ހިމާޔަތްކޮށްފައިވާ ބ. އަތޮޅު ހަނިފަރަށް ގަވާއިދާ ހިލާފަށް އެރި ބަޔަކު 6،000 ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.
އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނީ މިދިޔަ މަހުގެ ހަތަރުވަނަ ދުވަހު، "ވިޓާލިއާ 2 ލަންޑަން" ނަމަކަށް ކިޔާ ޔޮޓެއް، ހިމާޔަތްކޮށްފައިވާ ހަނިފަރު ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެފައިވާ ކަމަށެވެ. އަދި އެ ޔޮޓުގައި ތިބި ބަޔަކު ހަނިފަރު ސަރަހައްދުގައި ކައިޓްސާފްކޮށް ހަނިފަރަށް އަރައި ހަރަކާތްތަކެއް ހިންގާފައިވާ ކަމަށެވެ.
އެހެންކަމުން ހަނިފަރު ސަރަހައްދު ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގަވާއިދުގެ ދަށުން، 6،000 ރުފިޔާއިން އެ އުޅަނދު އިއްޔެ ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި ޖޫރިމަނާގެ ފައިސާ އެއް މަސްދުވަހުގެ ތެރޭގައި އެ އެޖެންސީއަށް ދެއްކުމަށް އެ ޔޮޓުގެ، ލޯކަލް އެޖެންޓް "އޭޝިއާ ޕެސިފިކް ސްޕާ ޔޮޓްސް" ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވާ ކަމަށް އީޕީއޭ އިން ވަނީ ބުނެފައެވެ.
ހަނިފަރު ސަރަހައްދަކީ ގިނަ އަދަދެއްގެ މަޑީގެ ބާވަތްތައް އުޅޭ ސަރަހައްދެކެވެ.
ވިލާ ކުންފުނިން ހިންގަމުން އަންނަ ރޯޔަލް އައިލެންޑް ރިސޯޓުން ބ. ދިގުފަރުން ގަވާއިދާ ހިލާފަށް ވެލި ނެގި މައްސަލައިގައި ދާދިފަހުން ވިލާ ކުންފުނި ވެސް ވަނީ 83،000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު