ބަޣާވާތާ ދެކޮޅަށް މުޒާހަރާތައް ފެށުމާއެކު މިޔަންމާއިން އިންޓަނެޓް ކަނޑާލައިފިއެވެ.

މިޔަންމާގެ މިލިޓަރީ އިން އެގައުމުގެ ލީޑަރު އަންގް ސަން ސޫކީ މަގާމުން ދުރުކޮށް ގައުމުގެ ބާރު މިލިޓަރީގެ އިސްވެރިޔާއަށް ދިނުމަށް ހިންގި ބަޣާވާތާ ދެކޮޅަށް އެގައުމުގެ ގިނަ ރައްޔިތުން ވަނީ މަގުތަކަށް އެއްވެ މުޒާހަރާތައް ފަށާފައެވެ.

ބަޣާވާތާ ދެކޮޅަށް ނިކުތް މީހުންގެ ތެރޭގައި އެގައުމުގެ ޓީޗަރުންނާއި ދަރިވަރުންގެ އިތުރުން ސިއްހީ ދާއިރާގެ ފަރާތްތަކުގެ އިތުރުން އާންމުންގެ އެތައް ހާސް ބަޔަކު ހިމެނެއެވެ. މުޒާހަރާގެ ބައިވެރިންވަނީ މިލިޓަރީ ޑިކްޓޭޓަރު ފެއިލް ވެއްޖެ ކަމަށާއި ޑިމޮކްރަސީ ކާމިޔާބު ކޮށްފި ކަމަށް ގޮވާފައެވެ.

އާންމުންގެ ނުރުހުމާއި މުޒާހަރާތަކުގެ ވާހަކަތައް ފޮރުވުމަށް އެގައުމުގެ މިލިޓަރީ އިން ވަނީ އިންޓަނެޓުގެ ހިދުމަތް ވެސް ކަނޑާލާފައެވެ.

މިލިޓަރީ އިން އިންޓަނެޓު ކެނޑުމުގެ ކުރިން ވަނީ އެގައުމުން ޓުވިޓާ އާއި އިންސްޓްގްރާމް ބްލޮކް ކޮށްފައެވެ. މީގެ އިތުރުން މިދިޔަ ހަފުތާގައި އެގައުމުން ފޭސްބުކްގެ ހިދުމަތްވެސް ވަނީ ބްލޮކް ކޮށްފައެވެ.

މިޔަންމާގެ އާންމުންނާ ގުޅިފައިވާ ޖަމިއްޔާތަކުން ވަނީ އިންޑަނެޓް ފޯރުކޮށްދޭ ފަރާތްތަކުން މިލިޓަރީގެ އެންގުމަށް ބޯ ނުލަނބައި އެގައުމުގައި އިންޓަނެޓް ހިދުމަށް ދިނުމަށް ގޮވާލާފައެެވެ.

އިންސާނީ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ ޖަމިއްޔާ އެމްނެސްޓީ އިންޓަނޭޝަަނަލް އިން ވެސް ވަނީ މިޔަންމާގެ އިންޓަނެޓް ކެނޑުމާ ދެކޮޅަށް ތެދުވެފައެވެ. އެޖަމިއްޔާއިން ވަނީ އެކަމުގެ ސަބަބުން ގައުމުގެ ރައްޔިތުންގެ އިންސާނީ ހައްގުތައް ގެއްލިފައިވާ ކަމަށް ބުނެފައެވެ.