ސަރުކާރަށް ގިނަ ދުވަސްވަންދެން ހިދުމަތް ކުރައްވާފައިވާ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ، ހ. ޒޮނޭރިޔާ/ އިބްރާހިމް ރަޝީދު (ކަރަންކާ ރަޝީދު) އަވާހަރަވެއްޖެއެވެ.
އިބްރާހީމް ރަޝީދު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއްވުމަށްފަހު، މިއަދުގެ މެންދުރުފަހުގެ ވަގުތެއްގައި އަމިއްލަ ގެކޮޅުގަ އެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 92 އަހަރެވެ.
އިބްރާހިމް ރަޝީދު ސަރުކާރުގެ ހިދުމަތް ފައްޓަވާފައިވަނީ ނޮވެމްބަރު 24، 1942 ވަނަ އަހަރު އެވެ. އަދި 65 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ހިދުމަތް ކުރައްވާފައިވެ އެވެ. ފުރަތަމަ އަދާކުރެއްވީ، ރައްޔިތުންގެ ބޮޑު އިސްޓޯރުގެ ކާތިބު ކަމެވެ. ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް މުހަންމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ކާތިބެއްގެ ގޮތުން ހިދުމަތް ކުރައްވައި، ގައުމީ ހިދުމަތުގައި އެކި މަރުހަލާތައް ވަނީ ކަޑައްތުކުރައްވައިފަ އެވެ.
އިބްރާހީމް ރަޝީދަކީ، ސަރުކާރުގެ ވަރަށް އިސް މަގާމުތަކެއް ވެސް ފުރުއްވި ބޭފުޅެކެވެ. އޭގެތެރޭގައި މާބަނޑޭރި އޮފީހުގެ ރަދުންގެ ކާތިބުއްސިއްރު ކަމާއި ވުޒާރަތުއް ދާހިލިއްޔާގެ ވަޒީރުގެ ނައިބު ކަމުގެ މަގާމާއި ވުޒާރަތުލް މައާރިފުގެ ނައިބު ކަމުގެ މަގާމާއި ވަޒީރުލްއައުޡަމްގެ ހާއްސަ ސެކްރެޓަރީ ކަމާއި ވަޒީރުލްއައުޡަމްގެ ނައިބު ކަމުގެ މަގާމާއި ހެލްތު މިނިސްޓަރު ކަމުގެ މަގާމާއި ހޯމް މިނިސްޓަރު ކަމުގެ މަގާމާއި ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އިއްޒަތްތެރިއެއްގެ މަގާމު ހިމެނެ އެވެ. އެމަނިކުފާނަކީ ރައްޔިތުންގެ މަޖިލީހުގެ ޒައީމް ކަމާއި ރައީސުލްޖުމްހޫރިއްޔާގެ މަޝްވަރާ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
ދިވެހި ސިވިލް ސާވިސްގެ ގާނޫނުގެ ދަށުން ސަރުކާރުގެ ވަޒީފާއިން ވަކިވެ ވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް ދެއްވި ޝަރަފުގެ ހަނދާނީ ފިލާ ވެސް އިބްރާހީމް ރަޝީދަށް ލިބިވަޑައިގެންނެވި އިރު، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބް، އޭނާއަށް އަރުވާފައިވަނީ 26 ޖުލައި 2011 ގައެވެ.
ގައުމީ ހިދުމަތްތަކަށް ބަލާއިރު، އިނގިރޭސީންގެ ހިމާޔަތުގެ ދަށުން، ރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ހޯއްދަވައި ދެއްވުމަށް ކުރެވުނު ގައުމީ ޖިހާދުގައި ބޮޑުވަޒީރު ސުމުއްވުލްއަމީރު އަލްމަރްހޫމް އިބްރާހީމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނުގެ އަރިހުގައި އެންމެ އިސްދައުރެއް އަދާކުރެއްވި އެއް ބޭފުޅަކީ އިބްރާހީމް ރަޝީދެވެ.
އޭގެ އިތުރުން 1962 ވަނަ އަހަރު ވޯރާވިޔަފާރިވެރިންގެ އިގުތިސާދީ އަޅުވެތިކަމުން، ރާއްޖެއަށް އިގުތިސާދީ މިނިވަންކަން ހޯއްދަވައި ދެއްވުމަށް ބޮޑުވަޒީރު ސުމުއްވުލްއަމީރު އަލްމަރްހޫމް އިބްރާހީމް ނާސިރު ކުރެއްވި ގައުމީ މަސައްކަތްޕުޅުތަކާއި ރާއްޖޭގައި އިނގިރޭސި މީޑިއަމަށް ތައުލީމު ދޭން ފެށުމާއި ގަވާންމަންޓް ހޮސްޕިޓަލް ހުޅުވުމާއި އަތޮޅުތަކުގައި ސިއްހީ މަރުކަޒު ހުޅުވުމާއި އެއާޕޯޓު ބިނާކުރުމާއި ދަތުރުފަތުރާއި މުވާސަލާތުގެ ރޮނގުތަކުން އެދުވަސްވަރު ގައުމަށް އައި ހުރިހާ ތަރައްގީއަކާއި ކުރިއެރުމެއްގައި އަމަލީ ގޮތުން އެންމެ ހިކުމަތްތެރި ހީވާގި ދައުރެއް އަދާކުރެއްވި ހިންގުންތެރިއަކީ އިބްރާހީމް ރަޝީދެވެ.
ސިޔާސީ، އިޖުތިމާއީ، އިގުތިސާދީ ދާއިރާތަކުން، އިބްރާހީމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނުގެ ބޮޑުވަޒީރު ކަމުގެ 11 އަހަރު ދުވަހާއި ރައީސުލްޖުމްހޫރިއްޔާ ކަމުގެ 10 އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއަށް އައި ހުރިހާ ކުރިއެރުންތަކާއި ގައުމީ ތަރައްގީއަށްޓަކައި ކުރެވުނު ބޮޑެތި ހުރިހާ މަސައްކަތްތަކެއްގައި އިބްރާހީމް ރަޝީދަކީ އެންމެ އަމަލީ، އެންމެ ހިންގުންތެރިންގެ ތެރެއިން ވެސް އިސްވެރިއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު