ސައިބާ ކްރައިމްގެ މައްސަލަތައް ބެލުމަށް ހާއްސަ ޑިޕާޓްމަންޓެއް ފުލުހުންގެ ތެރޭގައި މި އަހަރު ގާއިމްކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިއުލާން ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު ވިދާޅުވީ، ދިވެހި ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން އެމަނިކުފާނުގެ އެންމެ އިސް ވާޖިބަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ސުލްހަވެރިކަމާއެކު ދިރިއުޅެވޭނެ އަމާން މާހައުލެއް ދިވެހި ރައްޔިތުންނަށް ހޯދައިދިނުން ކަމަށެވެ.

އެކަން ކަށަވަރުކޮށްދިނުމުގައި ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ސިފައިންނާއި ދިވެހި ފުލުހުންގެ ހިދުމަތުގައި ހިމެނޭ އެންމެހައި ފުލުހުން އަންނަނީ މުހިންމު ދައުރެއް އަދާކުރަމުން ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ފުލުހުންނާއި ސިފައިންގެ މުއައްސަސާ ހަރުދަނާކޮށް ރައްޔިތުންގެ އިތުބާރު އުފެއްދުމަށްޓަކައި ގާނޫނުތައް އިސްލާހުކޮށް ޒަމާނީ ވަސީލަތްތަކާއި އާލާތްތައް ހޯދުމަށް މިދިޔަ އަހަރުގެ ތެރޭގައި ވަރަށް މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

އެގޮތުން ދިވެހި މަސްކަނޑުތައް ހިމާޔަތްކޮށް ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލުކަން އިތުރުކޮށް ކޯސްޓުގާޑުގެ ހިދުމަތް އިތުރަށް ތަރައްގީކުރުމަށް މިއަހަރުގެ ތެރޭގައި ވެސް ހާއްސަ ސަމާލުކަމެއް ދިނުމަށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ކުޑަކުދިން ކުރާ ކުށްތަކާއި ކުޑަކުދިންނަށް ކުރާ ގޯނާތަކާއި ގެވެށި އަނިޔާ އާއި ޖިންސީ ގޯނާތަކާ ގުޅުން ހުރި ކުށްތައް ބަލައި ތަހުގީގުކުރުމަށް ފުލުހުންގެ ތެރޭގައި ހާއްސަ ވިންގެއް މިދިޔަ އަހަރު އުފައްދާފައިވާކަން ފާހަގަކުރެއްވި އެވެ. އަދި ސައިބާ ކްރައިމްގެ މައްސަލަތައް ބެލުމަށް ހާއްސަ ޑިޕާޓްމަންޓެއް، މިއަހަރުގެ ތެރޭގައި ފުލުހުންގެ ހިދުމަތަށް އިތުރުވެގެންދާނެ ކަމަށާއި އަދި ލޯކަލް ޕޮލިސިން ޕްރައިއޯރިޓީގެ ދަށުން، މިއަހަރުގެ ތެރޭގައި، އިތުރު 42 ޕޮލިސް ސްޓޭޝަން ގާއިމުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.