ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް އެމްޑީޕީން ނުކުންނަނީ ވާދަވެރިން ބަލިކުރަން ކަމަށާއި މި އިންތިހާބުގައި ބޮޑޫ ބައްޔަކުން އެ ފަރާތްތައް ބަލި ކުރައްވާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް އެމްޑީޕީގެ ކެމްޕެއިން ފެށުމުގެ ގޮތުން އެކަމާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ޕްރެސް ކޮންފަރެންސުގަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ، ކައުސިލް އިންތިހާބުން އެމްޑީޕީ ބަލިވާނެ އެއްގޮތެއް ވެސް ނެތް ކަމަށާއި އިންތިހާބު ބޮޑުތަނުން ކާމިޔާބު ކުރައްވާނެ ކަމަށެވެ.

"ވަރަށް ހިސާބު ޖަހައިފިން ދެރަވާނެ އެއްގޮތެއް ވެސް އެބައޮތްތޯ. އެއްގޮތަކަށް ވެސް ނުފެނުން. މާލޭގެ ހުރިހާ ގޮނޑިއެއް ވެސް، އައްޑޫގެ ހުރިހާ ގޮނޑިއެއް ވެސް، ކުޅުދުއްފުށީގެ ހުރިހާ ގޮނޑިއެއް ވެސް، ފޯއްމުލަކު ހުރިހާ ގޮނޑިއެއް ވެސް، ތިނަދޫ ހުރިހާ ގޮނޑިއެއް ވެސް، ހިންނަވަރު ނައިފަރު ހުރިހާ ގޮނޑިއެއް ވެސް، ދުވާފަރު ހުރިހާ ގޮނޑިއެއް ވެސް، ތުޅާދޫ ހުރިހާ ގޮނޑިއެއް ވެސް، ރާއްޖޭގައި އޮންނާނެ ތަންކޮޅެއް އާބާދީބޮޑު 27 ރަށެއް. އެއީ ޝައްކެއްނެތް ގޮތުގައި އަޅުގަނޑުމެން ނަގާ ނިންމާނެ ރަށްރަށް، އެއްވެސް ބޭފުޅަކަށް އެއްވެސް ޖާގައެއް ނުދީ ނަގާ ނިންމާނެ ރަށްރަށް،" އެމަނިކުފާނު ވިދާޅުވި އެވެ.

ޕްރެސް ކޮންފަރެންސުގައި ރައީސް ނަޝީދު ވަނީ އެކި ރަށްރަށުގައި ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކާއި ކޮވިޑާ ގުޅިގެން ވިޔަފާރިތަކަށް ލިބުނު ގެއްލުން ފޫބެއްދުމަށާއި ވަޒީފާ ގެއްލުނު ފަރާތްތަކަށް ސަރުކާރުން ހަމަޖައްސައިދިން އިނާޔަތްތަކާ ގުޅޭ ތަފްސީލު ވެސް ދެއްވައިފަ އެވެ.

އެމަނިކުފާނު ވިދާޅުވީ އެ ކަންތައްތަކަކީ މިހާތަނަށް އެއްވެސް ސަރުކާރަކުން ކުރިއަށް ގެންގޮސްފައި ނުވާހާ ގިނަ މުހިންމު ކަންތައްތަކެއް ކަމަށާއި އެކަންކަމުގައި ރައީސް ޔާމީންގެ ވެރިކަމަށް މި ސަރުކާރާ ގާތް ވެސް ނުކޮށްލެވޭނެ ކަމަށެވެ. އެހެންކަމުން މި އިންތިހާބުގައި އެމްޑީޕިއަށް ވޯޓު ނުދޭނެ އެއްވެސް ދިވެއްސަކު ހުރެދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

ކައުންސިލް އިންތިހާބަށް ކުރިމަތިލެއްވި އެމްޑީޕީގެ ބައެެއް ކެންޑިޑޭޓުން އަނބުރާ ނަން ނެގުމާގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، އިންތިހާބަށް ކުރިމަތި ލުމަށްފަހު އެމީހުން އަދާކުރަމުން ދިޔަ ވަޒިފާ ދޫކޮށްލަން ޖެހުނު ކަމަށާއި އަދި އިންތިހާބު ލަސްވުމާ ގުޅިގެން އާމްދަނީއެއް ނެތި އެއް އަހަރަށްވުރެ ގިނަ ދުވަހު ތިބުމަކީ އެމީހުންނަށް އުނދަގޫ ކަމަކަށް ވެފައިވާ ކަމަށެވެ. އެ ދަތިކަމުގައި ނަން ނެގުމުން ބުނާނެ އެއްޗެއް ނޯންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ނަމަވެސް ނަން ނެގީ 37 މީހުން ކަމަށާއި 838 ކެނޑިޑޭޓުންނާއެކު ވާދަކޮށް އިންތިހާބުގެ 70 ޕަސެންޓް ކާމިޔާބު ކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.