ.

ނިދާ ހޭލިއިރު އަހަރެން ހުރީ ފާޑަކަށް މޭނުބައި ކޮށްފައެވެ. ފާހާނާއަށް ވަދެ އެތައް އިރަކު އޯކަށްދެމުނީމެވެ. އެންމެ ހޮޑުކޮޅެއްވެސް ނައެވެ. އަހަރެންގެ ދެލޯ ވިދައިގަތީ ހިތަށް އެރި އެއްޗަކުންނެވެ. އެމަހުގަވެސް އަހަރެންގެ މައްސަރު ކަންތައް ލަސްވެފައިވާތީ އަހަރެން ބަލިވެއިނީ ކަމުގައި އަމިއްލައަށް ނިންމީމެވެ. ޒިޔާނަށް ނާންގާ ދުވަހުގެ މެންދުރު އަހަރެން ބޭސްފިހާރައަކަށް ގޮސް ޓެސްޓް ކިޓެއް ގަނެގެން ގެއަށް އައިސް ވަތްތަނާ ޒިޔާންގެ މަންމައާ ދިމާވިއެވެ. އަހަރެން ހީލުމުން މަންމަ ބަދަލުގައި ހިނިތުންވުމެއް ދިނުމަށްފަހު ހެނދުނު ސައި ނުބޮއެ ސަބަބެއް އޮޅުންފިލުއެވެ. އަހަރެންނަކީ އެއްވެސް އިރެއްގައި މީހަކަށް ދޮގުހަދާހިތްވާ މީހަކަށް ނުވާތީ ވެގެން އުޅޭ ކަންތައް މަންމައަށް ކިޔައިދިނީމެވެ. އަދި މޭނުބައި ކޮށްފައި ހުންނާތީ ކާހިތްނުވާ ކަމުގައި ބުނެލީމެވެ.

"އަލްޙަމްދުލިﷲ... އުމުރުން ފަންސާސްފަހެއް ވެއްޖެ. ފުރަތަމަ ފަހަރަށް އަހަރެން މާމައަކަށް ވަނީ" މަންމަގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. މަންމަގެ އަޑުގައިވާ ޖޯޝެއްގެ ސަބަބުން މާމަ ދަރިއަކަށް އެ މަންމަ އެދޭ މިންވަރު އަހަރެންނަށް އިހުސާސްވިއެވެ. އަހަރެން މަންމައަށް ވިސްނައިދިނީމެވެ. ޑޮކްޓަރުގެ ޓެސްޓްތަކުގެ ނަތީޖާ ނުލިބެނީސް އުފާފާޅު ނުކުރުމަށާއި އަދި އެއްވެސް މީހަކަށް ނޭންގުމަށް ބުނެލީމެވެ. މަންމަ ވަގުތުން ބޯޖަހައިލިއެވެ. ކޮޓަރިއަށް ވަދެގެން ދިޔައިރު އަހަރެންނަށް ހިތާއިހިތުން ދުޢާ ކޮށްލެވުނެވެ. އަހަރެންގެ ހިތުގައިވާ އުންމީދު ހާސިލްކޮށްދިނުމަށް އެދިއެއް ނޫނެވެ. އުމުރުން ދުވަސްވެފައި އިން އެ މަންމަގެ އުންމީދުތައް ހާޞިލްކޮށްދެއްވުމަށް އެދިއެވެ.

ފާހާނާއިން ނިކުމެވުނު އިރު އަހަރެންގެ ދެލޯ ވަނީ ފެންކަޅިވެފައެވެ. މިފަހަރުވެސް އަހަރެންގެ އުންމީދު އެދިޔައީ ފެނަށް ވެގެންނެވެ. ޓެސްޓް ކިޓުން ދައްކާގޮތުގައި އަހަރެން ބަނޑުބޮޑެއް ނޫނެވެ. އަހަރެން ގޮސް ހުއްޓުނީ ލޯގަނޑު ކުރިމަތީގައެވެ. ބަނޑުގައި އަތް ޖައްސާލެވުނު އިރު ދެލޮލުގެ ކަރުނަ ވަޅުގައި ބޮނޑިވެފައި ހުރި ކަރުނަތައް އޭގެ މަގާމު ދޫކޮށް އޮހިގަނެއްޖެއެވެ. އަހަރެންގެ ހިތުގައި އެތައް ޝަކުވާތަކެއް އުފެދިގެން ދިޔައެވެ. އަހަރެން ބަނޑުބޮޑު ނުވާނަމަ މޭނުބައި އެކުރަނީ ކީއްވެ ހެއްޔެވެ؟ މައްސަރު ކަންތައް ލަސްވަނީ ކީއްވެ ހެއްޔެވެ؟ ހަމައެކަނި މިހެން އަހަރެންނަށް މިދިމާވަނީ ކީއްވެ ހެއްޔެވެ؟ ދަރިއެއްގެ އުފާ ލިބުން އަހަރެންގެ ނަސީބުގައި ނެތީ ހެއްޔެވެ؟ އަހަރެން އިސްއުފުލާލުމަށްފަހު ލޯގަނޑުން ފެންނަން ހުރި އަހަރެންގެ އަމިއްލަ ސޫރައާއި ހަތަރުކަޅި ހަމަކޮށް ބަލައިލީމެވެ. އަދިވެސް ހިތުގައި އުންމީދެއް އެބައޮތެވެ. އަހަރެން ކެތްތެރިވާނަމެވެ. ޑޮކްޓަރަށް ދެއްކުމަށްފަހު ޓެސްޓްތައް ހަދާނަމެވެ. އަހަރެންގެ އުޅޭ މައްސަލައެއް ދެނެގަތުމަށްފަހު ބޭސްކުރާނަމެވެ. ހެއްދެވި ފަރާތުގެ ރަހުމަތުން އުންމީދު ކަނޑާލާނީ މޮޔައެއް ނޫންހެއްޔެވެ؟

މާމަ ދަރިފުޅަކު ލިބެން އުޅޭކަމަށް ހީކޮށް އުންމީދެއްގައި ހުރި މަންމައަށް އެހަބަރު ދިނުމަށްޓަކައި އަހަރެން މަންމަގެ ކޮޓަރިއަށް ދިޔައީމެވެ. އަހަރެންގެ ދެފައި ބިންމަތީގައި ތަތްލީ ކުޑަކޮށް ހުޅުވިފައި ހުރި ދޮރުފަތުގެ ދޭތެރެއިން އެނދުގައި އިން މަންމަ ރޯން އިން މަންޒަރު ފެނިފައެވެ. މޭގައި އަތް އަޅައިލެވުނީ މަންމަ ރޯ އަޑު އަހަރެން ކަންފަތުގައި ޖެހުމުންނެވެ. އަހަރެން ކޮޓަރިއަށް ވަތްކަން މަންމައަށް އިނގުމާއެކު އަތުގައި އޮތް ފޮޓޯ ފްރޭމް އެއްފަރާތުގައި ބޭއްވި ތަން ފެނުނެވެ. އެ ފޮޓޯ ފްރޭމް އަހަރެންނަށް ފެންނަން މަންމަ ބޭނުންނުވާކަން އަހަރެންނަށް އިނގުނެވެ. އެހެންކަމުން އަހަރެން އެކަން އިނގޭކަމަށް ނަހަދަމެވެ. އަހަރެން ގޮސް އިށީނީ މަންމަ އާ ދާދި ގާތުގައެވެ. ދެލޮލުގައި ކަރުނަ ވިޔަސް މަންމަ އަހަރެންނަށް ލޯބި ހިނިތުންވުމެއް ދިނެވެ. މޫނުގައި ރޫޖެހި އުމުރުން ދުވަސްވެފައިވާ މަންމަ އަހަރެންނަށް ދިން އެހިނިތުންވުން ހާދަ ޗާލެވެ. އެވަގުތުވެސް އަހަރެން މަންމަގެ ރީތިކަމަށް ތައުރީފް ކޮށްލީމެވެ.

"މަންމާ! އަހަރެން ބަނޑުބޮޑެއްނޫން" ވަރަށް ހިތްވަރުން އަހަރެން ބުނީމެވެ.

އަހަރެން އިނީ ބަލިވެ ނޫންކަމަށް މަންމަ ކައިރީގައި ބުނުމާއެކު އެ މަންމަގެ ތުންފަތުގައިވި ހިނިތުންވުން ފިލައި ދިޔައެވެ. އަހަރެން ދެރަވިއެވެ. މަންމަގެ އަތުގައި ހިފާ ކެތްތެރިވުމަށް ބުނެލީމެވެ. މަންމަ ބޯޖަހައިލިއެވެ. ތެދުވެގެން ހިނގައިގަތް ވަގުތު އަހަރެންގެ ލޮލުގައި އެއްކަލަ ފޮޓޯ ފްރޭމް އަޅައިގަތެވެ. އެ ފޮޓޯގައި އިނީ ފަސް ވަރަކަށް އަހަރަށްދާ ވަރުގެ ކުޑަ އަންހެން ކުއްޖެކެވެ. އަހަރެންގެ ހިތުގައި ސުވާލު އުފެދުނެވެ. އެއީ ކޮން ކުއްޖެއް ހެއްޔެވެ؟ ދުވަހަކުވެސް ނުދެކޭ ކުއްޖެކެވެ. މަންމަ ކައިރިން އަހަން އުޅެފައިވެސް އެ ހިޔާލު ދޫކޮށްލީމެވެ.

އަހަރެން ޑޮކްޓަރަށް ދައްކަން ދިޔައީ ޒިޔާނާއި އެކުގައެވެ. އަހަރެމެން ދެމަފިރިންނާއި ޑޮކްޓަރު އެތައް ސުވާލެއް ކުރިއެވެ. އަހަރެމެންގެ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތާއި ކެއިން ބުއިން ހުންނަ ގޮތާއި ބެހޭގޮތުންނެވެ. އެއަށްފަހު ބޭހެއް ދިނުމުގެ ކުރިން އެތައް ޓެސްޓަތަކެއް ހަދަން ދިނެވެ.

"ޒިޔާ އެހާ ބޭނުމެއްނުވޭ ދޯ ބޭބީއެއް" ގެއަށް އައި މަގުމަތީގައި އަހަރެން ޒިޔާން ކުރެން އެހީމެވެ.

"ކީއްވެ ތިހެން ތިބުނީ...؟ ވަރަށް ބޭނުން ބޭބީއެއް...." ޒިޔާން ބުނެލިއެވެ.

"ޒިޔާ ދެރަވެފައި ހުއްޓާ ނުފެންނާތީ" އަހަރެން ބުނީމެވެ.

"ބޭބީއެއް ނުލިބިގެން އަދި އަހަރެމެން ތެޅިގަންނަން ނުވެއެއްނު. މަލްއަށް ކިރިޔާ ޓްވެންޓީ ވަން އެވީ. އެހެންނޫނަސް އަހަރެން ހިތް ބުނޭ ރަނގަޅު ވަގުތު ޖެހުނީމަ ބޭބީއެއް ލިބޭނޭ" ޒިޔާން ބުނެލިއެވެ. އަހަރެން ވަރަށް އުފާވިއެވެ. އަހަރެން ފަދައިން ޒިޔާންގެވެސް އުންމީދެއް އޮތްކަން އިނގުމުން ހިތަށް ހަމަޖެހުން ލިބުނެވެ.

ޓެސްޓްގެ ނަތީޖާ ލިބިއްޖެއެވެ. ރިޕޯޓްތައް ހިފައިގެން ޑޮކްޓަރުގެ ކޮޓަރިއަށް ވަންއިރު އަހަރެންގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ. ޑޮކްޓަރު ދޭނެ ހަބަރެއް ނޭނގޭތީ ކައިރީގައި ހުރި ޒިޔާންގެ އަތަށް ފިތައިލެވުނެވެ. އަހަރެންގެ އަތުގައި ހިފައިލާފައި ޒިޔާން ދިން ނަޒަރުން އަހަރެންނަށް ހިތްވަރެއް ލިބުނެވެ. ހިނދުކޮޅެއްގެ ތެރޭގައި ޑޮކްޓަރު ދިން ހަބަރާއެކު އަހަރެންގެ ހުރިހާ ހާސްކަމެއް ފިލައިގެން ދިޔައެވެ. ބޮލުގެ ރިހުން ކުޑަވެ ހިނިތުންވެވުނެވެ. އެއްވެސް ތާށިކަމެއްނެތި ނޭވާ ބޭރުވާން ފަށައިފިއެވެ. ދަރިއަކު ލިބުމަށް ހުރަސްއެޅޭ ވަރުގެ އެއްވެސް މައްސަލައެއް ދެމީހުންގެ ހަށިގަނޑުގައިވެސް ނެތްކަމަށް ޑޮކްޓަރުން ބުންޏެވެ. އިސްކޮޅާއި ބަރުދަންވެސް ހުރީ އެންމެ ރަނގަޅު ވަރަށާއި ހަމައެކަނި ކެއުމުގައި މިހާރަށް ވުރެ ގިނައިން ތަރުކާރީއާއި މޭވާ އިތުރު ކުރުމަށް ލަފާދިނެވެ. އަދި ކަސްރަތު ކުރުން ދޫކޮށް ނުލުމަށާއި ހިތްވަރާއެކު މަސައްކަތް ކުރުމަށް ނަޞޭޙަތްތެރިވިއެވެ. އެދުވަހު އަހަރެމެން ގެއަށް އައީ އާ އުންމީދަކާ އެކުގައެވެ.

މެންދުރަށް މޭޒުމަތި ތައްޔާރު ކުރުމަށް އަހަރެން ބަދިގެއަށް ދިޔައިރު އަހަރެންނަށް އަނެއްކާވެސް މަންމަ ރޯއަޑު އިވިއްޖެއެވެ. މިފަހަރު އަޑު އަންނަނީ ބަދިގެ އާ އިންވެގެން ހުންނަ މިރުސް ގަސް ހައްދާފައި އޮތް ތަނުންނެވެ. އަހަރެން ބަދިގެއަށް ވަދެފައި ކުޑަދޮރާ ކުޑަކޮށް ނިވައިވެގެން ހުރީމެވެ. އަހަރެންގެ މަގްސަދަކީ މަންމައަށް ފާރަލުމެއް ނޫނެވެ. މަންމަގެ އެންމެންނަށް ސިއްރުން އެކުރާ ހިތާމަތަކުގެ ފަހަތުގައިވާ ސިއްރު ހޯދުމެވެ.

"ހުރިހާކަމެއްވެސް ވީ ހަމަ ލަބީބުގެ ސަބަބުން" މަންމަ ބުނެލި އަޑު އިވުނެވެ. އަހަރެންނަށް އިނގިފައިވާ ގޮތުގައި ލަބީބަކީ ޒިޔާންގެ ބައްޕައެވެ. މަސައްކަތްކުރަނީ ކައިރި ރިސޯޓެއްގައެވެ. އަހަރެންނާ ޒިޔާންގެ ބައްޕަ ދިމާވެފައި ހުރީ އިނގިލިން ގުނާލެވޭހާ ވެސް މަދުންނެވެ.

"އަހަރެންނަށް ނުވިސްނުނީ. ލަބީބު މައްޗަށް މާބޮޑަށް ބަރޯސާވެވުނީ. އަހަރެންނަށް ވާޖިބު ކުރައްވާފައިވާ ކަމެއްގެ މައްޗަށް އަހަރެންނަށް އެއްވެސް ރަހުމެއް ހަމްދަރުދީއެއް ނެތް އަމިއްލަ އެދުމުން ފޯވެފައި ހުރި ފިރިއެއްގެ އުފާ އިސްކުރެވުނީ" މަންމަ ބުނެލި އަޑު އިވުނެވެ. އަހަރެންނަށް ވިސްނާލެވުނެވެ. މަންމަ އެދައްކަނީ ކޮން ވާޖިބެއްގެ ވާހަކައެވެ. ފަހަރެއްގައި އެއީ މަންމަ އާ ބައްޕަގެ އަމިއްލަ ވާހަކައެއްކަމަށް ވެދާނެއެވެ. ދެމަފިރިން ދޭތެރޭގައި ދެކެވާ ވާހަކަ މިގޮތަށް ސިއްރުން އަޑުއެހުމަކީ ރަނގަޅުކަމެއް ނޫނެެވެ. އަމިއްލައަށް ވިސްނިގެން ދުރަށްދާން އުޅެނިކޮށް އަހަރެންގެ ފިޔަވަޅުތަކުގައި ހިފެހެއްޓީ އަނެއްކާވެސް މަންމަ ބުނެލި ޖުމްލައެވެ.

"އެދަރިފުޅު ކޮންމެ ގޮތަކަށް ދުނިޔެއަށް އައި ނަމަވެސް އެއީ އަހަރެންގެ ލެޔޭ. މަޔަކަށް ތިވަރުގެ ބޮޑު އަނިޔާއެއްދޭން ވެދާނެތަ؟" މަންމަ ބުނެލިއެވެ. އަހަރެން ހަނދާންވިއެވެ. ޔަގީނެވެ. މަންމަ އެދައްކަނީ ފޮޓޯ ފްރޭމުގައިވާ އަންހެންކުއްޖާގެ ވާހަކައެވެ. އެއީވެސް މަންމަގެ ދަރިއެއްތާއެވެ. އެކަމަކު އެދަރިފުޅު ކޮބާ ހެއްޔެވެ؟

ކޮޓަރިއަށް އައިސް އަހަރެން އެވާހަކަތަކާ މެދު ވިސްނާލީމެވެ. ޒިޔާނަށް މިއިން އެއްވެސް ކަމެއް އިނގޭބާއޭ ހިތަށް އެރިއެވެ. މަންމަ އާ ބައްޕަގެ ގުޅުން ރަނގަޅު ނޫން ކަން އިނގުމުން ޒިޔާން ހާދަ ދެރަވާނެއެވެ. ކޮންމެގޮތެއްވިޔަސް އަހަރެން މިއިން އެއްވެސް ވާހަކައެއް ޒިޔާން ކައިރީގައި ނުދައްކާނަމެވެ. އަދި ކަމެއް އިނގުނުކަމަށް ނުވެސް ހެދޭނަމެވެ. މަންމައަށް އޯގާތެރިވާނަމެވެ.

މާޒީގެ ސަފްހާތަކާ ފަހަރަކު ގަނޑެއް އެކުވަމުން ދާވަރަކަށް އަހަރެންގެ އިންތިޒާރު ކޮޅުންލަމުން ދިޔައެވެ. ދަރިއަކަށް އެދި އަހަރެންގެ ހިތް ރޮނީއެވެ. މީހުންގެ ދަރިން ގޮވައިގެން އެމީހުން އުޅޭތަން ފެނުނީމަ ހިތުގައިޖެހި އެކަނިވެރިކަން މާބޮޑަށް އިހުސާސް ކުރެވެން ފެށިއެވެ. އަބަދުހެން ޒިޔާން ކައިރީގައި ދަރިންގެ ވާހަކަދެކެވެން ފެށިއެވެ. ފަހަކަށް އައިސް އަހަރެންގެ ވާހަކަތަކަށް ޒިޔާން މާބޮޑު ޝައިގުވެރިކަމެއް ނުދެއެވެ. އެކަންވެސް ވީ އަހަރެންގެ ހިތަށް ލިބުނު އިތުރު ތަކްލީފަކަށެވެ.

"އިނގޭތަ! ރޭގަ ޒިޔާން އުޅުނު ވަލުގޯތީ ތަހުމީނާ ގޮވައިގެން. އަހަރެން ކައިރީގައި ފިރިމީހާ ބުނީ. އަނެއްކާ މަންޖެއަށް އިނގޭތަ މިކަން" އޮފީހުގައި އުޅުނު އެކުވެރިއެއް އަހަރެން ކައިރީގައި ބުންޏެވެ. އަހަރެންނަށް ޖަވާބެއް ނުދެވުނެވެ. ޖަވާބުގައި ބުނާނީވެސް ކީކޭ ހެއްޔެވެ؟ ހިތުގައިޖެހުނުވަރުން އަހަރެން ގޮސް އިށިނީ މޭޒު ކައިރީގައެވެ.

އެހިތްދަތި ދުވަސްތަކުގެ ތެރެއަށް އިތުރު ބޮޅެއް ލެވިގެން ދިޔައީ ވީނުވީއެއް ނޭނގި ޒިޔާނަށް ބަދަލުތަކެއް އަންނަން ފެށުމުންނެވެ. އެކުވެރިޔާ ދެއްކި ވާހަކަތައް އަހަރެންނަށް ގަބޫލުކުރަން މަޖުބޫރުވީ އެހިސާބުންނެވެ. ޒިޔާންގެ ދުރުކަން ދުވަހެއް ދުވަހަކަށް އިތުރުވަމުން ދިޔައެވެ. ގެއަށް ލަހުން ނިދަން އައުން އާންމުވިއެވެ. ގިނަ ރޭރޭ ފަތިސް ނަމާދަށް ހޭލާއިރުވެސް ޒިޔާން ނާދެއެވެ. ފޯނުގެ ލޮކް ކޯޑު ބަދަލުކޮށް ދަންވަރު ގެއަށް އައިސް ފޯނުގައި އޮންނަ އޮތުން ގިނަވެއްޖެއެވެ. އަހަރެންގެ އެއްވެސް ކަމަކަށް ސަމާލުކަމެއް ނުދެއެވެ. އަމުދުން އަހަރެން ކޮށްދޭ ކަންތައްތައް އޭނާއަށް ކަމުނުދާން ފެށިއެވެ. އަހަރެންގެ ހަށިގަނޑުގައި ލޯބިން ބައްދައިނުލާތާ ބަލައިވެސް ނުލައެވެ. މަޑުމޮޅިކަމުން ހިތްހަރު އިންސާނަކަށް ބަދަލުވީ ކުއްލިއަކަށެވެ. މިވެސް ދުނިޔެ ދައްކާ ތަފާތު ކުލައެއް ހެއްޔެވެ؟

"ޒިޔާ، ކޮބާ މައްސައަކީ؟" ޒިޔާން ގެއަށް އައީ އަހަރެން ވިސްނުންތަކާ ފިކުރުތަކުގެ ކަނޑަކަށް ޣަރަގުވަމުން ދަނިކޮށެވެ.

އަހަރެން ޒިޔާނާ ސުވާލު ކުރީމެވެ. އަހަރެން ހީކުރީ އަހަރެންގެ ގެނބެމުންދަނިކޮށް ޒިޔާން އަހަރެން ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސްދޭނެ ކަމަށެވެ. އަހަރެންގެ ހިތުގައި ފިރުމާލާ ހިތަށް ޝިފާއެއްދޭނެ ކަމަށެވެ. އަހަރެންގެ ހިތުގައި ލެވިފައިވާ ޒަހަމްތަކުގައި ބޭސްމަލަމް އަޅައިދޭނެ ކަމަށެވެ.

"ކީއްވެ ކުއްލިއަކަށް ތިހާ ބޮޑު ބަދަލެއް ތިއައީ؟ އަހަރެންނަށް ގޯސްކޮށް ކަމެއް ކުރެވެންޏާ ބުނެދީ. އޭރުން އަހަރެން ރަނގަޅުކުރާނަން" އަހަރެން ބުނީމެވެ. ޒިޔާނާ ގާތަށް ފިޔަވަޅެއް އެޅިއިރު އަހަރެންނަށް ރޮވިއްޖެއެވެ. ޒިޔާން ބަހެއް ނުކިޔައެވެ. ހުރިހާ ވާހަކައެއް ދައްކަންޖެހުނީ އަހަރެންނެވެ. އަހަރެންނަށް ކެތެއްނުވިއެވެ. އެނދުން ފައިބައިގެން ގޮސް އަލަމާރި ކައިރީގައި ހުރި ޒިޔާންގެ އަތުގައި ހިފާ އަހަރެންނާ ދިމާލަށް އަނބުރައިލީމެވެ.

"ތަހުމީނާ އެއީ ކާކު؟ ބުނޭ. ޒިޔާ އާ ތަހުމީނާ އާ އޮތީ ކޮން ގުޅުމެއް؟" އަހަރެންގެ އަޑުގައި ހަރުކަށިކަމެއްވިއެވެ.

"މަލްހާ ތިއީ އަހަރެންގެ އަންބެއްނޫން. އަހަރެން ބޭނުމެއްނޫން މަލްހާއާއެކު އުޅޭކަށް" ޒިޔާން ބުންޏެވެ.

"މާނައަކީ؟" އަހަރެންވެސް ރުޅިގަދަވިއެވެ.

އެންމެފަހުން ސުވާލުކުރާނެ ފުރުސަތެއްވެސް ނުދީ ޒިޔާން އަހަރެން ދޫކޮށްލިއެވެ. އަހަރެންނަށް ހީވީ ބާރުގަދަ އަޑުފަށްގަނޑަކާއެކު ފުރާޅު ބޮލަށް ވެއްޓުނު ހެންނެވެ. ސިކުނޑި އާ މުޅި ހަށިގަނޑުގެ ހަރަކާތް ހުއްޓުނުހެން ހީވިއެވެ. އެއީ އިވުނު ގޮތް ކަމަށް ހީކުރެވުނެވެ. މުޅި ހަށިގަނޑަށް ފިނިގަނޑެއް އަރައިގެން ދިޔައެވެ. މީހަކު އަހަރެން އުފުލާލައިގެން ގެންގޮސް ސަންދޯކު ތެރެއަށް ލިޔަސް ރަނގަޅުވާނެއެވެ. އެހާވެސް އަހަރެންގެ ހަށިގަނޑުގެ ބާރު ކެނޑިއްޖެއެވެ.

ދެން އިތުރަށް ޒިޔާން ކައިރީގައި އަހަރެން ދައްކަންވީ ކޮން ވާހަކައެއް ހެއްޔެވެ؟ ހުރިގޮތް ކަމަށް ނިންމާފައި އަހަރެން ފޮށި ތައްޔާރު ކުރީމެވެ.

ގޭ ދޮރާށިން ނިކުމެވުމާއެކު މުޅި ދުނިޔެއަށް އަހަރެން ގިނަވެއްޖެ ކަމުގެ އިހުސާސް ކުރެވުނެވެ. މުސްތަގުބަލަށްޓަކައި ދެކެމުން އައި ފޮނި ހުވަފެންތައް ފުނޑުފުނޑުވީއެވެ. ކުށަކާއި ނުލާ އަހަރެން ދުނިޔެއަށް ބިކަ ވެއްޖެއެވެ. ގެއިން ނިކުމެގެން ދާންޖެހުނު އިރު ވަންނާނެ އެއްވެސް ތަނެއް ނެތެވެ. އަހަރެންގެ ކުށަކީ ކޮބާ ހެއްޔެވެ؟ ދަރިއަކު ނުލިބުން ހެއްޔެވެ؟ ނޫނީ ނިކަމެތި އަންހެނަކަށްވުން ހެއްޔެވެ؟ ފޮށި ދަމަމުން އަހަރެން ދިޔައީ މަގު ހުރި ގޮތަށެވެ. އަހަރެންގެ މަންޒިލަކީ ކޮބައި ކަމެއް ހުދު އަހަރެންނަށްވެސް ނޭނގެއެވެ. ނިސްބަތުން އާބާދީ މަދު ރަށަކަށް ވާތީ މަގެއްގެ މަތިން އެއްވެސް އިންސާނެއް ނުފެނެއެވެ. ދަންވަރުގެ އެވަގުތު މަގުމަތި އަމާންކުރަމުން އަހަރެން ކުރިއަށް ދިޔައީމެވެ.

ދުނިޔަވީ ދިރިއުޅުމުގައި މާތްﷲ މުސީބާތްތައް މެދުވެރި ކުރައްވާނީ އެކަލާނގެ ލޯބިވާ އަޅުތަކުންނަށް ކަން އެއީ އަބަދުވެސް އަހަރެން ޤަބޫލުކުރާ ހަގީގަތެކެވެ. އަހަރެންގެ ހަޔާތުގައި ޒިޔާން ނެތްކަން ގަބޫލުކޮށްގެން އަހަރެން ކުރިއަށް ހިނގާފައި ދިޔައީމެވެ. އަމިއްލަ މަސައްކަތުން ހޯދާފައި ހުރި ދެތިން ހެދުމާ ނަމާދުކުރާ ސާމާނުގެ އިތުރުން ގުރުޢާން ހަތިމު ނޫން އެހެން އެއްވެސް އެއްޗެއް އަހަރެން ނުގެންދަމެވެ. ޒިޔާން އަހަރެންނަށް ގަނެދިން ފޯނުވެސް ނުގެންނަމެވެ.

(ނުނިމޭ)