އުންމީދަކީ މިފްކޯއިން ގަންނަ ހުރިހާ މަހެއް ޕްރޮސެސްކުރުމުގެ ގާބިލުކަން ލިބުން ކަމަށް އެކުންފުނީގެ ސީއީއޯ އިސްމާއީލް ފައުޒީ ވިދާޅުވެއްޖެއެވެ.

މިފްކޯއިން ކުރިއަށްގެންދާ މަޝްރޫއުތަކާ ބެހޭގޮތުން ރާއްޖެ ޓީވީގެ "ހަބަރު ފީތާ" ޕްރޮގްރާމްގައި މިއަދު ވާހަކަދައްކަވަމުން ފައުޒީ ވިދާޅުވީ، މީގެ ކުރީގެ ސަރުކާރުތަކުން މިފްކޯއާ މެދު ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށާއި މިފްކޯއަށް ކެޕޭސިޓީގެ ގޮތުން އެއްވެސް ތަރައްގީއެއް ނާންނަތާވެސް އެތައް އަހަރެއް ވެފައިވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުން މިފްކޯގެ ހާލަތު ރަނގަޅު ކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ފައުޒީ ވިދާޅުވިއެވެ.

"މީގެ ކުރިން ދުވަހަކުވެސް މިފްކޯގެ ތަރައްގީއަށް ނުކުރެވޭ ވަރުގެ އިންވެސްޓްމަންޓް އިރާދަކުރެއްވިއްޔާ މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި މިފްކޯއަށް ގެންނާނެ،" ފައުޒީ ވިދާޅުވިއެވެ.

މިފްކޯއިން މިހާރު އަންނަނީ، ކޫއްޑޫއާއި ފެލިވަރާއި ކަޑުއޮތްގިރިއާއި ގދ. ތިނަދޫއާއި މ. މުލީގެ އިތުރުން ހުޅުމީދޫގައި ކެޕޭސިޓީ އިތުރު ކުރުމުގެ މަޝްރޫއުތައް ފެށުމަށް މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތްތައް ކުރާނީ، އިންޑިއާގެ އެގްޒިމް ބޭންކް ލައިން އޮފް ކްރެޑިޓާއި ސައުދީ ފަންޑުގެ އިތުރުން ސަރުކާރުގެ އެހީގެ ދަށުންނެވެ.

ފައުޒީ ވިދާޅުވީ، މިފްކޯއިން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތައް، އެ މަޝްރޫއުތައް ފަށާތާ 15 މަހާއި 18 މަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ނިންމައިލެވޭނެ ކަމަށާއި އެ މަޝްރޫއުތައް ނިމުމުން މަސްވެރިންނަށް އެތައް ގޮތަކުން ފައިދާވެގެންދާނެ ކަމަށެވެ. އެގޮތުން މަސްވެރިން ބާނާ މަހުގެ އަގު ރަނގަޅުވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

މިފްކޯގެ ޕްރޮސެސިން ކެޕޭސިޓީ މިހާރަށް ވުރެ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކުރައްވައި ފައުޒީ ވިދާޅުވީ، މިފްކޯއިން ގަންނަ މަސް ޕްރޮސެސްކުރެވެން ފެށުމުން މިފްކޯގެ ހާލަތު މިހާރަށް ވުރެ ރަނގަޅުވެގެންދާނެ ކަމަށެވެ.

"އުންމީދަކީ މިފްކޯއިން ގަންނަ ހުރިހާ މަހެއް މިފްކޯއިން ޕްރޮސެސްކުރުމުގެ ގާބިލުކަން ލިބުން،" ފައުޒީ ވިދާޅުވިއެވެ.

މީގެ އިތުރުން ފައުޒީ ވިދާޅުވީ، ފިޝަރީޒް ބޯޑު އަލުން އެކްޓިވޭޓް ކުރަން ޖެހޭ ކަމަށެވެ. އަދި މިފްކޯއަކީ މަސްވެރިންގެ ކުންފުނި ކަމަށާއި މިފްކޯ ދެމި އޮންނަން ޖެހޭ ކަމަށް ފައުޒީ ވިދާޅުވިއެވެ.