ރިޕޯޓް

އޮންލައިންކޮށް ވިއްކާ ތަކެތީގައި އަގު ނުޖަހަނީ ކީއްވެ؟

ރިފާ ހަލީލު

1

ކާބޯ ތަކެއްޗާއި، ލާން ބޭނުންވާ ހެދުމުން ފެށިގެން ރީތިވާ ސާމާނާއި ހިފައިގެންގުޅޭ ތަކެއްޗާއި އިލެކްޓްރޯނިކް ސާމާނު ހޯދަން މިއަދު ފިހާރަތަކަށް ހިނގާކަށް ނުޖެހެ އެވެ. ކޮންމެ ވަގުތަކު، ކޮންމެ ތަނަކު ހުރެގެން ކޮންމެ އެއްޗެއްވެސް ގަތުމުގެ ފުރުސަތު މިވަނީ ފަހިވެފަ އެވެ. އޮންލައިން ވިޔަފާރި އެވެ. ރާއްޖޭގައިވެސް އެ ވިޔަފާރި މިވަނީ ވަރަށް ބޮޑަށް ކުރިއަށް ޖެހިފަ އެވެ.

ފޭސްބުކް ޕޭޖުތަކާއި އިންސްޓަގްރާމު އެކައުންޓުތަކުން ނުގަނެވޭ އެއްޗެއް ނޯވެ އެވެ. ޑެލިވަރީ ކުރުމުން ވަގުތުން ކޭޝްކޮށް ފައިސާ ދެއްކުމުގެ ހިދުމަތާއި އެވަގުތު އަތުގައި ނަގުދު ފައިސާ ނެތިއްޖެ ނަމަ ޓްރާންސްފާ ވެސް ކުރެވެ އެވެ. އަމިއްލައަށް ތަކެތި ބެލުމަށް ފަހު ގަތުމުގެ ފުރުސަތު ވެސް ވަނީ ފަހިވެފަ އެވެ. އެކަމަކު ގިނަ މީހުންގެ އެންމެ ބޮޑު ޝަކުވާއަކީ އޮންލައިންކޮށް ވިއްކަން ލާ ތަކެތީގެ އަގު ޖަހާފައި ނުހުރުމެވެ. އަގު ހޯދަން އިތުރު ތަކުލީފު އުފުލަން ޖެހޭ ކަމުގެ ޝަކުވާ އެވެ.

ފޭސްބުކާއި އިންސްޓަގްރާމްގައި ހުންނަ ބައެއް ޕޯސްޓްތަކުގެ ކޮމެންޓް ސެކްޝަން ކިޔާލުމުން މިކަން ވަރަށް ރަނގަޅަށް ހާމަވެ އެވެ. ބައެއް ޕޯސްޓުތަކުގައި އަގު ހޯދަން ވަކިން މެސެޖުކުރުމަށް އަންގާފައި އޮވެ އެވެ. އެކަމަކު އިމަޖެންސީ ހާލަތެއްގައި ގަންނަން ބޭނުންވާ އެއްޗެއްގެ އަގު ހޯދަން މެސެޖު ކޮށްގެން އިންނަތާ އެތައް އިރެއް ފަހުންވެސް އޭގެ ޖަވާބެއް ނުލިބެ އެވެ.

"އެއްޗެއް ވިއްކަން ޖަހާފަ މިއޮންނަނީ. ދެން އޭގެ އަގު ބަލަން ބޭނުންނަމަ އެ އެއްޗެއް ވިއްކަން ޖަހާފަ އޮތް މީހަކަށް ނުވަތަ ޕޭޖަކަށް މިޖެހެނީ ވަކިން މެސެޖު ކުރަން. މެސެޖު ކުރީމަ ބުނާނެ މިވެނި ނަންބަރަކަށް ގުޅަން ނޫނީ މެސެޖު ކުރަން. މިވެސް މީހުންނަށް ފަސޭހަ ކުރަން އުޅޭ ބައެކޯ. މިއަށްވުރެން މާ ރަނގަޅެއްނު ފިހާރައަކަށް ގޮސް އެއްޗެއް ގަތަސް." ރުޅިގަދަވެގެން ބައެއް މީހުން އޮންލައިންކޮށް ތަކެތި ވިއްކާ ޕޭޖެއްގެ ފޭސްބުކް ޕޯސްޓަކަށް ކޮށްފައިވާ ކޮމެންޓެއްގައި ބުނެފައި ވެއެވެ.

އޮންލައިން ވިޔަފާރި އަކީ ހަގީގަތުގައި މީހުންނަށް ފަސޭހަ ކޮށްދޭ މަގެއްކަން ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. އެކަމަކު ކޮންމެ ފަހަރަކު ވަކި ވަކިން ޕޭޖުތަކަށް މެސެޖުކޮށް އަގު އެހުމަކީ ގިނަ މީހުންނަށް ފަސޭހަ ގޮތަކަށް ނުވެދާނެ އެވެ.

އޮންލައިން ޕޭޖުތައް ހިންގާ ބައެއް ފަރާތްތަކާ "ވަން" އިން ވާހަކަ ދައްކާލުމުން އޭގެތެރެއިން އެއް ބަޔަކު ބުނީ އެންމެނަށް އަގު ފެންނާނެހެން ޖެހުމަކުން މައްސަލައެއް ނެތް ކަމަށެވެ. އަނެއް ބަޔަކު ބުނީ އަގު ނުޖަހަނީ އެމީހުން ވިއްކާ ޕްރޮޑަކްޓް އެހެން ބަޔަކު ގެނެސް، އެމީހުން ވިއްކަމުން އަންނަ އަގު ބަލާލުމަށްފަހު އެއަށްވުރެ ކުޑަ އަގެއްގައި ވިއްކާތީ އެމީހުންގެ ވިޔަފާރި އަށް ބުރޫ އަރާތީ ކަމަށެވެ.

"އަޅުގަނޑުމެންވެސް މި ވިއްކަނީ އަޅުގަނޑުމެންނަށް ވިއްކޭނެ އެންމެ ކުޑަ އަގެއްގަ. އެކަމަކު ބައެއް ޕޭޖުތަކުން ހަމަ އެ އަގުތައް ބަލާފަ އެބަހުރި ފަސް ރުފިޔާ ނޫނީ 10 ރުފިޔާވެސް ކުޑަކޮށްފަ. އެހިސާބުން އަޅުގަނޑުމެން އަތުން ތަކެތި ގަންނަ މީހުން މަދުވާނެ އެހެންނޫންތޯ؟ އަސްލު ބައެއް މީހުން ކަންތައް ކުރާ ގޮތުން އެގޮތަށް އަގު ނުޖަހައި ހުންނީ." އަގު ނުޖަހާ ހުންނަނީ ކީއްވެތޯ ސުވާލުކުރުމުން އޮންލައިން ވިޔަފާރިވެރިޔަކު ބުންޏެވެ.

ވާދަވެރި ޕްލެޓްފޯމެއްގައި މިފަދަ ކަންކަން ވުމަކީ އެކަށީގެންވާ ކަމެކެވެ. ކޮންމެ މީހަކުވެސް އެމީހަކު ގެންނަ ތަކެތި އަވަހަށް ވިއްކަން ބޭނުންވާނެ އެވެ.

ފޮނިކާތަކެތި އޮންލައިންކޮށް ވިއްކާ ޕޭޖެއްގެ މީހަކާ "ވަން" އިން ވާހަކަ ދައްކާލުމުން އޭނާ ބުނީ އަގުތައް ހުންނަ ގޮތުންނާއި އެ ވިޔަފާރި އޭނާ ކުރަމުންދާތީ، ބަޔަކު އޭނާއަށް މަރުގެ އިންޒާރުވެސް ދިން ކަމަށެވެ. ކުޑައަގެއް ޖެހިޔަސް އެ އަގު ބޮޑުކުރުމަށް އިންޒާރުދީ ހަދާ ކަމަށާއި އޭނާގެ ސަބަބުން އެމީހުންގެ ވިޔަފާރިތަކަށް ބުރޫ އަރާ ކަމަށް އިންޒާރު ދޭ މީހުން ބުނަމުންދާ ކަމަށެވެ. ދުވަސްކޮޅަކަށް މަސައްކަތް ހުއްޓާލުމަށްފަހު އަލުން އެ މަސައްކަތް ފަށައި އަގު ނުޖަހާ އޯޑަރު ދިނުމަށް މެސެޖު ކުރުމަށް ޕޭޖުގައި ޖަހާފައި ވާނެ ކަމަށް އޭނާ ބުންޏެވެ.

ކޮންމެއަކަސް ކިތަންމެ ބައެއްގެ ނުރުހުމާއި ޝަކުވާ އައި ނަމަވެސް އަގު ނުޖަހާ ތަކެތި ވިއްކަން ލުމުގެ ފަހަތުގައިވެސް ހަގީގަތެއް ފޮރުވިގެންވެ އެވެ. އެއީ ވިޔަފާރީގެ ފަލްސަފާ އެވެ. އެކަމަކު ރައްޔިތުމީހާއަށް އެންމެ ރަނގަޅު ގޮތަކަށް އެގޮތް ނުވެ އެވެ.