ޚަބަރު

އެންޑެކްސްގެ ހަ ވަނަ އަހަރީ ބައްދަލުވުން ރާއްޖޭގައި ފަށައިފި

އަލީ ޔާމިން

އޭޝިއަން ނެޓްވޯކް ފޯޯ ޑޮކިއުމަންޓް އެގްޒަމިނޭޝަން (އެންޑެކްސް)ގެ ހަ ވަނަ އަހަރީ ބައްދުލުވުން ރާއްޖޭގައި ފަށައިފިއެވެ.

މިއީ އެންޑެކްސްގެ ބައްދަލުވުމެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. އިއްޔެއިން ފެށިގެން މިމަހުގެ މާދަމާގެ ނިޔަލަށް ކުރިއަށްގެންދާ ގޮތަށް ހަމަޖައްސާފައިވާ މި ބައްދަލުވުމުގެ ރިޔާސަތު ބަހަލައްޓާނީ ރާއްޖެއިންނެވެ.

ރާއްޖޭގެ އިތުރުން މި ބައްދަލުވުމުގައި އެންޑެކްސްގެ 13 މެންބަރު ގައުމަކާއި އޮބްޒާވަރުންގެ ގޮތުގައި ހަތަރު ގައުމަކުން އަދި ބައިނަލްއަގުވާމީ ހަތަރު ޖަމިއްޔާއަކުން ބައިވެރިވާނެއެވެ.

އެންޑެކްސް އަކީ 2013 ވަނަ އަހަރު ކެނެޑާ ސަރުކާރުގެ މާލީ އެހީތެރިކަމުގެ ދަށުން ޑޮކިއުމަންޓް އެގްޒަމިނޭޝަން ސަޕޯޓް ސެންޓާ (ޑީއީއެސްސީ)ގެ އިސްނެގުމާއެކު އައިއޯއެމުން ބަލަހައްޓަމުން އަންނަ ނެޓްވޯކެކެވެ.

އޭޝިއާ ބައްރުގެ 14 ގައުމެއް ހިމެނޭ ގޮތަށް އިމިގްރޭޝަން އެޖެންސީތަކުގެ ޓްރެވަލް ޑޮކިއުމަންޓް އެގްޒަމިނޭޝަން މާހިރުންނާ ގުޅިގެން އެކުލަވާލާފައިވާ މި ނެޓްވޯކްގެ މަގުސަދަކީ މި ސަރަހައްދުގެ ގައުމުތަކުގައި ސައްހަ ނޫން ޕާސްޕޯޓު ނުވަތަ ޝަހުސު އޮޅުވާލައިގެން އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރާ އަދި ހިޖުރަކުރާ މީހުން ހުއްޓުވައި މިފަދަ މައުލޫމާތުތައް ގައުމުތަކުގެ މެދުގައި ހިއްސާކޮށް، މިކަމާ ގުޅިގެން ހިނގާ ޓްރާންސްނޭޝަނަލް ކްރައިމް ހުއްޓުވުމެވެ. އެގޮތުން، ބޯޑާ ސެކިއުރިޓީގައި ދިމާވަމުންދާ އެކިއެކި ގޮންޖެހުންތަކާ ގުޅޭގޮތުން އެކަށޭނަ ވަގުތުގައި މައުލޫމާތު ހިއްސާކޮށް، ޝަހްސު އޮޅުވާލައިގެން ނުވަތަ ދަތުރުކުރުމަށް ބޭނުންކުރާ ސައްހަ ލިޔެކިޔުމަށް ބަދަލުގެނެސްގެން ނުވަތަ ސައްހަ ލިޔެކިޔުން ނަކަލުކުރުމުގައި އެހިނދެއްގައި ބޭނުންކުރަމުން އަންނަ އުކުޅުތައް ދެނެގަނެ ބޯޑާ ސެކިއުރިޓީގެ މަސައްކަތް ހަރުދަނާކުރުމެވެ.

މި ބައްދަލުވުމަކީ އެންޑެކްސްގެ މެންބަރު ގައުމުތަކުގެ މެދުގައި އަހަރަކު އެއްފަހަރު ބޭއްވޭ ބައްދަލުވުމެކެވެ.

މިއަހަރުގެ ބައްދަލުވުމުގައި ބައިވެރިންނަށް މަރުހަބާ ދަންނަވައި އައިއޯއެމްގެ ރީޖަނަލް ޑިރެކްޓާ ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް، ޑރ. ނެނެޓް މޯޓަސް ވިދާޅުވީ، އޭޝިއާ އަދި ޕެސިފިކް ބައްރުގައި ހިމެނޭ ގައުމުތަކުގެ ބޯޑާ ރައްކާތެރިކުރުމަށްޓަކައި އެއް އަމާޒެއްގެ ދަށުން، ގުޅިގެން މަސައްކަތްކުރުމަށް އެންޑެކްސް އިން އަބަދުވެސް ދައުވަތު ދޭނެ ކަމަށެވެ.

މި ބައްދަލުވުމުގައި ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު އަހުމަދު ހުސައިން ވިދާޅުވީ، ރާއްޖެއިން މިފަދަ ބައްދަލުވުމެއްގެ ރިޔާސަތު ބެލެހެއްޓެވުމުގެ ފުރުސަތު ލިބުނީތީ އެކަމާ އުފާކުރައްވާ ކަމަށެވެ. އަދި ދުނިޔެއަށް ދިމާވެފައިވާ މި ދަތި އުނދަގޫ ދަނޑިވަޅުގައިވެސް މިފަދަ މުހިންމު ބައްދަލުވުމެއް ރާއްޖޭގައި އިންތިޒާމުކޮށްގެން ބޭއްވުމުން ދޭހަވެގެންދަނީ ބަވަނަވެފައިވާ ދުނިޔެއެއްގައި ގައުމުތަކުގެ މައި ދޮރާށި ރައްކާތެރިކުރުމަށް ހުރިހާ ގައުމަތަކުން ކެނޑިނޭޅި ކުރަމުން އަންނަ ބުރަ މަސައްކަތް ކަމަށް ވިދާޅުވިއެވެ.

މިއަހަރުގެ އެންޑެކްސްގެ ބައްދަލުވުމުގައި ބޯޑާ ސެކިއުރިޓީ ހަރުދަނާކުރުމުގައި، އެކިއެކި ގައުމުތަކަށް ދިމާވާ މައްސަލަތަކާއި ގޮންޖެހުންތައް ދެނެގަނެ، ބޯޑާ ސެކިއުރިޓީ ހަރުދަނާކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން އެންޑެކްސްގެ މެންބަރު ގައުމުތަކުގެ މެދުގައި މަޝްވަރާކުރާނެއެވެ.