ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގައި ދަ ގްރާންޑޭއިން ޓީސީ ސްޕޯޓްސް ކްލަބު ބަލިކޮށް، ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.

މިއަދު ހަވީރު ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ކުޅުނު މެޗު ދަ ގްރާންޑޭއިން ކާމިޔާބު ކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ދަ ގްރާންޑޭ މި މެޗުން މޮޅުވުމުން އެއް ވަނައިގައި އޮތް މާޒިޔާގެ ލީޑުވަނީ ތިން ޕޮއިންޓަށް ކުޑަވެފައެވެ. މާޒިޔާ އެއްވަނައިގައި އޮތީ އަށް މެޗުން 18 ޕޮއިންޓާ އެކުގައެވެ. ދެވަނައިގައި އޮތް ދަ ގްރާންޑޭއަށް، އަށް މެޗުން 15 ޕޮއިންޓް ލިބިފައިވާ އިރު، ވެލެންސިއާ ތިންވަނައިގައި އޮތީ އަށް މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ.

މެޗުގެ ކުރީކޮޅުގައި ދަ ގްރާންޑޭއިން ވަނީ ލީޑު ނަގައިފައެވެ. އެޓޭކަށް ކުރިއަށް ޖެހި ޑިފެންޑަރު އަހުމަދު ޝިޒާން (ޝިއްޕެ) ކުރިއަށް ފޮނުވާލި ބޯޅަ ޓީސީ ޑިފެންޑަރުންގެ ތެރެއިން ހުރަސްވެގެން ގޮސް ލިބުނީ ކެޕްޓަން ޔަސްފާދު ހަބީބު (މުލަކޭ)ގެ ފަޔަށެވެ. އޭނާ ކުޑަ ކޮއްޓުމަކާއެކު ގޯލްކީޕަރު ނައްޓައި ބޯޅަ ގޯލަށް ފޮނުވާލީ ފަސޭހަ ކަމާއެކުގައެވެ.

އޭގެ ފަހުން ދަ ގްރާންޑޭގެ ކޯނަރަކުން އަލީ އިފާޒަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވިފައިވާ އިރު، މެޗުގެ 22 ވަނަ މިނެޓުގައި ޓީސީން ނަތީޖާ ހަމަހަމަ ކުރިއެވެ. އިބްރާހީމް އަތީގު މެދުތެރެއިން ދިން ތުރޫ ބޯޅައަކަށް ދުވެ، މެލްކޮމް ކޯސިއަސް އޭރިއާ ތެރެއަށް ވަދެ ބޯޅަ ހޯދިއިރަށް ދަ ގްރާންޑޭގެ ގޯލްކީޕަރު އިޔާން އަބްދުލް އަލީމް (ޗިކީ) ވަނީ ބޯޅައަށް ނުކުމެ މެލްކޮމްއަށް ފައުލް ކޮށްފައެވެ. ޓީސީއަށް ޕެނެލްޓީ ކާމިޔާބުކޮށް ނަތީޖާ ހަމަހަމަ ކޮށްދިނީ މެލްކޮމްއެވެ.

ޓީސީގެ ގޯލަށްފަހު ދެން އަނެއްކާވެސް ފެނުނީ ދަ ގްރާންޑޭއިން ނުރައްކާ ކުރިތަނެވެ. އޭރިއާ ތެރެއަށް ވަދެ މުލަކޭ އުފެއްދި ބާރު ހަމަލާ ޓީސީ ގޯލްކީޕަރު އަޒާޑު އެލްމަޑިން މަތަކޮށް ބޭރުކޮށްލި އިރު، ރީބައުންސް ބޯޅައިގައި އަހުމަދު އަޔާޒް (އަޔާ) ފޮނުވާލި ހަމަލާ ބޭރަށް ދިޔައީ ޑިފެންޑަރު ފައިގައި ޖެހި ބްލޮކް ވެގެންނެވެ.

ހާފް ނިމުމުގެ ކުރިން ދަ ގްރާންޑޭއިން ދެވަނަ ގޯލެއް ޖަހާ އަނެއްކާވެސް ލީޑު ނެގިއެވެ. ހަމަލާތަކަކަށްފަހު ޖެހި އެ ގޯލަކީ ޓީސީ ކީޕަރުގެ ފަރާތުން ފެނުނު ބޮޑު މިސްޓޭކެކެވެ. އަޔާގެ ދިން ބޯޅައެއް އޭރިއާ ބޭރު ކައިރީގައި ހުރެ މުހައްމަދު ޝަހާއު (ބޭލް) ފޮނުވާލުމުން ގޮސް ގޯލަށް ވަނީ ކީޕަރު އަޒާޑު އަތު ތެރެއިންނެވެ. ފަސޭހަކޮށް ހިފެން އޮތް ބޯޅައެއް ނަމަވެސް އޭނާ އަތު ތެރެއިން ކައްސާލައިގެން ގޮސް ވަނީ ގޯލް ތެރެއަށެވެ.

މެޗުގެ ފަހު ހާފުގައި ޓީސީން ކުޅުން ރަނގަޅުކޮށް، ގިނަ ހަމަލާތަކެއްވެސް އުފެއްދިއެވެ. އަލީ ޝާމިސް (ތޮއްޕެ) ބޮލުން ޖެހި ބޯޅައެއް ގޯލްގެ ހުރަސް ދަނޑިއަށްވެސް އަމާޒުވެފައިވާ އިރު، މުހައްމަދު އައްޒާމްގެ ދެ ހަމަލާއެއް ޗިކީ ވަނީ ފަސޭހަކަމާއެކު ދިފާއުކޮށްފައެވެ. އޭގެ އިތުރުން ޑަކްސަން ޕުސްލާސް ބޮލުން ޖެހި ބާރު ބޯޅަވެސް ޗިކީ ވަނީ އަތުން ޖައްސާ ހުރަސް ދަނޑިމަތިން ބޭރު ކޮށްލައިފައެވެ.

މިއަދުގެ މެޗަކީ ޓީސީގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ކޯޗުކަމުން ދުރުވި ފަހުން އެޓީމު ކުޅުނު ފުރަތަމަ މެޗެވެ. ފުރަތަމަ ބުރުގައި ޓީމުގެ ނަތީޖާތައް ރަނގަޅު ނަމަވެސް ޝާޒް ކްލަބުން ދިޔައީ ކްލަބުން ކަނޑައަޅާފައިވާ ޑިވަލޮޕްމަންޓް ޕްލޭންތަކަށް މަސައްކަތް ނުކުރެވި އޮތުމުން ކަމަށް މެނޭޖުމަންޓުން ވަނީ ބުނެފައެވެ.