"ސްކިލްސް ފޯ އަ ރެޒިލިއެންޓް ވޯކްފޯސް" ޕްރޮގްރާމްގެ ދަށުން ހިންގަން ހަމަޖައްސާފައިވާ ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާގެ 12 ކޯހެއް ހިންގުމަށް ފަސް ފަރާތަކުން ބިޑު ހުށަހަޅައިފި އެވެ.
އެ ޕްރޮގްރާމަކީ ކޮވިޑުގެ ހާލަތުން ރާއްޖެ އަރައިގަނެ އިގުތިސޯދު އަލުން ނެގެހެއްޓުމަށް އެކި ސިނާއަތްތަކަށް ބޭނުންވާ ދިވެހީން ތަމްރީނު ކުރުމަށް ދިވެހި ސަރުކާރުގެ އިސްނެގުމުގެ މަތިން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ފެށި ޕްރޮގްރާމެކެވެ.
"ސްކިލްސް ފޯ އަ ރެޒިލިއެންޓް ވޯކްފޯސް" ޕްރޮގްރާމްގެ ދަށުން ޓޫރިޒަމާއި ޓޫރިޒަމާއި ގުޅުން ހުރި އިމާރާތްކުރުމާއި އައިސީޓީ އާއި އަދި އެ ޓްރެއިނިން ނީޑް އެނަލިސިސްގައި ފާހަގަކޮށްފައި ހުރި އެހެނިހެން ދާއިރާތަކުން ލެވެލް ތިނެއްގެ ކޯސްތައް ހިންގުމަށް ވަނީ ހަމަޖައްސައިފަ އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ހުށަހެޅި ބިޑުތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ކޯސް ހިންގަން ހަވާލު ކުރަން ނިންމާފައިވަނީ ޕޮއިންޓު ދިނުމަށް ކަނޑައަޅާ އުސޫލުން އެންމެ މަތިން ޕޮއިންޓު ހޯދާ ފަރާތްތަކަށް އިސްކަން ލިބޭ ގޮތަށް ތަރުތީބުކޮށް، އެ ތަރުތީބުން ކޮންމެ ފަރާތަކަށް ފުރަތަމަ އެއް ކޯސް ހަވާލުކުރާ ގޮތަށް ކަމަށެވެ.،
މި ޕްރޮގުރާމްގެ ދަށުން ވަޒީފާއަށް ބޭނުންވާނެ ހުނަރާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިއެއް ފެށުމަށް ބޭނުންވާނެ މުހިންމު ބައިތައް ދަސްކޮށްދީ ހުނަރުވެރިކަމާއި ގާބިލުކަމާއި އުފެއްދުންތެރިކަން ހުރި އަދި ޒިންމާދާރު ބަޔަކަށް ދިވެހި ޒުވާނުން ހެދޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މި ޕްރޮގްރާމްގެ ދަށުން ފަންނީ އަދި ހުނަރުވެރި މަސައްކަތްތެރިކަމުގެ ދާއިރާތަކުން 1،200 މީހުން ތަމްރީނު ކުރުމަކީ އަމާޒެއް ކަމަށެވެ. މީގެ ތެރޭގައި ޓޫރިޒަމް ދާއިރާއިން 600 ޒުވާނުންނާއި އައިސީޓީ ދާއިރާއިން 200 ޒުވާނުންނާއި ޓޫރިޒަމާ ގުޅުން ހުރި އިމާރާތް ކުރުމުގެ ދާއިރާއިން 400 ޒުވާނުން ތަމްރީން ކުރާނެ އެވެ.
"ސްލިކްސް ފޯ އަ ރެޒިލިއެންޓް ވޯކްފޯސް" ފްރޮގްރާމަކީ ދިވެހި ސަރުކާރުން ވޯލްޑް ބޭންކުގެ އެހީއާއެކު ތަންފީޒުކުރާ "މިރީ ޕްރޮޖެކްޓް"ގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު