ކޮވިޑް 19ގެ ހާލަތު ގޯސްވެ، ބަލި ކޮންޓްރޯލް ކުރުމަށް އެޗްޕީއޭ އިން އަމަލުކުރަން ފެށި އާ އުސޫލުތަކާއެކު ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް ވަކި ގޮތެއް އަންގަންދެން ފަސްކޮށްފިއެވެ.
ލީގުގެ ފުރަތަމަ ބުރުގެ ކުޅުން ނިމި، ދެވަނަ ބުރުގެ މެޗުތައް ވެސް ކުޅެމުންދާއިރު، މިހާތަނަށް ގިނަ ޓީމުތަކުން ވަނީ އަށް މެޗު ކުޅެފަ އެވެ. ލީގުގެ މެޗުތައް އިއްޔެ ހަވީރާއި ރޭ ވެސް ކުރިއަށް ގޮސްފައިވާއިރު، އެޗްޕީއޭ އިން ޓީމު ކުޅިވަރުތަކާއި ކުޅިވަރުގެ އެހެނިހެން ހަރަކާތްތައް މާލެ ސަރަހައްދުގައި ހުއްޓާލަން އެންގީ އިއްޔެ ހަވީރެވެ. އެކަމަށް އަމަލުކުރަން ފަށާފައިވަނީ ރޭ 12ގެ ފަހުންނެވެ.
ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކު ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި، އެޗްޕީއޭއިން އިއްޔެ ނެރުނު އެންގުމުގައި ބުނެފައިވަނީ މިއަދުން ފެށިގެން އެކަނި ކުރާ ކަސްރަތުތައް ފިޔަވައި ކުޅިވަރު ހަރާތްތަކާއި ކަސްރަތު ހަރަކާތްތައް ހުއްޓައިލުމަށް އަންގާ ކަމަށެވެ.
މާލެ ސަރަހައްދުގައި ކޭސްތައް އިތުރުވުމާ ގުޅިގެން އެޗްޕީއޭ އިން ވަނީ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށްފަ އެވެ. އެގޮތުން ކާފިއު ވަގުތު އިތުރުކޮށް، ރޭގަނޑު 8:30 އިން ފަތިހު 4:30 އަށް އެއްގައުމު އުޅަނދު ދުއްވުން ވަނީ މަނާކޮށްފައެވެ.
ޕާކުތަކާއި މައިޒާންތަކަށް ޒިޔާރަތްކުރުން ހުއްޓައިލުމަށް ވެސް ވަނީ އަންގައިފަ އެވެ. ނަމަވެސް ކަސްރަތުކުރުމަށް ކަނޑައަޅައިފައިވާ ޕާކުތަކުގައި އެޗްޕީއޭ އިން ކަނޑައަޅާ ގައިޑްލައިނާ އެއްގޮތަށް ކުރިއަށް ގެންދެވޭނެ އެވެ. އަދި އެޗްޕީއޭ އިން ކަނޑައަޅާ އުސޫލެއްގެ ދަށުން ހުރިހާ ޖިމް ތަކެއްގައި ވެސް އެކަނި ކަސްރަތުތައް ކުރެވޭނެ އެވެ.
ކޮވިޑް 19އާ ގުޅިގެން މިދިޔަ އަހަރުގެ ފުޓުބޯޅަ ސީޒަން މެދުތެރެއިން ކުޅިވަރުގެ ހުރިހާ ހަރަކާތްތަކެއް ހުއްޓާލަން ޖެހިފައިވާއިރު، އެކަމުގެ ސަބަބުން ކުޅުންތެރިންނާއި ކްލަބުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފަ އެވެ. ހާއްސަކޮށް މާލީ ދަތިތަކާ ކުރިމަތިލާން ޖެހިފައިވާއިރު، ފުޓުބޯޅަ އަދި ކުޅިވަރުގެ ތަޖުރިބާކާރުން ވަނީ ލީގު ކުރިއަށް ގެންދިޔުމަކީ ކުޅުންތެރިންގެ ހައްގުގައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ބުނެފަ އެވެ.
ރާއްޖޭން ބޭރުގެ ބައެއް ލީގުތައް ސަޕޯޓަރުންނާ ނުލައި ކުރިއަށް ގެންދާއިރު، އެ ކުޅުންތެރިންނާއި ކްލަބުތަކުން މެޗުތައް ކުރިއަށް ގެންދަނީ ކްލަބުތަކަށް ހާއްސަ ބަބުލްއެއްގެ ތެރޭގައި، ކުޅުންތެރިން ދިރިއުޅުމަށް ހާއްސަ އުސޫލުތަކެއް އެކުލަވާލައިގެންނެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު