އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ބައިވެރިން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާދޭން އުޅުނު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ހަލީމު (ދޮންބިލެތް) ތުހުމަތުކުރައްވައިފިއެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ގޮވާލައި އިދިކޮޅުން މިއަދު މަގުތަކަށް ނުކުމެ ދަނީ މުޒާހަރާކުރަމުންނެވެ.

ދޮންބިލެތް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިދިކޮޅުން މުޒާހަރާ ވެސް ކުރަން ވާނެ ކަމަށާއި ނަމަވެސް ރައީސް ނަޝީދުގެ ގޭދޮށަށް އެއްވެ ހަމަލާދޭން އުޅުމަކީ މުޒާހަރާކުރުމެއް ނޫން ކަމަށެވެ.

"ރައީސް ނަޝީދުގެ ގޭދޮށަށް ގޮސް ގަޔަށް ބޮލަށް އަރާކަށް ނުޖެހޭ. ޕީޕީއެމް މުޒާހަރާ ވެސް ކުރަންވާނެ. އެކަމަކު ރައީސް ނަޝީދުގެ ގޭދޮށަށް ގޮސް ހަމަލާދޭން އުޅުމަކީ މުޒާހަރާކުރުމެއް ނޫން. އަދި ރައީސް ޔާމީނަށް ލުޔެއް ލިބޭނެ ކަމެއް ވެސް ނޫން،" އޭނާ ވިދާޅުވިއެވެ.

ޕީޕީއެމްގެ އޮފީސް ސަރަހައްދުން އިދިކޮޅުން މިއަދު ހަވީރު މުޒާހަރާ ފަށާފައިވާ އިރު، މުޒާހަރާގެ ބައިވެރިން ދަނީ ރައީސް ޔާމީން މިނިވަން ކުރުމަށާއި އެމަނިކުފާނަށް އަނިޔާ ނުކުރުމަށް ގޮވައިލަމުންނެވެ. މުޒާހަރާގެ ބައިވެރިން މިހާރު ތިބީ މަޖީދީ މަގުގައި ހުންނަ ތެލަސީމިއާ ސެންޓަރު ކައިރީގައެވެ.

އެނގިފައިވާ ގޮތުގައި މި މުޒާހަރާގެ ތެރެއިން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވެވުމަށް އިއްޔެ ރައްޔިތުންގެ މަޖިލިސް އިދާރާއަށް ވަޑައިގެންނެވުމުން ވެސް އިދިކޮޅަށް ނިސްބަތްވާ މަޖިލިސް މެންބަރުން ވަނީ ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލައި އިހުތިޖާޖުކޮށްފައެވެ. ރައީސް ސޯލިހާއި ރައީސް ނަޝީދު ވަނީ އެ މެންބަރުންނާ ބައްދަލުވެސް ކުރައްވައިފައެވެ.