ދުބާއީގައި ކޮވިޑު ކޭސްތައް އިތުރުވުމުން ބާތަކާއި ޕަބުތައް ބަންދުކޮށް، ފިޔަވަޅުތައް ހަރުކަށިކޮށްފި އެވެ.

އާ އަހަރު ފާހަގަކުރަން ދުބާއީއަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުން ދަތުރުކުރި ފަހުން ކޮވިޑު ކޭސްތައް ވަނީ އިތުރުވާން ފަށައިފަ އެވެ.

އެކަމާ ގުޅިގެން ދުބާއީގެ ސުޕްރީމް ކޮމިޓީ އޮފް ކްރައިސިސް އެންޑް ޑިޒާސްޓާ މެނޭޖްމަންޓުން ވަނީ އިއްޔެ އިން ފެށިގެން މިމަހުގެ ނިޔަލަށް ދުބާއީގެ ހުރިހާ ބާތަކާއި ޕަބުތައް ބަންދުކުރަން ނިންމައިފަ އެވެ. އޭގެ އިތުރުން ރެސްޓޯރެންޓުތަކާއި ކެފޭތައް ރޭގަނޑު އެކެއްގެ ފަހުން ބަންދު ކުރުމަށާއި ސިނަމާތަކައި ހޮޓާ އަދި މޯލްތަކަށް މީހުން ވެއްދުން ލިމިޓް ކުރަން ވަނީ ނިންމައިފަ އެވެ.

އެގޮތުން ރެސްޓޯރެންޓުތަކުގައި އެއް މޭޒެއްގެ ދޮށުގައި ތިބެވޭނެ މީހުންގެ އަދަދު 10 މީހުންގެ ބަދަލުގައި ހަތް މީހުންނަށް މަދުކޮށްފައިވާއިރު، ކެފޭތަކުގައި އެއް މޭޒެއްގެ ދޮށުގައި ތިބެވޭނީ ހަތަރު މީހުން ކަމަށް އާ އުސޫލުގައިވެ އެވެ.

ކައިވެނި ހަފުލާތަކާއި އިޖްތިމާއީ ހަރަކާތްތައް އަދި ޕްރައިވެޓް ޕާޓީތަކަށް ދެވޭނީ ހަމައެކަނި ގާތްތިމާގެ މީހުންނަށް ކަމަށާއި އެ އަދަދު ވެސް 10 މީހުންނަށްވުރެ ގިނަ ވެގެން ނުވާނެ ކަމަށް ވެސް އުސޫލުގައި ބުނެފައިވެ އެވެ. ހޮޓާ އަދި އަމިއްލަ ގޭގައި ބާއްވާ ހަފުލާތަކަށް ވެސް ކަނޑައަޅާފައި އޮތީ މި އުސޫލެވެ.

އެ ކޮމިޓީން ބުނީ، އާންމު ސިއްހަތަށް ނުރައްކާވާ ގޮތަށް އަމަލުކުރާ މީހުންނާއި އުސޫލުތަކަށް ތަބާ ނުވާ މީހުންނަށް ޖޫރިމަނާ ކުރާނެ ކަމަށެވެ. އަދި އެ އުސޫލުތަކަށް އަމަލުކުރޭތޯ ބެލުން ހަރުދަނާ ކުރާނެ ކަމަށް ބުންޏެވެ.

ކޮވިޑާ ގުޅިގެން ދުބާއީގައި އަޅާފައިވާ ފިޔަވަޅުތައް ހަރުކަށި ކުރަން ނިންމާފައި މިވަނީ ވޭތުވެދިޔަ 17 ދުވަހު ޔޫއޭއީން ފެންނަމުންދާ ކޮވިޑު ކޭސްތަކުގެ އަދަދު ރެކޯޑް އަދަދަކަށް އިތުރުވެ، ކޮވިޑަށް ޓެސްޓުކުރާ ފެސިލިޓީތަކާއި ހޮސްޕިޓަލްތަކަށް ޕްރެޝަރު ބޮޑުވެފައިވަނިކޮށެވެ.