ރާއްޖޭގައި ކޮވިޑް 19 ޖެހިގެން ނޭވާލާން އުނދަގޫވި ދެ ކުޑަކުއްޖަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިއެވެ.
ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހަތަރު މަހުގެ ތެލަސީމިއާ ކުއްޖަކު ހިމެނޭ ކަމަށާއި އެ ކުއްޖާ ހޮޑުލަމުންދާ ކަމަށެވެ.
ކޮވިޑް ޖެހުނު ދެ ކުއްޖަކު އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށްވެސް ޑރ. ފައިސަލް ވިދާޅުވިއެވެ.
މީގެ އިތުރުން ކޮވިޑަށް ޕޮޒިޓިވްވި މާބަނޑު މީހަކު ވިހާފައިވާކަން ޑރ. ފައިސަލް ހާމަކުރެއްވިއެވެ. އެމީހާ ވިހެއި ދަރިފުޅު ކޮވިޑަށް ޓެސްޓު ކުރަމުން އަންނަ ކަމަށާއި ކުއްޖާގެ އާއިލާގެ ތިން ކުޑަކުދިންގެ ތެރެއިން ދެ ކުއްޖަކު ބައްޔަށް ޕޮޒިޓިވް ކަމަށެވެ. އަދި އަނެއް ކުއްޖާ ނެގެޓިވް ވިޔަސް އުޅެން ޖެހެނީ ޕޮޒިޓިވް މީހުންގެ ތެރޭގައި ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.
ކޮވިޑަށް އިއްޔެ ޕޮޒިޓިވްވި ދެ ކުއްޖަކު އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ އިރު، މި ކުދިންގެ އިތުރު މައުލޫމާތެއް ޑރ. ފައިސަލް ހާމަކުރައްވައިފައެއް ނުވެއެވެ.