މެންޗެސްޓާ ސިޓީއަކީ މިވަގުތު ދުނިޔޭގައި އޮތް އެންމެ މުއްސަނދި އެއް ކްލަބެވެ. ވާނީވެސް އެހެންތާއެވެ. ކްލަބުގެ ވެރިޔަކީ އެކުވެރި އަރަބި އިމާރާތުގެ ޝާހީ އާއިލާގެ މެމްބަރެއްގެ އިތުރުން އެ ގައުމުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ޝޭޚް މަންސޫރު ބިން ޒައިދު އަލް ނަހްޔާނެވެ. 2018 ވަނަ އަހަރު ސިޓީ ގަނެލި އިރުވެސް އޭނާގެ މިލްކިއްޔާތުގައި 25 ބިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެއް ހުރި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އެ އަގުބޮޑު މިލްކިއްޔާތާއެކު ސިޓީ ބަދަލުކޮށްލީ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ. އޭރު ސިޓީގައި މަސައްކަތް ކުރި ކޯޗުންނާއި ކުޅުންތެރިން، އަދި އޮފިޝަލުންނަށް ފައިސާގެ ތެރެއިން ހައިރާންކުރަނިވި އެތައް މަންޒަރެއް ވަނީ ފެނިގެން ގޮސްފައެވެ.
މަންސޫރު ކްލަބު ގަތްއިރު، ކްލަބުގެ ކޯޗަކަށް ހުރީ މާކް ހިއުސްއެވެ. 2008 ވަނަ އަހަރު ސެޕްޓެމްބަރު އެއްވަނަ ދުވަހު، މުޅި ފުޓުބޯޅަ ދުނިޔެ ސިއްސުވާލައި، މަންސޫރު ސިޓީ ގަނެފައިވާއިރު އޭގެ 18 މަސް ފަހުން ކްލަބުގެ ކޯޗަކަށް އޭރު ހުރި މާކް ހިއުސް ވަނީ މަގާމުން ވަކިކޮށްފައެވެ. މަންސޫރު ކްލަބު ގަނެ، އެންމެ ރެޔަކުން، އެންމެ ހަފްތާއަކުން، އެންމެ ސީޒަނަކަށް ކްލަބަށް ގެނައި ކުއްލި، އަޖައިބު ކުރުވަނިވި ވާހަކަތައް މީޑިއާއަށް ތިލަކޮށްދިނީ އޭނާގެ އެސިސްޓެންޓް މާކް ބޮވެންއެވެ.
1976 ވަނަ އަހަރަށްފަހު ތައްޓެއް ނުލިބި އޮތް ސިޓީގެ އެ އިންތިޒާރު ނިމުމަކަށް ގެންނަން ކްލަބާ މާކް ހިއުސް ހަވާލުވެ، އެންމެ އެކަށީގެންވާ ގޮތަކަށް ފުރަތަމަ ސީޒަނުގައި ނަތީޖާ ނެރެފައެއް ނުވެއެވެ. ނުވަވަނައިގައި ލީގު ނިންމާލައި، މާޔޫސް ކަމުގައި ސިޓީން 2008 ވަނަ އަހަރު ސީޒަން ނިންމާލީ އެންމެފަހު މެޗުގައި 8-1ގެ ލަދުވެތި ނަތީޖާއަކުން މިޑްލްސްބްރާ އަތުން ބަލިވެގެންނެވެ. އެހިސާބުން ކޯޗު ހިއުސްއާއި އޭނާގެ އެސިސްޓެންޓް ބޮވެން ވިސްނީ ދުރު ރާސްތާ އޯވާހޯލް ޕްލޭނަކަށެވެ. އެ ޕްލޭން ހަދައި ނިންމާލިވެސް މެއެވެ. ކުއްލިއަކަށް މަންޒަރު ބަދަލުވީ އެންމެ ހިނދުކޮޅަކުންނެވެ. މަންސޫރު ސިޓީ ގަނެ، މޭޒު މައްޗަށް ގެނައި ފައިސާގެ ބޮޑެތި އަދަދުތަކުންނެވެ.
ބާގެއިން ކޮށްގެން އެވަރެޖް ކުޅުންތެރިން މާކެޓުން ހޯދަމުން ދިޔަ ސިޓީން، މުޅި ފުޓުބޯޅަ ދުނިޔޭގެ ހުރިހާ ސުޕަ ސްޓާރުންނަށް ބިޑް ކުރަން ފެށީ މަންސޫރު ކްލަބާ ހަވާލުވިތާ އެންމެ ދުވަހެއްވެސް ނުވަނީހެވެ. މުޅި މާކެޓަށް ލޮޅުން އަރުވާލީ ބޮޑެތި ފައިސާ ހުރި ކްލަބުތައް ބަލިކޮށް، ސިޓީން ވަރުގަދަ ޓްރާންސްފާތަކެއްވެސް ހަދައިގެންނެވެ. މަންސޫރު ކުރިމަތިލި ފުރަތަމަ ޓްރާންސްފާ ސީޒަނުގެ ފައިނަލް ދުވަހު އޭނާ ވަނީ ޗެލްސީއާ ވާދަކޮށް، ބްރެޒިލްގެ ތަރި ރޮބީނިއޯ ސިޓީއަށް ގެންގޮސްފައެވެ. އަގަކީ 32.5 މިލިއަން ޕައުންޑެވެ. އެއީ ސިޓީއަށް ބަލާއިރު، ވަރަށް ވަރަށް ބޮޑު އަގެކެވެ.
"އަހަންނާ ކޯޗު ހިއުސްއާ ތިބީ ގޮލްފް ކުޅެން. އިރުއިރުކޮޅާ ފޯން ރިންގުވޭ. ކޯލްތަކަށްފަހު އަހަންނާ ދިމާލަށް ހައިރާންވެ ހުރު ބަލައިލާފައި ހިއުސް ބުނި ސިޓީން 30 މިލިއަން ޕައުންޑާއި، 35 މިލިއަން ޕައުންޑް ރޭންޖުގެ ފަސް ބިޑެއް، ފަސް ތަރިއަކަށް ކޮށްފި ކަމަށް. އެއީ ރޮބީނިއޯ، ފްރޭންކް ރިބަރީ... ދެން ބާބެޓޯވް، އަނެއް ނަން ހަނދާނެއްވެސް ނެތް،" ބޮވެން ބުނެފައިވެއެވެ.
ސިޓީގެ ރާޑަރަށް ނާރައި، ޓްރާންސްފާ ވިސްނުމަށް ނުގެންނަ ހަމަ އެއްވެސް ކުޅުންތެރިޔެއް ދުނިޔޭގެ މާކެޓަކު ނެތެވެ. ހިއުސްއާއި ބޮވެންގެ އިތުރުން ސީއީއޯ ގެރީ ކުކް، ޖިއާންލުއީޖީ ބުފޮންއާ ބައްދަލުކުރަން އެއް ދުވަހު މެންދުރު ޕްރައިވެޓް ޖެޓެއްގައި އިޓަލީއަށް ދިޔަ ވާހަކަވެސް ބޮވެން ވަނީ ކިޔައިދީފައެވެ. އޭރު ބުފޮންއަކީ ދުނިޔޭގައި ހުރި އެންމެ މޮޅު ގޯލްކީޕަރެވެ.
"އެއާޕޯޓަށް ގޮސް ޕްރައިވެޓް ޖެޓުގައި އިޓަލީއަށް ދިޔައީ ސީދާ އެންމެ މަތީ ފަންތީގައި. އެއާޕޯޓަށް ދިޔައިރު ބުފޮން އެއް ނެތް. އެކަމަކު ބުފޮންގެ އެންމެ ވަރުގަދަ ދެ އެޖެންޓުންނާ އަހަރެމެން ބައްދަލުކުރިން. ފައިސާގެ ބޮޑެތި އަދަދުތަކުން ކިޔަމުން ދިޔައީ. ހަމަ ވާހަކަތައް ނިންމި ގޮތަށް ދިޔައީ ޖެޓުގައި އިނގިރޭސިވިލާތަށް. އެއީ އެކަން ކުރަން މަންސޫރު އަންގާ ގޮތް،" ބޮވެން ބުނެފައިވެއެވެ.
2009 ވަނަ އަހަރުގެ ޓްރާންސްފާ ސީޒަންގައި ވާދަވެރި މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުންދިޔަ ކާލޯސް ޓެވޭޒް ފަދަ ވަރުގަދަ ނަންތައް ސިޓީން ގެންދިޔައިރު، ބޮވެން ބުނެފައި ވަނީ ކުޅުންތެރިންނަށް އެންމެ ބޮޑަށް ޔަގީންކަން ދޭން ޖެހެނީ މަންސޫރުގެ ޕްރޮޖެކްޓަކީ ވަގުތީ، ކުރު މުއްދަތެއްގެ ޕްރޮޖެކްޓެއް ނޫން ކަމަށް ކަމަށެވެ. ކުއްލިއަކަށް ކްލަބަކަށް އައިސް ބޮޑެތި ހަރަދުތަކެއް ކުރި ނަމަވެސް ކުޅުންތެރިންނަށް ވަރަށް ބޮޑަށް ޕްލޭން އެނގެން ބޭނުންވާ ކަމަށްވެސް ބޮވެން ބުނެފައިވެއެވެ.
ހައިރާން ކުރުވަނިވި ކަމެއް އެބައޮތެވެ. ސިޓީއަށް ނުކަތާ ވަރަށް ފައިސާ ލިބިގެން ދިޔައިރުވެސް އެޓީމުން ފަހުގެ ތާރީހެއްގައި ފެނުނު އެންމެ ވަރުގަދަ ދެ ކުޅުންތެރިންނަކީ މަންސޫރު ޓީމު ގަތުމުގެ ކުރިން ގެންދިޔަ ދެކުޅުންތެރިންނެވެ. އެއީ ސިޓީގެ ތާރީހު ދުށް އެންމެ މޮޅު އެއް ސެންޓާ ބެކް، އަދި ސިޓީއާއެކު ޕްރިމިއާ ލީގު އުފުލާލި ކެޕްޓަން ވިންސެންޓް ކޮމްޕެނީއާއި ޕައުލޯ ޒަބަލެޓާއެވެ. އެއީ ސިޓީއަށް ގެންދިޔަ އަގުހެޔޮ ދެ ބާގެއިން ޓްރާންސްފާއެކެވެ. ފައިސާ ހުރި ނަމަ ނުހިނގާނެ ކަހަލަވެސް ދެ ޓްރާންސްފާއެކެވެ.
މަންސޫރު ސިޓީއާ ހަވާލުވި އިރު، ކްލަބުގެ ތަމްރީނުތައް ކުރަމުންދިޔަ ކެރިންޓަން ޓްރެއިނިން ބޭސްއަކީ އިނގިރޭސި ކްލަބުތަކަށް ބަލައި ދަށް ފަންތީގެ ޓްރެއިނިން ބޭސްއެކެވެ. އެ ބޭސްއާ މެދު ފުރަތަމަ ދުވަހުވެސް ހިތްހަމަނުޖެހި، އޭނާގެ ޖާދޫ ދައްކާލީ އަޖައިބުކުރުވަނި ގޮތަކަށެވެ.
"ސިޓީއާ މަންސޫރު ހަވާލުވިއިރު ސިޓީގެ ތަމްރީނުތަކަށް ބޭނުންކުރާ ތަންތަން ހުރީ އެންމެ އެކަށޭނެ ފެންވަރެއްގައެއް ނޫން. އެލީޓް މާހައުލެއް ތަނުގައި ނެތް. މުޅި ތަނުގައި ދަށް ކްލަބެއްގެ ސިފަ ހުރީ. އަހަރެމެން ކޮންމެ އަހަރަކުވެސް ފެންވަރު ރަނގަޅުވޭތޯ މަސައްކަތް ކުރަމުން އޭރު ދިޔައީ. މަންސޫރު ހަވާލުވެ، ޓީމު ފުރަތަމަވެސް ގެންދިޔައީ ހަތަރު ދުވަހުގެ ޗުއްޓީއަކަށް އަބޫ ދާބީއަށް. ދިޔައިރު މަންސޫރުގެ އޮފިޝަލުންނާ އަހަރެމެން ވާހަކަ ދެއްކިއިރު ބުނިން ޖިމްގެ ހާލަތު ގޯސް ވާހަކަ. އަހަރެމެން އައިއިރު، މުޅިން އާ ޒަމާނީ ސާމާނާއެކު ދެބުރީގެ ޖިމްއެއް ހަތަރު ދުވަސް ތެރޭ އަޅާ ނިންމާލާފައި ހުރި. އެންމެން ހަމަ އަޖައިބުވި،" ބޮވެން ބުނެފައިވެއެވެ.
ޖިމްގެ މަސައްކަތް ކުރީ އެތައް ބަޔަކު ސީދާ އެކަމަށް ގެންގޮސްގެން 24 ގަޑިއިރު މެދުކެނޑުމެއް ނެތި މަސައްކަތްކޮށްގެންނެވެ.
"އެހިސާބުން އަސްލު ކުޅުންތެރިންނަށްވެސް އެނގުނު މަންސޫރުގެ ވިސްނުމަކީ ތޯތޯ ކުޅޭ ކުޅޭ ވިސްނުމެއް ނޫންކަން. ޓީމަށް ބޭނުން ކޮންމެ ކަމެއް އޭނާ ކުރާނެކަން އެނގުނު،" ބޮވެން ފާހަގަކޮށްފައިވެއެވެ.
ސިޓީގެ ކޯޗުކަމުގައި ހުރި ހިއުސްއަށް 2019 ވަނަ އަހަރުގެ ސީޒަން ފެނުނީ ޓައިމް ބޮމެއްގެ ގޮތުގައެވެ. މަންސޫރު ކްލަބާ ހަވާލުވިއިރުން ފެށިގެންވެސް ފެންވަރު ރަނގަޅު، ނަން މަޝްހޫރު ކޯޗަކަށް އޭނާ ބޭނުންވާކަން ހިއުސްއަށްވެސް ކުރިން އެނގެއެވެ. މަންސޫރަށް އިތުރު ތަފްސީލަކަށް ނުގޮސް ހިއުސް ބޭރުކޮށްލެވުނީ ލީގުގައި ކުޅުނު ހަތް މެޗަކުން މޮޅެއް ނުހޯދި ދިޔައިމައެވެ. އޭރު އިޓަލީގެ ރޮބާޓޯ މަންޗިނީ ހުރީ ތައްޔާރުކޮށްފައެވެ.
"އަހަރެމެން ކިޔަމުން އައީ ބަދަލުގެ ތެރޭގައި ކިރިޔާ ފުރުސަތެއް ލިބުނަސް މަޑުކުރާނެ ކަމަށް. އެއީ އެނގޭ ސިޓީ ދިޔައީ ލީގުގެ ރަން މެޑަލްއާ ދިމާލަށްކަން. އެ މެޑަލް އަޅާލަން އެންމެން ބޭނުންވި. ހިއުސްއަށް ޓާގެޓަށް ދިނީ ޔޫރަޕަށް ކޮލިފައިވުން. އެކަން ނުވާނެހެން ހީވުމުންނެއްވެސް ނޫން އަހަރެމެން އެންމެން ވަޒީފާ ދިޔައީ. ޔޫރަޕަށް ކޮލިފައިވާނެ ހިސާބެއްގައި އޮށްވާ އަހަރެމެން ފޮނުވާލި ސަބަބުން އެނގޭ. އެއީ މާކުރިންވެސް މަންސޫރުގެ އަމިއްލަ ބަޔަކު ސިޓީއަށް ގެންނަން އޭނާ ބޭނުންވެފައި ހުރީމަ،" ބޮވެން ބުނެފައިވެއެވެ.
ކޮންމެއަކަސް މިއަދު ސިޓީގެ ތަމްރީނުތައް ހަދާ އެތިހާދު ކެމްޕަސްއަކީ ދުނިޔޭގެ އެންމެ ވަރުގަދަ ފެސިލިޓީއެވެ. އިންގިލާބީ ބަދަލުގެ ތެރެއިން އައިސް، ސިޓީގައި މިއަދު ތިބީ ހުސް ސުޕަ ސްޓާރުންނެވެ. އެޓީމުގެ ސްކޮޑަކީ މިހާރު ޔޫރަޕްގައި އޮތް އެންމެ ވަރުގަދަ ސްކޮޑެވެ. 2010 ވަނަ އަހަރު އެފްއޭ ކަޕެއް ހޯދައި، ތަށްޓަކަށް ކުރަމުން އައި އުންމީދު ނިންމާލައި، ޖެހިގެން އައި ސީޒަނުގައި އެޓީމުން ވަނީ ލީގުވެސް ހޯދައިފައެވެ. މަންސޫރު ހަވާލުވިފަހުން ފަސް ފަހަރަށް ސިޓީން ލީގު ހޯދާފައިވާ އިރު، އެޓީމުގެ ކޯޗަކީ ދެވަނައެއް ނެތް ޕެޕް ގާޑިއޯލާއެވެ.
އެކުވެރި އަރަބި އިމާރާތުގެ ޝާހީ އާއިލާއަށް ނިސްބަތްވާ ހަލްދޫން އަލް މުބާރާކުގެ ޗެއާމަން ކަމުގައި ސިޓީ މިހާރު ވެފައި ވަނީ ދުނިޔޭގެ ފުޓުބޯޅައިގައި އެންމެ ބޮޑު ބްރޭންޑަށެވެ. 2009 ވަނަ އަހަރުން ފެށިގެން ޖާޒީގައި އެތިހާދު ޖަހާލައި، ސިޓީން ވަނީ ސްޓޭޑިއަމްގެ ނަންވެސް އެތިހާދު ސްޓޭޑިއަމްއަށް ބަދަލުކޮށްފައެވެ. އާޖެންޓީނާގެ ތަރި، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ލިއޮނަލް މެސީ ފަދަ ކުޅުންތެރިން ގެންނަން ސިޓީން ތައްޔާރަށް ތިބި އިރު، އެޓީމުގެ ތާރީހު ފުރިހަމަކުރުމަށް ބޭނުންވަނީ ޔޫރަަޕްގެ އެންމެ ޝަރަފުވެރި ޓްރޮފީ، ޗެމްޕިއަންސް ލީގު އެކަންޏެވެ. މިސްރާބު ހުރީ އެތަށިވެސް އުފުލައިލުމަށެވެ.
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ