ޗައިނާ އިން އުފައްދާ ރޭލުގެ ބައިތައް ބޮއިކޮޓް ކުރަން ސްރީ ލަންކާގެ ރޭލު ޑްރައިވަރުން ނިންމައިފި އެވެ.
ދަ ސްރީ ލަންކަން ލޮކޯމޯޓިވް އިންޖީން އޮޕަރޭޓާސް ޔޫނިއަން (އެލްއީއޯޔޫ)ގެ ސެކްރެޓަރީ އިންދިކާ ދޮދަންގޮޑާ ވިދާޅުވީ, ޗައިނާއިން އުފައްދާ ރޭލު ބައިތައް ބޮއިކޮޓް ކުރަން ނިންމީ އެ އެއްޗިއްސަކީ ފަސިންޖަރުންގެ ރައްކާތެރިކަމަށް އޮތް ނުރައްކަލަކަށްވާތީ ކަމަށެވެ.
އެގޮތުން ރޭލުގެ އިންޖީނު ބްރޭކަށް ލުމުން, އެ އެއްޗެހި ހުއްޓުމަކަށް އަންނަން ވަގުތު ނެގުމަކީ ނުރައްކަލެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ލަންކާގެ މިންގަނޑަށް އެ އެއްޗެހި ގެންނަން ރަނގަޅަށް މަރާމާތުކޮށް ބަލަހައްޓަންޖެހޭ ކަމަށް ވެސް ދޮދަންގޮޑާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ, ރޭލު ޑްރައިވަރުންގެ އެ ކަންބޮޑުވުންތަކަށް ހައްލެއް ނާންނަނީސް, ޗައިނާ އިން އުފައްދާ ރޭލުގެ ބައިތައް ހުންނަ ރޭލުތައް ބޮއިކޮޓް ކުރާނެ ކަމަށެވެ.
ޗައިނާ އިން އުފައްދާ ރޭލުގެ ބައިތައް ބޮއިކޮޓް ކުރަން ނިންމާފައިވާ އިރު، އެ އެއްޗެހީގެ ބްރޭކުގައި ހުރި މައްސަލަތަކުގެ ސަބަބުން މިދިޔަ ދުވަސްތަކުގައި ގާތްގަނޑަކަށް 200 އަށްވުރެ ކުދިކުދި އެކްސިޑެންޓު ހިނގާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އަދި އެކަމާ ގުޅިގެން މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ލަންކާގެ ޓްރާންސްޕޯޓް މިނިސްޓަރު ގަމިނީ ލޮކުގަ ވަނީ ލަންކާގައި ބޭނުންކުރާ ޗައިނާގެ ރޭލު ބައިތަކުގެ ތެރެއިން މައްސަލަ ހުރި އެއްޗެހީގެ ރިޕޯޓެއް ތައްޔާރުކޮށް ފޮނުވުމަށް ރެއިލްވޭ އިންޖިނިއަރިން ޑިޕާޓްމަންޓަށް އަންގައިފަ އެވެ.
ލަންކާގައި ޗައިނާއިން އުފައްދާ ރޭލު ބައިތަކުގެ އިތުރުން "މޭކް އިން އިންޑިއާ"ގެ ދަށުން ތައްޔާރުކުރާ ރޭލުތައް ވެސް ބޭނުންކުރެ އެވެ.
އެގޮތުން އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ރައިޓްސް ލިމިޓެޑުގެ ފަރާތުން ވަނީ މިފަހުން ލަންކާ ރެއިލްވޭސްއަށް އާ ރޭލު ސެޓެއް ދީފަ އެވެ. އަދި އިންޑިއަން ރެއިލްވޭސް އާއި ލަންކާ ރެއިލްވޭސްއާ ދެމެދު ހަ ރޭލު ސަޕްލައި ކުރުމުގެ އެއްބަސްވުމެއްގައި ވެސް ވަނީ ސޮއިކޮށްފަ އެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ