ކޮވިޑަށް ޕޮޒިޓިވް މީހުންގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާދޭ މީހުންގެ އަދަދު 180 އިން މައްޗަށް އަރައިފިއެވެ.

ފަހަކަށް އައިސް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދާއެކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހިފައިވާ މީހުންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލައިލާ އިރު، ކޮވިޑަށް ޕޮޒިޓިވް 184 މީހަކަށް ހޮސްޕިޓަލުތަކުގައި އަންނަނީ ފަރުވާދެމުންނެވެ. މިމަހު ފެށުނުއިރު ހޮސްޕިޓަލުތަކުން ފަރުވާ ހޯދަމުންދިޔައީ 25 މީހެކެވެ.

ކޮވިޑްގެ ބަލި މީހުން އެޑްމިޓް ކުރަމުން އަންނަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލުގައެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ ދެ ފްލޯއެއް ވަނީ ކޮވިޑުގެ ފަރުވާއަށް ހާއްސަކޮށްފައެވެ. އެގޮތުން ޑީއެޗް 11 ގައި ފަރުވާދެމުން އަންނަނީ ކޮވިޑުގެ އެންމެ ހާލު ބޮޑު ބަލި މީހުންނަށެވެ. އެ ފްލޯގައި ގާއިމުކޮށްފައިވަނީ އައިސީޔޫއެކެވެ. ޑީއެޗް 16 ގައި ހިންގަމުން އަންނަނީ ކޮވިޑް ޖެހޭ މާބަނޑު މީހުންނަށް ފަރުވާ ދިނުމަށް ހާއްސަކޮށްފައިވާ ސެންޓަރެކެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވީ 215 މީހުންނެވެ. އެއީ މާލެ ސަރަހައްދުން 159 މީހަކާއި އަތޮޅުތެރެއިން އަށް މީހަކާއި މިވަގުތު އޮޕަރޭޝަނުގައި ހުރި ރިސޯޓުތަކުން 20 މީހަކާއި އޮޕަރޭޝަން ނުފަށާ ރިސޯޓުތަކުން 27 މީހަކާއި ސަފާރީތަކާއި ޔޮޓްތަކުން މީހެކެވެ.

މީގެ ކުރިން ވެސް ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތަކުގެ އަދަދު 200 އިން މައްޗަށް އަރާފައިވެއެވެ. ނަމަވެސް އެއީ ރާއްޖޭގައި ކޮވިޑުގެ ހާލަތު އެންމެ ގޯސް ދުވަސްވަރެވެ. މިއަދުގެ އަދަދަކީ ދުވާލެއްގެ މައްޗަށް ފެނުނު ރެކޯޑު އަދަދާ އެއްވަރުގެ އަދަދެކެވެ. މީގެ ކުރިން 215 މީހުން ޕޮޒިޓިވްވެފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ދެވަނަ ދުވަހުއެވެ.

މިދިޔަ ހަފުތާއިން ފެށިގެން ދުވާލެއްގެ މައްޗަށް ފެންނަ ކޮވިޑް ކޭސްތަކުގެ އަދަދު 100 އިން ދަށްވެފައެއް ނުވެއެވެ. ކޭސްތަކުގެ އަދަދުތައް މިދިޔަ މަހު ދަށުގައި އުޅުނު ނަމަވެސް، މިމަހުން ފެށިގެން އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 50 ކޭސް ފެނެއެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ ޖުމުލަ މީހުންގެ އަދަދު 16،056 އަށް އަރާފައިވާ އިރު، ރާއްޖޭގައި މިހާރު ކޮވިޑަށް ފަރުވާދެމުން އަންނަނީ 1،807 މީހަކަށެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 52 މީހަކު ވަނީ މަރުވެފައެވެ. އެއީ 45 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަ މީހަކާއި ފިލިޕީންސްގެ މީހެކެވެ.