މިއަހަރު ވެގެންދާނީ އުންމީދީ އަހަރަކަށް ކަމަށާއި މިއަހަރު ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން 34 ޕަސަންޓް ކުރިއަރައިގެންދާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް ބިޔުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން އާންމުކޮށްފައިވާ ކުއާޓަލީ ނެޝަނަލް އެކައުންޓްސް އިން ދައްކާ ގޮތުގައި 2019 ވަނަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި ރާއްޖޭގެ ކުއާޓަލީ ޖީޑީޕީ 51 ޕަސަންޓް ވަނީ ދަށްވެފައެވެ.
ޕީއެސްއެމްގެ "ރިޔާސީ ބަޔާން 2021" ޕްރޮގްރާމުގައި މިއަދު ވާހަކަދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ކޮވިޑް ވެކްސިނާއެކު ރާއްޖޭގެ އިގުތިސާދު ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރުމުގެ ފުރުސަތު ތަނަވަސްވެގެންދާނެ ކަމަށާއި ހުރިހާ ރައްޔިތުން ވެސް ވެކްސިން ޖެހުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.
"އެވްރެޖްކޮށް މިހާރުވެސް ރާއްޖޭގެ ޓޫރިސްޓް އެރައިވަލް ރޭޓްސް މިހުރީ އަދިވެސް ޑެއިލީކޮށް ގާތްގަނޑަކަށް 3000 ގައި. އަޅުގަނޑުމެންގެ ޓާގެޓަކީ މާޗް، އޭޕްރީލް ވާންވާއިރަށް ޗައިނާ އަދި އެހެނިހެން ގައުމުތަކާއި ޔޫރަޕްގެ ގައުމުތަކުން އިތުރުވެ 5000 އަށް އެރުން. އަޅުގަނޑުމެން މިހާރު މި ލަފާކުރަނީ 2021 ވަނަ އަހަރު ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން 34 ޕަސަންޓް ކުރިއަރައިދާނެ ކަމަށް. އަޅުގަނޑު ދެކޭގޮތުގައި އިރާދަކުރެއްވިއްޔާ 2021 ވަނަ އަހަރު ވެގެންދާނީ އަޅުގަނޑުމެންނަށް އުންމީދީ އަހަރަކަށް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ ރާއްޖޭގެ އިގުތިސާދާއި ސިއްހީ ކަންކަމާ ހުރި ގުޅުން މިހާރު ހުރިހާ ރައްޔިތުންނަށް ވެސް ފާހަގަވާނެ ކަމަށާއި އިގުތިސާދު ކުރިއަރައިގެންދިއުމަށް ގިނަ ދޮރުތަކެއް ހުޅުވިގެން ދަނީ ސިއްހީ ކަންކަން ރަނގަޅުވެގެން ކަމަށެވެ.
"އަޅުގަނޑުމެން ޖުލައި 15ގައި އެއާޕޯޓު ހުޅުވި މިހާރު ޓޫރިސްޓުން އެބައާދޭ. އެކަންކަން އަޅުގަނޑުމެން އިތުރަށް ރަނގަޅަށް ކުރެވޭނީ އަޅުގަނޑުމެންގެ ސިއްހީ ދާއިރާގެ އެ ޕޮޒިޓިވް ރޭޓްސްތައް ދަށްވަމުން ދިއުމުން. މިކަމަކީ އެއް ލެވެލެއްގައި ދާ ކަންތައްތައް،" މިނިސްޓަރު ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގެ ޖީޑީޕީ ސަމަރީއަށް ބަލާއިރު ޓޫރިޒަމް ސިނާއަތް ހިއްސާކުރީ ޖީޑީޕީގެ އެންމެ ޕަސެންޓެކެވެ. ދެވަނަ ކުއާޓަރުގައި ޖީޑީޕީގެ އެންމެ ބޮޑު ހިއްސާއެއް އަދާކުރީ ޕަބްލިކް އެޑްމިނިސްޓްރޭޝަން ސެކްޓަރެވެ. އެއީ ޖީޑީޕީގެ 19.3 ޕަސެންޓެވެ. މިއީ 2019 ވަނަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 10.7 ޕަސެންޓުގެ އިތުރުވުމެކެވެ.
ދެވަނައަށް އެންމެ ބޮޮޑު ހިއްސާއެއް ކޮށްފައިވަނީ ޖީޑީޕީގެ 14.4 ޕަސެންޓް ހިއްސާކޮށްފައިވާ ރިއަލް އެސްޓޭޓް ދާއިރާއެވެ.
ތިންވަނައަށް އެންމެ ބޮޑު ހިއްސާއެއް އަދާކުރީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދެވަނައަށް އެންމެ ބޮޑު ހިއްސާއެއް އަދާކުރި ދަތުރުފަތުރާއި މުއާސަލާތީ ދާއިރާއެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާރުގައި އެ ދާއިރާއިން ޖީޑީޕީގެ 13.4 ޕަސެންޓް ހިއްސާކުރި އިރު، ދެވަނަ ކުއާޓަރުގައި ހިއްސާކުރި އަދަދު ވަނީ 11.0 ޕަސެންޓް ދަށްވެފައެވެ.